މީހުންނާއިމެދު ސުވާލުކޮށް މީސްތަކުން އިމްތިޙާނުކުރުމުގެ ބިދުޢަ
14 ޖުލައި 2010 - 00:00 - އަބޫ އުމާމާ އަޙްމަދު ސަމީރު ބިން އިބްރާހީމް ހުސައިން

ނޯޓް : މި ތަނުގައި މިލިޔެލަނީ ފަޟީލަތުއްޝައިޚް އަލް ޢައްލާމާ ޢަބްދުލް މުޙްސިން އަލް ޢައްބާދު " ސުންނަތަށް ތަބާވުމަށް ބާރުއެޅުމާއި ބިދުޢަތަކުން ދުރުވުމާއި އޭގެ ނުރައްކާތެރިކަމުގެ ވާހަކަ ބަޔާންކުރައްވާ ލިޔުއްވާފައިވާ ފޮތުން ތަރުޖަމާކުރެވިފައިވާ ބައެކެވެ. 
މިޒަމާނަކަށް އައިސް ސުންނަތް ޖަމާޢަތުގެ ބައެއްމީހުން ބައެއް މީހުންނާއިމެދު އަނެކަކު ދެކޭގޮތް ބެލުމަށް އިމްތިޙާނުކުރުމަކީ މުންކަރު ބިދުޢައެކެވެ. ބައެއްފަހަރު މިކަންކުރެވެނީ މީހަކުދެކެ އަންނަރުޅީގައި އިމުން ބޭރުވެގެންނެވެ. ނުވަތަ މީހަކުދެކެވާ ލޯބީގައި ޙައްދުފަހަނައަޅައިގެންނެވެ. މި ގޮތުން އިމްތިހާނުކުރުމަށް ސުވާލުކުރުމަށްފަހު ލިބޭ ޖަވާބުގައި އޭނާރުހޭ ޖަވާބެއް އަތުވެއްޖެނަމަ އެމީހަކަށް މަރުޙަބާކިޔައި އޭނާއަށް މަދަޙައާއި ތަޢުރީފުކުރެއެވެ. އަދި އޭނާ އެމީހަކާއިމެދު ދެކޭގޮތާއި ޚިލާފަށް ޖަވާބު އަތުވެއްޖެނަމަ އޭނައަށް އެއްޗެހިގޮވައި އޭނާ ބިދުޢަވެރިކޮށް އޭނާއާއި ގުޅުން ކަނޑާލައި އޭނާއާއި ގާތްނުވުމަށް އިންޛާރުދެއެވެ. 
މިބަޔާންކުރަނީ މީހުންދެކެ އަންނަރުޅިއެއްގެ ސަބަބުންނާއި މީހުންދެކެވާ ލޮތްބެއްގެ ސަބަބުން އެމީހަކާއިމެދު ސުވާލުކޮށް މީހުން ބިދުޢަވެރިކުރުމާއި ބެހޭގޮތުން ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ  رحمه الله ގެކިބައިން  ނަޤުލުވެފައިވާ ބައެއްބަސްފުޅުތަކެވެ. ޔަޒީދުބިން މުޢާވިޔާއާއި ބެހޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވިއެވެ."  މިމައްސަލައިގައި ޙައްޤު ގޮތަކީ އެގޮތެއްގައި އެންމެހާ އިމާމުންވާގޮތެވެ. އެއީ ޔަޖީދުއަށް ލޯބީގައި ވަކި ޚުޞޫޞިއްޔަތެއް ނުދިނުމެވެ. އަދި ޔަޒީދުއަށް ލަޢުނެއް ނުދިނުމެވެ. އަދި މިއާއިއެކު ފާސިޤެއް ނުވަތަ އަނިޔާވެރިއެއްކަމުގައިވާނަމަ މާތް ﷲ ފާސިޤުންނާއި އަނިޔާވެރިންގެ ފާފަފުއްސަވައެވެ. އަދި ޚާއްޞަކޮށް އެމީހަކު ގިނަގުނަވެގެންވާ ބޮޑެތި ހެޔޮކަންތަކައިގެން އައިކަމުގައި ވާނަމައެވެ. ބުޚާރީގައި  މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެކިބައިން ރިވާވެގެންވާ ޙަދީޘްފުޅެއްގައިވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (أوَّل جيش يغزو القسطنطينيَّة مغفورٌ له)  އަލްޤިސްޠަންޠީނިއްޔާ އާއި އެންމެ ފުރަތަމަ ހަނގުރާމަކުރާ ލަޝްކަރަށް ފާފަފުއްސެވިގެން ވެއެވެ." ޤިސްޠަންޠީނިއްޔާއާއި ހަނގުރާމަކުރި ފުރަތަމަ ލަޝްކަރުގެ ޤާއިދަކީ ޔަޒީދުބިން މުޢާވިޔާއެވެ. ޔަޒީދުބިން މުޢާވިޔާއާއި އެކު  މާތް ﷲ ރުއްސުންލެއްވި އަބޫ އައްޔޫބުލް އަންޞާރީ ބައިވެރިވެވަޑައިގަތެވެ.  ވީމާ މީސްތަކުންގެމައްޗަށް ވާޖިބުވެގެންވަނީ އެކަމާއި ދުރުވުމެވެ. އަދި ޔަޒީދުގެ ވާހަކައިން ސުވާލުކޮށް މުސްލިމުން އިމްތިޙާނުކުރުމުން ދުރުވެ ރައްކާތެރިވުމެވެ. އެހެނީ މިފަދަ ކަންކަމަކީ ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ މަންހަޖާއި ޚިލާފުވެގެންވާ ބިދުޢައެވެ. :  ފަތާވާ އިބްނު ތައިމިއްޔާ (3/413 ـ 414)
އަދިވެސް ވިދާޅުވިއެވެ. "  ހަމައެހެންމެ އުންމަތުގެ މެދުގައި ޚިލާފު އުފައްދައި އުންމަތް ބައިބައިކޮށް  ﷲ އާއި އެކަލާންގެ ރަސޫލާ އަމުރުކުރައްވާފައިވައި ނުވާ ކަންކަމުގައި މީސްތަކުން އިމްތިޙާނުކުރުމަކީ ވެސް އިސްވެދިޔަކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. " ފަތާވާ އިންބުތައިމިއްޔާ : 3/415
އަދިވެސް ވިދާޅުވިއެވެ" ﷲ ގެ ރަސޫލާ صلى الله عليه وسلم  ފިޔަވައި އެއްވެސް މީހެއްގެ މަގަށް ގޮވައި އެމީހަކުގެ ބަހަށް މީސްތަކުންނާއި ގުޅުންކަނޑައި އެމީހެއްގެ ބަހަށް މީސްތަކުންނާއި ގުޅުންބަދެހިކޮށް ހެދުމާއި މީސްތަކުންނަށް ﷲ ގެ ބަސްފުޅާއި  އެކަލާންގެ ރަސޫލާގެ ބަސްފުޅާއި އުންމަތުގެ އިޖުމާޢު ފިޔަވައި އެހެން ބަހެއް ނުވަތަ ޝިޢާރެއް ކަނޑައަޅައި އޭގެދަށުން މީހުންނާއި ގުޅުން ބަދަހިކޮށް އޭގެދަށުން މީހުންނާއި ގުޅުންކަނޑައި ހެދުމަކީ އެއްވެސް މީހަކަށް ހުއްދަވެގެންވާކަމެއް ނޫނެވެ. އަދި ކިއެއްތަ މިކަންކަމީ މިދުޢަވެރީންގެ ކަންކަމެވެ. އެބައިމީހުން ވަކިމީ މީހަކު ނުވަތަ ވަކި ބަހެއް ޚާއްޞަކޮށް އުންމަތް ބައިބައިކުރެއެވެ. އަދި އެމީހެއް ނުވަތަ އެމަގެއްގެ މައްޗަށް މީހުންނާއި ގުޅުންބަހައްޓައި އޭގެމައްޗަށް މީހުންނާއި ގުޅުންކަނޑައެވެ. " ފަތާވާ އިބްނު ތައިމިއްޔާ : 20/164
ފަތާވާގެ 28/15-16 ގައި ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ رحمه الله ވިދާޅުވެފައި ވެއެވެ. " ކިޔަވައިދޭ މުޢައްލިމް ނުވަތަ އުސްތާޛު ވަކިމީހަކާ ހަޖުރުކުރަން ( ގުޅުންކަނޑަން ) ނުވަތަ އޭނާއީ ޢިލްމުގައި އެއްވެސް މީހެއްނޫންކަމަށްހަދައި ދަށްކުރަން ނުވަތަ މުޖުތަމަޢުން ފޭކުރަން އަމުރުކޮށްފިނަމަ އޭނާއާއި މެދުގައި  ތިބާއަމިއްލައަށް ބަލާށެވެ! އޭނާ ޝަރުޢީ ކުށެއް ކޮށްފައިވާނަމަ އެކުރި ކުށާއި އެކަށީގެންވާ ގޮތުން އިތުރުނުކޮށް ޢިޤާބުދެވޭނެއެވެ. އޭނާ ޝަރުޢީގޮތުން ކުށެއްކޮށްފައިނުވާނަމަ އުސްތާޛު ނުވަތަ މުޢައްލިމުގެ މަޤުޞަދެއް ޙާޞިލުކުރަން ނުވަތަ އެހެންވެސް މިފަދަ އެހެން ސަބަބަކާހުރެ އޭނާއަށް ޢިޤާބުދިނުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. "
މީސްތަކުން ތަފާތުބައިބަޔަށްބަހައި އެބައިމީހުން ތަޙައްޒުބު ކޮށް ( ތަފާތު ނަންނަމަށް ބަހައި ހެދުން )  މީސްތަކުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފެއްދޭފަދަ ކަންކަން ކުރުމަކީ އެއްވެސް ޙާލެއްގައި ކިޔަވައިދޭ މުޢައްލިމުންނަށް ހުއްދަވެގެންވާކަމެއް ނޫނެވެ.އަދި ކިއެއްތަ މީސްތަކުން ވާންޖެހޭނީ ހެޔޮކަންކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވާ އަޚުވަންތަ ބަޔަކަށެވެ. އެއީ މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ((وَتَعَاوَنُواْ عَلَى الْبرِّ وَالتَّقْوَى وَلاَ تَعَاوَنُواْ عَلَى الإِثْمِ وَالْعُدْوَانِ))  (المائدة : 2) މާނައީ " އަދި ހެޔޮކަންތައް ކުޅައުމާއި، تقوىވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوةތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! "  
މީސްތަކުންގެތެރެއިން  ސުންނަތް ޖަމާޢަތުގެ މީހުންނާއި އެނޫންމީހަކު ބަލައި އިމްތިޙާނުކުރުން ހުއްދަނަމަ އެކަން އެންމެ އައުލާވެގެންވަނީ އަޅުގަނޑުމެންގެ ޝައިޚް ޝައިޚުލް އިސްލާމް އަދި ދުނިޔޭގެ މުފްތީ އެބޭފުޅެއްގެ ޒަމާނުގައި ސުންނަތް ޖަމާޢަތުގެ އިމާމު އައްޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ ބިން ބާޒް رحمه الله އެވެ.(އަވަހާރަވީ 27 މުޙައްރަމް 1420 ގައި ) މާތް ﷲ އެއަޅާއަށް ފާފުއްސަވާ ގިނަގުނަވެގެންވާ ޘަވާބުދެއްވާށި! އެބޭފުޅާއަކީ އެބޭފުޅެއްގެ ޢިލްމުގެ ތަނަވަސްކަމާއި އެބޭފުޅާގެ ސަބަބުން ކޮށްފައިވާ ގިނަގުނަ ފައިދާތަކުގެ ސަބަބުންނާއި ތެދުވެރިކަމާއި އޯގާތެރިކަމާއި މީސްތަކުންނަށް ހިދާޔަތާއި ތެދުމަގު ލިބުމަށް އެދިވަޑައިގަންނަވާކަމުގެ ބޮޑުކަމުގެ ސަބަބުން އެންމެހާ ޢާންމުންނާއި ޚާއްޞުން ދަންނަ ބޭފުޅެކެވެ. - އަހުރެމެން އެބޭފުޅާއާއި މެދު ދެކެނީ މިގޮތަށެވެ. ނަމަވެސް ﷲ އަށް އަހުރެމެން އެއްވެސް ފަރާތެއް ތަޒުކިޔާ ނުކުރަމެވެ. - އެބޭފުޅާއަކީ މީސްތަކުންނަށް ކިޔަވައިދެއްވ އުގަންނައި ދެއްވުމުގައްޔާއި ހެޔޮކަންކަމަށް އަމުރުކުރެއްވުމާއި ނުބައިކަންކަން މަނާކުރެއްވުމުގައި ލާމަޘީލު ނަމޫނާއެކެވެ.  މީސްތަކުންނަށް ދެއްވާ ނަޞީޙަތްތަކާއި ދެއްވާފައިވާ ރައްދުތަކުގައި މަޑުމައިތިރިކަމާއި އޯގާތެރި ބޭކަފުޅެކެވެ. އެބޭފުޅާ ވަނީ ސުންނަތް ޖަމާޢަތަށް ވާގިދޭ ސާފު ސީދާ މަންހަޖެއްގައެވެ. ފަހަރެއްގައިވެސް ސުންނަތް ޖަމާޢަތާއި އިދިކޮޅު މަންހަޖެއްގައި ނޫނެވެ. އަދި އެބައިމީހުން ގޮވައިގެން ކުރިޔަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވައެވެ. ފަރެއްގައިވެސް ސުންނަތް ޖަމާޢަތާ އިދިކޮޅުނުހައްދަވައެވެ. އެއީ މީސްތަކުން އެއްބައިވަންތަ ކުރުމުގެ މަންހަޖެކެވެ. ފަހަރެއްގައިވެސް ބައިބައިކުރުމުގެ މަންހަޖެއް ނޫނެވެ. ޖަމާކުރާ މަންހަޖެކެވެ. ފަހަރެއްގައިވެސް އުންމަތް ވީދާ ކުދިކުދިކުރުމުގެ މަންހަޖެއް ނޫނެވެ. އިސްލާމްދީނުގެ ލުއިފަސޭހަކަމާއި ތައިސީރު ބަޔާންކޮށް ދެއްވުމުގެ މަންހަޖެވެ. ފަހަރެއްގައިވެސް މީސްތަކުންނަށް ދަތި އުނދަގޫކުރުމުގެ މަންހަޖެއް ނޫނެވެ. 
ޢިލްމުގެތެރޭގައި މަޝްޣޫލުވެފައިވާ މީހުންނާއި ކިޔަވާކުދީން މިފަދަ ސީދާ މަންހަޖަކަށް  ބޭނުންޖެހިފައިވާލެއް ބޮޑުކަމާއެވެ! އެއީ މިފަދަ ސާފު ސީދާ މަންހަޖެއްގެ ސަބަބުން މުސްލިމުތަކުންނަށް ހެޔޮގޮތް ގެނެސްދޭނެއަތީއެވެ. އަދި މުސްލިމްތަކުންގެ ކިބައިން ގެއްލުންތައް ދުރުކޮށްދޭނެއަތީއެވެ.