މިސުރުގެ ރިޔާސީ އިންތިޚާބުން އިޚްވާނުލް މުސްލިމީން ކާމިޔާބު ހޯދައިފި.. الله أكبر
18 ޖޫން 2012 - 11:34 - ރާއްޖެއިސްލާމް ނިއުސް ޓީމް

މިމަހުގެ 16 ން 17 އަށް މިސުރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަބުރުން އިޚްވާނުލް މުސްލިމީން ކާމިޔާބު ހޯދައިފިއެވެ.

އިޚްވާނުލް މުސްލިމީން ޖަމާއަތަށް ނިސްބަތްވާ އިސްލާމީ ޚިޔާލުގެ ކެންޑިޑޭޓް ޢުމުރުން 60 އަހަރުގެ ޑރ. މުޙައްމަދު މަރްސީ ކާމިޔާބު ކުރައްވާފައިވަނީ ވޯޓުގެ 52.5 ޕަސެންޓް ހޯއްދައިވައިގެންނެވެ.

ފްރީޑަމް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ތަރުޖަމާން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުގެ 97.6 ޕަސެންޓް ވޯޓު ގުނައި ނިމިފައިވާއިރު އޭނާގެ ވާދަވެރިޔާ، އަޙްމަދު ޝަފީޤަށް ލިބިފައިވަނީ 47.5 ޕަސެންޓް ވޯޓުކަމުގައެވެ.

މިސްރުގެ އިންތިޚާބުތަކާ ބެހޭ އެންމެ މަތީ ކޮމިޓީން ވަރަށް އަވަހަށް ވަގުތީ ނަތީޖާ ޢިޢްލާންކުރާނެކަމަށާއި ޑރ. މަރްސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުގައި މިހާރު އެއްވެސް ޝައްކެތްނެތް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ފިޒިކްސްގެ ރޮނގުން އެމެރިކާގައި ޕީއެޗްޑީ ހެއްދެވުމަށްފަހު އެމެރިކާގެ ޔުނިވަސިޓީތަކުގައާއި މިސްރުގެ ޔުނިވަސިޓީތަކުގައި ފިޒިކްސްގެ ޕްރޮފެސަރެއްގެގޮތުގައި މަސައްކަތްކުރައްވާފައިވާ ޑރ. މުޙައްމަދު މަރްސީއަށް ލިބުނު ކާމިޔާބީއަކީ އެމެރިކާއަށާއި އިޒްރޭލަށް ހަމަޖުކުރެވޭނެކަމަކަށް ނުވާނެއެވެ.