މިއަހަރުގެ ފުރަތަމަ 155 ދުވަހު 154 އެމެރިކާސިފައިން އަމިއްލައަށް މަރު
10 ޖޫން 2012 - 16:30 - ރާއްޖެއިސްލާމް ނިއުސް ޓީމް

އަފްޣާނިސްތާނާއި ޢިރާޤުފަދަ ޤައުމުތަކުގައި ހަނގުރާމަކުރަމުންގެންދާ އެމެރިކާސިފައިން އަމިއްލައަށް މަރުވާ ޢަދަދު ގިނަކަމުން އެމެރިކާސަރުކާރު މިހާރުވަނީ ހަދާނެގޮތް ހުސްވެފައެވެ. ހަނގުރާމަތަކުގައި ޙަރަކާތްތެރިވާ ސިފައިން "އެންޓާރޓެއިން" ކުރުވަން ތަފާތު އެކިއެކި ޕްރޮގްރާމުތައް ކުރިއަށްގެންދަމުން އަދި އެބައިމީހުންގެ ރޭގަނޑުގެ ވަގުތުތަކުގައި މުނިފޫހިފިލުވައިދޭ އަންހެންކުދިންގެ އެކިއެކި ޚިދުމަތްތައް ދެމުންދާއިރުވެސް ގާތްގަނޑަކަށް ކޮންމެދުވަހަކު ކަހަލަގޮތަކަށް ސިފައިންގެ މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކުރެއެވެ. އަދި އޭގެތެރެއިން ގިނަމީހުން މަރުވެއެވެ.


އެމެރިކާގެ ޕެންޓަގަންއިން ދާދިފަހުން ނެރުނު ރިޕޯޓަކުން ހާމަވެފައިވަނީ ފާއިތުވީ ދެ އަހަރަށްވުރެ 2012 ގައި އަމިއްލައަށް މަރުވާ ސިފައިންގެ ޢަދަދު ގިނަކަމެވެ. އެގޮތުން 2012 ގެ ފުރަތަމަ 155 ދުވަހު އެމެރިކާސިފައިންގެ 154 މީހުން އަމިއްލައަށް މަރުވެފައިވާކަމަށެވެ. ހަނގުރާމަތަކުގައި ގޮތްހުސްވެ ބޯގޮވައިގެން އަމިއްލައަށް މަރުވާ ސިފައިންގެ ޢަދަދު 2012 ގައިވަނީ ފާއިތުވީ އަހަރުތަކަށްވުރެ އެތައްގުނައެއް އިތުރުވެފައިކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.


އެމެރިކާގެ ވޯލްޑްޓްރޭޑް ސެންޓަރަށް ކޮންމެވެސްބަޔަކު ދިން ޙަމަލާއަށްފަހު އަލްޤައިދާ ފަނާކޮށްލުމަށް ފެށި ހަނގުރާމައިގައި އަލްޤައިދާ ބަލިކަށިކޮށްލެއްވިއްޖެކަމަށާއި އަލްޤައިދާގެ އިސްލީޑަރުންތައް މަރާލެވިއްޖެކަމަށް އެމެރިކާއިން އިޢުލާނުކޮށްފައިވީނަމަވެސް އެމެރިކާސިފައިން އަފްޣާނިސްތާނުން ބާލަން އުނދަގޫވެފައިވެއެވެ. އަފްޣާނިސްތާނުގެ އެކިހިސާބުތަކުން އެމެރިކާސިފައިންނަށް ދެމުންގެންދާ ޙަމަލާތަކުގައި މަރުވާ އެމެރިކާސިފައިންގެ ޢަދަދު ދުވަހެއްދުވަހަކަށް އިތުރުވަމުންދާ ދިއުމަކީވެސް އެމެރިކާ ސިފައިން ހަދާނެގޮތްހުސްވެ، ބޯގޮވާ އެއް މައްސަލައެވެ. އެކީގައި އުޅޭ އެކުވެރިޔާ މަރުވެގެންދާ މަންޒަރު ފެނުމާއި، އެނބުރި ރަށަށްދެވޭނެ ތާރީޚު ނޭނގި ގޮތްނޭނގޭ ހަނގުރާމަވެރިންނާއި ކުރިމަތިލާންޖެހުމަކީ އަމިއްލައަށް މަރުވާންޖެހޭ ސަބަބުތަކެވެ.


އަފްޣާނިސްތާނުގެ އެކިހިސާބުތަކުގައި ހަނގުރާމަވެރިންގެ ޙަމަލާތައް 2012 ވަނައަހަރު ވަރަށްވަރުގަދަ ވާނެކަމަށް ހަނގުރާމަވެރިން ކުރިން އިޢުލާނުކޮށްފައިވެއެވެ. އަދި ހަނގުރާމައިގެ މުޅިން އައު އުކުޅުތައްބޭނުންކޮށްގެން މިއަހަރުގެ މިހާތަނަށް އެތައްސަތޭކަ ސިފައިންނެއްވަނީ މަރާލާފައެވެ. ހަނގުރާމަވެރިން ދެމުންގެންދާ ޙަމަލާތަކުގެ ނަތީޖާ މިއަހަރުގެ މިހާތަނަށްވެސް ފެނިފައިވަނީ ހަނގުރާމަވެރިން ޔަޤީންކޮށްގެން ތިބި ގޮތަށެވެ. ހަނގުރާމަވެރިންގެ ޙަމަލާތަކުންމަރުވާ ސިފައިންގެ ޢަދަދު ގިނަވުމާއި، އަފްޣާނިސްތާނާއި ޢިރާޤުގައި އެމެރިކާސިފައިން ހަނގުރާމަފެށިފަހުން މިހާތަނަށް އަމިއްލައަށް މަރުވާ ޢަދަދުވެސް އެންމެ މައްޗަށް ގޮސްފައިވަނީ މިއަހަރުއެވެ.