ރާއްޖޭގައި ވެލެންޓައިންސް ޑޭ ފާހަގަ ކުރުން މަނާ

އަލްއަޚް އަޙްމަދު ޢަލީ - 13 ފެބްރުއަރީ 2016 - 22:14

"ރާއްޖޭގައި ވެލެންޓައިންސް ޑޭ ފާހަގަ ކުރުން މަނާ!"

ހުދާއި ކަޅުން މިފަދައިން ލިޔެވިފައިވާ ނެތަސް މިފިޔަވަޅު މަތީގައި ސާބިތުކަމާއެކު ހުރެ މިފަދައިން ބުނެލަން އަޅުގަނޑަށް ކެރޭނެއެވެ.
ސަބަބަކީ ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވެފައި މިޤައުމުގެ ވަލިއްޔުލް އަމްރުން ފެށިގެން ހުރިހާ ވުޒާރާތަކާއި ދިފާޢީ ބާރާއި އަމަން ބަލަހައްޓާ އިދާރާތަކުގައި އެންމެ މަތީ ފަންތިން ފެށިގެން އެންމެ ދަށް ފަންތީގައިވެސް ހިމެނެނީ މުސްލިމުންނަށް ވެފައި ނަޞާރާއިންގެ މިފަދަ ދުވަހެއް ފާހަގަ ކުރުމަކީ މިރާއްޖޭގައި ކުރުން އެކަށީގެންވާ ކަމެއްކަމަށް ސަލާމަތް ބުއްދި ހުރި ހަމަ އެކަކުވެސް ޤަބޫލު ނުކުރާނެތީއެވެ.

މިފަދަ ދުވަސްތައް ފާހަގަ ކުރާމީހުންނަށް ނަޞޭޙަތްތެރިވާނެ އިސްލާމީ ވުޒާރާއެއް ރާއްޖޭގައި އޮވެފައި ، އެވުޒާރާގެ ދަށުން އަމުރު މަޢުރޫފް ހިންގަވާނެ ޚާއްޞަ ބޭފުޅުން ތިބެފައި ، ވެލަންޓައިންސްޑޭ ގައި ޕާޓީކޮށް ޑީޖޭ ބާއްވާ މަސްތުވެ އަންބަރާ ކުރާމީހުންނާއި މެދު ފިޔަވައަޅާނެ މުއައްސަސާތައް ރާއްޖޭގައި ހުރުމުން މިފަދައިން ނުބުނެވެންވީ ކީއްވެގެންތޯ އެވެ.

ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ އިސްލާމީ މިޤައުމުގައި ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް މިނުބައި އާދަވަނީ ފެތުރިފައެވެ. ނަޞާރާއިންގެ މިޢީދު ދުވަހާއި ގުޅިގެން  އެކަކު އަނެކަކަށް ތަހުނިޔާ ކިޔުމާއި ހަދިޔާ ބަދަލު ކުރުމާއި ޕާޓީ ބޭއްވުމާއި ފާޙިޝް އެތައްކަމެއް މިފަސްގަނޑުގައި ދަނީ ކުރެވެމުންނެވެ.

އިސްލާމީ ދުނިޔޭގެ ޙާލަތު ދިރާސާ ކުރައްވާ ބައިނަލް އަޤްވާމީ މުފައްކިރުން ދެކިލައްވާ ގޮތުގައި ރާއްޖެ ފަދަ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި ނަޞާރާ ދީނުގެ އަހުލުވެރިންގެ ލޯބީގެ އީދު ދުވަސް ފާހަގަ ކުރާމީހުން އުޅުމަކީ މިރާއްޖޭގައި "މިޝަނަރީން" ނޫނީ ނަޞާރާ ދީނަށް ގޮވާލާ މީހުންގެ ޙަރަކާތްތައް ފަތުރަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަން ހާމަވާކަމެކެވެ. މީގެ އަހަރުތަކެއް ކުރިން މިޝަނަރީންވަނީ ރާއްޖޭގައި އެޖަމާޢަތުގެ ޙަރަކާތްތައް ފަށާ ރާއްޖޭގައި ލާދީނީ އޮއިވަރެއް އުފައްދާފައެވެ.  މިޙަރާކާތުގެ ބޭނުމަކީ މިރާއްޖޭގައި ޒަމާނުއްސުރެ އޮތް އިސްލާމީ ރިވެތި އާދަތަކުން މީހުން ދުރުކޮށް ޔަހޫދީންނާއި ނަޞާރާއިންގެ މަކަރުވެރި ރޭވުންތަކާއި ދިމާލަށް މީހުން ލަންބާލުމެވެ. މިދިރާސާއިން ހާމަވާ ގޮތުގައި މިބާވަތުގެ ޙަރަކާތްތައް ރާއްޖޭގައި އިތުރުކުރަން މިލިޔަނުން ދަނީ ޚަރަދު ކުރަމުންނެވެ. މިކަމުގެ އެންމެ އަޑީގައި ތިބީ  ހުޅަނގުގެ މިޝަނަރީ ޖަމާޢަތްތަކާއި މިޖަމާޢަތްތަކަށް ނިސްބަތްވާ މަދު ދިވެހިންތަކެކެވެ.
މިދިރާސާއިން އެނގިގެން ދިޔަ މުހިއްމު އެއްކަމަކީ އަދިވެސް ރާއްޖެއަށް މިފަދަ ނުރައްކާތެރި ޙަރަކާތްތަކުން އަރައިގަތުމުގެ ފުރުޞަޠު އޮތް ކަމެވެ. އެގޮތުން އިސްލާމް ދީނުގެ ޢަޤީދާއަށް މީހުން ހޭލުންތެރި ކުރުމުގެ ތަފާތު އެކި ޕްރޮގްރާމް އިތުރު ކުރުމާއި ކުދިންގެ ތަޢުލީމީ މަންހަޖުގެ ތެރެއިން އިސްލާމީ ޢަޤީދާއަށް އިސްކަން ދޭންޖެހުމާއި އަދި  އިސްލާމީ ޤައުމުތަކުގެ އެހީއާ ލައިގެން  ދިވެހިރާއްޖޭގެ އެކި މިޑިޔާއިތަކުގައި ޙަރަކާތްތެރިވާ ނޫސްވެރިންނަށް އަމާޒުކޮށް އިސްލާމީ ތަޞައްވުރެއްގެ ތެރޭގައި އެބޭފުޅުން މަސައްކަތް ބައްޓަން ކުރުމާއި ގުޅޭ ވޯކްޝޮޕްތައް ހިންގުން ހިމެނެއެވެ.
 
 އަދި މީގެ އިތުރަށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުން ބާރު ލިބިދޭ ހަރުދަނާ ޤަވާޢިދުތައް އެކުލަވައިލުން ފަދަ މުހިއްމު ބައެއް ކަންކަން މި ދިރާސާގެ ތެރެއިން އެބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ.  

އަލްއަޚް އަޙްމަދު ޢަލީ ގެ ބައެއް އެހެނިހެން ޕޯސްޓުތައް