ލަވަ ވެއްޖެއްޔާ ލަވައެވެ. ޤުރުއާން ވެއްޖެއްޔާ ޤުރްއާނެވެ.

އަލް އަޚް އަޙްމަދު ޢަލީ - 04 ފެބްރުއަރީ 2016 - 22:04

މިހާރު އެންމެ ގަދައަށް ދެކެވޭ އެއްވާހަކައަކީ ގައުމީ ޓީވީ ކަމަށްވާ ޕީއެސްއެމްގެ ޓީވީއެމް އިން މިހާރު ކުރިއަށްގެންދާ "މޯލްޑިވިން އައިޑޮލް"  އެއްގެ ވާހަކައެކެވެ. އައިޑޮލް" ޝޯއެވެ މިކިޔާ އެއްޗަކީ ދެހާހުހެ ކުރީކޮޅު އިނގިރޭސި ވިލާތުން އުފަންވެގެން އައި ވިހަ ގިގުނިއެއް ފަދަ އެއްޗެކެވެ. މިއީ ވިހަ އެއްޗެއްކަމަށް ސިފަ މިކުރަނީ ވަރަށް ގިނަ ސަބަބުތައް ހުރުމުންނެވެ. އެންމެ ފުރަތަމަ އެއްސަބަބަކީ މިއީ އާއްމު އަޚްލާޤީ މިންގަޑާއި ވަރަށް ބީރައްޓެހި ކޮށް ގެނެސްދޭ އެއްޗެކެވެ. މިއީ މިއެއްޗެއް ބަލާ ވަރަށް ގިނަ މީހުން މިކަމަށް އެއްބަސްވާނެ ޙަޤީޤަތެކެވެ.  

ރާއްޖެއަށް މިހާރު "މޯލްޑިވިން އައިޑޮލް"  ނަމުގައި ލައްގައިގެން މިއުޅޭ ވިހަގިގުނީގެ ވިހައިގެ އަސަރު ބައެއް މީހުންނަށް ދަނީ ކުރަމުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ތަހުޒީބު މީހުންކަމަށް ދަޢުވާކޮށްގެން އުޅޭ މީހުން އިޝްތިހާރެއް ހެއްޖަސް  ޤާނޫނެއް ހެއްޖަސް އާއްމު މައުލޫމާތު ދޭ ލީފްލެޓެއް ހެއްޖަސް ހުޅަނގުގެ ފަސާދަވެފައިވާ އެއްޗެއް އަޞްލަކަށް ބަލައިގެން ނޫނީ ހެދޭ ކަމަކަށް ނުވެއެވެ. އެގޮތުން މިހާރު ހޮވައިގެން މިއުޅޭ ވިހަ ގިގުނީގައި ހިމެނީ ޝައިޠާނާގެ ގޮވެލިފަތި އިތުރަށް ފައްކާކޮށް ޤައުމުގެ ތިބި ދީނީ ކަންކަމަށް ފަރުވާ ކުޑަ އެތައް ބައެއްގެ ސިކުނޑި ތަޣައްޔަރުކޮށްލެވޭނީ މީގެ އަޞްލު އުފެދިފައިވާތަނާއި ދާދި އެއްފަދައަކަށް ގެނެސްގެން ނޫނީ އެއަށްވުރެވެސް ފަސާދަ ބޮޑުކޮށްގެންކަން މިމީހުންނަށް ހީކުރެވުނު ހިނދު ، ދެނަކާއި ދެނެއް ނެތެވެ. ޢާއްމު އަޚްލާޤުން ބޭރުވެ ބޭއަދަބީ ހުތުރުކަން ބޮޑު ވާހަކަތަކާއި މައިންނާއި ދަރިންގެ ޙާޟިރުގައި އަޑުއަހަން އުނދަގޫފަދަ ޢާއްމު މިންގަނޑުތަކާއި ޚިލާފު ވާހަކަތައް ދެއްކުމާއި ، ހިނި ގަނޑުތަކާއެކު މީހުންނަށް މަލާމާތް ކުރުމާއި އަތާއިފައިން ޖެއްސެން ހުރި ހުރިހާ ޝައިޠާނީ ވައްތަރުތަކެއް ޖައްސަން ފަށައެވެ.

ދާދި ފަހުން ބައެއް ޚަބަރުތަކާއި ސޯޝަލް މީޑިއާއިން ފެނިގެން މިދިޔައީ ހިންދޫއިންގެ ސަލާމުން މި ޝޯގެ 03 މައި މުޖުރާއިންނަށް މީހަކު ސަލާމް ކުރާތަނެވެ. މިކަމާއި ވަރަށްގިނަ މީހުން ހިތް ނުތަނަވަސްވެގެން ތަފާތު ޝުޢޫރުތައް ފާޅުކުރިއެވެ. މިފަދަ ނުރައްކާ ހިސާބަކަށް މީހުންގެ ޙާލަތު ދާންޖެހުނީ ކީއްވެގެންކަން އަޅުގަނޑުމެންގެ ތެރެއިން ވިސްނާލީ ކިތައް ބޭފުޅުންތޯއެވެ. މިފަދަ ނުރައްކާހިސާބަކަށް މީހުންގެ ޙާލަތު ގޮސްފައި މިވަނީ އަޅުގަނޑުމެންގެ ތެރެއަށް ލައްގާ މިފަދަ ވިހަ މާއްދާތައް ހޮވައި އެތަކެތީގެ ތެރެއިން އިވޭ ޝައިޠާނީ އަޑުތަކަށް މީހުން ލެނބުމުގެ ސަބަބުންނެވެ. ބާރު ލިބި މިކަން މަނާކުރާނެ ވުޒާރާއެއް ނެތެމުންނެވެ. ބަސް ބުނުމުގެ ބާރު ލިބި މިކަމާއި ދެކޮޅަށް އެންމެ ކުޑަމިނުން ޓްވީޓް ގަނޑެއް ކޮށްލާނެ ވަޒީރެއް ވެރިއެއް ނެތުމުންނެވެ. ދަރީން ތިބެ އެމީހުންނަށް ހެޔޮ ރަނގަޅު މަގު ދައްކާނެ މަޔަކު ނުވަތަ ބަފަޔަކު ނެތުމުންނެވެ. ހެޔޮއެދޭ ޢާއިލީ ފަރުދަކު ނުވަތަ އެފަދަ ގާތް އެކުވެރިން ނެތުމުންނެވެ. މިޝައިޠާނީ އަޑު މި މުޖުތަމަޢުގައި ގަދަވާން ފަށައިފިނަމަ އެބައެއްގެ ދީނެއް މިއްލަތެއް އަޚްލާޤެއް ފެންނަން ނޯންނާނެއެވެ. ނަމާދުގެ ބަދަލުގައި އަތްފައިން ޖައްސަމުން ދާނީ ޝައިޠާނީ ވައްތަރުތަކެވެ. ޤުރުއާނާއި ޒިކުރުގެ ބަދަލުގައި އަބަދުމެ ކިޔަމުންދާނީ ލަހްވުގެ ތެރޭގައި ހިމެނޭ ފާސިޤު ލަވަތަކެވެ.
 
ޢިލްމުވެރިން ވިދާޅުވަނީ ހާދަހާވާ ބޮޑު ތެދެކެވެ. ޤުރްއާނާއި ލަވަޔާއި ދުވަހަކުވެސް އެއް ހިތެއްގައި ޖަމާ ނުވާނެއެވެ. ލަވަ ވެއްޖެއްޔާ ލަވައެވެ. ޤުރުއާން ވެއްޖެއްޔާ ޤުރްއާނެވެ.

އަލް އަޚް އަޙްމަދު ޢަލީ ގެ ބައެއް އެހެނިހެން ޕޯސްޓުތައް