ޒުވާނުންނާއި އަޅުކަމުގެ لذّة އާއި މީރުކަން - 3
25 މެއި 2012 - 20:58 - فضيلة الشيخ إسماعيل محمّد

الأمام الشافعى ގެ އަޅުކަން

الأمام الشافعى ރޭގަނޑު ތިންބަޔަށް ބައްސަވާލައްވައެވެ. ތިންބައިން ފުރަތަމަބައިގާ ލިޔުއްވައި އުޅުއްވައެވެ. ދެވަނަބައިގައި ނަމާދުކުރައްވައެވެ. ތިންވަނަބައިގައި އަވަހާރަފުޅު ލައްޕަވައެވެ. الشافعى ވިދާޅުވާކަމުގައިވެއެވެ. ދުނިޔޭގެ ފައިދާއެއްނެތް ތަކެތިހޯދުމާއި ލިބިގަތުމަށް އެދި އުޅުމަކީ عقوبة އެކެވެ. الله تعالى އެކަމުން توحيد ގެ އަހުލުވެރިންނަށް عقوبة ދެއްވަނީއެވެ. އަދި الأمام الشافعى އަސާއެއް ހިއްޕަވައިގެން ހިންގަވާ ވަޑައިގެން އުޅުއްވައެވެ. އެކަމާއިމެދު ދެންނެވުނެއެވެ. ޖަވާބުގައި ވިދާޅުވިއެވެ. ހަމަކަށަވަރުން އަހަންނަކީ ދުނިޔެދޫކޮށްދާ ދަތުރުވެރިއަކީމެވެ. އަދި ކޮންމެވެސް މީހަކު الشافعى އާއި ކޮންމެވެސް ކަމަކާއިމެދު ސުވާލުކުރިއެވެ. އަދި އެމައްސަލައާއިމެދު ނަބީ صلى الله عليه وسلم ގެ އަރިހުން އެވެނިހެން حديث ރިވާ ވެފައިވެއެވެ. އަދި އެމީހަކު شافعى ގެފާނަށް ދެންނެވިއެވެ. އޭ އަބޫ عبدالله އެވެ! ކަލޭގެފާނު މިފަދައިން ވިދާޅުވީމުހެއްޔެއެވެ؟ (މިއަޑު އައްސަވާފައި) الشافعى ވިދާޅުވިއެވެ. އަހުރެން ހިނގާއުޅުމަށްވަނީ ކޮންބިމެއްހެއްޔެއެވެ؟ އަދި އަހުރެންނަށް ހިޔާވަހިކަންދޭހުށީ ކޮން އުޑެއްހެއްޔެއެވެ؟ އެއީ ނަބީ صلى الله عليه وسلم ގެ އަރިހުން އަހުރެން حديث އެއް ރިވާޔަތް ކޮށް އެއާއި އެއްގޮތަށް ނުބުނި ނަމައެވެ. އާދޭހެއެވެ. އަހުރެންނަށްހުރީ އެ حديث ފުޅު އަހައި، އެއާއި އެއްގޮތަށް ބުނެ عمل ކުރުމެވެ.

الأمام ابوحنيفة ގެ އަޅުކަން

الأمام ابوحنيفة ނަމާދު ކުރައްވަވާ ގިނަކަމުން އެއީ (ބިމަށްހަރުކޮށްފައިވާ) ކަޑައެކޭ ބުނެވެއެވެ. އެކަލޭގެފާނާއި މެދު نقل  ވެވިފައިވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނު ސާޅީސް އަހަރުގެ ދިގުމުއްދަތުގައި عشاء ނަމާދަށް ކުރައްވަވާ وضوء އިން ފަތިސްނަމާދު ކުރައްވައެވެ. އަދި އެކަލޭގެފާނުގެ ورع ވެރިކަމާއި تقوى ގެތެރެއިންވެއެވެ. އޭނާގެ އަތްޕުޅުން ދަރަނިނަގާފައިވާ މީހެއްގެ ފާރެއްގެ ހިޔަލުގައިވެސް އިށީދެވަޑައި ނުގަންނަވައެވެ. އަދި ޢާއްމުކޮށް އެކަލޭގެފާނު ރޭގަނޑުގައި ކީރިތި قرآن ކިޔަވައި ވިދާޅުވެ އުޅުއްވައެވެ. އަދި އެކަލޭގެފާނުގެ އަވައްޓެރީން އޭނާގެ ރުއިމުގެ އަޑުއަހާފައި އޭނާގެމައްޗަށް އެމީހުންގެ ހިތުގައި ރަޙުމާއި އޯގާވެރިކަން އުފެދެއެވެ. އަދި الأمام ابوحنيفة އަވަހާރަވިތާގައި އިންނަވައިގެން (އެކަލޭގެފާނު ދުނިޔޭގައި ހުންނެވިއިރު) ހަތްހާސް ފަހަރު ކީރިތި قرآن ختم ކުރެއްވި ކަމުގައިވެއެވެ.

އަދި އެކަލޭގެފާނު ދައްކަވާފައިވާ، ވާހަކަފުޅުތަކުގެ ތެރެއިންވެއެވެ. (ހަމަކަށަވަރުން ދުނިޔެ އަކީ الله تعالى އަށް އުރެދެވޭތަނަކަށްވާތީ ދުނިޔެއަށް ތިބާ ރުޅިއަންނަކަމުގައި ނުވިނަމަ ހަމަކަށަވަރުން ދުނިޔެތިބާއަށް ރުޅިއަންނާނެއެވެ.)

رسول الله صلى الله عليه وسلم حديث ކުރެއްވިއެވެ. (اِيَّاكُمْ وَمُحَقَرَّاةِ الذُّنُوْبِ ,فَإِنَّ هُنَّ يَجْتَمِعْنَ عَلَى الرَّجْلِ حَتَّى يُهْلِكَهُ). ފާފަތައް އާދައިގެ ނިކަމެތިކަމެއްކަމުގައި ދުށުމާއިމެދު ބިރުވެތިވެ އެކަމުން ދުރުވެގަންނާށެވެ. އެހެނީ ހަމަކަށަވަރުން އިންސާނާ ހަލާކޮށްލައިފުމަށް ދާންދެން އެފާފަތައް އޭނާގެމައްޗަށް އެއްވަމުން ޖަމަޢަވަމުން ދެއެވެ. (المسند من حديث ابن مسعود). ނަމާދުތައް އޭގެވަގުތު ތަކުގައިކުރުމުން الله تعالى ހަނދުމަކޮށް އުޅޭށެވެ. އެހެނީ ހަމަކަށަވަރުން ނަމާދަކީ އެއްނަމާދު އަނެއްނަމާދާއި ދެމެދުގައި ކުރެވޭ ކުދި ފާފަތުކުގެ ކައްފާރާއެކެވެ. ހަމައެފަދައިން ރޯދައާއި كعبة الله އަށްގޮސް حج ވުމެވެ.

މިފަދައިބުރަތްތެރި ދަރުސްތަކުން އިބުރަތްލިބި ތިމާމެންގެ عمل ތައް އިސްލާހުކުރެވޭތޯމަސަތްކަތް ކުރައްވާށެވެ.