ކުޑަކަމެއްކަމުގައިވިޔަސް އިޚްލާޞްތެރިވެއްޖެނަމަ ﷲ ގެ ޙަޟްރަތުގައި އެކަން ބޮޑުވެގެންދާނެ: އައްޝައިޚް ޢަޡްމަތު
09 ޖޫން 2012 - 21:18 - ރާއްޖެއިސްލާމް ނިއުސް ޓީމް
އަޅުގަނޑުމެންކުރާ ޢަމަލު އެއީ ކުޑަކަމެއްކަމުގައިވިޔަސް އަޅުގަނޑުމެން އިޚްލާޞްތެރިވެއްޖެ ކަމުގައިވަނީނަމަ އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރި، މުހިއްމު، ބޮޑުކަމެއްކަމުގައި ވެގެންދާނެކަމެއްކަމުގައި އައްޝައިޚް ޢަޡްމަތު ޖަމީލް ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެފަރާތުން މިދިޔަ ބުރާސްފަތިދުވަހު ނެރުނު "ހަފްތާ ނަޞޭޙަތް"ގެ 15 ވަނަޢަދަދުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޢަޡްމަތު ޖަމީލް ވިދާޅުވީ އަޅުގަނޑުމެން ކުރާ ޢަމަލު ﷲ ތަޢާލާ ޤަބޫލުކުރައްވަނީ ދެ ޝަރުތަކާއިއެކުގައިކަމަށެވެ. އެއީ އަޅުގަނޑުމެން ކުރާ ޢަމަލަކީ ދީނުގައި އެކަންކުރަން އޮންނަގޮތަށް ކުރެވޭ ޢަމަލެއްކަމުގައިވުމާއި އަޅުގަނޑުމެންގެ ނިޔަތަކީ ހެޔޮ ނިޔަތެއްކަމުގައިވުން ކަމުގައެވެ.
"ތެދުވެރިކަމަކީ ނުވަތަ އިޚްލާޞްތެރިކަމަކީ އެއީ އަޅުގަނޑުމެންކުރާ ޢަމަލުތަކުގައި ހަމައެކަނި ﷲ ސުބުޙާނަހޫ ޥަތަޢާލާގެ ރުއްސެވުމާއި ފުއްސެވުން އެދިގެން އެހެން އެއްވެސް ފަރާތެއްގެ ރުހުން ލިބުމަށް ނޭދިހުރެ އެކަމެއްކުރުން، ހަމައެކަނި ތިމާގެ ޤަސްތަކީ، ތިމާގެ މަޤްޞަދަކީ އެއީ ﷲ ސުބުޙާނަހޫ ޥަތަޢާލާގެ ރުއްސެވުން ހޯދުންކަމުގައިވުން، އެހެންވެއްޖެކަމުގައިވަނީނަމަ އެމީހެއްގެ އެ ޢަމަލަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުވެގެންދާ ޢަމަލެއްކަމުގައިވެގެން މިދަނީ، މި ނިޔަތުގެ މައްޗަށް އެމީހާކުރާ ކުޑަކުޑަކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ބޮޑު ޢަމަލެއްކަމުގައިވެގެންމިދަނީ، ހަމައެހެންމެ އެމީހެއްގެ ހިތްނިޔަތް ޞައްޙަ ނުވެއްޖެކަމުގައިވަނީނަމަ އެމީހަކުކުރާ ކިތަންމެބޮޑުކަމަކީވެސް އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް އެއްޗަކަށްނުވެ ބޭކާރުވެގެން ހިނގައިދާނެ" ޝައިޚް ޢަޡްމަތު ވިދާޅުވިއެވެ.