މުޝްރިކުންނާ އެހީތެރިވުމާއި އެމީހުންނާ ގުޅިގެން އުޅުން (3)
10 ޖޫން 2012 - 09:30 - އަބޫ ސ،ޢާން

މުޝްރިކުންނާ އެހީތެރިވުމާއި އެމީހުންނާ ގުޅިގެން އުޅޭމީހުންގެ ޙާލަތަށް ބަލައި ޢިލްމުވެރި ބޭކަލުން އެމީހުން ތިންބަޔަކަށް ބައްސަވައެވެ. އެއީ

1- ފުރަތަމައީ އެތެރެފުށާއި ބޭރުފުށުން މުޝްރިކުންނާ އެއްބައިވެ، ބޭރުފުށުން ކިޔަމަންތެރިކަން އަދާކޮށް، އެތެރެފުށުން އެމީހުންނަށް ލޯބިކުރާމީހުންނެވެ. މިމީހުންނަކީ ކާފިރުވެ ދީނުންބޭރުވެފައިވާ މީހުންނެވެ. މިމީހާ ކާފިރުވެ ދީނުންބޭރުވިސަބަބަކީ އީމާންކަމުގެ ތިންބައިކަމުގައިވާ ޤަޥްލުން ބިއްލިސާން(ދުލުން އިޤްރާރުވުން)، ވަޢަޤްދުން ބިލްޖަނާން(ހިތުންތެދުކޮށް ކަށަވަރުކޮށް ޤަބޫލުކުރުން) އަދި ވަޢަމަލުން ބިލްއަރްކާން(ގުނަވަންތަކުން ކުރާ ޢަމަލު) މިބައިތައް ނެތިގެން ދިއުމުންނެވެ. ހިތުގައި އޮންނަންޖެހޭނީ ﷲއާއި އެއިލާހުގެ ރަސޫލާގެ ލޯތްބެވެ. ގުނަވަންތަކުން ކުރަންޖެހޭނީ ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ޢަމަލުތަކެވެ. މިކަންތައްތައް ނެތުމުގެ ސަބަބުން މިފަދަމީހުން ކާފިރުވެ ދީނުން ބޭރުވީއެވެ. މިފަދަމީހުންނަށް ﷲގެ ޙަޟްރަތުން ކޯފާލެއްވިގެންވެއެވެ. އަދި ޤިޔާމަތްދުވަހުން ބޮޑުވެގެންވާ ޢާޛާބު މިމީހުންނަށް ހުއްޓެވެ. މިފަދަ މީހުންގެ ވާހަކަ ބަޔާންކުރައްވައި ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވެއެވެ. مَن كَفَرَ بِاللَّـهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَـٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّـهِ وَلَهُمْ عَذَابٌ عَظِيمٌ ﴿النحل: ١٠٦﴾ މާނައީ: " إيمان ކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ حال، مجبور ވެގެންވާ މީހާ މެނުވީ، إيمان ވުމަށްފަހު، اللَّه އަށް كافر ވެއްޖެމީހާ، އަދި އެހެނެއްކަމަކު (އެބަހީ: مجبور ވެގެންވިޔަސް) كافر ކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް اللَّه ގެ حضرة ން ކޯފާލެއްވުންހުށްޓެވެ. އަދި ބޮޑުވެގެންވާ عذاب، އެއުރެންނަށްހުށްޓެވެ." މިފަދަ މީހުންނަށް ދުނިޔެ މަތީގައި އަންނާނެ ޙުކުމްތަކަކީ މީހަކާ އިނދެގެންހުރިނަމަ ވަރިވާނެއެވެ. ވާރުތަވުން ކެނޑޭނެއެވެ. މަރުވުމުން ހިނަވައި ކަށުނަމާދުކުރަން ނުޖެހޭނެއެވެ. އަދި މުސްލިމުންގެ ޤަބުރުސްތާނެއްގައި މިފަދަ މީހަކު ވަޅުވެސް ނުލެވޭނެއެވެ.

2- ދެވަނައީ ބޭރުފުށުން މުޝްރިކުންނާ ޚިލާފުވެގެން ހުރިކަން ފާޅުކުރުމާއެކު ، އެތެރެފުށުން މުޝްރިކުންނާ އެއްގޮތްވެ އެމީހުންގެ ކޮޅަށް ލެނބިފައިމީހުންނެވެ. މިފަދަ މީހާއަކީވެސް ކާފިރެކެވެ. ނަމަވެސް ފުރަތަމަ ބަޔާންކުރެވުނު މީހުންނާ ތަފާތެވެ. އެއީ އީމާންކަމުގެ ތިންބައިގެ ތެރެއިން ވަޢަމަލުން ބިލްއަރްކާން(ބޭރުފުށުގެ ޢަމަލު) މިމީހުންގެ ކިބައިން ފާޅުވާތީއެވެ. އެހެންކަމުން މިމީހުންނަކީ މުނާފިޤުންނެވެ. ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. فَمَا لَكُمْ فِي الْمُنَافِقِينَ فِئَتَيْنِ وَاللَّـهُ أَرْكَسَهُم بِمَا كَسَبُوا أَتُرِيدُونَ أَن تَهْدُوا مَنْ أَضَلَّ اللَّـهُ وَمَن يُضْلِلِ اللَّـهُ فَلَن تَجِدَ لَهُ سَبِيلًا ﴿النساء: ٨٨﴾ " ފަހެ، منافق ންނާމެދުގައި، ތިޔަބައިމީހުން ދެބަޔަކަށް ބެހިގެންދާންވީ ކީއްވެގެންހެއްޔެވެ؟ އެއުރެންކުޅަ عمل ތަކުގެ ސަބަބުން، اللَّه އެއުރެން كافر ކަމުގެ ތެރެޔަށް ރައްދުކުރައްވާފައިވެއެވެ. اللَّه މަގުފުރައްދަވާފައިވާ މީހަކަށް ތެދުމަގު ދައްކަން ތިޔަބައިމީހުން އެދެނީހެއްޔެވެ؟ اللَّه މަގުފުރައްދަވާ މީހާ، (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކަވާނެ މަގެއް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ." އެހެންކަމުން ފުރަތަމަ ބަޔާންކުރެވުނު މީހުންނާ ޚިލާފަށް މިމީހުންގެ ކިބައިން ބޭރުފުށުން އިސްލާމްކަން ފާޅުވާހާ ހިނދަކު މިމީހުންގެ މުދަލާއި ލޭވާނީ ރައްކާތެރިކުރެވިގެންނެވެ. އަދި މިފަދަ މީހަކު މީހަކާ އިނދެގެން ހުއްޓަސް ވަރިއެއްނުވާނެއެވެ. ވާރުތަވުން މަނާނުކުރާނެއެވެ. މަރުވުމުން ހިނަވައި ކަށުނަމާދުކުރެވޭނެއެވެ. މުސްލިމުންގެ ޤަބުރުސްތާނުގައި ވަޅުވެސް ލެވޭނެއެވެ. ނަމަވެސް މިމީހުންނަށް ގަދަފަދަވޭންދެނިވި ޢަޛާބު ޤިޔާމަތްދުވަހުން ﷲ  ދެއްވާނެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. بَشِّرِ الْمُنَافِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا ﴿النساء: ١٣٨﴾" ހަމަކަށަވަރުން، منافق ންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ! " އަދި މުނާފިޤުންވަނީީ ނަރަކައިގެ އެންމެ އަޑީގައެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَن تَجِدَ لَهُمْ نَصِيرًا ﴿النساء: ١٤٥﴾ " ހަމަކަށަވަރުން، منافق ން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް نصر ވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ."

3- ތިންވަނައީ އެތެރެފުށުން މުޝްރިކުންނާ ޚިލާފުވެގެން ހުރުމާއެކު، ބޭރުފުށުން މުޝްރިކުންނާ އެއްގޮތްކަން ފާޅުކޮށްގެން ތިބޭމީހުންނެވެ. މިފަދަމީހުން ދެބަޔަކަށް ބެހިގެންވެއެވެ. އެއީ

1- ފުރަތަމައީ އެތެރެފުށުން މުޝްރިކުންނާ ޚިލާފުވެގެން ހުރުމާއެކު ، ބޭރުފުށުން މުޝްރިކުންނާ އެއްގޮތްކަން ފާޅުކޮށް އެގޮތަށް  އެމީހާ ކަންތައްކުރީ މުޝްރިކުންގެ ބާރުގެ ދަށުގައިވުމުގެ ސަބަބުން ، ހައްޔަރުކޮށް ، އަދަބުދީ މަރާފާނެކަމުގެ ބިރުއޮތް މީހުންނެވެ. މިފަދަ ޙާލަތެއްގައި މިމީހާ ވާނީ ޢުޒުރުވެރިއަކަށެވެ. މާނައަކީ އެގޮތަށް ކަންތައްކުރުމަކުން އޭނާ ކާފިރުވެ ދީނުން ބޭރުނުވާނެއެވެ. އަދި ކިއެއްހެއްޔެވެ؟ އެގޮތަށް ކަންތައްކުރުމަކީ އޭނާގެމައްޗަށް ހުއްދަކަމެކެވެ. މުޝްރިކުންގެ އަނިޔާއިން ސަލާމަތްވުމަށްޓަކައެވެ. އަމިއްލަ ނަފްސުގެ ސަލާމަތަށްޓަކައެވެ. މިކަމުގެ ދަލީލަކީ ކުރީގައިވެސް ބަޔާންކުރެވިފައިވާ ސޫރަތުއް ނަޙްލުގެ 106 ވަނަ އާޔަތެވެ. مَن كَفَرَ بِاللَّـهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَـٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّـهِ وَلَهُمْ عَذَابٌ عَظِيمٌ ﴿النحل: ١٠٦﴾ މާނައީ: " إيمان ކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ حال، مجبور ވެގެންވާ މީހާ މެނުވީ، إيمان ވުމަށްފަހު، اللَّه އަށް كافر ވެއްޖެމީހާ، އަދި އެހެނެއްކަމަކު (އެބަހީ: مجبور ވެގެންވިޔަސް) كافر ކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް اللَّه ގެ حضرة ން ކޯފާލެއްވުންހުށްޓެވެ. އަދި ބޮޑުވެގެންވާ عذاب، އެއުރެންނަށްހުށްޓެވެ."  މިކަމުގެ އަނެއްދަލީލަކީ މައްކާގެ މުޝްރިކުންގެ އަތްދަށުގައި ޢައްމާރުބުނި ޔާސިރު ހައްޔަރުވެ ވަޑައިގަތުމުން އެކަލޭގެފާނު ކަންތައްކުރެއްވިގޮތެވެ.

2- ދެވަނައީ މުޝްރިކުންގެ އެއްވެސް ބާރެއް މުސްލިމުމީހާގެ މައްޗަށް ނެތްއިރުވެސް ، އެތެރެފުށުން މުޝްރިކުންނާ ޚިލާފުވެގެންހުރުމާއެކު ، ބޭރުފުށުން އެއްގޮތްކަން ފާޅުކޮށްގެންތިބޭމީހުންނެވެ. މިމީހުން އެގޮތަށް ކަންތައްކުރީ މަތީމަޤާމުގެ ދަހިވެތިކަމުގައެވެ. މުދަލުގެ ދަހިވެތިކަމުގައެވެ. ނުވަތަ މުޝްރިކުންގެ ފަރާތުން ކުރިމަތިވެދާނޭ އުނދަގުލަކަށް ބިރުނެވެ. މިފަދަ މީހުންނަކީ މުރުތައްދުވެފައިވާމީހުންނެވެ. މިމީހުންގެ ހިތުގައި ކުފުރަށް ނަފުރަތު އޮތަކަސް އެއިން ކުރާނެ ފާއިދާއެއްނެތެވެ. މިފަދަ މީހުންގެ ޙާލަތު ބަޔާންކުރައްވައި ﷲ ވަޙީ ކުރައްވާފައިވެއެވެ. ذَٰلِكَ بِأَنَّهُمُ اسْتَحَبُّوا الْحَيَاةَ الدُّنْيَا عَلَى الْآخِرَةِ وَأَنَّ اللَّـهَ لَا يَهْدِي الْقَوْمَ الْكَافِرِينَ﴿النحل: ١٠٧﴾ " އެއީ ހަމަކަށަވަރުން، އެއުރެން، آخرة ގެ މައްޗަށް، دنيوى حياة އިސްކުޅައުމުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، كافر ވީމީހުންނަކަށް، اللَّه، ތެދުމަގެއް ނުދައްކަވާނެތެވެ."

މިއީ މުޝްރިކުންނަށް އެހީވުމާ އެމީހުންނާ ގުޅިގެން އުޅުމާމެދު ކަންއޮތްގޮތް ކަމަށްވާއިރު މުޝްރިކުންގެ ރުހުން ހޯދުމަށްޓަކައި މުޝްރިކުންގެ ޤަބުރުމަތީގައި މާބޮޑި ބެހެއްޓުމާއި އެޤަބުރުތަކަށް އަދަބު އިޙްތިރާމް އަދާކުރުމާއި ރާނީގެ އުފަންދުވަސް ފާހަގަކުރުމަށް ސެއިންޓްޕޯލް ޗާޗުގައި ބާއްވާ ޙަފްލާތަކުގައި ބައިވެރިވުން ފަދަކަންތައްތަކަަކީ މުސްލިމުން ކުރުން ހެޔޮވާވަރުގެ ކަންތައްތަކެއްނޫނެވެ. ވީމާ މިފަދަ ކަންކަން ކުރާމީހުން އަވަސްތަޥްބާވުމަކުން ތަވްބާވުމަށް ގޮވާލަމެވެ.

ނިމުނީ


ފުރަތަމަ ބައި: http://raajjeislam.com/?file=12151
ދެވަނަ ބައި:  http://raajjeislam.com/?file=12158