ލިޔުނީ: އާދަމް ޔަޢީޝް

2011 ވަނަ އަހަރު އިޒްރޭލުގެ ޢަސްކަރިއްޔާއިން ފަލަސްޠީނުގެ 3312 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްޠީނުގެ އަސީރުންނާއި ބެހޭ ތަޖުރިބާކާރެއްކަމުގައިވާ ޢަބްދުލް ނާޞިރު ފަރުވާނާ ވިދާޅުވެއްޖެއެވެ. 
އޭނާ ނެރުއްވާފައިވާ ދިރާސާ ރިޕޯޓުގައިވާ ގޮތުން  2011 ވަނަ އަހަރު ކޮންމެ މަހަކު އެވްރެޖްގޮތެއްގައި ފަލަސްޠީނުގެ 276 މީހުން، އިޒްރޭލުން ހައްޔަރުކޮށްފައިވެއެވެ. އެއީ ކޮންމެ ދުވަހަަކު އެވްރެޖްގޮތެއްގައި 9 މީހުންނެވެ.
2011 ވަނަ އަހަރު ހައްޔަރުކކުރި މީހުންގެ ތެރެއިން 113 މީހުން ވަނީ އޮކްޓޯބަރު މަހު އިޒްރޭލާއި ޙަމާސް އާއި ދެމެދު ވެވުނު އަސީރުން މިނިވަންކުރުމުގެ އެއްބަސްވުމުގެ ދަށުން ދޫކޮށްލާފައެވެ.

ފަރުވާނާ ވިދާޅުވިގޮތުގައި ކުރީގެ އަހަރުތަކަށް ވުރެ މިއަހަރު ހައްޔަރުކޮށްފައިވާ މީހުންގެ ޢަދަދު ކޮންމެވެސް މިންވަރަކަށް ވަނީ މަދުވެފައެވެ. އެގޮތުން 2007 ވަނަ އަހަރު އިޒްރޭލުން ވަނީ ފަލަސްޠީނުގެ 7216 މީހުން ހައްޔަރުކޮށްފައެވެ.
”ރާމަﷲ“ ގައި ހުންނަ އަސީރުންނާ ބެހޭ ޖަމްޢިއްޔާއެއް ކަމަށްވާ ”އައްޟަމީރް“ އިން ބުނި ގޮތުގައި އިޒްރޭލު ސިފައިން ވަނީ އޮކްޓޯބަރު މަހު އަސީރުން މިނިވަންކުރުމުގެ އެއްބަސްވުމުގެ ދަށުން މިނިވަންކުރި މީހުންގެ ޢަދަދާ އެއްވަރަށް ޑިސެމްބަރު މަހު އަލުން މީހުން ހައްޔަރުކޮށްފައެވެ.  އެގޮތުން އޮކްޓޯބަރު މަހު ޙަމާސް އިން ހައްޔަރުކުރި އިޒްރޭލުގެ ސިފައިންގެ މީހާގެ ބަދަލުގައި ދޫކޮށްލި 477 މީހުންގެ ބަދަލުގައި އިތުރު 470 މީހުން އިޒްރޭލުން ހައްޔަރުކޮށްފައިވެއެވެ. 
އެ ޖަމްޢިއްޔާއިން ބުނިގޮތުގައި މިކަމުން އަންގައިދެނީ އިޒްރޭލުން ފަލަސްޠީނުގެ މީހުން ހައްޔަރުކުރުމުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމެވެ.
”އައްޟަމީރް“ އިން އެންމެފަހުން ނެރުނު ހިސާބުތަކުން ދައްކާ ގޮތުގައި 2011 ވަނަ އަހަރުގެ މިއަދާ ހަމައަށް ފަލަސްޠީނުގެ4739 މީހުން އިޒްރޭލުން ހައްޔަރުކޮށްފައިވެއެވެ. 1967 ވަނަ އަހަރު އިޒްރޭލުން ފަލަސްޠީނުގެ ބިންތަށް އިސްތިޢުމާރުކުރި ފަހުން މިހާތަނަށް ފަލަސްޠީނުގެ 750000 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ފަލަސްޠީނުގެ ސަރުކާރުގެ ރިޕޯޓުތަކުން ހާމަވެއެވެ. ފަލަސްޠީނުގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން 40 ޕަސެންޓު މީހުންނަކީ އެމީހުންގެ ޙަޔާތުގެ ކޮންމެވެސްް ހިސާބެެއްގައި އިޒްރޭލު ސިފައިންގެ ހައްޔަރުގެ ދަށަށް ގެންދެވިފައިވާ މީހުންނެވެ.

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު