ރާއްޖޭގައި ޔަހޫދީން ކުޅެމުންދާ ނުރައްކާތެރި ގޭމް -1
27 މެއި 2012 - 15:00 - އަބޫ ސަލަފީ

ހުޅަނގާއި އެމެރިކާނުން އަދި ޔަހޫދީންނާއި އެބައިމީހުންގެ އަޢުވާނުން ކުޅެމުންދާ ގޭމްތަކާއި ރާވަމުންދާ އެކި ރޭވުންތަކާއިމެދު މިދީބުގެ އަހުލުވެރިން ހޭވެރިވާނެ ވަޤުތުއައިސް ނުޖެހޭތޯއެވެ. ޝައްކެތް ނެތްގޮތުގައި މުއުމިނުންގެ ސިފަ ނަބަވީ އިރުޝާދުތަކުގެ އަލީގައި ބަޔާންވެގެން އަންނަނީ އެއް ހޮރަކުން ދެފަހަރު ކައްޓެ ނުޖެހޭނެފަދަ ހިއްވަރާއި ޢަޒުމުގެ އަހުލުވެރި ބައެއްގެގޮތުގައެވެ. ހަމަ އެއާއެކު ޔަހޫދީންގެ ހީލަތާއި މަކަރާއި އޮޅުވާލުމާއި ޣަދަރުވެރިކަމުގެ ވާހަކަތަކުން ތަރީޚުގެ ހުދު ޞަފްޙާތަށްވަނީ ކަޅުވެފައެވެ. އެބައިމީހުންގެ ޙާލަތު ކައު އިތުރު މާތް ނަބިއްޔާ صلي الله عليه وسلم ގެ ޙަޔާތް ޕުޅުގައިވެސްހުރި ބީދައަކީ އެހެނިހެން ނަބީބޭކަލުންގެ ޙަޔާތްޕުޅުގައިވެސް އެކަންކަން ހިނގަމުންދިޔަ ބީދައެވެ. އަދި މިހާރުވެސް ހިގަމުން ދަނީ ހަމަ އެބީދައިގެ މަތީގައެވެ.

ފަހުގެ ތާރީޚެއްގައި ޔަހޫދީންނާއި އެބައިމީހުންގެ އަޢުވާނުގެގޮތުގައި ތިބި އެމެރިކާނުންނާއި ހުޅަނގުގެ މަކަރުވެރި ހީލަތްތެރި ރޭވުންތައް ފެނިފައިވަނީ މުސްލިމް ޤައުމުތަކުގައި ކުރެވިފައިވާ ހަނގުރާމަތަށް ދިރާސާކޮށް އެކަމުގެ ޙަޤީޤަތް ހޯދާލުމުންނެވެ.

1980 ހިނގި އިރާން ޢިރާޤް ހަނގުރާމައިގައި ދެޤައުމަށްވެސް ބޮޑެތި ގެއްލުންތައް ކުރިމަތިވިއެވެ. އެމެރިކާއާއި ހުޅަނގުން އެހަނގުރާމައިގެ ނަތީޖާ ނެރެން ބޭނުންވީ އިރާން 0 ޢިރާޤު 3 ލަނޑުގެ ސްކޯއަކާއެކުއެވެ. އެގޮތުން ބޭރުގެ ކުޅުންތެރިންގެގޮތުގައި ފްރާންސާއި އިނގިރޭސި ވިލާތުން ޢިރާޤު ޓީމުގައި ބައިވެރިވިއެވެ.

ދެން އަނެއްކާވެސް ޖެހިގެން އައީ އަފްޣާނިސްތާނާއި ސޯވިއަޓް ޔޫނިއަންއާ ދެމެދުގައި ކުރެވުނު ހަނގުރާމައެެވެ. މިހަނގުރާމައިން އެހެން ފަހުރަތަކަށް ވުރެން މިބައިމީހުންގެ ހީލަތްތެރި މަކަރުވެރި ރޭވުންތަށް އުޅެނީ ތަންކޮޅެއް އެޑްވާންސްކޮށެވެ. މިހަނގުރާމައިގައި އެމެރިކާއަށާއި ހުޅަނގަށް މަސްލަޙަތު އޮތީ 5 ލަނޑު 0 ލަނޑުގެ ސްކޯއަކުން ސޯވިއަޓްގެ ބަލިކޮށްގެންނެވެ. އެގޮތުން އަފްޣާނިސްތާންގެ މުޖާހިދުންނަށް ހަތިޔާރުގެ އެހީ ފޯރުކޮށްދިނެވެ. އަދި އޭރު އުސާމާ ބިން ލާދިން އާއި މުއްލާ ޢުމަރު ފަދަ ބޭފުޅުންނަކީ ބަޠަލުންގެގޮތުގައި މުޅި ދުނިޔެއަށް ހާމަކުރަމުން ދިޔައެވެ. ބައެއް އިސްލާމީ ޤައުމުތަކުގެ ވެރިން އަފްޣާނިސްތާނުގައި ކުރެވެނީ ޖިހާދުކަމުގައި އިޢުލާނުކޮށް، އެޤައުމުތަކުގެ ރައްޔިތުން އަފްޣާނިސްތާން ޖިހާދުގައި ބައިވެރިވުމަށް ބޯޑަރު ހުޅުވާލިއެވެ. އޭރު އެމެރިކާމީހުން ބޭނުންވީ ސޯވިއަޓާ ދެކޮޅަށް ޖިހާދުކުރާށެވެ. އޭރު އެއީ މުޖާހިދުންނެވެ. ބަޠަލުންނެވެ. ނަމަވެސް މިހާރު އެއީ ޓެރަރިސްޓުންނެވެ. ޚަވާރިޖުންނެވެ. ހައްދުފަހަނަޅާފައިތިބި މީހުންނެވެ. މިއީ ޙާލަތުހުރި ގޮތެވެ. އޭރު ޖިހާދަށް ގޮވާލި ވެރިންގެ އަނގަ މިހާރު ކޮބައިތޯއެވެ. އޭރު ދީނަށް ނަޞްރުދިނުމަށް ގޮވާލި ގޮވަންތަކުގެ އަޑު މިހާރަކު ނީވެއެވެ. އޭރު ދީނަށްޓަކައިކުރި ހޭދަތަކެއް މިހާރަކު ނުފެނެއެވެ. އުއްމަތުގެ ހާލު ރަނގަޅު ވީތޯއެވެ. ނޫން ! އުއްމަތް އޮތީ އުއްމަތުގެ އަފްރާދުންގެ އެހީތެރިކަމަށް މުޙުތާޖުވެފައެވެ. އުއްމަތުގެ އެކި ދިމަދިމާލުން އިވެމުންދަނީ ރުއިމުގެ އަޑު، ގިސްލެވޭ އަޑާއި އާދޭހުގެ އަޑުތަކެވެ. ނަމަވެސް ޔަހޫދީންނާއި އެބައިމީހުންގެ ބައިވެރިން މިއުއްމަތް ހޭލަފައި އޮންނާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން ނިދާބޭސް ދީގެން އުއްމަތުގެ ޒިއްމާއާއި މަސްއޫލު އުފުލަންޖެހޭ ފަރާތްތައްވަނީ ގަދަފަދަ ނިންޖެއްގެއްގެ ތެރޭގައި ޣަރަޤުވެފައެވެ.

ދާދިފަހުން ލީބިޔާގައި ކުރެވުނު ހަނގުރާމައާއި މިހާރު ސީރިޔާގައި ހިނގަމުންދާ ހަނގުރާމައިގެތެރެއިން މިބައިމީހުންގެ މަޞްލަޙަތުވަނީ ކުރިއަށް ނެރެފައެވެ. ނޭޓޯ އާއިގުޅިގެން ޤައްޒާފީ މަރާލާ ބައްޝާރު ކޮތަރެއްހެން އުދުހެން ދޫކޮށްލައިގެން އޭނާގެ ޙިމާޔަތުގައި އެތިބީ ކީއްވެގެން ކަމާމެދު ދިރާސާކޮށްލުމުން މަޑުމަޑުން ޙަޤީޤަތް ފާޅުވަމުންދާނެއެވެ.

މިއީ މި ކުޑަކުޑަ ރާއްޖޭގައިވެސް ޙާލަތު ހުރި ގޮތެވެ. ޔަހޫދީން މަޑުމަޑުން އަންނަނީ އެބައިމީހުން ނުފޫޒު ފަތުރަމުންނެވެ. އެކަމުގެ ހެކިތަށް އަންނަނީ ފާޅުވަމުންނެވެ. އެބައިމީހުންގެ މަޞްލަޙަތާ އެއްގޮތަށް މިރާއްޖޭގެ ކަންކަން ބައްޓަން ކުރަމުންދާ ހިނދު އެއްބަޔަކު ތިބީ ގަދަފަދަ ނިންޖެއްގެ ތެރޭގައި ޣަރަޤުވެފައެވެ. އެގޮތުން ދާދިފަހުން ހިނގި ޙަދިޘާއެކެވެ. "އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" މި މަތިވެރި ޝިއާރުގެ ދަށުން މުޒާހަރާއެއް އިޢުލާން ކުރުމުން ހިވީ އެބައިމީހުން ފައިތިލައިން ރަތް ހިނިތަކެއް ދުވަން ފެށިހެންނެވެ. ކަހައި ގަނެގެން ނުތިބެވުނެވެ. އެކި ބޭފުޅުން މެދުވެރިކޮށް މުޒާހަރާގެ ހުރި ނުބައިކަމާއި އެކަމުގެ ސަބަބުން ނިކުމެދާނެ ނޭދެވޭ ނަތީޖާތަކުގެ މައްޗަށް އަލި އަޅުވާލެވުނެވެ.  އެމުޒާހަރާއާއި އިދިކޮޅަށް މީޑިއާ ކެމެޕޭނު ޖެއްސުނެވެ. މީހުން ހިތްތަކުގައި ބިރުވެތިކަން ފެތުރޭ މިންވަރަށެވެ.

ނަމަވެސް މިހާރަކަށް އައިސް މުޒާހަރާ ކުރުމުގެނަމުގައި ދުންއަރުވާ ކިޔެވެލި ކިޔަވަމުން ރަތް ހާ ކަތިލަމުން، ކާޅުގެ ފިޔަތަކުގައި ގޮށް ޖަހަމުން ރާއްޖޭގެ މިސްކިތަކުގައި ދޭ ދަރުސްތަކަށް ހުރަސް އަޅުމުން، ޢިލްމުވެރިންނަށް ފުރައްސާރަ ކުރަމުން، މިސްކިތްތަކުގެ ހުރުމަތް ކަނޑަމުން ކުރިއަށް ގެންދެވޭ އެކި ޙަރަކާތްތަކާމެދު އެއީ މައްސަލައެއް ކަމުގައި ނުދެކެއެވެ. މިއަދު މިދިވެހިރާއްޖެއިން ޢިލްމުވެރީންނާއިދެކޮޅަށް ތެދުވެ، މިސްކިތްތަކަށް ގައު އުކާ، މިސްކިތްދޮށުގައި އަވަގުރާނަ ގޮވާމީހުން މާދަމާ ނުކުމެ ހުރިހައި މިސްކިތްތަކެއްގައި ހުޅުޖަހާތަން ފެނިގެން ދިއުން ގާތެވެ. އެބައިމީހުންގެ ލީޑަރު ޢަމުރުކޮށްފިއްޔާ އެކަން ކުރަން ފަސްނުޖެހޭނެކަން މިއަދު މިފެންނަމުންދާ މަންޒަރުތަކުން ޔަޤީންކުރެވެއެވެ. މިއަދު ފެންނަ މަންޒަރުތައް ބަލަމުން ޔަހޫދީންނާއި މުނާފިޤުން އެމީހުންގެ ސޯފާތަކުގައި ބަނގުރާފުޅިތައް އަތުރައިގެން ހޭން އެތިބީއެވެ.

އާދެ ! ދުނިޔޭގެ ތަޖުރިބާތަކަށް ބަލަލާއިރު ޖަވާބު ތިޔަބޭފުޅުންނަށް ވަރަށްސާފު ވާނޭކަމަށް އުއްމީދު ކުރަމެވެ. ޝައްކެެއް ނެތްގޮތުގައި އެއީ ހުޅަނގާ ޔަހޫދީން ބޭނުންވާ ގޮތެވެ. އޭރުގަ އެއީ ޢިލްމުވެރިންނެވެ. ނަމަވެސް މިހާރު އެއީ ބާޣީންނެވެ. ކީއްވެތޯ! އެއީ ޔަހޫދީން ބޭނުންވާ ގޮތެވެ. ޔަހޫދީންގެ މިފަދަ ކެމްޕޭނުތަކަކީ 1 އަހަރު ދެ އަހަރުގެ ކަމެއްނޫނެވެ. އެބައިމީހުންގެ ޕްލޭންތަކަކީ ކުރިއަށް އޮތް 3 ޤަރުނަށް މޮޑިފައިކޮށް ބައްޓަން ކުރެވޭ ޕްލޭންތަކެވެ. މިއަދު ސިޔަސީީ ކުޅިގަނޑުގެތެރެއިން ލާފަ ޔަހޫދީން ފަތުރާލި މިނުބައި ތަޞައްވުރާމެދު އީމާނުގެ އަހުލުވެރިން ހޭލަންވެއްޖެއެވެ. މިއީ އާދައިގެ ކަމެއްކަމުގައި ހަދާފައި ބަލަހައްޓައިގެން ތިބިވެން ނެތް، ރާއްޖޭގައި ދީނީ ތަޢުލީމުގެ ހުޅުކޮޅު އަޅުގަނޑުމެންގެ އަތުން ނިވިޔަ ދީގެން ނުވާނެއެވެ. އެކަން އެހެންވެއްޖެ ކަމުގައިވާނަމަ މުޅި ޢުމުރަށް ހިތާމަ ކުރަންޖެހޭ ބަޔަކުކަމުގައި އަޅުގަނޑުމެން ވާނެކަން ޔަޤީނެވެ. އަދި ﷲ ޙަޟްރަތުގައި ޖަވާބު ދާރީވާންޖެހޭ ވަޤުތު ދައްކާނެ ޢުޛުރެއް ފާޅުކުރެވޭނެ ޚިޔާލެއް ފަހެ އޮންނާނެ ތޯއެވެ.

އަޅުގަނޑުމެންގެ ސިކުނޑިތަކަކީ ޔަހޫދީންނާއި އެބައިމީހުންގެ ޢައުވާނުން ކުޅެން ގެންގުޅޭ އެއްޗެއް ކަމުގައި ނަހަދަމާތޯ ! މާތް ﷲ ދެއްވާފައިވާ މި ނިޢުމަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާށި، މާތް ﷲ އަޅަމެން އެންމެންނަށް ހިދާޔަތް ދައްކަވާ ހެޔޮ މަގު މިންވަރު ކުރައްވާށި އާމީން
وجزاكم الله خيرا