ޝިރްކު އަދި ކުފުރުގެ ވައްތަރުތައް.
25 މެއި 2012 - 16:00 - ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ބަހުގެ ގޮތުން "ކުފްރު" ގެ މާނައަކީ "ފޮރުވުމެވެ". ރޭގަޑުގެ ވަގުތަށް "ކުފުރޭ" ކިޔެއެވެ. އެއީ ރޭގަނޑުގެ އަނދިރިކަމުގެ ސަބަބުން މީސްތަކުން ވަކިކުރަން ނޭގޭތީވެއެވެ.

ޝަރްޢީ އިޞްޠިލާޙުގައި "ކުފްރު" ގެ މާނަ ދެގޮތަކަށް ބޭނުން ކުރެވެއެވެ.
އެއްގޮތަކީ: ޢަގީދާގެ ކުފުރު
ދެވަނަ ގޮތަކީ: ޢަމަލުގެ ކުފުރު
ޢަގީދާގެ ކުފުރަކީ ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ އަށް ލިބިވޮޑިގެންވާ މަތިވެރި ޞިފަތަކަށް އިންކާރު ކުރުމާއި، އަދި މިނޫންވެސް އީމާންވާން ޖެހޭ ކަންތައް ތަކަށް އީމާން ނުވުމެވެ.

ޢަމަލުގެ ކުފުރަކީ: ހެޔޮކަންތަކަށް އިންކާރުކޮށް ޝުކުރުވެރި ނުވުމެވެ. ސޫރަތުލް އަންބިޔާގެ 94 ވަނަ އާޔަތުގައި މާތް ﷲ ތަޢާލާ ވަޙީ ކުރައްވައެވެ. (فمن يعمل من الصالحات وهو مؤمن فلا كفران لسعيه) މާނައަކީ: "ފަހެ އީމާންވެހުރެ ހެޔޮޢަމަލުތައް ކުރާ މީހާ ދަންނާށެވެ. ފަހެ، އެމީހާގެ ޢަމަލު ގެއްލިއެއް ނުދާނެއެވެ".

ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (ورأيت النار فلم أر كاليوم منظرا قط ورأيت أكثر أهلها النساء، قالوا بم يا رسول الله؟ قال: "بكفرهن"، قيل: "أيكفرن بالله؟" قال: "يكفرن العشير ويكفرن الإحسان، لو أحسنت إلى إحداهن الدهر ثم رأت منك شيئا قالت: ما رأيت منك خيرا قط) މާނައަކީ: "ތިމަންކަލޭގެފާނު ނަރަކަ ދެކެވަޑައިގަތީމެވެ. އެތަނުގައި އެންމެ ގިނައީ އަންހެނުންނެވެ. ދެންނެވުނެވެ. ﷲ ގެ ރަސޫލާ އެވެ. ކީއްވެގެންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "އެކަނބަލުން ކުފުރުވާލެއް ގިނަކަމުންނެވެ"، ދެންނެވުނެވެ. "އެކަނބަލުން ﷲ އަށް ކުފުރު ވަނީ ތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ފިރިންނަށް ކުފުރުވަނީ އެވެ. އިޙްސާންތެރިކަމަށް ކުފުރުވަނީ އެވެ. އޭނާ އަށް ކިތަންމެ ރަގަޅަށް ކަންތައްކޮށްދެމުންގޮސް ކިރިޔާވެސް އޭނާ ނުރުހޭ ކަމެއް ފެނިއްޖެނަމަ ބުނެއެވެ. "ދުވަހަކުވެސް ތިބާގެ ކިބައިން ހެވެއް ނުދެކެމެވެ".

ކުފުރުގެ ތެރެއިން އެންމެ ނުރައްކާތެރި ވައްތަރަކީ ނިޢުމަތަށް ކުފުރުވެރިވުމެވެ. ނިޢުމަތަށް ކުފުރުވެރިވުމުގެ ދެގޮތެއްވެއެވެ.
އެއްގޮތަކީ: އެނިޢުމަތަކީ ﷲ ދެއްވި ނިޢުމަތެއް ކަމާއި މެދުގައި އިންކާރު ކުރުމެވެ. ގާރޫނަށް ދިމާވީވެސް މިފަދަ ކަމެކެވެ. ސޫރަތުލް ގަޞަޞްގެ 77 އަދި 78 ވަނަ އާޔަތުގައި މިކަން ބަޔާންކުރައްވާ މާތް ﷲ ވަޙީ ކުރެއްވިއެވެ. (وابتغ فيما آتاك الله الدار الآخرة ولا تنس نصيبك من الدنيا وأحسن كما أحسن الله إليك ولا تبغ الفساد في الأرض إن الله لا يحب المفسدين قال إنما أوتيته على علم عندي) މާނައަކީ: "އަދި ތިބާއަށް ﷲ ދެއްވިތަކެތިން ހެޔޮގޮތުގައި ހޭދަކުރުމުން އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ. އަދި ދުނިޔެއިން ތިބާ އަށް ލިބެންވީ ބައި ހަނދުމަނެތިކޮށް ނުލާށެވެ. އަދި ތިބާޔަށް ﷲ އިޙްސާންތެރިވެވޮޑިގެންފަދައިން ތިބާވެސް ﷲ އަށް އިޙްސާންތެރިވާށެވެ. އަދި ބިންމަތީގައި ފަސާދަ އުފެއްދުމަށް ތިބާ އެދި ނޫޅޭށެވެ. ހަމަކަށަވަރުން ފަސާދަ ކުރާމީހުންދެކެ މާތް ﷲ ލޯބިވެވޮޑިގެންނެއް ނުވެތެވެ".

ކީރިތި ގުރްއާނުގައި މާތް ﷲ އަށް އީމާންވުމަށް ދަޢްވަތު ދިނުމުގެ އުސްލޫބުގެ ތެރޭގައި ﷲ ގެ ކުޅަދުންވަތަ ކަމާއި މެދުގައި ވިސްނާ ފިކުރު ކުރުމަށް މީސްތަކުންނަށް ވަނީ އަންގަވާފައެވެ. ކީރިތި ގުރްއާން މީސްތަކުންނަށް ގޮވާލަނީ މިފަދަ ބޮޑު ނިޢުމަތެއް ދެއްވިފަރާތާއި މެދުގައި ފިކުރުކޮށް ވިސްނާ ހެދުމަށެވެ. އެނިޢުމަތް ދެއްވި ކަމަށްޓަކައި ﷲ އަށް ޝުކުރު އަދާކުރުމުގެ ގޮތުން އެކަލާނގެ އަށް އީމާންވުމަށެވެ. ސޫރަތުއް ނަޙްލުގެ 3 އިން 18 އަށް އެވަނީ އެވާހަކަތައް ބަޔާން ކުރައްވާފައެވެ. އަދި ސޫރަތުއްނަމްލުގެ 59 އިން 64 އަށްވެސް އެވަނީ އެވާހަކަތަކެވެ. އަދި ސޫރަތުލްވާގިޢާގެ 58 އިން 73 އަށްވެސް އެވަނީ އެވާހަކަތަކެވެ. އަދި މިނޫންވެސް އެތައް ތަނެއްގައި މިވާހަކަތައް ބަޔާންކުރައްވާފައިވެއެވެ.

ނިޢުމަތަށް ކުފުރުވެރި ވުމުގެ ދެވަނަ ގޮތަކީ: އެނިޢުމަތެއްގެ ބޭނުން ގޯސްގޮތުގައި ބޭނުން ކުރުމެވެ. ނިޢުމަތްތަކަށް ޝުކުރުވެރިވެއްޖެނަމަ ބޮޑުވެގެންވާ ދަރުމައާއި ޘަވާބު ދެއްވާ ފަދައިން އެޔަށް ކާފިރުވެއްޖެނަމަ މާތްﷲ ގެ ގަދަފަދަ ވެގެންވާ ޢަޛާބު ދެއްވާނެކަން އެކަލާނގެ ވަނީ އަންގަވާފައެވެ. ސޫރަތު އިބްރާހީމްގެ 7 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (لئن شكرتم لأزيدنكم ولئن كفرتم إن عذابي لشديد) މާނައަކީ: "ތިޔަބައިމީހުން ޝުކުރުވެރިވެއްޖެނަމަ ތިމަން ﷲ އިތުރުކޮށްދެއްވާހުށީމެވެ. އަދި ކާފިރުވެއްޖެނަމަ ދަންނާށެވެ. ހަމަކަށަވަރުން ތިމަން ﷲ ގެ ކޯފާއާއި ޢަޛާބު ގަދަފަދަވެގެންވެއެވެ".
ނިޢުމަތަށް ޝުކުރުވެރި ނުވުމަކީ ފާފައެކެވެ. އެހެނިހެން ފާފަތަކާއިމެދުވެސް އެކަންކަން ރަގަޅުކުރުމަށް މަސައްކަތްކުރާ ފަދައިން ނިޢުމަތަށް ޝުކުރުވެރިނުވުމުގެ މައްސަލަވެސް ޖެހޭނީ ޙައްލުކުރަން މަސައްކަތް ކުރާށެވެ. ޙިކްމަތް ތެރިކަމާއި އެކު މީސްތަކުންނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރާނީއެވެ. ސޫރަތުއް ނަޙްލުގެ 125 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أدع إلى سبيل ربك بالحكمة والموعظة الحسنة) މާނައަކީ: "ޙިކްމަތާއި ރިވެތި ވަޢްޡާއި އެކު ކަލޭގެފާނު ހައްދަވައިގެންގުޅުއްވާ އިލާހުގެ މަގަށް ކަލޭގެފާނު ގޮވާލައްވާށެވެ".

ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (من رأى منكم منكرا فليغيره بيده، فإن لم يستطع فبلسانه، فإن لم يستطع فبقلبه، وذلك أضعف الإيمان) މާނައަކީ: "ތިޔަބައިމީހުންކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ އެކަމެއް އަތުން މަނާކުރާ ހުށިކަމެވެ. އެކަމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ ދުލުން މަނާކުރާށެވެ. އެކަމަށްވެސް ކުޅަދާނަކަން ލިބިގެންނުވާ މީހާ ހިތުން މަނާކުރާ ހުށިކަމެވެ. އީމާންކަމުގެ އެންމެ ދަށު ދަރަޖައަކީ އެއީ އެވެ".
ޢަގީދާގެ ކުފުރުގެ ދެވައްތަރެއްވެއެވެ.

1.ކުރިން އީމާންވުމަކާއި ނުލައި ކާފިރުވުމެވެ. އަހަރުމެންގެ މައްޗަށް ލާޒިމްވެގެންވަނީ އެފަދ މީހުންނަށް ދީނަށް ގޮވާލުމެވެ.
2.ކުރިން އީމާންވުމަށް ފަހުގައި ފަހުން ކާފިރުވުން. މިފަދަ މީހުންނަށް ކިޔެނީ "މުރްތައްދު" ވާ މީހުންނެވެ. މީހަކު އިސްލާމްވުމަށްފަހު ކާފިރުވެއްޖެނަމަ ނުވަތަ މުރްތައްދުވެއްޖެނަމަ އެފަދަ މީހުންނަށް ތައުބާލައިދޭން ޖެހޭނެއެވެ. ތައުބާ ނުވެއްޖެނަމަ އެފަދަ މީހުންގެ ޙުކުމަކީ މެރުމެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (من بدل دينه فاقتلوه) މާނައަކީ: "ދީންބަދަލުކޮށްފި މީހާ ގަތުލުކުރާ ހުށިކަމެވެ".

މީހަކު މުރްތައްދުވެއްޖެނަމަ، އޭނާގެ އަނބިމީހާ އާއި ކައިވެނީގެ ގޮތުން ވަކިވެގެންދާނެއެވެ. އަދި މަރުވެއްޖެނަމަ މުސްލިމުންގެ ގަބުރުސްތާނުގައި ވަޅެއްވެސް ނުލެވޭނެއެވެ. އަދި ވާރުތަ މުދަލަކުންވެސް ނުލިބޭނެއެވެ.

ކުފުރުވެއްޖެނަމަ އެމީހަކު އާޚިރަތްދުވަހުގައި ދާއިމަށް ނަރަކައަށް ވައްޓައިލެވޭނެއެވެ. ސޫރަތުލް ބަގަރާގެ 161 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إن الذين كفروا وماتوا وهم كفار أولئك عليهم لعنة الله والملائكة والناس أجمعين خالدين فيها لا يخفف عنهم العذاب ولاهم ينظرون) މާނައަކީ: "ހަމަކަށަވަރުން ކާފިރުވެ އަދި ކާފިރުން ކަމުގައިތިވެ މަރުވީ މީހުން ދަންނާށެވެ. އެއުރެންގެ މައްޗަށް ﷲ އާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ލަޢްނަތް ހުއްޓެވެ".

ސޫރަތުލް ބަގަރާގެ 217 ގައި ވަޙީ ކުރައްވާފައިވެއެވެ. (ومن يرتدد منكم عن دينه فيمت وهو كافر فأولئك حبطت أعمالهم في الدنيا والآخرة وأولئك أصحاب النار هم فيها خالدون) މާނައަކީ: " ތިޔަބައިމީހުންގެ ތެރެއިން މުރްތައްދުވެ، ކާފިރަކު ކަމުގައިވާ ޙާލު، މަރުވާ މީހުންނީ، ދުނިޔެ އާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނަކީ ނަރަކައިގެ އަހްލުވެރީންނެވެ. އެއުރެން އެތަނުގައި ދާއިމަށް ދެމިތިބޭނެއެވެ".

ސޫރަތުއް ނިސާގެ 48 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إن الله لايغفر أن يشرك به ويغفر ما دون ذلك لمن يشاء) މާނައަކީ: "ހަމަކަށަވަރުން ﷲ އެކަލާނގެ އަށް ޝިރްކު ކުރުމުގެ ފާފައެއް ނުފުއްސަވާނެއެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ".

ޝިރްކުގެ މާނަ:

ބަހުގެ ގޮތުން ޝިރްކު ކުރުމޭ ބުނެވޭ ބަހުގެ މާނައަކީ: ބައިވެރިޔަކު ހޯދުމެވެ. މިޘާލަކަށް، ވިޔަފާރީގައި އެހެން ޙިއްސާދާރަކު ބައިވެރި ކޮށްފިނަމަ ބުނާނީ އޭނާ ވިޔަފާރީގެ ޝަރީކަކަށް ނުވަތަ ޕާޓްނަރަކަށް ހެދީއެވެ، މިހެންނެވެ.

ޝަރްޢީ ގޮތުން ޝިރްކު ކުރުމޭ ބުނެވޭ ބަހުގެ މާނައަކީ: ﷲ ގެ ރުބޫބިއްޔަތާއި (ޢާލަމްތައް ހެއްދެވީ ﷲ ކަން)، އުލޫހިއްޔަތު (ﷲ މެނުވީ ޙައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަން)، އަދި ﷲ އަށް ލިބިވޮޑިގެންވާ އިސްމުފުޅުތަކާއި ޞިފަ ފުޅު ތަކުގައި އެހެން ފަރާތެއް ބައިވެރި ކުރުމެވެ.

މިއީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. ސޫރަތުލް ބަގަރާގެ 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَلَا تَجْعَلُوا لِلَّـهِ أَندَادًا وَأَنتُمْ تَعْلَمُونَ  ) މާނައަކީ: "ފަހެ، (އެކަލާނގެ خالق ވަންތަކަން) ތިޔަބައިމީހުން ދެނެތިބެ، اللَّه އަށް شريك ންތަކެއް ތިޔަބައިމީހުން ނުލާށެވެ!".

ސޫރަތު އިބްރާހީމްގެ 30 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَجَعَلُوا لِلَّهِ أَنْدَاداً لِيُضِلُّوا عَنْ سَبِيلِهِ قُلْ تَمَتَّعُوا فَإِنَّ مَصِيرَكُمْ إِلَى النَّارِ ) މާނައަކީ: " އަދި އެއުރެން اللَّه އަށް شريك ން ލޫއެވެ. (އެއީ) އެއުރެން އެކަލާނގެ މަގުން މީސްތަކުން ފުރެއްދުމަށްޓަކައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ދުނިޔެމަތީގައި) އަރާމުކޮށްލަން ތިބޭށެވެ! ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން އެނބުރިދިއުންވަނީ ނަރަކައަށެވެ".

ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (من مات وهو يدعو من دون الله ندا دخل النار) މާނައަކީ: "އަޅުކަން ކުރުމުގައި ﷲ އާއި އެކު އެހެންފަރާތެއް ބައިވެރިކުރާ ޙާލު މަރުވެއްޖެމީހާ ވަންނަ ހުށީ ނަރަކައަށެވެ".

ޝިރްކުގެ ވައްތަރުތައް:

ޝިރްކުގެ ދެވައްތަރެއްވެއެވެ. އެއީ:

1.ޝިރްކު އަކްބަރު، ނުވަތަ ބޮޑު ޝިރްކު
2.ޝިރްކު އަޞްޣަރު، ނުވަތަ ކުޑަ ޝިރްކު އެވެ.
ޝިރްކު އަކްބަރަކީ: ﷲ ގެ ރުބޫބިއްޔަތާއި (ޢާލަމްތައް ހެއްދެވީ ﷲ ކަން)، އުލޫހިއްޔަތު (ﷲ މެނުވީ ޙައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަން)، އަދި ﷲ އަށް ލިބިވޮޑިގެންވާ އިސްމުފުޅުތަކާއި ޞިފަ ފުޅު ތަކުގައި އެހެން ފަރާތެއް ބައިވެރި ކުރުމެވެ.
ޝިރްކު އަޞްޣަރަކީ: ބޮޑު ޝިރްކަށް މަގުފަހި ކޮށްދޭކަންތަކެވެ. ނުވަތަ ކަނޑައެޅިގެން ނައްޞެއްގައި އެއީ ޝިރްކު ކަމަށް އައިސްފައިވާ، އެހެންނަމަވެސް ބޮޑު ޝިރްކާ ހަމައަށް ވާޞިލު ނުވާ ފަދަ ކަންތަކެވެ.

ބޮޑު ޝިރްކާއި ކުޑަ ޝިރްކު ތަފާތު ކުރުމަށް ޢިލްމުވެރިން ކަނޑަ އަޅުއްވާފައިވާ މިންގަޑުތައް:

1.އެޢަމަލަކީ އެއީ ކުޑަ ޝިރްކު ކަމުގައި ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަނޑަ އަޅުއްވާ ޙަދީޘް ކުރައްވާފައިވާ ކަންތައްތައް. މިޘާލަކަށް ދެއްކުންތެރިކަން. މިކަމުގެ ބައެއް ދަލީލު:

-عَنْ مَحْمُوْدِ بِنْ لُبَيْدٍ أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمْ الشِّرْكُ الْأَصْغَرُ، قَالُوْا وَمَا الشِّرْكُ الْأَصْغَرُ يَا رَسُوْلَ اللهِ ؟ قَالَ: الرِّيَاءُ. يَقُوْلُ اللهُ عَزَّ وَجَلَّ إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ: اِذْهَبُوْا إِلَى الَّذِيْنَ كُنْتُمْ تُرِاؤُوْنَ فِيْ الدُّنْيَا، فَانْظُرُوْا هَلْ تَجِدُوْنَ عِنْدَهُمْ جَزَاءً) މާނައަކީ: މާތް ﷲ ރުއްސުންލެއްވި މަޙްމޫދު ބިން ލުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް އެންމެ ބިރުވެތިވަނީ ކުޑަ ޝިރްކާއި މެދުގައެވެ. ޞަހާބީން ދެންނެވިއެވެ. "ކުޑަ ޝިރްކަކީ ކޮބައިތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "ދެއްކުންތެރިކަމެވެ. މީސްތަކުންގެ ޢަމަލުތަކަށް ޖަޒާދެއްވާ ނިންމެވުމަށްފަހު ގައި މާތް ﷲ ވަޙީ ކުރައްވާނެއެވެ. "ތިޔަބައިމީހުން ދުނިޔެމަތީގައި ދެއްކުމަށް ކަންތައް ކުޅަމީހުންގެ ގާތަށްގޮސް އެމީހުންގެ ފަރާތުން ދަރުމައެއް ލިބޭތޯ ބަލާށެވެ".

- وَعَنْ أَبِيْ سَعِيْدِ بِنْ أَبِيْ فُضَالَةَ رَضِيَ اللهُ عَنْهُ، وَكَانَ مِنَ الصَّحَابَةِ قَالَ: سَمِعْتُ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ: "إِذَا جَمَعَ اللهُ الْأَوَّلِيْنَ وَالْآخِرِيْنَ يَوْمَ الْقِيَامَةِ لِيَوْمٍ لَّا رَيْبَ فِيْهِ، نَادَى مُنَادٍ: مَنْ أَشْرَكَ فِيْ عَمَلِهِ لِلَّهِ أَحَداً فَلْيَطْلُبْ ثَوَابَهُ مِنْ عِنْدِهِ، فَإِنَّ اللهَ أَغْنَى الشُّرَكَاءِ عَنِ الشِّرْكِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދު ބިން އަބީ ފުޟާލާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. "ގިޔާމަތް ދުވަހުން އެންމެހައި މީސްތަކުން މަޙްޝަރު ކުރެއްވުމަށްފަހުގައި ގޮވާ މީހަލު ގޮވާނެތެވެ. ﷲ އަށް ޓަކައި ކުޅަ ޢަމަލެއްގައި އެހެން ފަރާތެއް ބައިވެރިކޮށްފައިވަނީ ނަމަ، އެކަމެއްގެ ޡަވާބު އެމީހެއްގެ ފަރާތުން އެދޭހުށި ކަމެވެ. ހަމަކަށަވަރުން ޝިރްކު ކުރާ މީހުންގެ ޝިރްކަކަށް ﷲ ބޭނުންފުޅުވޮޑިގެން ނުވެއެވެ".

-عَنْ شَدَّادِ بِنْ أَوْسٍ رَضِيَ اللهُ عَنْهُ أَنَّهُ سَمِعَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ: "مَنْ صَامَ يُرَائِيْ فَقَدْ أَشْرَكَ، وَمَنْ صَلَّى يُرَائِيْ فَقَدْ أَشْرَكَ، وَمَنْ تَصَدَّقَ يُرَائِيْ فَقَدْ أَشْرَكَ" މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޝައްދާދު ބިން އުވައިސް ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އަޑު އެއްސެވީމެވެ. "ދެއްކުންތެރިކަމާއި އެކު ރޯދަ ހިފައިފި މީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ނަމާދުކޮށްފިމީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ޞަދަގާތްކޮށްފިމީހާ ޝިރްކުކޮށްފިއެވެ".

2.ގުރްއާނާއި ސުންނަތުގައި "ޝިރްކު" ގެ ލަފްޡު އައިސްފައިވާ އިރު "އަލް" ނުލައި އައިސްފައިވާނަމަ ބެލެވޭނީ ކުޑަ ޝިރްކަށެވެ. މިޘާލަކަށް، ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إن الرقى والتمائم والتِّوَلَة شرك) މާނައަކީ: "ހަމަކަށަވަރުން ފަންޑިތަ ހެދުމާއި، ދެމަފިރިންގެ މެދުގައި ލޯބިއިތުރު ކުރުމަށް ހަދާ ސިޙުރާއި، ތަވީދު އެޅުމަކީ ޝިރްކެކެވެ". މިޙަދީޘްގައި " شرك" މި ލަފްޡު އައިސްފައިވަނީ "އަލް" އާއި ނުލައިކަމުން ބެލެވެނީ އޭގެ މުރާދަކީ "ކުޑަ ޝިރްކު" ކަމަށެވެ.

3.ޞަޙާބީ އަކަށް ނައްޞުގެ މުރާދަކީ ކުޑަ ޝިރްކު ކަމުގައި ވިސްނިވަޑައިގަތުން. މިޘާލަކަށް އިބްނު މަސްޢޫދު-ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. (الطِّيَرَةُ شِرْكٌ الطِّيَرَةُ شِرْكٌ ثَلاثًا ، وَمَا مِنَّا إِلا وَلَكِنَّ اللَّهَ يُذْهِبُهُ بِالتَّوَكُّل) މާނައަކީ: "އުއްމީދު ނަގާލުމަކީ ޝިރްކެކެވެ. އުއްމީދު ނަގާލުމަކީ ޝިރްކެކެވެ. އުއްމީދު ނަގާލުމަކީ ޝިރްކެކެވެ. އަހަރުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެކަމުގެ ތެރެއަށް ވެއްޓެއެވެ. ނަމަވެސް ވަކީލުކުރުމުގެ ސަބަބުން އެކަމުން ސަލާމަތްވަނީއެވެ". މިތަނުގައިމިވާ " އަހަރުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެކަމުގެ ތެރެއަށް ވެއްޓެއެވެ. ނަމަވެސް ވަކީލުކުރުމުގެ ސަބަބުން އެކަމުން ސަލާމަތްވަނީއެވެ" މިއީ އިބްނު މަސްޢޫދުގެ ބަސްފުޅެކެވެ. އެހެނީ މާޔޫސްވުމުގެ ސަބަބުން ޝިރްކުގެ ތެރެއަށް ވެއްޓުނުކަމުގައިވީނަމަވެސް ވަކީލު ކުރުމުން އެކަމުން ސަލާމަތްވާނެ އިބްނު މަސްޢޫދު-ރަޟިޔަﷲ ޢަންހު- އަށް ވިސްނިވަޑައިގަތީއެވެ. ބޮޑު ޝިރްކު ނަމަ ވަކީލު ކުރުމަކުން ސަލާމަތެއް ނުވެވޭނެއެވެ. ބޮޑު ޝިރްކުން ސަލާމަތްވުމަށް ޖެހޭނީ ތައުބާވާށެވެ.

4.ނައްޞުގައި ވާރިދެވެފައިވާ "ޝިރްކު" ގެ ލަފްޡު ކުޑަ ޝިރްކުގެ ގޮތުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ތަފްސީރު ކުރައްވާފައިވުން. މިޘާލަކަށް: عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ أَنَّهُ قَالَ : صَلَّى لَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلاةَ الصُّبْحِ بِالْحُدَيْبِيَةِ عَلَى إِثْرِ سَمَاءٍ كَانَتْ مِنْ اللَّيْلَةِ فَلَمَّا انْصَرَفَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَقْبَلَ عَلَى النَّاسِ فَقَالَ : "هَلْ تَدْرُونَ مَاذَا قَالَ رَبُّكُمْ ؟ " قَالُوا : اللَّهُ وَرَسُولُهُ أَعْلَمُ . قَالَ : " أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ فَأَمَّا مَنْ قَالَ مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ فَذَلِكَ مُؤْمِنٌ بِي كَافِرٌ بِالْكَوْكَبِ وَأَمَّا مَنْ قَالَ بِنَوْءِ كَذَا وَكَذَا فَذَلِكَ كَافِرٌ بِي مُؤْمِنٌ بِالْكَوْكَبِ ". މާނައަކީ: ޒައިދު ބިން ޚާލިދުލް ޖުހަނީ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ވިއްސާރަ ރެއެއްގައި ޙުދައިބިއްޔާގައި ތިމަންމެންނައިގެން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ފަތިސް ނަމާދު ކުރެއްވިއެވެ. ނަމާދުން އަވަދިވެ ވަޑައިގެން މީސްތަކުންނާ ކުރިމަތި ލެއްވުމަށް ފަހުގައި ޙަދީޘް ކުރެއްވިއެވެ. "ﷲ ގެ ރަޙްމަތާއި ފަޟްލަވަންތަ ކަމުން ވާރޭވެހުނޭ ބުނި މީހުން ތިމަން ކަލޭގެފާނަށް އީމާންވެއްޖެއެވެ. އަދި ވިލާތަކަށް ކާފަރުވެއްޖެއެވެ. އަދި ވާރޭ ވެހުނީ މިވެނި ކަމެއްގެ ސަބަބުންނޭ ބުނެފިމީހާ ތިމަންކަލޭގެފާނަށް ކާފަރުވެ، ވިލާތަކަށް އީމާންވެއްޖެއެވެ".

މި ޙަދީޘްގައި މިވާ "ކާފިރުވެއްޖެ" މިލަފްޡު ގެ ތަފްސީރު ނުވަތަ ޝަރަޙަ ލިބެނީ އަންނަނިވި ރިވާޔަތުންނެވެ. عن أبي هريرة قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَلَمْ تَرَوْا إِلَى مَا قَالَ رَبُّكُمْ ؟ قَالَ : "مَا أَنْعَمْتُ عَلَى عِبَادِي مِنْ نِعْمَةٍ إِلَّا أَصْبَحَ فَرِيقٌ مِنْهُمْ بِهَا كَافِرِينَ يَقُولُونَ الْكَوَاكِبُ وَبِالْكَوَاكِبِ " . މާނައަކީ: "މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ގެ ކިބައިން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ ރައްބުގެ ވަޙީ ބަސްފުޅުގައިވަނީ ކީކޭކަން އެގޭހެއްޔެވެ؟ އެކަލާންގެ ވަޙީ ކުރައްވައެވެ. "ތިމަން ﷲ ގެ އަޅުތަކުންނަށް ނިޢްމަތެއް ދެއްވައިފިނަމަ މީސްތަކުންގެ ތެރެއިން ބަޔަކު އެނިޢްމަތަށް ކާފަރުވެއެވެ. އަދި ބުނެއެވެ. އެނިޢުމަތް ލިބުނީ ވިލާތަކުގެ ސަބަބުންނެވެ. ވިލާތަކުގެ ސަބަބުންނެވެ". މި ޙަދީޘުން ދޭހަވަނީ ވާރޭވެހުން ވިލާތަކަށް ނިސްބަތްކޮށްފިނަމަ، އެމީހަކަށް ނިޢްމަތްތަކަށް ކާފަރުވެވުނީ އެވެ. ސަބަބަކީ ވިލާތައް ލައްވާފައިވަނީ ވާރޭވެހުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައެވެ. ނަމަވެސް ވާރޭ ވެއްސަވަނީ ﷲ އެވެ. އެހެންކަމުން ވާރޭވެހުން ވިލާތަކަށް ނިސްބަތްކުރުމުން ނިޢްމަތަށް ކާފަރު ވެވުނީ އެވެ. ނިޢުމަތަށް ކާފަރުވުމަކީ ކުޑަ ޝިރްކު ގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ވާރޭ ވެއްސަވަނީ ﷲ ގެ އިޛްނަ އެއްނެތި ވިލާތަކުގެ އަމިއްލަ ބާރުގައި ކަމުގައި ގަބޫލުކޮށްފިމީހާ ބޮޑު ޝިރްކަކުން ޝިރްކުކޮށްފިއެވެ. ސަބަބަކީ ވިލާތަކަކީ ވާރޭވެހުމަށް މާތް ﷲ މެދުވެރި ކުރެއްވި ސަބަބެކެވެ. އޭގެ ޛާތުގައި ވާރޭވެހުމުގެ ބާރުލިބިގެންވާ އެއްޗެއް ނޫނެވެ.

އެހެންކަމުން، މުސްލިމުންގެ މައްޗަށް ވާޖިބުވެގެން ވަނީ ހުރިހާ ވައްތަރެއްގެ ކުފްރާއި ޝިރްކުން އެއްކިބާވެ ސަލާމަތްވެގެން ތިބުމެވެ. والله تعالى أعلى وأعلم.