އެމެރިކާގެ ދަންމަޅީގައި ދިވެހިން ޖެހިދާނެކަމުގެ ބިރު

އަލްއަޚް އިބްރާހީމް ނާޒިމް - 30 މެއި 2010 - 00:00

ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ޓެރަރިސްޓް ޙަމަލާތަކެއްގެ ފުރުޞަތު އޮތީ ޤައުމުގެ އެތެރެއަށްވުރެ ބޮޑަށް ބޭރުން ކަމުގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ޕެޓްރީސިއާ ބުޓެނިސް ބުނެފި އެވެ. މީގެ ސަބަބެއް ކަމުގައި ބުނީ ދިވެހިރާއްޖެއާއި ގާތުގައި ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ޙަރަކާތްތެރިވަމުން ދިޔުމާއި، އަފްޣާނިސްތާނު އަދި ޕާކިސްތާނުގައި ހިނގަމުންދާ ހަނގުރާމައާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި ޓެރަރިޒަމް މިއީ މިފަދަ ކަމެއް މެދުވެރިކުރުވަފާނެ ކަންތައްތައް ކަމުގަ އެވެ. ދިވެހިރާއްޖެ އަކީ ޒަމާނުއްސުރެ މެދުމިނުގެ ވިސްނުމެއް ގެންގުޅެމުން އައި ޤައުމެއް ކަމަށާއި ނަމަވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން 'ޙައްދުފަހަނާއަޅާފައިވާ ހަރުކަށި' ވިސްނުން މި ޤައުމުގައި ވަރަށް ބޮޑަށް ފުޅާވެގެން ހިނގައްޖެކަމުގައި ބުންޏެވެ.  

މި ކްރިސްޓިޔަން ކާފަރު ކަނބުލޭނގެ އިތުރަށް ދެމި ހާސަރުތަކުގެ ތެރޭގައި ގުއަންޓަނަމޯ ޖަލު ބަންދުކުރުމަށް އެމެރިކާ ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ސަރުކާރުން އެހީތެރިވަމުންދާތީ އެކަމަށް ޝުކުރުއަދާކުރާކަމަށް ބުންޏެވެ. ޕެޓްރީސިޔާ އެންމެ ކަންބޮޑުވެގެން އުޅެނީ ދިވެހިރާއްޖޭގައި 'ދީނީގޮތުން ހަރުކަށި' ޚިޔާލުތައް ފެތުރެމުންދާތީ ކަމުގައި އެނގެން އޮތްއިރު، ދާދި ފަހަކުން އެމެރިކާއިން ވަނީ ދިވެހިރާއްޖޭގެ ކަމާބެހޭ ވެރިން އެ ޤައުމަށް ގެންގޮސް މިކަމާގުޅިގެން ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތައްތައް އަންގާފަ އެވެ. މިހިރީ މިއަދު ދިވެހި ޤައުމުގެ މައްޗަށް މި ބައިމީހުން އަތްގަދަކޮށްފައިވާ މިންވަރެވެ.      

އެމެރިކާއިން ދައްކާ މިފަދަ ދޮގު ވާހަކަތައް ދެކޮޅުޖެއްސެން ނެތް އަނެއް ސަބަބަކީ ގުއަންޓަނަމޯ ޖަލު ބަންދުކުރަންވެގެން އެތަނުގައި ތިބިކަމަށް ބުނާ 'ދީނީގޮތުން ޙައްދުފަހަނާއަޅާފައިވާ' މުސްލިމުން ދިވެހިރާއްޖެ ގެންނަން އެމެރިކާ ބޭނުންވާތީ އެވެ. އެމެރިކާ ބުނާގޮތުން އެބައިމީހުންނަކީ އެންމެ ނުރައްކާތެރި 'ޓެރަރިސްޓުންނެވެ'. މިފަދަ ބަޔަކު ރާއްޖެ ގެނެސް މިނިވަންކަމާއެކު އުޅެން ދޫކޮށްލުމުން މި ޤައުމަށް ކުރިމަތިވެދާނެ 'ނުރައްކާތަކާމެދު' އެމެރިކާއިން ވާހަކަދެއްކުމުގެ ބަދަލުގައި އެކަން ކުރަން ބާރުއަޅާތީ ޙައިރާންވާންޖެހެ އެވެ. މީގެ އިތުރުން އެބުނާ 'ދީނީގޮތުން ހަރުކަށި ޚިޔާލުތައް' މި ޤައުމުގައި އިތުރުވުން ނޫންކަމެއް މިކަމުން މެދުވެރިނުވާނެކަން އެމެރިކާއަށް ރަނގަޅަށް އެނގެ އެވެ. އެބައިމީހުން ދިވެހިރާއްޖެ ގެނެސް އެތަންމިތާ އުޅެން ދޫކޮށްލާފައި ދުވަސްކޮޅެއް ފަހުން ދެން އެމެރިކާ ކިޔަންފަށާނީ މި ޤައުމަށް ގުއަންޓަނަމޯ ޖަލުން އައި މީހުންގެ ސަބަބުން ޙައްދުފަހަނާއެޅުމާއި ޓެރަރިޒަމްގެ ޙަރަކާތްތައް މިތަނުގައި އިތުރުވަނީ ކަމަށެވެ. މިހެން ބުނާއިރު އޮންނާނީ ޔަހޫދީން އަޑީގައި ތިބެގެން ދިވެހިރާއްޖޭގެ އެތަންމިތަނުގައި ބޮން ގޮއްވާފަ އެވެ. ދެން އެކަންކަން 'ތަޙުޤީޤުކޮށްދޭން' އެމެރިކާއިން ފޮރެންޒިކް ޓީމްތަކާއި، ސިފައިންނާއި ޖާސޫސުން އައިސް މިތަނުގައި ވަކިހިއްޕާލަންވީ އެވެ. އެއަށްފަހު ފާޑެއްގެ ދިރާސާ ރިޕޯޓެއް ނެރެ ދެން ހަދަންވީ ހުރިހާގޮތެއް އަންގާނެ އެވެ. މިހެންކަމުން ދިވެހިރާއްޖެއަކީ ވެސް 'ޓެރަރިޒަމާދެކޮޅަށް' އެމެރިކާ ކުރާ ހަނގުރާމައިގައި އެ ޤައުމުގެ ސިފައިން ކޮންމެހެން ބައިތިއްބަންޖެހޭ ޤައުމެއް ކަމުގައި ކަނޑައަޅައި ނިންމާނެ އެވެ. މިހާ ހިސާބުން ދިވެހިރާއްޖެ ވެސް އަފްޣާނިސްތާން ނުވަތަ ޢިރާޤް ފަދައިން ސުންނާފަތިވެގެންދާކަށް ގިނަ ދުވަހެއް ނުނަގާނެ އެވެ. އެހެނީ އެމެރިކާ ސަރުކާރުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކެއްގައި ބައިވެރިވުމުގެ އިތުރުން، އެމެރިކާގެ 'ކުނިއަޅާ ގޮނޑެއް' ކަމުގައި ދިވެހިރާއްޖެ ހަމަޖެއްސީތީ އެވެ. އެމެރިކާ އާއި ގުޅިގެން އުޅުމުން ފައިދާއަށްވުރެ ބޮޑަށް ވާނީ ގެއްލުންކަން ދުނިޔޭގެ ތާރީޚް ދައްކަމުން ދެއެވެ. މިސާލުތަކެއް ބޭނުންނަމަ ލެޓިން އެމެރިކާގެ ޤައުމުތަކާއި، ފިލިޕީންސް އަދި ޢިރާޤް ފުދޭހައި ވެއެވެ.  
ގުއަންޓަނަމޯ ޖަލު ބަންދުކުރުމަކީ ދިވެހިންގެ މަސްޢޫލިއްޔަތެއް ނޫނެވެ. ސަބަބަކީ އެ ޖަލު ކިޔުބާގެ ގުއަންޓަނަމޯ ބޭގައި ހުޅުވީ ދިވެހިންކަމުގައި ނުވާތީ އެވެ. އަދި އެކަންކުރުމުގައި ދިވެހިންގެ އެއްވެސް މަޝްވަރާއެއް، ލަފައެއް ވެސް ނެތުމުންނެވެ. ދެން އޮތީ އެތަނުގައި ތިބި ކުށެއް ނެތް މުސްލިމުންނަށް އެހީތެރިވުމުގެ ވާހަކަ އެވެ. އެ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ކޮންމެ މީހަކީ ވެސް ކޮންމެ ވެސް ޤައުމަކަށް ނުވަތަ މުޖްތަމަޢަކަށް ނިސްބަތްވާ މީހެކެވެ. އެމީހަކު ނިސްބަތްވާ ޤައުމެއްގެ މާދަރީ ބަހަކުން ވާހަކަދައްކާ މީހަކު މެނުވީ އެތަނުގައި ނެތެވެ. އެމީހެއްގެ ޤައުމަކީ ދުނިޔޭގައި މިނިވަން ޤައުމެއް ނޫންކަމުގައި ވިޔަސް، އެމީހެއްގެ އާއިލާ ކޮންމެވެސް ތަނަކު ވާނެ އެވެ. މިގޮތުން މިސާލަކަށް ދިވެހިރާއްޖެ ގެންނަ މީހަކީ ޗައިނާއިން އަޅުވެތިކޮށްގެން އުޅޭ އިރުމަތީ ތުރުކިސްތާން ނުވަތަ އިޒްރޭލުން އަޅުވެތިކޮށްގެން އުޅޭ ފަލަސްޠީނުގެ ރައްޔިތެއް ނަމަވެސް، އެނާގެ އާއިލާއާއި ވަކިން އެމީހަކު ދިވެހިރާއްޖެ ގެނެސް މިތަނުގައި ހުންނަން މަޖުބޫރުކުރުމަކީ އެމީހާގެ އިންސާނީ ޙައްޤުތަކަށް ދިވެހިރާއްޖެއިން އަރައިގަތުމެވެ. ދެން އެބުނަނީ ގުއަންޓަނަމޯ އަސީރުން ނިސްބަތްވާ ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން އެމީހުން ބޭނުންނުވާކަމަށާއި، ބަލައިނުގަންނާނެކަމަށް އަންގާފައިވާކަމަށެވެ. މިހެންކަމުން އެހެން އަންގާފައިވާ ޤައުމަކަށް ގުއަންޓަނަމޯ އަސީރުން ފޮނުވާލެވިއްޖެނަމަ އެމީހުން ހައްޔަރުކޮށް މަރާލަފާނެކަމުގެ ބިރު އެބަ އޮތްކަމުގަ އެވެ. އެބުނާ ކަމާބެހޭ ފަރާތަކީ އެ ޤައުމެއް އިސްތިޢުމާރުކޮށްގެން އުޅޭ ފަރާތެވެ. އެމީހުންގެ އާއިލާތަކާ މަޝްވަރާކޮށްގެން ގޮތެއް ފެނޭތޯ އެމެރިކާއިން ބެލީއަކީ ނޫނެވެ. އެމީހުންނަކީ ކުށެއް ނެތް ބައެއްކަމަށް އެމެރިކާއަށް އެނގުމުން އެމީހުންނަށް ހަމަދަރުދީވެގެން މިނިވަންކުރަން ބޭނުންނަމަ އެގޮތަށް ކަންތައް ކުރީހެވެ. މީގެ އިތުރުން އެމީހުންނަށް ނުޙައްޤުން އަނީޔާކުރެވިފައި ވާތީ އެކަމުގެ ބަދަލުދިނީހެވެ. ގުއަންޓަނަމޯ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ގިނަ މީހުންނަކީ އެމީހުން ބަންދުގައި ހޭދަކުރި މުއްދަތަށް ބަލާއިރު އެތަކެއް މިލިޔަން ޑޮލަރުން ބަދަލު ލިބުން ޙައްޤުވާ ބައެކެވެ. މިސާލަކަށް 10 ވަރަކަށް މިލިޔަން އެމެރިކާ ޑޮލަރު ދީފައި އެތަނުން ގައިދީއަކު މިނިވަންކޮށްބަލާށެވެ. އޭރުން އޭނާ ބަލައިގަންނަން ދުނިޔޭގެ ހުރިހާ ޤައުމަކުން ބޭނުންވާނެ އެވެ. އެހެނީ މިއަދުގެ ދުނިޔޭގައި ފައިސާވެރިންނަށް އެމީހަކު ބޭނުން ޤައުމެއްގެ ރައްޔިތަކަށް ވެވޭތީ އެވެ. ގުއަންޓަނަމޯ ގައިދީންނާމެދު އެމެރިކާއިން ކަންތައް ކުރަމުން ދާގޮތުން އެނގެނީ އެމީހުން މުޅިން މިނިވަންކޮށް ދޫކޮށްލަން އަދިވެސް ބޭނުންނުވާކަމެވެ. ދެން މި ހާޖާނުގަނޑުގެ ތެރެއަށް ދިވެހިން ބޭނެންވީ ކީއްކުރަން ހެއްޔެވެ؟ ގުއަންޓަނަމޯ ޖަލުން ދިވެހިރާއްޖެއަށް މީހުން ގެންނަނީ ހަމައެކަނި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ބޭނުމަކު ނޫނެވެ. އެމެރިކާއިން އެކަން ކުރުމަށް އަންގައިގެންނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް މި ޤައުމުގެ ސަރުކާރުން ކިހާވަރެއްގެ ޝައުޤުވެރިކަމެއް ހުރިތޯ އެނގޭނެ ގޮތެއް އެބައޮތެވެ. އެ ގޮތަކީ ފަލަސްޠީނުގެ ނުވަތަ އެނޫންވެސް އެފަދައިން އަޅުވެތިކުރެވިފައިވާ މުސްލިމް ޤައުމަކުން ފަޤީރު ހާލުގައިވާ ޔަތީމު ކުދީންގެ ތެރެއިން އެންމެ 10 ވަރަކަށް ކުޑަކުދީން ނަމަވެސް ގެނެސް ބެލެހެއްޓުމަށް ޕެޓިޝަނެއްގައި ގިނަ ޢަދަދެއްގެ ރައްޔިތުން ސޮއިކޮށް ސަރުކާރަށް ހުށަހެޅުމެވެ. މިހެން ހެދުމުން އިތުރު ބަހަނާއެއް ނުދައްކާ ސަރުކާރުން އެކަންކުރަން އެއްބަސްވެއްޖެ ނަމަ ދުނިޔޭގެ ކަންކޮޅުތަކުން ހާލުގައިޖެހޭ މުސްލިމުންނަށް ހަމްދަރުދީވާކަން ސާބިތުވީ އެވެ. މިހެން ނޫންނަމަ ހާލުގައިޖެހޭ މުސްލިމުންނަށް ހަމްދަރުދީވެގެން ގުއަންޓަނަމޯ ޖަލުން މީހުން ގެންނަނީ ކަމުގައި ނުބުނެވޭނެ އެވެ.     

2001ވަނަ އަހަރު އެމެރިކާ އަފްޣާނިސްތާނަށް އެރުމުގެ ކުރިން އެ ޤައުމުގައި 17 އަހަރަށް ދެމިގެންދިޔަ، ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކުރެވުނެވެ. 2003ވަނަ އަހަރު އެމެރިކާ ޢިރާޤަށް އެރުމުގެ ކުރިން އެ ޤައުމުގައި 8 އަހަރަށް ދެމިގެންދިޔަ އީރާން ޢިރާޤް ހަނގުރާމަ އާއި މަޝްހޫރު ގަލްފު ހަނގުރާމަ ކުރެވުނެވެ. ޢިރާޤުގައި ހިނގާދިޔަ މި ދެ ހަނގުރާމައިގައި ވެސް އެތަކެއް މިލިޔަން މީހުން މަރުވެގޮސްފައި ވެއެވެ. މިއިން އެއްވެސް ކަމަކުން ދިވެހިރާއްޖެއަށް މިސައިލް ނުވަތަ ބޮމުގެ ހަމަލާތަކެއް އައިސްފައެއް ނެތެވެ. އެދުވަސްތަކުގައި ދިވެހި ޤައުމުގެ އިޤްތިޞާދު ދިޔައީ ކުރިއަރަމުންނެވެ. ދެން އޮތީ ސޯމާލިޔާގެ ވާހަކަ އެވެ. 1991ކުން ފެށިގެން އެ ޤައުމުގައި އަންނަނީ ދާޚިލީ ހަނގުރާމަ ހިނގަމުންނެވެ. އެކަމަކު ދިވެހިންނަށް އަމާޒުކޮށްގެން ކަނޑުފޭރުމުގެ ޙަރަކާތެއް ނަމަވެސް އަދި ނުހިނގަ އެވެ. މިހާތަނަށް ސޯމާލިޔާގައި ހަތަރުލައްކަ އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފައި ގޮސްފައި ވެއެވެ. ސްރީލަންކާ މިއޮތީ ދިވެހިރާއްޖެއާ މާ ގާތުގަ އެވެ. އަދި ގިނަ އަދަދެއްގެ ދިވެހީން ސްރީލަންކާއަށް ޒިޔާރަތްކޮށް އުޅުމުގެ އިތުރުން އެތަކެއް ހާސް ދިވެހިންނެއް އެ ޤައުމުގައި ދިރިއުޅެމުން ދެއެވެ. ނަމަވެސް ސްރީލަންކާގައި 25 އަހަރު ވަންދެން ހިނގަމުންދިޔަ ދާޚިލީ ހަނގުރާމަ ދިވެހިރާއްޖޭގެ ތެރެއަށް ފުޅާވެގެންނެއް ނުދިޔަ އެވެ. 1988ގައި ހިނގާދިޔަ ނޮވެމްބަރު 3ގެ ޢުދުވާނަކީ ވެރިކަމުގެ ބޭނުމުގައި ދިވެހިންގެ ބަޔަކު ގެނައި ތަމަޅަ ކުލީސިފައިންގެ ބަޔަކު ދިވެހިންގެ އިރުޝާދުގެ ދަށުން ހިންގި ޙަމަލާއެކެވެ. އެ ދުވަހުގެ އެ ނުރައްކާރތެރިކަމުގެ ވަގުތުގައި ދިވެހިންތައް މަރުވަމުން ދިޔައިރު އެހީއަށް އެދުމުން ދިފާޢުކޮށްދޭކަށް އެމެރިކާ ނައެވެ. އެކަމަކު އެމެރިކާ އާއި އިނގިރޭސިން ގުޅިގެން އިންޑިޔާ ކަނޑުގައި ހަދާފައި އޮތް އެންމެ ބޮޑު ޢަސްކަރީ މަރުކަޒު އޮތީ ދިވެހިރާއްޖެއާ ނުހަނު ކައިރީގަ އެވެ. މިހިރީވެސް ޢިބުރަތް ލިބިގަންނަންވީ ކަންކަމެވެ. ދިވެހިރާއްޖެއާއި ދިވެހިންނާ ބެހޭ ކަންކަމަކީ 1990ގެ އަހަރުތަކުގެ ފަހުކޮޅާ ހަމަޔަށް އައިއިރު ވެސް އެމެރިކާ ސަރުކާރުން ސަމާލުކަންދޭ ކަންކަމެއް ނޫނެވެ. ދާދި ފަހަކާޖެހެންދެން ވެސް އެމެރިކާ ސަރުކާރުގެ އިސްވެރިޔަކު ރާއްޖެމަތިން ކުރާ ދަތުރެއްގައި މަތިންދާބޯޓަށް ތެޔޮއަޅަންޖެހިގެން މެނުވީ މި ޤައުމަށް ތިރިކޮށްލާފައެއް ނެތެވެ. ރަނގަޅަށްވިއްޔާ އެ ދުވަސްވަރު ދިވެހިރާއްޖޭގެ އިސްވެރިޔަކު އެމެރިކާ ސަރުކާރުގެ އޮފިޝަލަކާ ނަމަވެސް ބައްދަލުކުރެވިފައި އޮންނާނީ އާދޭސް ދަންނަވައިގެންނެވެ. މިހާވެސް ބޮޑާ، ކިބުރުވެރި ބަޔަކު ކުއްލިޔަކަށް މި އުޅެގަތް ގޮތަކުން ޙައިރާންވާވަރު ވެއެވެ. އެހެނީ މިއަދު އެމެރިކާ ވަނީ ހަތަރުފަރާތުން ފިތިފަ އެވެ. ޢަސްކަރީގޮތުން ބަލިކަށިވަމުން ދިޔުމުގެ އިތުރުން އެ ޤައުމުގެ އިޤްތިޞާދު ވީރާނާވަމުން ދަނީ އެވެ. އެހެންކަމުން މިއީ މިފަދަ ހާލަތުގައި އެބައެއްގެ އާބާދީގައި ކިރިޔާ ތިންލައްކަ ހަމަވާ، ދުނިޔޭގެ ނިސްބަތުން ބައިމަދު ދިވެހިންގެ އެއްބާރުލުން ނަމަވެސް ލިބޭތޯ އުޅުން ބުއްދިވެރިކަމުގައި ބަލައިގެން އެމެރިކާ ކުރާ ކަންކަމެވެ.    
ދެން އޮތީ މަސްތުވާތަކެތީގެ ވާހަކަ އެވެ. މަސްތުވާތަކެއްޗަކީ ބޮޑު ނުރައްކަލެކޭ މިކަމުން ޤައުމު ސަލާމަތްކުރަންވިއްޔޭ ކިޔާ ގޮވެލިފަތި ގޮވާ ނަޞޭޙަތްދޭކަށް އެމެރިކާ މާ ރީއްޗެއް ނޫނެވެ. މިއަދުގެ ދުނިޔޭގައި މަސްތުވާތަކެތީގެ ވިޔަފާރިއަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާ ޕެންޓަގަން އިން ރޭވިގެން ހިންގަމުން އަންނަ ވިޔަފާރިއެކެވެ. އަފްޣާނިސްތާން މަސްތުވާތަކެތީގެ ހާއްޔެއް ކަމުގައި ހެދުމުގެ އަޑީގައި ޤާއިމްވެ އޮތީ އެމެރިކާގެ ސީ.އައި.އޭ އެވެ. އެމެރިކާއިން އަފްޣާނިސްތާނަށް އަރައިގަނެ ޠާލިބާނުންގެ ވެރިކަން ވައްޓާލަން ނިންމި އެތަކެއް ސަބަބުތަކުގެ ތެރޭގައި އެ ތަނުގައި ހައްދަމުންދިޔަ މަސްތުވާތަކެތީގެ ދަނޑުތައް ހިމާޔަތްކުރުން ހިމެނެ އެވެ. މިހެންކަމުން އަފްޣާނިސްތާނުގައި އުފެއްދޭ މަސްތުވާތަކެތީގެ މިންވަރު މިއަދު ވަނީ ކުރިން ހުރިވަރަށްވުރެ ހަތަރު ގުނަ އިތުރުކުރެވިފަ އެވެ. މިތަކެތި ގިނައިން ވިއްކަނީ މުސްލިމް ޤައުމުތަކަށެވެ. އެހެނީ މަސްތުވާތަކެތީގެ ވިޔަފާރިއަކީ މުސްލިމް ޒުވާނުން އެބައިމީހުންގެ ޤައުމަށް ބޭނުމެއް ނުހިފޭ ބޭކާރު ބަޔަކަށް ހަދާލުމަށްޓަކައި ހިންގޭ ހަނގުރާމައިގެ އެޖެންޑާއެކެވެ. މީގެ އިތުރުން މަސްތުވާތަކެތި ވިއްކައިގެން މުސްލިމް ޤައުމުތަކުގެ އިޤްތިޞާދު ބަނގުރޫޓުކުރުމަކީ އެމެރިކާގެ އެންމެ ބޮޑު އެއް އަމާޒެވެ. މިވަރުގެ ކަމެއް އެމެރިކާއިން ކުރެޔޭ ބުނުމަކުން ޙައިރާންވާކަށް ނުޖެހެ އެވެ. އެހެނީ އެމެރިކާގެ އެފް.ބީ.އައި އިން ވަނީ އެމެރިކާގެ އެތެރޭގައި މަސްތުވާތަކެތި ވިއްކާފަ އެވެ. މިކަން ކޮށްފައި ވަނީ އެ ޤައުމުގެ ކަޅު މީހުން ގިނައިން ދިރިއުޅޭ ރަށްތަކުގެ ވަކި ސަރަޙައްދުތަކެއް ފާހަގަކޮށްގެންނެވެ. ބޭނުމަކީ ކަޅު މީހުންގެ ޒުވާނުންތައް މުޅިން ހަލާކުކޮށްލުމެވެ. ކަޅު މީހުން ބަލިކަށިކޮށްލުމަށް ނުވަތަ ނެތިކޮށްލުމަށް އެމެރިކާއަށް ތަޢާރަފްކުރެވުނު މަސްތުވާތަކެތީގެ ނުރައްކަލުން އެ ޤައުމުގެ ދޮން މީހުން ވެސް މިއަދު ވަނީ ސަލާމަތް ނުކުރެވިފަ އެވެ.    

ޤައުމުތައް ކުރިއަރާނެ އެންމެ މޮޅަތި ގޮތްތައް ބުނެދޭން އެނގޭ ފަރާތަކީ އެމެރިކާ ކަމުގައި ހީކޮށްގެން ތަފާތު ވަހުމްތަކުގައި އޮޔާ ދެމެމުންދާ ދިވެހިންނަށް ބުނަންއޮތީ ކުރިއެރުމަށްޓަކައި އެމެރިކާ ބުނިހާގޮތްތަކެއް ހަދައިގެން އުޅުނު ޤައުމުތަކެއް ކަމުގައި ލެޓިން އެމެރިކާގެ ޤައުމުތައް ވިއެވެ. އެމެރިކާ ބުނަމުން ދިޔަ ކަންތައްތައް ކުރަމުންދާތާ ޤަރުނެއް ފާއިތުވީއިރު ލެޓިން އެމެރިކާގެ ޤައުމުތަކުގެ ދަރަނިތައް އިންތިހާއަށް ބޮޑުވެ އިޤްތިޞާދު ވަނީ އިނދަޖެހި ވީރާނާވެފަ އެވެ. މީގެ އިތުރުން އެ ޤައުމުތަކުގެ އިޖްތިމާޢީ ދިރިއުޅުމާއި، އަޚުލާޤިއްޔަތު ވަނީ ފުނޑުފުނޑުވެފަ އެވެ. އެތަނުން ކިތަންމެ ޤައުމެއްގެ އަމަނު ބަލަހައްޓާ ސިފައިންނާ ފުލުހުންގެ ބާރަށްވުރެ މަސްތުވާތަކެތި ވިއްކާ ހަތިޔާރުއެޅި ގޭންގުތަކުގެ ބާރު ގަދަ އެވެ. ކެރީބިއަންގެ ޤައުމެއް ކަމަށްވާ ޖެމެއިކާގައި މިހާރު ފެށިގެންއުޅޭ ދާޚިލީ ހަމަނުޖެހުން ނުވަތަ ހަނގުރާމައަކީ ވެސް މަސްތުވާތަކެތި ވިއްކުމާއި އެތަކެތި ބޭނުންކުރުމުގެ ސަބަބުން ފެށިގެންއުޅޭ ލޭއޮހޮރުވުންތަކެކެވެ. އެމެރިކާ އަކީ އެ ޤައުމާ ގުޅިގެން އުޅޭ ފަރާތްތަކަށް ފެންކައްކާ ބޮލީގެ ޢިއްޒަތްދޭން ވަރަށް މޮޅަށް ދަންނަ ބައެކެވެ. ފެން ކައްކާ ބޮއްޔަށް ވެސް ވާގޮތަކީ ބޭނުން ފުދުމުން ނަގާ އެއްލާލެވެނީ އެވެ. މީގެ މިސާލަކަށް ޢިރާޤުގެ ވެރިކަމުގައި ހުރި ޞައްދާމް ޙުސެއިނާއި ޕެނަމާގެ ރައީސްކަމުގައި ހުރި މެނުއަލް އެންޓޯނިއޯ ނޮރިއޭގާއަށް އެމެރިކާ ހެދިގޮތް ޢިބުރަތެއް ކަމުގައި ފުދޭހައި ވެއެވެ. މި ދެމީހުންނަކީ ވެސް ކުރީގައި ސީ.އައި.އޭގެ އޭޖެންޓުންނެވެ.  
އެމެރިކާގެ އެމްބެސެޑަރު ދައްކާ ދަޅަތަކާ އެއްގޮތަށް ހެއްލިގެން ކަންކަން ކުރާނަމަ އެކަމުގެ އެންމެ ފަހުގެ ނަތީޖާއަކަށް ވާނީ ދިވެހިން އަމިއްލައަށް އެބައިމީހުންގެ ކަރަށް އެމެރިކާއިން ފޯރުކޮށްދޭ ދަންމަޅި މަހާލުމެވެ. މިހެންވުމުން އެމެރިކާ އޮންނާނީ އެތެރެއިން ބަޑަށް ހީލަހީލަ އެވެ. އެހެނީ އެމީހުން ބޭނުންވެއްޖެ ވަގުތެއްގައި ދިވެހި ޤައުމު ދަންޖެއްސުމަކީ ދާދި ފަސޭހަކަމަކަށް ވާތީ އެވެ. މިކަމާމެދު އެންމެހާ ދިވެހިން ވިސްނާ ހޭވެރިވެ ތިބުން ބުއްދިވެރި އެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

އަލްއަޚް އިބްރާހީމް ނާޒިމްގެ ބައެއް އެހެނިހެން ޕޯސްޓުތައް