ރިބާއަށް ކިތަންމެ ރީތި ނަމެއް ކީކަމުގައިވިޔަސް އެއީ ﷲ ޙަރާމް ކުރައްވާފައިވާ އެއްޗެއް: އައްޝައިޚް އަޙްމަދު ސަމީރު

ރާއްޖެއިސްލާމް ނިއުސް ޓީމް - 19 ނޮވެމްބަރު 2015 - 13:33

ދުނިޔޭގެ ހުރިހާ ޤާނޫނުތަކުގައި ރިބާ ހުއްދަކޮށް، ރިބާގެ ނަން ރީތި ނަންތަކަށް ބަދަލު ކުރިކަމުގައިވިޔަސް އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމް ކުރައްވާފައިވާ އެއްޗެއްކަމަށާއި އަދި އޭގެ ޙުކުމެއް ދުވަހަކުވެސް ބަދަލުވެގެން ނުދާނެކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަންޓީވީ އިން ހޯމަދުވަހުގެ ރޭ ގެނެސްދިން "ޢިލްމީ ޚަޒާނާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައިވެސް މިއަދު ބައެއް މީހުން މުދަލާ ފައިސާ ހޯދަން ބޭނުންވީމައި އޭނާއަށް އެފައިސާ ލިބެން ހުންނަ ގޮތް އެއީ ޙަރާމް ގޮތަކުންކަމުގައި ވިޔަސް އެކަންކަމަށް އެހާބޮޑު ބެލުމެއް ނެތި، އަދި އެކަންކަމަކީ ޙަރާމް ކަމެއްކަމުގައި ބަޔާން ކޮށްދެވުނުކަމުގައި ވިޔަސް ކޮންމެވެސް ގޮތަކުން އެކަމުގައި ކޮންމެވެސް މަކަރެއް ނުވަތަ ހީލަތެއް ހަދައިގެން ހުއްދަ ވާނޭކަމަށް ދައްކައިގެން އެކަން ކުރަމުން ދާކަމަށާއި ރިބާގެ މުޢާމަލާތް ކިތަންމެ ގިނަ ބަޔަކު ކުރިކަމުގައިވިޔަސް އޭގެ ޙުކުމް ބަދަލުވެގެން ނުދާނެ ކަމަށެވެ.

"އެންމެން ރިބާގެ މުޢާމަލާތް ކުރިއަސް، ހުރިހާ ޤައުމަކުން ރިބާގެ މުޢާމަލާތް ކުރިއަސް، އަދި ހުރިހާ ޤައުމުތަކެއްގެ ޤާނޫނުތަކުގައި އެކަމަކީ ހުއްދަ ކަމެއްކަމުގައި ބަޔާންކޮށް އަދި އެއީ ތަފާތު ރީތިރީތި ނަންނަން ކިޔާފައި ހަދާފައި ހުރި ތަފާތު ނިޒާމުތައް ކަމުގައި ވިޔަސް ރިބާ އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމް ކުރައްވާފައިވާ އެއްޗެއް. ރިބާގެ ނަންތައް ބަދަލު ކުރިކަމުގައިވިޔަސް އޭގެ ޙުކުމެއް ބަދަލުވެގެން ނުދާނެ. ކިތަންމެ ގިނަ ބަޔަކު އޭގެ މައްޗަށް މުޢާމަލާތް ކުރިޔަސް އޭގެ ޙުކުމް ބަދަލު ވެގެންނުދާނެ. ޝައިޚް ވިދާޅުވިއެވެ.

ރިބާގެ ނުބައިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝައިޚްވަނީ ތާރީޚީ ގޮތުން ރިބާ ފެށިގެން އައިގޮތަށް އަލި އަޅުވާލައްވާފަ އެވެ. އެގޮތުން ޔަހޫދީންނަކީ ދުނިޔޭގެ ތާރީޚު ދެކެފައިވާ އެންމެ މަކަރުވެރި ހީލަތްތެރި މީހުންކަމަށާއި އަދި އެބައިމީހުންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަންކަން ޙަރާމް ކުރެއްވުމުން އޭގެ މާނަ ތަފާތު ގޮތްގޮތަށް ބަދަލުކޮށް، ތަފާތު ހީލަތާއި މަކަރު ހަދައިގެން އެތަކެތީގެ ބޭނުން ކުރަމުން ދިއުމުގައި މަޝްހޫރުވެފައިވާ ބައެއްކަމަށެވެ.

"ޔަހޫދީންވެސް ޤަބޫލުކުރޭ ރިބާއަކީ ޙަރާމް އެއްޗެއްކަން. އެހެންނަމަވެސް ތައުރާތުގައި އެމީހުންނަށް ބާވައިލެއްވި އާޔަތްތަކުގެ މުރާދު ބޭރު ފުށުގެ މާނަ އެމީހުން އަނބުރާލީ. އެގޮތުން އެމީހުން ދެކޭގޮތުގައި ޔަހޫދީއަކާއި ޔަހޫދީއެއް މުޢާމަލާތް ކުރަންޏާ ރިބާ ޙަރާމް ވާނީ. އަދި ޔަހޫދީއަކަށް އެހެން ދީނެއްގެ މީހެއްގެ އަތުން ރިބާ ނެގުން ހުއްދަ ކަމުގައި އެމީހުން ބުނީ. މިގޮތަށް އެމީހުން އެ އާޔަތުގެ މާނަ އަނބުރާލީ. މީ ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ޙުކުމްތަކާއި އެމީހުން ކުޅެމުންދާ ގޮތަކީ" ޝައިޚް ވިދާޅުވިއެވެ.

އިސްލާމީ ޝަރީޢަތާއި އެހެނިހެން ވަޟުޢީ ފަލްސަފާތަކާއި ހުރި ތަފާތަކީ އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ކަނޑައެޅުމުގެ ބާރު ލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމަށާއި ނަމަވެސް އެހެނިހެން ވަޟުޢީ ފަލްސަފާ ތަކުގައި އެމީހުންގެ ޙުކުމްތައް ކަނޑައޭޅިގެންދަނީ އެމީހުންގެތެރެއިން ކަމަށެވެ. އެހެންވީމަ އެ މުޖުތަމަޢެއްގެތެރޭގައި ގިނަ ބަޔަކު އެއީ ރަނގަޅު ކަމެއް ކަމުގައި ދެކޭ ކަމެއް، ނުވަތަ ރީތި ކަމެއްކަމުގައި ދެކޭ ކަމެއް ނުވަތަ ގިނަ ނޫނަސް އެ މުޖުތަމަޢެއްގައި ބާރާއި ނުފޫޒު ހުރި ބަޔަކު އެއީ ރަނގަޅު ކަމެއްކަމަށް ނުވަތަ އެމީހުންނަށް ޒާތީ މަންފާއެއް ލިބޭ ކަމެއްކަމަށް ދެކޭ ކޮންމެ ކަމެއް ވެގެންދާނީ އެމީހުންގެ ތެރޭގައި ޢަމަލު ކުރެވޭ ޤާނޫނަކަށް ކަމަށާއި އަދި އޭގެ މައްޗަށް ދެން ތިބި މީހުން އަމަލު ކުރުން ލާޒިމު ވެގެންދާ ކަމަށެވެ.





ރާއްޖެއިސްލާމް ނިއުސް ޓީމްގެ ބައެއް އެހެނިހެން ޕޯސްޓުތައް