ޙަޤީޤަތް އޮޅުވާނުލާށެވެ!

އަލްއަޚް ރާމިޒު އަބޫބަކުރު - 05 އޭޕްރީލް 2016 - 22:53

އިންސާނުންނަކީ ވަރަށް އަވަހަށް ހަނދާންނެތޭ ބައެކެވެ. "އިންސާން" މި ބަހުގެ އެއް މާނައަކީވެސް ގިނަގިނައިން ހަނދާންނެތުމެވެ. މިއީ މާތް ﷲ، އިންސާނާ އުފައްދަވާފައިވާ ގޮތެވެ. އެއީ އިންސާނާގެ ޠަބީޢަތެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

"އިންސާނާއަށް އުނދަގުލެއްޖެހޭހިނދު (އެކަމެއް ފިއްލަވާތޯ) އޭނާގެ ވެރިރަސްކަލާނގެ حضرة އަށް رجوع ވެ دعاء ކުރެތެވެ. ދެން، އޭނާއަށް نعمة އެއް ދެއްވައިފިނަމަ، އެފަރާތަކަށް އޭނާ دعاء ކޮށް އުޅުނުފަރާތް (އެބަހީ: ﷲ) ހަނދާން ނައްތައިލައެވެ."
(އައްޒުމަރް 8)

ނަމަވެސް ކަންކަމުން ރެކެން އޮންނަ ސަބަބަކަށް މިކަން (ހަނދާންނެތުން) ހަދައިގެން ނުވާނެއެވެ. އިންސާނުންނާއި އެހެނިހެން މަޚްލޫޤުން ތަފާތުވާ އެންމެ މައިގަނޑު އެއްކަމަކީ އެބައިމީހުންނަށް ބުއްދީގެ ނިޢުމަތް ދެއްވާފައިވާކަމެވެ. އެބައިމީހުންގެ ޙިއްސުތަކުގެ ބޭނުން ފުރިހަމަގޮތުގައި ނުހިފާ މީހުންނާމެދު ކީރިތި ޤުރުއާނުގައި އައިސްފައިވަނީ މިފަދައިންނެވެ.

"އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ غافل ވެގެންވާ ބަޔެކެވެ." الاعراف 179

ދުނިޔެ މަތީގައި އިންސާނާއަށް ދިމާވާ ކަންތައްތަކުން އަރައިގަތުމަށްޓަކައި ބުއްދީގެ ބޭނުން ހިފަންޖެހެއެވެ. މިގޮތުން ކީރިތި ޤުރުއާނުގައި އެތައްފަހަރަކު ބުއްދީގެ ބޭނުން ހިފުމަށާއި ފިކުރުކުރުމަށް އިރުޝާދުދެއްވާފައިވެއެވެ.

"އެއުރެންނީ، ބުނެވޭބަސް އަޑުއަހާ، އޭގެތެރެއިން އެންމެރަނގަޅު ތަކެއްޗަށް تبع ވާ މީހުންނެވެ. އެއުރެންނަށް ﷲ ތެދުމަގު ދެއްކެވި މީހުންނީ އެއީއެވެ. އަދި ބުއްދީގެ أهل ވެރިންނީވެސް، ހަމައެއުރެންނެވެ." (އައްޒުމަރ 18)

މިދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެކެވެ. މިގޮތުން، ތަފާތު ގޮތް ގޮތަށް އަދި ހަމަ އެހެންމެ ތަފާތު ނަންނަމުގައި އިމްތިޙާނުތަކާ ކުރިމަތިލާން ޖެހިދެއެވެ. މި ދުނިޔޭގެ އެންމެ ބޮޑު އެއް އަސްލަކީ ޙަޤީޤަތާ ކުރިމަތިލުމެވެ. އިމްތިޙާނެއްގެ ގޮތުގައެވެ. ޙަޤީޤަތާ ކުރިމަތިލާ ހިނދު އެއިން އެއްކިބާވުމަކީ ދެދުނިޔޭގައި ވެސް އޭގެ ގެއްލުން ހުރި ބިރުވެރި ކަމެކެވެ. ހިތާމައަކީ، އިންސާނުންގެ ތެރެއިން ބަޔަކު ގަސްތުގައި މީސްތަކުންނަށް ކަންތައްތައް އޮޅުވާލުމަށް، ކެނޑިނޭޅި މަސައްކަތް ކުރަމުންދެއެވެ.

މިބައި މީހުން ކުރާ ބައެއްކަންތައްތަކަށް ބަލާލާއިރު، މާތް ﷲ ޙަރާމްކުރައްވާފައިވާ ރިބާ ތަފާތު ނަންނަމުގައި އިޝްތިހާރުކޮށް ފަތުރަމުންދިއުމެވެ. މިގޮތުން އިންޓަރެސްޓް، ފައިދާ، ލުއި ލޯން އަދި ހަދިޔާ ފަދަ ނަންނަމުގައި މިނުބައި ޢަމަލު ފަތުރަމުންދެއެވެ. ޙަޤީޤަތަކީ މާތް ﷲ ޙަރާމްކުރައްވައި، އެކަމުގެ މައްޗަށް އެކަލާނގެ އާއި ރަސޫލާ صلى الله عليه وسلم ހަނގުރާމަ އިޢުލާނުކޮށްފައިވާ މި ރިބާއަށް ކިތަންމެ ރިވެތި ނަމެއް ކީނަމަވެސް އަދި ކިތަންމެ ލުއި ކުރިނަމަވެސް މިއީ ތިބާގެ ދެދުނިޔެ އަމިއްލަ އަތުން ހަލާކުގެ ތެރެއަށް ވައްޓާލުންނޫން ދެވަނަކަމެއް ނޫނެވެ. އާޚިރުގައި އެކަން ވެގެންދާނީ ތިބާއަށް ނުއުފުލޭވަރުގެ ބޮޑު ބުރައަކަށެވެ.

"ފަހެ، ތިޔަބައިމީހުން (ނަށް أمر ވެވިގެންވާ ގޮތަށް) عمل ނުކޮށްފިނަމަ، ﷲ އާއި، އެކަލާނގެ رسول އާގެ حضرة ން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން يقين ކޮށް ދެނެގަންނަ ހުށިކަމެވެ! ތިޔަބައިމީހުން (رِبا ދޫކޮށް) އެނބުރި رجوع ވެ توبة ވެއްޖެނަމަ ތިޔަބައިމީހުންގެ رأس المال ތައް، ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ." (އަލްބަޤަރާ 279)

ހަމައެފަދައިން ޒިނޭއަކީ ވެސް މާތް ﷲ ޙަރާމްކުރައްވާފައިވާ ބޮޑު މުންކަރާތެކެވެ. ނަމަވެސް މިނުބައި ފާޙިޝް ޢަމަލު އާދައިގެ ކަމެއްގެ ގޮތުގައި ބަލައި، ބައެއް މީހުން ޒިނޭ މިލަފްޒުވެސް ބޭނުންކުރުން ހުއްޓާލައިފިއެވެ. މީގެ ބަދަލުގައި ބުނަމުންދަނީ، އެވެނި ބަޔަކު ކައިވެނިން ބޭރުގައި ގުޅުން ހިންގައިފިކަމުގައެވެ. ކަންމިހެންހުރިއިރު ޒިނޭކުރުން ކުށްވެރިކުރުމަކާއިނުލައި، އާންމުނަންނަށް އަމާޒުކުރެވިގެން އެއިޑްސްއިން ރައްކައުތެރިވުމަށް ހުރަސް ބޭނުންކުރުމަށް، ސަރުކާރުގެ ރަސްމީ އިދާރާތަކުން އިރުޝާދުދީފައިވާކަމީ ހިތާމަހުރިކަމެކެވެ.

"އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ." (އަލްއިސްރާ 32)

މީގެ އިތުރުން މިއުޒިކަކީވެސް މާތް ﷲ ޙަރާމްކުރައްވާފައިވާ ބޮޑު ފާފައެކެވެ. މިއުޒިކް ޙަރާމްކަމަށް އައިސްފައިވާ ދަލީލުތައް ވަރުގަދަކަމުން މިކަން ޙަލާލުވާނެ އަދި ޙަލާލުކުރެވޭނެ އެއްވެސް ގޮތެއްނެތެވެ. ނަމަވެސް ލަވަކިޔަމުންދާ ބައެއް ކުދިން ބުނަނީ އެއީ މާތް ﷲ، އެކުދިންނަށް ދެއްވާފައިވާ ހުނަރެއްކަމަށެވެ. ސުބްޙާނަﷲ، މިކުދިންނަށް މިބުނެވުނު ބަހުގެ ނުބައިކަމާއެވެ. ކިތަންމެ މޮޅު ހުނަރެއް ލިބިފައިވީ ކަމުގައި ވިޔަސް މާތް ﷲ ޙަރާމް ކުރައްވާފައިވާކަމެއް ހުއްދަވާނީ ކޮންފަދަކުންތޯއެވެ. ފަހެ، އަޑު ގެންގުޅުމުގެ ހުނަރު ބޭނުންކުރުމަށް، މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ ނަމާދަށް މީސްތަކުންނަށް ގޮވާލުމަށްޓަކައި ބަންގި ގޮވުން ވާނީ ކިހާ ބޮޑު ހެޔޮކަމަކަށްތޯއެވެ. މޯލްޑިވިއަން އައިޑޮލް، ފަދަ މުންކަރާތްތަކާއި ދުރުވަމާއި ހިންގާށެވެ. އެހެނީ އެފަދަ މުންކަރާތް އާއްމުކުރާނީ އިޑިއަޓުންނެވެ.

މިފަދަ މުންކަރާތްރަކުން އަޅުގަނޑުމެންނަށް ދުރުވެވޭނީ ހަވާނަފްސުގެ އެދުންތަކުގެ މައްޗަށް، ބުއްދި އިސްކޮށްގެންނެވެ. މަރުވުމަށްފަހު އެހެން ޙަޔާތެއްވާކަން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެންނެވެ. އާދެ، މަރަކީ އާޙަޔާތެއްގެ ފެށުމެކެވެ. އެހެންކަމުން، ޙަޤީޤަތް އޮޅޭފަދަ ކަންތައްތަކުން އެއްކިބާވެ، ﷲ ގެ މަގަށް މީސްތަކުންނަށް ގޮވާލާބަޔަކަށްވަމާ ހިންގަވާށެވެ.
"ﷲ ގެ حضرة އަށް (އައުމަށް) ގޮވާލައި، އަދި صالح عمل ކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ (ﷲ އަށް) ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާ މީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟" (ފުއްޞިލަތު 33)

އަލްއަޚް ރާމިޒު އަބޫބަކުރުގެ ބައެއް އެހެނިހެން ޕޯސްޓުތައް