ސެކިޔުލަރިޒަމް

މުޙައްމަދު ނަޝީދު އާދަމް (އަބޫ ޢަބްދި ﷲ) - 01 މެއި 2016 - 13:30

ސެކިޔުލަރިޒަމް ނުވަތަ ޢަލްމާނިއްޔަތު އަކީ ދީނާއި ދުނިޔެ ވަކިކޮށް ދުނިޔޭގެ ވެރިކަމަށް އަމިއްލަ އެދުންވެރިކަން އިސްކުރުވުމެވެ؛ އަދި ދީނާއި ދައުލަތް ވަކި ކުރުވައި، އަދި ވަރި ކުރުވައި، ދައުލަތުގެ ހުރިހާ ބާރަކާއި ނުފޫޒެއް ލާދީނީ ކަފަނުގައި ޕާރުސަލު ކޮށްފައި ހަވާނަފްސާ ހަވާލު ކުރުމެވެ. ބާޠިލު ދީން ތަކުގެ އަހުލު ވެރި ކާފިރުންނަށް މި ގޮތް ގޯހެއް ނުވާނެއެވެ. އެހެނީ އެ މީހުންނަށް ދުނިޔަވީ ގޮތުން ވެސް ސަލާމަތާއި ކުރިއެރުން ލިބޭނީ އެ މީހުން އޭގެ މަތީގައި އެ ތިބި ބާޠިލު ދީނާ ދުރުހެލިވީ މިންވަރަކުންނެވެ.

އެކަމަކު އެއްކައުވަންތަ ޙައްޤު އިލާހަށް ތަބާވެ، އެކަލާނގެއަށް ބޯލަނބައިގެން ތިބި، ޙައްޤު ދީނުގެ އަހުލު ވެރީންނަށް މި ސެކިޔުލަރިޒަމް އެއްގޮތަކަށްވެސް ކަމަކުނުދާނެއެވެ. އެހެނީ މުސްލިމުންނަށްޓަކައި ދެދުނިޔޭގެ ބާއްޖަވެރިކަންވެސް ގުޅިފައިވަނީ އެމީހުން ތަބާވެގެން އެތިބި ޙައްޤު ދީނުގައި އެމީހުން ހިފަހައްޓާ މިންވަރަކާ އެވެ. އިސްލާމް ދީނުގައި ހިފަހައްޓައިގެން، ކީރިތި މާތް ޙައްޤު އިލާހަށް ކިޔަމަންވުމުން މެނުވީ މުސްލިމުންނަށް ދުނިޔަވީ ކުރިއެރުމާއި ތަރައްޤީއެއް އަދި އުޚްރަވީ ފަލާޙެއް ލިބުމެއް ނެތެވެ.  الخليفة الراشد أمير المؤمنين عمر رضى الله عنه ވިދާޅު ވެފައި ވަނީ ވަރަށް ބޮޑު ތެދުފުޅެކެވެ. "نحن قومٌ أعزّنا اللهُ بالإسلام، و مَهْما ابتغينا العزّة بغيره اذلّنا الله". (އަހަރެމެންނަކީ އިސްލާމް ދީނުގެ ސަބަބުން ކީރިތި މާތް الله ޢިއްޒަތްތެރި ކުރައްވާފައި ވާ ބަޔަކީމުއެވެ؛ ވީމާ، އިސްލާމް ދީން ފިޔަވައި އެހެން ސަބަބަކުން ޢިއްޒަތްތެރިކަން ލިބިގަތުމަށް އަހަރެމެން މަސައްކަތް ކޮށްފިނަމަ ކީރިތި الله އަހަރެމެން ނިކަމެތި ކުރައްވާނެތެވެ.)

ސެކިޔުލަރިޒަމް ނުވަތަ ޢަލްމާނިއްޔަތު އަކީ އިލްޙާދީ ކުފްރުގެ މައި ގޭޓެވެ. ޚާލިޤުވަންތަ، ރާޒިޤުވަންތަ މާތް قـَـيـُّـوم السماوات و الأرضِ ގެ ވުޖޫދަށް އިންކާރު ކުރުވުމަށް ދެވޭ އޭތިއިސްޓް ދަޢުވަތާއި އެ ދަޢުވަތު ފެތުރުމަށް ކުރެވޭ ފާފަވެރި މަސައްކަތްތައް ފެށިގެން އަންނަނީ ޢަލްމާނިއްޔަތުގެ މުޑުދާރު ވެށިތަކުންނެވެ. މުސްލިމުންގެ ހިތްތަކުގައިވާ އީމާންކަމުގެ ނޫރު ނިއްވާލުމަށް ކިބުރުވެރި ކާފިރު އިބިލީހުން ކުރާ މަސައްކަތުގައި ބޭނުންކުރާ އެންމެ އިސް އަދި އެންމެ ނަޖިސް ހަތިޔާރަކީ ސެކިޔުލަޒިމްގެ ރަހަ އާއި ވަސް ދައްކައިގެން މުސްލިމުން ރޯނާކޮށް ވާވެއްދުމެވެ. ސެކިޔުލަރ ވެގެން ނޫނީ ތަރައްގީ ނުގެނެވޭނެ ކަމުގެ ދޮގު ބަހަނާ އެއުރެން ދައްކަމުން ދާއިރު އެބުނާ ބަހުގެ ބުހުތާންކަން ފޮރުވުމަށްޓަކައި ހުޅަނގާއި އިރުމަތީގެ މުސްލިމު ނޫން ޤައުމު ތަކުގެ ކުރިއެރުމުން މިސާލު ޖަހައިގެން މުސްލިމުންގެ ހިތްތަކަށް ވަދެގަތުމަށް އެއުރެން މަސައްކަތް ކުރާނެއެވެ. އެކަމަކު އެ ޣައިރު މުސްލިމު ޤައުމުތަކަށް ވެރިވެފައިވާ ޝިރްކާއި ކުފުރުގެ ޢަޤީދާތަކާއި ބާޠިލު ދީންތަކަކީ އެތަކެއްޗާއެކު ކުރިއެރުމެއް، ހަމަޖެހުމެއް، އަދި ދެމިތިބުމެއްވެސް ނުލިބޭ ފަދަ މަގުފުރެއްދުން ތަކެއްކަން ބުނެއެއް ނުދޭނެއެވެ. ޙަޤީޤަތް ބުނެދޭން އެނގޭ ވަރަށްވުރެ މާފުނަށް ޖާހިލުކަމުގައި ވަޅުލެވިފައި ވަނީ ކަންނޭގެއެވެ.

ބާޠިލު ދީންތަކުގެ އަހުލުވެރީން، ޙައްޤު ދީނަށް އިންކާރުކޮށް ފުރަގަސްދޭ ޙާލު، އެ މީހުންނަށް ދުނިޔަވީ ތަރައްގީ ހޯދޭނެ ހަމައެކަނި ގޮތަކީ އެ މީހުންގެ އެ ޚުރާފީ މަގުފުރެދުންތަކާ ދުރުވެ އެމީހުންގެ ދުނިޔެ އާއި ދައުލަތް އެ ބާޠިލު ދީންތަކުން ވަކިކުރުވާ ވަކި ކުރުވުމެވެ. އެ މީހުން ތަބާވެގެން އުޅޭ ބާޠިލު ދީންތައް ހައްޔަރުކޮށް، އެމީހުންގެ ފަޅުވަމުންދާ ފައްޅިތަކުގައި އެ ބަންދުކޮށް، އެކަހެރި ކޮށްގެން ނޫނީ ދުނިޔަވީ  ދިރިއުޅުމުގައި ހަމަޖެހުމުގެ ނޭވާ އެއްވެސް އެ މީހުންނަކަށް ލެވޭކަށް ނޯވެއެވެ. މިއީ އެމީހުންނަށް ތަޖުރިބާ އިން ކަށަވަރު ކުރެވިފައިވާ މުޖައްރަބު ޙަޤީޤަތެކެވެ. ކުފުރުގެ ތަޅުތަކާއި މަކުޑިތަކުން ތަޅުލެވި ބަންދު ކުރެވިފައިވާ ހިތްތަކުގެ މިވެރީންނަކީ ޙައްޤު އިލާހާ މެދު، ނުވަތަ އާޚިރަތް ދުވަހާ މެދު، ނުވަތަ ތިމާމެންގެ ބުހުތާން ޢަޤީދާތަކުގެ ޞައްޙަ ނޫން ކަމާމެދު، އެއްވެސް ޚިޔާލެއް ފިކުރެއް ގެންގުޅޭ ބަޔަކަށް ނުވާތީވެ އެމީހުންގެ ހުރިހާ ސަމާލުކަމެއް ފޯކަސް ކުރެވިފައިވަނީ ދުނިޔަވީ އުފަލާއި އަރާމާ ދިމާލަށެވެ. މި ގޮތުން އެމީހުން ވިސްނާ ފިކުރުކޮށް ބެލިއިރު އެ މީހުންގެ މުޖްތަމަޢުތަކަށް ކުރިއެރުމާއި ތަރައްޤީ ޙާޞިލުވާނީ ކުފުރު ގެ ނާރެސް ކަމުގައިވާ ފައްޅިތަކުގެ ފާދިރީންނަށް ލިބިފައިވާ ބާރާއި ނުފޫޒުތައް މުލުން ލުހެލައި، އެ ފާދިރީންތައް އެމީހުންގެ ސައިޒަށް ތިރިކޮށް މައިތިރި ކޮށްގެންނެވެ. މިއީ ސެކިޔުލަރިޒަމް ނުވަތަ ޢަލްމާނިއްޔަތު ދުނިޔެއަށް އުފަންވާން ދިމާވި ސަބަބެވެ. ބާޠިލު ދީންތަކުގެ އަހުލުވެރީން އެބާޠިލު ދީންތައް ދޫކުރުމަކާ ނުލައި އޭގެ ސުންޕާ ވަބާއިން ސަލާމަތްވުމަށް ހެދި ޙީލަތަކީ މިދަންނަވާ ސެކިޔުލަރިޒަމް އެމީހުންގެ މުޖަމަޢުތަކަށް ތަޢާރަފު ކުރުމެވެ. އެ މީހުންނަށް ސެކިޔުލަރިޒަމް ކަމުދަނީ އެއީ ބާޠިލު ދީންތަކުގެ އަހުލުވެރީންނަށް އެއުރެން ވާތީއެވެ. އަޅުގަޑުމެން މުސްލިމުންނަށް ސެކިޔުލަރިޒަމް ކަމުނުދަނީ އަދި އަޅުގަޑުމެންނަށް އެ ސެކިޔުލަރިޒަމްއިން  ގެއްލުމާއި ހަލާކު ލިބެނީ، އަޅުގަޑުމެންނަކީ ޙައްޤު އިލާހަށް އީމާންވެ، އެ ކަލާނގެއަށް ބޯލަނބައި، އެ ކަލާނގެ ރުހިވޮޑިގެންނެވި ޙައްޤު ދީނަށް ތަބާވެގެން ތިބި ބަޔަކަށްވާތީއެވެ.    

މުސްލިމުންގެ ނަމުގައި ތިބެ، ދީނާއި ދައުލަތާ ވަކިކޮށް ހަމައެކަނި އަޅުކަމުގެ طقوس (ritual) ތަކުގައި  އިސްލާމް ދީން ބަނދެ ހައްޔަރުކޮށް އިހުމާލުގެ ކުޑަގޮޅީގައި ޙައްޤު ދީން ޤައިދުކުރަން މަސައްކަތް ކުރާ ސެއކިޔުލަރ ޚިޔާލުގެ ކޮންމެ މީހަކުވެސް ޖަވާބުދޭން ޖެހޭ ސުވާލުތަކެއް އެބަވެއެވެ.

ފުރަތަމަ ސުވާލަކީ "އެއްކައުވަންތަ ޙައްޤު އިލާހު ކަމުގައި ވޮޑިގެންވާ ކީރިތި މާތް الله عزّ و جلّ އަށް ތިބާ އީމާން ވަމުހޭ؟" މިއެވެ. މީގެ ޖަވާބުގައި "ތިމަންނަ އީމާނެއް ނުވަމުއޭ" ބުނެފިނަމަ އެއީ ތިމާގެ އާޚިރަތް ވިއްކާލާފައި ހަލާކު ގަނެގެން އުޅޭ ކާފިރު މުޖުރިމެކެވެ. އެ މީހަކާ އަޅުގަޑުމެން މި މައުޟޫޢުގައި ދައްކާނެ އިތުރު ވާހަކައެއް ނޯންނާނެވެ. އެކަމަކު ތިމަންނަ "އީމާން ވަމުއޭ" ބުނެފިނަމަ އަނެއްކާވެސް ތިލަވެގެން އަންނަ އަނެއް ސުވާލަކީ: "ކީރިތި މާތް الله عزّ و جلّ އަށް އީމާންވާ ކަމުގައިވާނަމަ އެކަލާނގެ ރުހިވޮޑިގެންނެވި އަދި އެކަލާނގެ ބާވާލެއްވި މާތް ޙައްޤު ދީނުގެ އެއްބައި ޤަބޫލުކޮށްފައި އަނެއްބައި ޤަބޫލު ނުކުރަނީ ހެއްޔެވެ؟" މި ސުވާލު ގެ ޖަވާބު ގައި "ޙައްޤު ދީން ކަމުގައިވާ އިސްލާމްދީނުގެ އެއްބައި ޤަބޫލުކޮށްފައި އަނެއްބައި ތިމަންނަ ޤަބޫލެއް ނުކުރަމޭ" ބުނެފިނަމަ އެމީހަކީ އިސްލާމް ދީނުގެ ރައްކާތެރިކަމާއި ޙިމާޔަތުގެ ހިޔާވަހިކަމުން ބޭރުވެގަނެގެން އުޅޭ މުރުތައްދެކެވެ. ސީދާ ވެގެންވާ ތެދުމަގަށް ރުޖޫޢަވެ އީމާންކަމުގެ ނޫރާނީ ހިޔަލަށް އެބުރި އައުމަށް ދަޢުވަތު ދިނުން ފިޔަވައި މި މީހާއަށް މުޚާޠަބުކޮށް އަޅުގަޑުމެން ދައްކާނެ އިތުރު ވާހަކައެއް ނޯންނާނެވެ. އެކަމަކު ތިމަންނަ "އިސްލާމްދީން އެއީ ޙައްޤުދީން ކަމުގައި ދެކިގެން، އެ ދީނަށް ތަބާވެ، އެ ދީނުގެ ހުރިހާ ޙުކްމުތަކެއް ޖުމްލަކޮށް އަދި ތަފްޞީލުކޮށް ޤަބޫލު ކުރަމޭ" ބުނެފިނަމަ ދެން ކުރިމަތިވާ ސުވާލަކީ: "ޙައްޤު އިލާހަށް އީމާންވެ، އެ ކަލާނގެއަށް ކިޔަމަންވާން ޖެހޭކަން ޤަބޫލުކުރުމާއި ސެކިޔުލަރިޒަމް ޤަބޫލު ކުރުމާއި، މި ދެކަންތައް އެއް ހިތެއްގައި ޖަމާވާނީ ކިހިނަކުން ހެއްޔެވެ؟"

ކީރިތި މާތް الله سبحانه و تعالى އަށް އީމާންވެ، އިސްލާމްދީން އެއީ ޙައްޤު ދީންކަމުގައި ހިތުގެއަޑިން ތެދުކޮށް ޤަބޫލުކުރާ މީހެއްގެ ހިތުގައި، މި އީމާންކަމާއި ސެކިޔުލަރިޒަމް ޤަބޫލު ކުރުމާއި، މި ދެ ކަންތައް ޖަމާވުމަކީ ހަމަ ޔަޤީނުންވެސް މުސްތަޙީލު ކަމެކެވެ. އެހެނީ ކީރިތި މާތް الله عزّ و جلّ އަމުރު ކުރައްވަނީ މުޅި އިސްލާމްދީން ޤަބޫލުކޮށް އެ ދީނަށް ތަބާވެ، އެ ދީނުގެ އެންމެހާ ޙުކްމުތަކަށް ޢަމަލު ކުރުމަށެވެ.

ސެލެކްޓިވްކޮށް އިސްލާމްދީނުގެ އެއްބައިގައި ހިފާފައި، އަނެއްބައި ދޫކޮށް އިހުމާލު ކުރުމުގެ އިޚްތިޔާރު މުސްލިމުންނަކަށް ލިބިގެންނެއް ނުވެއެވެ. އެކަމަކު ސެކިޔުލަރިޒަމް ބުނަނީ: "ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ފަރުދީ ބައެއް ކަންތައްތަކުގައި ދީން އަންގާ ގޮތަށް ކަންތައްތައް ކުރުމަކީ މައްސަލައެއް ނޫނެވެ؛ އެކަމަކު ޖަމާޢަތުގެ ނުވަތަ ކޮމިޔުނިޓީގެ ކަންތައްތަކާއި އަދި ޤައުމީ ހުރިހާ ކަންތައްތަކެއްގައި، އަދި އޭގެ އިތުރަށް ބައިނަލްއަޤްވާމީ ހުރިހާ ގުޅުންތަކެއްގައި، އެއްގޮތަކަށްވެސް ދީން ބައްސައިގެން ނުވާނެއެވެ؛ އެއީ ޙައްޤު ދީން ކަމުގައި ވިޔަސް ވަރިހަމައެވެ."

ތިޔަ އެންމެހާ ބޭފުޅުން ހެކިވެ ވަޑައިގަންނަވާށެވެ! އަޅުގަޑު ސެކިޔުލަރިޒަމް އަށް ކާފިރު ވެއްޖައީމުއެވެ؛ އަދި ޢާލަމު ތަކުގެ رَبُّ ، خالق ވަންތަ رازق ވަންތަ ގަދަ ކީރިތި ވަންތަ މަތިވެރި މާތް الله عزّ و جلّ އަށް އީމާން ވެއްޖައީމުއެވެ.

رضيتُ بالله ربّا، و بالإسلام دينا، و بمحمد نبيّا، صلّى الله عليه و على آله و سلّم، و الحمد لله ربّ العالمين.

މުޙައްމަދު ނަޝީދު އާދަމް (އަބޫ ޢަބްދި ﷲ)ގެ ބައެއް އެހެނިހެން ޕޯސްޓުތައް