އޭ މީޑިއާއެވެ! މީސްތަކުންނަށް ހެޔޮ އެދޭށެވެ!
14 އޮގަސްޓު 2010 - 00:00 - އަލްއަޚް ބިންމުޙައްމަދު

މީސްތަކުން ރަމަޟާން މަހާއި ބައްދަލު މިކުރީ ވަރަށްވެސް ފޮނި އުއްމީދު ތަކަކާއިއެކުއެވެ. ފާފަތަކުން ތައުބާވެ ކުރިއަށްވުރެ ރަނގަޅު ޞާލިޙް ދިރިއުޅުމެއް ގެނެސްގަތުމުގެ އުއްމީދުގައެވެ. އެހެނީ ކޮންމެ އިންސާނަކީވެސް ކުށްފާފަ ކުރެވޭނެ މީހެކެވެ. އެހެންކަމުން އެފަދަ ކަންކަމުންދުރުވެ ތައުބާވުމަށް މިއީރަނުގެ ފުރުޞަތެއް ކަމުގައި ނޫނީ ނުވާނެއެވެ. ނަމަވެސް ހިތާމައަކީ މީސްތަކުން ސީދާމަގުން ހިނގުމަށް ހުރަސްއަޅާ، ޝައިޠާނާއާއި އޭނާގެ ބައިވެރިން މީސްތަކުން ޣާފިލުކުރުވާ މަގުއޮޅުވާލާކަމެވެ.
މީސްތަކުން ދީނާ ދުރުކޮށް މަގުފުރެއްދުމުގައި އެންމެބޮޑު ދައުރެއް އަދާކުރާބަޔަކީ މީޑިއާކަން އެއީ ފާސިޤު ފާޖިރު މީހާވެސް ޤަބޫލުކުރާ ޙަޤީގަތެވެ. މިނިވަންކަމުގެ ނަމުގައި މުޖުތަމަޢުގައި ނުބައި ގޮތްތައްފަތުރައި ފިތުނަ ފަސާދައަށް ދަޢުވަތުދޭބަޔަކީ ހަމައެބައިމީހުންނެވެ. ހެޔޮވާނީ ކިހިނަކުންތޯއެވެ؟ މިފަދަ މަތިވެރި މައްސަރުގައި ވެސް އެބައިމީހުންގެ މިކަންތައްގަނޑު އެހެންމަސްމަހަށްވުރެ ބޮޑަށް އެދަނީ ފަތުރަމުންނެވެ. މާތް ﷲ ގެ ފޮތަށްވުރެ މަތިވެރި ޤާނޫނެއް މިބައިމީހުން ގެނެސްގަތީ ހެއްޔެވެ؟
އޭ މީޑިއާތައް ހިންގާ އޭގެވެރީންނޭވެ! އޭ މުޖުތަމަޢު ފަސާދަކުރާ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! މީސްތަކުންނަށް ހެޔޮ އެދޭށެވެ. އެބައީހުން އިޞްލާޙްވުމަށް އޮތް މިރަނުގެ ފުރުޞަތުގެ ބޭނުންހިފިޔަ ދޭށެވެ! އެބައިމީހުންނާއި އެހެޔޮކަމުގައި ބައިވެރިވާށެވެ! ގިނަބަޔަކު މިއަދު ކަލޭމެންނާއި އެއްބައިވެގެން ތިބިއެއްކަމަކު މަޙްޝަރުގެ މައިދާނުގައި ތިޔަބައިމީހުންނާއިގެން ދަޢުވާކުރާނޭ ބަޔަކު ނުކުންނާނެކަން ތިޔަބައިމީހުން ދަންނާށެވެ! މިއީ ޙައްޤު ތެދެވެ.
ނިކަން ވިސްނަވާ ބައްލަވާށެވެ! މިއީ ބަރަކާތުން ފުރިގެންވާ، ހެޔޮކަމުގެ މައްސަރެވެ. މީސްތަކުން މިމައްސަރާއި އެބައްދަލުކުރީ ހެޔޮނިޔަތާއިއެކު ބޮޑެތި އުއްމީދު ތަކަކާއި އެކުއެވެ. އެބައިމީހުންގެ ކުއްފާފަތަކުން ތައުބާވެ އިސްތިޣުފާރުކޮށް އެބައިމީހުންގެ ވެރިރައްބުގެ ޙަޞްރަތުގައި ގިސްލައި ރޮއި އާދޭސްކޮށްހެދުމަށެވެ. ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންގެ ތެރެއިން ދުވާލުގައި ފާފަ ކުރި މީހުންގެ ތައުބާ ޤަބޫލުކުރައްވާ ފާފަ ފުއްސެވުމަށް އެކަލާނގެ ދެއަތްޕުޅު ރޭގަނޑު ހުޅުވާލައްވައެވެ. ހަމައެފަދައިން ރޭގަނޑު ފާފަކުރާ އަޅުތަކުންގެ ތައުބާ ޤަބޫލުކުރައްވާ ފާފަ ފުއްސެވުމަށް އެކަލާނގެ ދެއަތްޕުޅު ރޭގަނޑު ހުޅުވާލައްވައެވެ. ނަމަވެސް މީސްތަކުން އެކަމުން ހަނދުމަ ނެތިކޮށް މަގުއޮޅުވާލަން ތިއުޅެނީ ކޮންފައިދާއެއް އެކަމުގައި އޮތީމަތޯއެވެ؟ ދުވާލަކީ މީސްތަކުން އަޅުކަމުގައި އުޅޭވަޤުތެވެ. ނަމަވެސް އެގަޑީގައި ތިޔަފަރާތްތަކުން ތިޔަފަތުރަނީ މީސްތަކުން ޝަހުވަތާ ގާތްކުރުވަނިވި ޢަމަލުތަކެވެ. ހިލޭ އަންހެނުންގެ ތުއި އަޑުތައް ހިލޭ ފިރިހެނުންނަށް ފޯރުކޮށްދީގެންނެވެ. ހެއްވާމަޖާ ވާހަކަ ދައްކާ މީސްތަކުން އެތިބި މާތް އަޅުކަމުގެ މަތިން ޣާފިލު ކުރުވައިގެންނެވެ. މިކަންކަމުގެ ސަބަބުން މީސްތަކުން ނަމާދުގެ މަތިން ހަނދުމަނެތި ޤުރުއާނާއި ދުރަށް ދެވެނީއެވެ. ހެޔޮވާނީ ކިހިނަކުން ތޯއެވެ؟
އިޝާނަމާދުގެ ފަހުން މީސްތަކުން ނިދައި، އެއަށްފަހު ރޭގަނޑުގެ މަތިވެރި އަޅުކަމަށް ތެދުވެ ﷲ ގެ ޙަޟްރަތުގައި މުނާޖާ ދެންނެވުމަށް ތިޔަފަރާތްތަކުން އެބަ ދަތިކޮށް ހުރަސް އަޅަމުއެވެ. ދަންވިދަންވިހެން މީސްތަކުން އެކަންކަމަށް ހިތްޖެހޭނޭހާ ޑްރާމަތަކާއި ކުޅިވަރުތަކުގެ ފޯރި ތިދަނީ ގަދަކުރަމުންނެވެ. އެކަމުގެ މަތީގައި މީހުން ސަމާލުކަން ހުއްޓިފައި ތިއްބާ ނިދިޖެހި ރޭގަނޑުގެ އަޅުކަން އެބަ ނަގައިލަމުއެވެ. ހެޔޮނުވާނެއެވެ! ﷲއަށް އިޚްލާޞްތެރިކަމާއިއެކު މިބަރަކާތްތެރި މައްސަރާއި ބައްދަލުކުރި މީސްތަކުން އިސްލާޙްވުމަށް ފުރުޞަތުދޭށެވެ.
ޒަމާނީ ފެޝަންތަކުގެ ނަމުގައި ތިޔަ ގެންސްދޭ އޮރިޔާން ފެންނަފަދަ ފޭރާންތައް ކޮޕީކޮށް އެތަކެތި ލައިގެން ޒުވާން އަންހެން ކުދިންތައް މަގުމައްޗަށް ނިކުމެއުޅެނީއެވެ. ހެވަށްތިބި މީސްތަކުންގެ ލޯތަކުން ޒިނޭ ތިކުރުވަނީ ކީއްވެތޯއެވެ؟ ތިކަމުގައި އޮތް ފައިދާއަކީ ކޮބައިތޯއެވެ؟ މިފަދަ މަތިވެރި މައްސަރެއްގައި ތިޔަފަރާތްތަކަށް ޘަވާބު ލިބެނޭ ކަންކަން ގެނެސްދީ މީސްތަކުން އިސްލާޙް ވާނޭފަދަ ގޮތްތައް ފެތުރުން ވާނީ ކީއްތޯއެވެ؟ މިދަންނަވަނީ މުޙައްމަދު ރަސޫލުﷲ އަދި ކީރިތި ރަސޫލާގެ ސިޔަރަތުފަދަ ދެތިން ޕްރޮގްރާމެއް ގެނެސްދޭށެކޭ ނޫނެވެ! މީސްތަކުން ޣާފިލު ކުރުވާ އަދި ބިންމަތީ ފަސާދަ އުފެދޭފަދަ ކަންކަން ހުއްޓާލުމެވެ. އަދި މީސްތަކުންނަށް ޙައްޤަށް ދަޢުވަތު ދިނުމެވެ. މީސްތަކުން ޙައްޤުމަގަށް ރުޖޫޢަކުރުމަކީ ތިޔަފަރާތަށް ދާދި ފަސޭހަކަމެކެވެ. އެގޮތް ތިޔަފަރާތްތަކަށް ހެޔޮކަން ބޮޑުވެސް މެއެވެ.
ﷲ އަށްޓަކައި ރޮއި އާދޭސް ދަންނަވަމެވެ! މީޑިއާ ތަކުގެ ވެރީންނޭވެ! އެތަންތަނުގައި ވަޒީފާ އަދާކުރާ މީސްތަކުންނޭވެ! ﷲ އަށް ބިރުވެތިވާށެވެ! މީސްތަކުންނަށް ހެޔޮ އެދޭށެވެ! ތިޔަބައިމީހުން މިބިންމަތީގައި ތިހިންގާ ފަސާދަތަކުގެ ޢަޒާބު ދުނިޔެއާއި އާޚިރަތުގައި ނެތްކަމަށް ތިބައިމީހުން ހީކުރަނީ ހެއްޔެވެ؟ އެހެނަކުންނޫނެވެ! މާތް ﷲ ވަޙީ ކުރެއްވިއެވެ. ﴿إِنَّمَا جَزَاء الَّذِينَ يُحَارِبُونَ اللّهَ وَرَسُولَهُ وَيَسْعَوْنَ فِي الأَرْضِ فَسَادًا أَن يُقَتَّلُواْ أَوْ يُصَلَّبُواْ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلافٍ أَوْ يُنفَوْاْ مِنَ الأَرْضِ ذَلِكَ لَهُمْ خِزْيٌ فِي الدُّنْيَا وَلَهُمْ فِي الآخِرَةِ عَذَابٌ عَظِيمٌ﴾ މާނައީ: " اللَّه އާއި، އެކަލާނގެ ރަސޫލާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި فساد ކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ صليب އަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި آخرة ގައި، އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ." (ސޫރަތުލް މާއިދާ 33)