ބަދަލުހިފުމުގެ ރޫޙު ދޫކޮށްލައި އެންމެންގުޅިގެން މަސައްކަތްކުރުމަށް ޑރ. ޢަބްދުލް މަޖީދު ގޮވާލައްވައިފި.
06 ޖޫން 2012 - 23:00 - ރާއްޖެއިސްލާމް ނިއުސް ޓީމް

އެންމެންވެސް އެއްބަޔަކު އަނެއްބައެއްގެ ކިބައިން ބަދަލުހިފުމުގެ ރޫޙު ދޫކޮށްލައި، ޤައުމުގެ މުސްތަޤްބަލަށްޓަކައި މަސައްކަތް ކުރުމަށް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ގޮވާލައްވައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިދިޔަ އަންގާރަދުވަހުގެރޭ ގެނެސްދިން "ސުވާލަކީ ކޮބާ؟" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވީ މިގޮތުގެމަތިން އެންމެންނަށް މަސައްކަތް ކުރެވިއްޖެކަމުގައިވާނަމަ މުސްތަޤްބަލް އުޖާލާވެގެން ދާނެކަމަށާއި އަމިއްލަ ޒާތީ މަންފާއަށްވުރެބޮޑަށް ޤައުމުގެ މަސްލަޙަތު އިސްކުރުމަކީ ތިމާގެ މައްޗަށް ދީނީގޮތުންވެސް ވާޖިބުވެފައިވާކަމެއްކަމަށެވެ.

"ޒުވާނުންނަށްވެސް އަދި ޤައުމުގެ ހުރިހައި އެންމެންނަށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން އެންމެންވެސް ހިނގާށޭ އަމިއްލަ މަންފާއާއި އަމިއްލަ މަސްލަޙަތަށްވުރެބޮޑަށް ޤައުމުގެ މަސްލަޙަތު އިސްކޮށްގެން، ކޮންމެމީހަކީވެސް ތިމާގެފުށުން ތިމާ އުޅޭ މުޖްތަމަޢުއަށް ކޮންމެވެސް ފައިދާއެއް ކޮށްދެވޭނެ މީހަކުކަމުގައި ބަލައިގެން މަސައްކަތްކުރަމާ ހިނގާށޭ، އަދި މިކަންކަން ކުރުމުގައި އިޚްލާޞްތެރިވަމާ ހިނގާށޭ، އަމިއްލަ ޒާތީ މަންފާއަށްވުރެ ބޮޑަށް މިކަމަކީ ތިމާގެ މައްޗަށް ދީނީގޮތުންވެސް ވާޖިބުވެފައިވާކަމެއްކަން ދެކިގެން އެގޮތުގެމަތިން މަސައްކަތްކުރަމާ ހިނގާށޭ، އެންމެންވެސް އެއްބަޔަކު އަނެއްބައެއްގެ ކިބައިން ބަދަލުހިފުމުގެ ރޫޙު ދޫކޮށްލައި، ޤައުމުގެ މުސްތަޤްބަލަށްޓަކައި މަސައްކަތް ކުރަމާ ހިނގާށޭ، މިގޮތުގެމަތިން އެންމެންނަށް މަސައްކަތް ކުރެވިއްޖެކަމުގައިވާނަމަ އަޅުގަނޑަށް ވަރަށްބޮޑަށް އުއްމީދު އެބައޮތް މުސްތަޤްބަލް އުޖާލާވެގެން ދާނެކަމަށް: ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވިއެވެ.

މިދިޔަ އަންގާރަދުވަހުގެރޭ 10 ން 11 އަށް ސަންއެފްއެމް އިން ފޮނުވި ލައިވް ޕްރޮގްރާމުގައި ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ އިތުރުން އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމްވެސް ބައިވެރިވެވަޑައިގަތެވެ.

ޚަބަރު: www.salaf.mv

This text will be replaced


ޑައުންލޯޑްކުރެއްވުމަށް
If you cannot open directly, please Right-Click and Select 'Save Link As..'