ރޯގާ އަކީ ނޭވާ ލުމާބެހޭ ނިޒާމަށް ޖެހޭ ބައްޔެކެވެ. ގިނަފަހަރު ރޯގާގެ
ސަބަބެއްކަމުގައި ވަނީ ނޭވާލުމާބެހޭ ނިޒާމަށް ވައިރަސް އޭކިޔޭ ބާވަތުގެ ޖަރާސީމު
ވަނުމެވެ. އިންސާނުންނަށް ޖެހޭބަލިތަކުގެ ދެބައިކުޅަ އެއްބައި އެއީ ރޯގާ އެވެ.
ރޯގާ ޖައްސާވައިރަސް ތަކުގެތެރޭގައި 200 އަށްވުރެ ގިނަ ވައިރަސް ހިމެނެއެވެ. ރޯގާގެ
ޖަރާސީމު އަރަނީ އަނގައިންނާއި ނޭފަތުން ނިކުންނަ ކުދި ކުޅުތިކިތަކުގެ
ޒަރިއްޔާއިންނާއި ގައިންގަޔަށް (ގިނައިން އަތުގައި އުނގުޅިފައިހުންނަ ޖަރާސީމުގެ
އަސަރުން) ނުވަތަ ޖަރާސީމު އުނގުޅިފައިވާ ގޭތެރޭގެ އެއްޗެއް،ހިފާގެންގުޅޭއެއްޗެއް
ނުވަތަ ކުޅޭއެއްޗަކުންނެވެ. ގިނަ މީހުނަށް ހީވެފަ އޮންނަގޮތާއި ޙިލާފަށް
ފިނީގައިއުޅުމަކުން ނުވަތަ ވަރުބަލިވެގެންވަކި ރޯގާޖެހޭލެއް އަވަސްވާކަމަކަށް
ދިރާސާތަކަކުން ނުދައްކައެވެ. ނަމަވެސް ހަށިގަނޑަށް ބާރުކުރާއެކި އެކި ކަންކަމާއި
ގުޅިގެން ރޯގާ ޖެހުން ގާތްވެއެވެ.
ރޯގާ ޖެހުމުގެ އަލާމާތްތަށް
ނޭފަތް ބެދުން، ފެން އައުން، ނޭފަތަށް އުނދަގޫ ވުން
ކިނބިހި އެޅުން
ކަރުގަ ރިއްސުން، ކެއްސުން
ހުން އައުން، ބޮލުގަ ރިއްސުން
ރޯގާގެ ފަރުވާ
ރޯގާ ޖައްސާ ޖަރާސީމަށް އަސަރުކޮށްގެން ރޯގާރަނގަޅުކުރުވާ އެއްވެސް ބޭހެއް އަދި
ހޯދިފައެއްނުވެއެވެ. އަދި އެއްވެސް ހާލެއްގައި ހަމައެކަނި ރޯގާ ޖެހިފައިވާ މީހަކަށް
އެންޓިބައޮޓިކްސް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. "ވަރަށް ބޮޑަށް" ރޯގާ
ޖެހިފައިވިޔަސް އެއަކުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ގިނަފަހަރު އެއްވެސް
ބޭހެއް ނުކުރިއަސް ރޯގާ ރަނގަޅުވެގެން އާދެއެވެ. ރޯގާ ގެ ބޭސް ކަމުގައި
މަޝްހޫރުވެފައިވާބޭސް ތަކަކީ އޭގައި އެކުލެވޭ އުނދަގޫތައް (މިސާލަކަށް ކިނބިހި
އެޅުން، ނޭފަތުން ފެން އައުމާއި ބެދުން ) މަޑުކޮށް ލުއިކޮށްދޭ ބޭހެވެ. އަދި މިފަދަ
ބޭސް ބޭނުންކުރުމުން ފުދޭނެއެވެ. އަދި ބެކްޓީރިއާއެއްގެ އަސަރު ހަށިގަނޑުންފެނިއްޖެ
ހިނދެއްގައި ބޭސް ކުރާފަރާތުން އެންޓިބައޮޓިކްސް ވެސް ދީފާނެއެވެ. އަދި ގައިގަ
ރިހުމާއި، ބޮލުގަ ރިހުން ނުވަތަ ހުން ހުރިނަމަ އެކަމަށް ބޭސް ބޭނުން
ކުރެވިދާނެއެވެ.
ޑޮކްޓަރަށް ދައްކަންދާނީ ކޮންއިރަކުން؟
އަވަހަށް ނޭވާލެވޭނަމަ ނުވަތަ ނޭވާލާން އުނދަގޫ ނަމަ
ހުން އައިސް 3 ދުވަހަށްވުރެ އިތުރުވެއްޖެނަމަ
ނޭފަތުން ފެންއައުން 2 ހަފްތާ އަށްވުރެ އިތުރު ވެއްޖެ ނަމަ
ކަންފަތުގައި ރިއްސާނަމަ
ވަރަށް ބޮޑަށް ހީކަރުވާ ތުރުތުރު އަޅާނަމަ
ވަރަށްގަދައަށް ބޮލުގަ ރިއްސާ ނުވަތަ ކަނދުރާ ހަރަކާތް ކުރުމަށް އުނދަގޫވާނަމަ
ކަންފަތުގައި ރިއްސާނަމަ ނުވަތަ ލޮލުގައި މަޑުލައިފިނަމަ
ކަރުގައި ރިއްސާތާ 48 ގަޑިއިރަށްވުރެ އިތުރު ވެއްޖެނަމަ
މިއިން ހާލަތެއް ކުރިމަތިވެއްޖެ ނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިންމެވެ.