ޙައްޤު ނަފީކޮށް ބާޠިލުގޮތް ޘާބިތުކުރުން

އައްޝައިޚް ޙަސަން މޫސާ ފިކުރީ - 25 ފެބްރުއަރީ 2016 - 17:23

ޖާހިލިއްޔަ ޒަމާނުގެ އުޞޫލުތަކާއި ޢަޤީދާތަކުގެ ތެރެއިން އިސްވެބަޔާންކުރެވުނު ހުރިހާ ކަމެއްމެ ބިނާވެފައިވަނީ النَّفْيِ وَالإِثْبَاتِ ގެ މައްޗަށެވެ. (އެބަހީ: ނަފީކުރުމާއި ޘާބިތުކުރުމުގެ މައްޗަށެވެ.) އެމީހުންގެ ހަވާނަފްސަށް ތަބާވުމާއި، ނަބީބޭކަލުން ގެންނެވި ކަންކަމުން އެއްކިބާވެ ދެކޮޅުހެދުމެވެ.

[ޖާހިލިއްޔަތުގެ އަހުލުވެރިންގެ ކަންތައްތަކުގެ ތެރެއިން ޝެއިޚް މުޙައްމަދު ބުނު ޢަބްދުލްވައްހާބު ބަޔާންކުރައްވާފައިވާ ހުރިހާ މައްސަލަތަކެއްވެސް ގުޅިފައިވަނީ النَّفْيِ وَالإِثْبَاتِ އާއެވެ. އެމީހުން ޘާބިތުކުރަނީ، ނުވަތަ އެގޮތެއްގެ މަތީގައި ދެމިތިބޭ ގޮތެއްކަމުގައި ހިފަނީ މާތް ﷲ ނަފީކުރައްވާފައިވާ ކަންތައްތަކުގައެވެ. އަދި މާތް ﷲ ޘާބިތުކުރައްވާފައިވާ ކަންތައްތަކުން އެއްކިބާވެ އެކަންކަމާއި ދެކޮޅުހަދައި އެކަންކަން ނަފީކުރެތެވެ. އެމީހުންގެ މަގުފުރުދުމުގެ އަޞްލަކީ މިއީއެވެ.

މާތް ﷲ ވަނީ ޝިރުކު ނަފީކުރައްވާފައެވެ. އަދި ތައުޙީދު ޘާބިތުކުރައްވާފައެވެ. އަދި ތައުޙީދުގެ މަތީގައި ދެމިތިބުމަށް އަމުރުކުރައްވާފައެވެ. ނަމަވެސް އެމީހުންވަނީ މިހުރިހާ ކަމެއް އިދިކޮޅަށް ޖަހައިލާފައެވެ. އެމީހުންވަނީ ޝިރުކު ޘާބިތުކޮށް ތައުޙީދު ނަފީކޮށްފައެވެ. އެއީ لا إله إلا الله ގެ މާނަ ފުރިހަމައަށް އިދިކޮޅަށް ޖަހައިލުމެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. "وَالَّذِينَ آمَنُوا بِالْبَاطِلِ وَكَفَرُوا بِاللَّهِ أُوْلَئِكَ هُمُ الْخَاسِرُون" (العنكبوت 52) މާނައީ: "ބާޠިލުކަންތަކަށް އީމާންވެ، އަދި ﷲ އަށް ކާފަރުވެގެންވާ މީހުން (ދަންނާށެވެ!) ގެއްލެނިވެގެންވާ މީހުންނަކީ ހަމަ އެއުރެންނެވެ."

މާތް ﷲ ނަފީކުރައްވާފައިވަނީ ބާޠިލު ގޮތްތަކަށް އީމާންވުމެވެ. ނަމަވެސް އެބައިމީހުން އެގޮތެއްގައި ހިފަހައްޓައި އެކަމުގެ މަތީގައި ދެމިތިބޭ އެއްޗެއްކަމުގައި ހަދާފައިވަނީ ބާޠިލުގޮތްތަކެވެ. އެކަމަކަށް ކުފުރުވުމަށް އަމުރުކުރައްވާފައިވާ ކަންތައްތަކުން އެކިބާވުމުގެ ބަދަލުގައި އެކަންކަން އެމީހުންވަނީ ޘާބިތުކޮށްފައެވެ.

މާތް ﷲ އަށް އުރެދޭމީހުންގެ ޙާލަތަކީ މިއީއެވެ. ޖާހިލިއްޔަ ޒަމާނުގައި ކަންތައް ހިނގަމުންދިޔަ ގޮތް ﷲ تعالى ބަޔާންކޮށްދެއްވަވާފައި އެވަނީ ޢިބްރަތެއްގެ ގޮތުގައެވެ. މިއަދުގެ ޙާލަތަށް ބަލައިލިނަމަވެސް މާތް ﷲ އަށް އުރެދިފައިވާ މީހުންގެ ޢަމަލުތައް ހުރީ މިގޮތުގެ މަތީގައިކަން ހާމަވެގެން ދާނެއެވެ.

މާތް ﷲ ނަހީކުރެއްވި ކަންތައްތަކީ ހިތްއުފާ ކުރުމަށް ކުރާ ކަންތައްތައް ކަމުގައިވަނީ ހަދާފައެވެ. މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތައް އެއީ ތަރައްޤީއެވެ. މާތް ﷲ އެކަމަކުން އެއްކިބާވުމަށް އަމުރުކުރައްވާފައިވާ ޒިނޭ އާއި ރަލާއި ފާހިޝް ޢަމަލުތަކާއި، ރިބާގެ މުޢާމަލާތްތަކާއި، ހެދުން އެޅުމުގައި އަޢުރަ ފާޅުކޮށް އަންހެނުންނާއި ފިރިހެނުން މަސްހުނިވުމަކީ އެއީ ތަރައްޤީގެ ނަމުގައި ދަޢުވާކުރާ ހުރިހާ ތަނަކުން ފެނަމުންދާ މަންޒަރެވެ.

އަންހެންނުގެ ޢިއްފަތްތެރިކަމަކީ އެއީ އެކަނބަލުން ގޭގައި ބަންދުކޮށް އެކަނބަލުންގެ ޙައްޤުތައް ނަގާލުންކަމުގައި ހަދައި ބާޠިލުގޮތް އެއީ ޙައްޤުކަމުގައިވަނީ ހަދާފައެވެ.

ތިމާ ހިތުހުރި ދީނަކަށް އުޅެ، މާތް ﷲ އަށް ޝަރީކުކުރުން އެއީ ފުރިހަމަ އިންސާނީ ޙައްޤުތައްކަމުގައި ދަޢުވާކޮށް،  އެއްޖިންސުން ކައިވެނިކުރުމާއި، އިންސާނުންނާއި ކުއްތާފަދަ ނަޖިސް ޙައިވާނުންނާއި ކައިވެނިކުރުން އެއީ ތަރައްޤިވެފައިވާ އިގިރޭސިވިލާތުގެ ތަރައްޤީގެ އުސްމިންކަމުގައި މިއަދު އެމީހުން ދެކެއެވެ.

މިދަންނަވައިލީ ދެތިން ކަމެކެވެ. ވިސްނައި ފިކުރު ކުރާ މީހަކަށް ޢިބްރަތެއްކަމުގައި މި މިންވަރުވެސް ފުދެއެވެ.]

އައްޝައިޚް ޙަސަން މޫސާ ފިކުރީގެ ބައެއް އެހެނިހެން ޕޯސްޓުތައް