އޮބާމާ މަރާލުމަށް އެހީތެރިވާ ފަރާތަކަށް 10 ޖަމަލު ދޭނަން: އައްޝަބާބު
10 ޖޫން 2012 - 11:15 - ރާއްޖެއިސްލާމް ނިއުސް ޓީމް
"އޮބާމާ މަރާލުމަށް އެހީތެރިވާ ފަރާތަކަށް 10 ޖަމަލު އަދި ހިލަރީ ކްލިންޓަން މަރާލުމަށް އެހީތެރިވެދިން ފަރާތަކަށް 10 ހާލާއި 10 ކުކުޅު ދޭނަން": ފުއާދު މުޙައްމަދު
ސޯމާލިއާގެ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ އައްޝަބާބުގެ އިސްވެރިންގެ ބޮލަށް އެމެރިކާއިން ފައިސާގެ އިނާމު ހުށައަޅާފައިވާތީ އެކަމަށް މަލާމާތްކޮށް އޮބާމާގެ މަޢުލޫމާތު ފޯރުކޮށްދޭ ނުވަތަ އޮބާމާ މަރާލުމަށް އެހީތެރިވާ ފަރާތަކަށް 10 ޖަމަލު ދޭނެކަމަށް އައްޝަބާބުގެ އިސްވެރިން ހާމަކޮށްފިއެވެ.
އަލްޤައިދާއާއި ރަސްމީކޮށް ގުޅިފައިވާކަމަށް އިޢުލާނުކޮށްފައިވާ އައްޝަބާބުގެ އިސްވެރިއެއްކަމަށްވާ ފުއާދު މުޙައްމަދު ޚަލަފް ނުވަތަ ޝޮންގޯލް މިދިޔަ ހޮނިހިރު ދުވަހު ބުނެފައިވަނީ އެމެރިކާގެ މިފަދަ ހުށައެޅުންތަކުން އެމީހުން ކުރިއަށްގެންދާ ޖިހާދަށް އެއްވެސް ވަރެއްގެ މަޑުޖެހުމެއް ނާންނާނެކަމުގެ ޔަޤީންކަން ދޭކަމަށާއި ކާފަރުންގެ މިފަދަ ޢަމަލުތަކަކީ އާ ކަންތައްތަކެއް ނޫންކަމަށެވެ. އަދި މުސްލިމް ލީޑަރުން މެރުމަށް މިފަދައިން ފައިސާގެ އިނާމު ފެށުނީއްސުރެވެސް ކާފަރުން ހުށައަޅަމުންދާކަމަށާއި އެގޮތުން ރަސޫލާ صلى الله عليه وسلم އަވަހާރަކޮށްދިން ފަރާތަކަށް 100 ޖަމަލު ކާފަރުން ހުށައެޅިކަމަށް ފުއާދު މުޙައްމަދު ހާމަކޮށްފައިވެއެވެ.
"އޮބާމާ މަރާލުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 10 ޖަމަލު ދޭނަން، އަދި ހިލަރީ ކްލިންޓަން މަރާލުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 10 ހާލާއި 10 ކުކުޅު ދޭނަން" ފުއާދު މުޙައްމަދު ހާމަކޮށްފައިވެއެވެ.
އެމެރިކާސަރުކާރުންވަނީ އައްޝަބާބުގެ އިސްފަރާތްތަކުގެ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 33 މިލިއަން ޑޮލަރު ހުށައަޅާފައެވެ. ފައިސާގެ އިނާމުގެތެރެއިން އެންމެބޮޑު ޢަދަދެއް ހުށައަޅާފައިވަނީ އައްޝަބާބުގެ ބާނީ އަޙްމަދު ޢަބްދީ މުޙައްމަދު އަށެވެ. އަދި އޭނާގެ އެހީތެރިންކަމަށްވާ އިބްރާހީމް ޙާޖީ ޖަމާ، ފުއާދު މުޙައްމަދު ޚަލަފް، ބަޝީޜު މުޙައްމަދު މަޙްމޫދު އަދި މުޚްތާރު ރޮބޯ އަށް ހުށައަޅާފައިވަނީ މީހަކަށް 7 މިލިއަން ޑޮލަރެވެ. އަދި އެޖަމާޢަތުގެ އިސް ދެމީހުންކަމަށްވާ ޒަކަރިއްޔާ އިސްމާޢީލް އަޙްމަދު އާއި ޢަބްދުﷲ ޔާރީ އަށް ކަނޑައަޅާފައިވަނީ މީހަކަށް 3 މިލިއަން ޑޮލަރުކަމަށްވެސް އެމެރިކާގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.
ޙަރަކާތުއްޝަބާބު އަލް މުޖާހިދީން ނުވަތަ އައްޝަބާބު ޖަމާޢަތަކީ މިހާރު މުޅި އެފްރިކާ ބައްރުގައި ކާފަރުންނާއިދެކޮޅަށް ހަނގުރާމަކުރަމުންދާ ބިޔަ އަދި ވަރުގަދަ ޖަމާޢަތެކެވެ.