ރޯދައިގެ ބައެއް ސުންނަތްތައް

އައްޝައިޚް ޙަސަން މޫސާ ފިކުރީ - 30 ޖޫން 2015 - 14:46

الحمد لله  والصلاة والسلام على رسول الله وعلى آله وصحبه ومن والاه  وبعد:
ރޯދަވެރިޔާ ކުރުން ސުންނަތްވެގެންވާ ކަންތައްތައް ވަރަށްވެސްގިނައެވެ. އެގޮތުން ތިރީގައި ފާހަގަ ކޮށްލާފައި އެވަނީ ރޯދަވެރިޔާ ކުރުން ސުންނަތްވެގެންވާ ބައެއް ކަންތައްތަކެވެ.

އެކެއް:
ރޯދަވެރިޔާ ހާރުކެއުން އެއީ ސުންނަތްވެގެންވާ ކަމެކެވެ. އައްޞަޙީޙައިނީގައި އަނަސް ބުނު މާލިކު ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "تسحروا فإن في السحور بركة" މާނައީ: "ތިޔަބައިމީހުން ހާރުކާށެވެ. ހާރުކެއުމުގައި ބަރަކާތެއްވެއެވެ."

(ނޯޓް: ހާރުކެއުމަކީ ސުންނަތަކަށްވީހިނދު، ނުހޭލެވިގެން ނުވަތަ އެނޫންކަމެއް މެދުވެރިވެގެން ނަމަވެސް ހާރު ނުކެވުނު މީހާ ހާރުނުކައިވެސް އޭނާގެ ރޯދަ ޞައްޙަވާނެއެވެ.)

ދޭއް:
ހާރުކެއުން ލަސްކޮށްލުންވެސް ސުންނަތްވެގެންވެއެވެ. އަލްބުޚާރީގައި، އަނަސް ރަޟިޔަ ﷲ ޢަންހު ޒައިދު ބުނު ޘާބިތުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ތިމަންމެންނާއެކުގައި ހާރު ފަރީއްކުޅުވިއެވެ. އެއަށްފަހު ނަމާދު ކުރެއްވުމަށް ތެދުވެވަޑައިގަތެވެ. އަނަސްގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ސުވާލުކުރެއްވީމެވެ. ހާރު ކޭންބެއްލެވުމާއި ބަންގިޔާ ދެމެދުގައިވީ ކިހާ ވަގުތުކޮޅެއް ތޯއެވެ؟ ވިދާޅުވިއެވެ. ފަންސާހަކަށް އާޔަތް ކިޔައިލެވޭހާ ވަގުތުކޮޅެކެވެ.

ތިނެއް:
ރޯދަވެރިޔާއާ މީހާކު ޒުވާބުކޮށް އަރައިރުންވެއްޖެނަމަ، އޭނާއަށް އެލިބުނު ތުރާތަކުގެ ބަދަލުގައި އިޙްސާންތެރިކަމާ އޯގާތެރިކަމާއެކުގައި ރައްދު ދިނުން އެދެވިގެންވެއެވެ. އެގޮތުން ތިމަންނާ މިހުރީ ރޯދަޔަށޭ ބުނުން ސުންނަތްވެގެންވެއެވެ. އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހު މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "الصِّيَامُ جُنَّةٌ فَلَا يَرْفُثْ وَلَا يَجْهَلْ وَإِنْ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ إِنِّي صَائِمٌ مَرَّتَيْنِ وَالَّذِي نَفْسِي بِيَدِهِ لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ تَعَالَى مِنْ رِيحِ الْمِسْكِ يَتْرُكُ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِي الصِّيَامُ لِي وَأَنَا أَجْزِي بِهِ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا" މާނައީ: "ރޯދައަކީ ރައްކާތެރިކަމެކެވެ. ފަހެ ރޯދަވެރިޔާ ޖިންސީ އެދުންތަކުން އެއްކިބާވާށެވެ. އަދި ބޭކާރު ވާހަކަދެއްކުމުން ރައްކާތެރިވާށެވެ. މީހަކު އޭނާއާ ޒުވާބުކޮށް ހަދަނީނަމަ ނުވަތަ ފުރައްސާރަ ކޮށްފިނަމަ ދެފަހަރަށް ބުނާހުށިކަމެވެ. ހަމަކަށަވަރުން ތިމަންނާ މިހުރީ ރޯދައަށެވެ. ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީހުވާކުރައްވައި ވިދާޅުވަމެވެ. ﷲ ގެ ޙަޟުރަތުގައި ރޯދަވެރިޔާގެ ކަރުތެރޭގެވަސް މިސްކު ޢަޠަރުގެ ވަހަށްވުރެ މީރުވަހެއްކަމުގައިވެއެވެ. އޭނާގެ ކާނާއާއި ޖިންސީ އެދުންތައް ދޫކޮށްގެން އެހުންނަނީ ތިމަންރަސްކާލާނގެ އަށްޓަކައެވެ. ރޯދަވަނީ ތިމަންރަސްކަލާނގެއަށެވެ. އަދި ތިމަންރަސްކަލާނގެ އެރޯދައިގެ ޖަޒާދެއްވާނަމެވެ. ކޮންމެ ހެޔޮ ކަމަކަށް ދިހަ ގުނަ އިތުރުކޮށްދެއްވަމެވެ."

ހަތަރެއް:
ރޯދަވީއްލުން އަވަސްކުރުން. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "لاَ يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْرَ" މާނައީ: "ރޯދަވީއްލުން އަވަސްކުރާހާ ހިނދަކު މީސްތަކުންގެ ހެޔޮކަން ފިލައި ނުދާހުއްޓެވެ."

ފަހެއް:
ރޯދަވީއްލުން ސުންނަތްވެގެންވަނީ ރުޠަބުންނެވެ. (ރުޠަބަކީ ފާކަދުރެވެ.) ނުވަތަ ތަމްރުންނެވެ. (ތަމްރަކީ ހިކި ކަދުރެވެ.) ނުވަތަ ފެނުންނެވެ. އަނަސް ރަޟިޔަ ﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. "كان رسول الله - صلى الله عليه وسلم - يفطر على رطبات قبل أن يصلي ، فإن لم يكن فعلى تمرات ، فإن لم تكن حسا حسوات من ماء" މާނައީ: "ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ރޯދަވީއްލަވަނީ ނަމާދު ކުރެއްވުމުގެ ކުރީގައެވެ. ފަރީއްކުޅުވަނީ ރުޠަބެވެ. ރުޠަބު ނެތިއްޔާ ކަދުރުންނެވެ. ކަދުރު ނެތިއްޔާ ފެންފޮދެއް ހިއްޕަވައެވެ."

ހައެއް:
ރޯދަ ވީއްލާހިނދު ޞައްޙަ މަގުން ވާރިދުވެފައިވާ ފަދައިން ކިޔުންމެނުވީ ނުވެއެވެ. އެއީ ބިސްމިއެވެ. އަދި އެއީ ވާޖިބެއްކަމުގައިވެސް ބައެއް ބޭކަލުން ބުރަވެލައްވައެވެ. އަޅުގަނޑުމެންގެ ތެރޭގައި ރޯދަ ވީއްލާއިރު ކިޔާ ދުޢާގެ ގޮތުގައި ޢާއްމުވެފިވާ މިދުޢާ "اللهم لك صمت وعلى رزقك أفطرت ، اللهم تقبل مني إنك أنت السميع العليم" އަކީ ޟަޢީފު (ޞައްޙަނޫން) ދުޢާއެއްކަމުގައި އަލްއިމާމު އިބްނުލް ޤައްޔިމު ޒާދުލް މަޢާދުގައި ވިދާޅުވެފައިވެއެވެ. އަދި ހަމައެފަދައިން މިދުޢާ ވާރިދުވެފައިވެއެވެ. "ذهب الظمأ وابتلت العروق وثبت الأجر إن شاء الله " މިދުޢާ ރިވާކުރެއްވީ އަބޫ ދާވޫދެއާއި އަލްބައިހަޤީއެވެ. އަދި އަލްއިމާމުލް އަލްބާނީ އެކަލޭގެފާނުގެ އިރުވާއުލް ޣަލީލުގައި މިޙަދީޘްފުޅަކީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމަށް ވަނީ ޙުކުމް ކުރައްވާފައެވެ.

ހަތެއް:
ރޯދަވެރިޔާ ދުޢާކުރުމުގެ މާތް ކަމާއި ބެހޭގޮތުން އެތައް ޙަދީޘެއް ވާރިދުވެފައިވެއެވެ. އޭގެތެރޭގައި އަނަސް ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ މިޙަދީޘްފުޅު ހިމެނެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ثلاث دعوات لا ترد : دعوة الوالد ، ودعوة الصائم ، ودعوة المسافر" މާނައީ: "ތިންމީހެއްގެ ދުޢާ ރައްދުވެވިގެންނުވެއެވެ. ބައްޕަގެ ދުޢާ އާއި، ރޯދަވެރިޔާގެ ދުޢާއާއި ދަރުތުވެރިޔާގެ ދުޢާއެވެ." މިޙަދީޘްފުޅު ރިވާކުރެއްވީ އަލްބައިހަޤީއެވެ. އަދި އަލްއަލްބާނީ އެކަލޭގެފާނު ޞައްޙަ ޙަދީޘްފުޅެއްކަމުގައި ވިދާޅުވެފައިވެވެ.

މިއީ ރޯދަވެރިޔާ ކުރުން ސުންނަތްވެގެންވާ ބައެއް ކަންކަމެވެ. މިނޫނަސް އެތައް ސުންނަތްތަކެއް ވެއެވެ. ނަމަވެސް މިލިޔުމުގައި މިމިންވަރު ފުއްދައިލުމަށް ޤަޞްދުކުރަމެވެ.

އައްޝައިޚް ޙަސަން މޫސާ ފިކުރީގެ ބައެއް އެހެނިހެން ޕޯސްޓުތައް