ރޯދަ ފަރްޟު ކުރެއްވުމުގެ ޙިކްމަތް

އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް - 24 ޖޫން 2015 - 13:59

ރޯދަ ފަރްޟު ކުރެއްވުމުގެ ޙިކްމަތަކީ ކޮބައިތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد:
ﷲ ސުބްޙާނަހު ވަތަޢާލާގެ އިސްމުފުޅުތަކުގެ ތެރޭގައި (އަލްޙަކީމް) ނުވަތަ "ޙަކީމްވަންތަ އިލާހު" ވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކޮންމެ ކަމެއްވެސް ޝަރްޢު ކުރައްވާފައިވަނީ ވަރަށް މަތިވެރި ޙިކްމަތްތަކެއްގެ މައްޗަށެވެ. ބައެއް ފަހަރު އިންސާނުންގެ ކޮށި ސިކުނޑިތަކަށް އެކަން ނުވިސްނުނު ކަމުގައިވީނަމަވެސްއެވެ. އޭގެ ތެރެއިން ބައެއް ޙިކްމަތްތައް އަޅުގަޑުމެންނަށް އެނގުނު ކަމުގައިވީނަމަވެސް، ގިނަ ޙިކްމަތް ތަކަކީ އަޅުގަޑުމެންނަށް ނޭނގޭ ކަންތަކެވެ.

ރޯދަ ފަރްޟު ކުރެއްވި ޙިކްމަތް ބަޔާން ކުރައްވާ ސޫރަތުލް ބަގަރާގެ 183 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾) މާނައަކީ: "" އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ".

އެހެންކަމުން، ރޯދަ އަކީ ﷲ އަށް ތަގްވާވެރި ވުމަށް އޮތް މަގެކެވެ. ތަގްވާވެރި ވުމަކީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންގަނެ އަދި ނަހީ ކުރެއްވި ކަންތަކުން ދުރުހެލިވުމެވެ.

ރޯދަ ފަރްޟު ކުރެއްވުމުގެ ބައެއް ޙިކްމަތްތައް ބަޔާން ކުރައްވާ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

- ރޯދަ އަކީ ނިޢްމަތަށް ޝުކުރުވެރިވުމަށް މަގު ދައްކައިދޭ ކަމެކެވެ. އެއީ، ކެއުން ބުއިމާއި، ޖިމާޢުވުން ފަދަ ކަންތަކުން މީހާ ދުރުހެލިވެ ހުރުމެވެ. މިއީ އެންމެ މަތިވެރި ނިޢްމަތެވެ. ކުޑަ ހިނދުކޮޅަކަށްވެސް އެކަމުން ދުރުހެލިވެގެން ހުރުމުން އެނިޢްމަތުގެ އަގު ވަޒަން ކުރެވެއެވެ. ގިނަފަހަރަށް އިންސާނުންނަށް ނިޢްމަތުގެ އަގު ވަޒަން ކުރެވެނީ އެނިޢްމަތެއް ގެއްލިގެންދާ ފަހުންނެވެ.  
- ރޯދަ އަކީ ޙަރާމް ކުރެއްވި ކަންތަކުން މީހާ ދުރުހެލި ކުރުވާ ކަމެކެވެ. ސަބަބަކީ މާތް ﷲ ޙަލާލް ކުރެއްވި ކަންތަކުންވެސް އެމީހަ ދުރުހެލިވެ އެހުންނަނީ ﷲ ގެ ރުއްސެވުން ހޯދުމުގެ ބޭނުމުގައެވެ. އަދި ﷲ ގެ ކޯފާ އާއި ޢަޛާބަށް ބިރުވެތިވެގެންނެވެ. ވީމާ، ރޯދަ އަކީ މާތް ﷲ ޙަރާމް ކުރެއްވި ކަންތަކުން މީހާ ދުރުހެލި ކުރުވާ ކަމެކެވެ.

- ރޯދަ ހިފުމަކީ ޝަހްވަތުގެ މައްޗަށް މީހާ ގަދަކޮށްދޭ ކަމެކެވެ. ސަބަބަކީ އިންސާނާގެ ބަނޑު ފުރިއްޖެނަމަ ޝަހްވަތު އަރައިގެން ދެއެވެ. އަދި ބަނޑުހައިވެއްޖެނަމަ ޝަހްވަތު ދައްކޮށްލައެވެ. އެހެންކަމުން ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާ އަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރްޝާދު ދެއްވާފައިވަނީ ރޯދަ ހިފުމަށެވެ. ޙަދީޘް ކުރެއްވިއެވެ. (يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاهَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّ الصَّوْمَ لَهُ وِجَاءٌ  ) މާނައަކީ: "އޭ ޒުވާނުންނޭވެ. ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާ ކައިވެނި ކުރާ ހުށި ކަމެވެ. ހަމަކަށަވަރުން އެކަމަކީ (ކައިވެނި ކުރުމަކީ) ތިޔަބައި މީހުންގެ ލޯތައް ތިރި ކުރުވާ އަދި ފޮރުވިފައިވާ ގުނަވަންތަކަށް ރައްކާތެރިކަން ލިއްބައިދޭ ކަމެކެވެ. އަދި އެކަމުގެ ކުޅަދާނަކަން ނެތް މީހާ ރޯދަ ހިފާ ހުށި ކަމެވެ. ހަމަކަށަވަރުން ރޯދާގައި ރައްކާތެރި ކަމެއް ވެއެވެ".
- ރޯދަ ހިފުމަކީ މިސްކީނުންނާއި މެދުގައި އޯގާތެރިވެ، އެމީހުން ގެ ޙާލަތު ދެނެގަތުމަށް ލިބިދޭ ފުރުޞަތެކެވެ. ބައެއް ފަހަރު ބަނޑުހައިވުމުން، ހުރިހާ ވަގުތެއްގައިވެސް ކާނެ އެއްޗެއް ނުލިބިގެން ބަނޑުހައިކަން ތަޙައްމުލު ކުރަމުން ގެންދާ މިސްކީނުންގެ މަތިން ހަނދާންވާނެއެވެ. އެހިނދު، މިސްކީނުންނަށް އަޅާލާ އެމީހުންނަށް އޯގާތެރިވުމުގެ ޚިޔާލު މީހާގެ ކިބައިގާ އުފެދިގެން ދާނެއެވެ. އެހެންކަމުން، ރޯދަ އަކީ މިސްކީނުންނަށް އޯގާތެރިވުމަށް މަގުފަހި ކޮށް ދޭ ކަމެކެވެ.

- ރޯދައިގެ ސަބަބުން ޝައިޠާނާ ބަލިކަށިވެދެއެވެ. އަދީ އިންސާނާ އަށް ދެމުން ގެންދާ ވަސްވާސްތައް މައިތިރި ކުރުވައެވެ. އަދި އޭގެ ސަބަބުން ކުށްފާފަ ކުރުން މަދުވެގެންދެއެވެ.
 
- ރޯދައިގެ ސަބަބުން އިންސާނާ އަށް ﷲ ތިމާ ކުރާ ކަންތައް ބައްލަވާ ވޮޑިގެންވާ ކަމުގެ އިޙްސާސް ކޮށްދެއެވެ. ﷲ ތިމާގެ ޢަމަލުތައް ބައްލަވާ ވޮޑިގެންވާ ކަން އެނގި، ކުޅަދާނަކަން ލިބި ހުރުމާއި އެކުގައިވެސް، ތިމާ އަށް ހުއްދަވެގެންވާ ބައެއް ކަންތަކުން ދުރުހެލިވެގެން ހުރެއެވެ.

- ރޯދައިގެ ސަބަބުން ދުނިޔޭގެ ޒީނަތްތެރިކަމުން މީހާ ޒާހިދު ކުރުވައެވެ. އަދި އާޚިރަތުގައި ﷲ ގެ ޙަޟްރަތުގައިވާ ކަންތަކަށް ދަހިވެތި ކުރުވައެވެ.

- އިންސާނާ ހެޔޮކަންތައް ކުރުމަށް ޢާދަ ކުރުވައެވެ. ސަބަބަކީ ރޯދަ އަށް ހުރުމަކީ ހެޔޮ ޢަމަލު ގިނަ ކުރުވާ ކަމެކެވެ. އޭގެ ސަބަބުން ހެޔޮ ޢަމަލު ކުރުމަށް ޢާދަ ކުރުވައެވެ.

މިއީ، ރޯދަ ފަރްޟު ކުރެއްވުމުގެ ބައެއް ޙިކްމަތް ތަކެވެ. މިނޫންވެސް އެތައް ޙިކްމަތް ތަކެއް މިކަމުގައި ހިމެނިފައިވެއެވެ. والله أعلم

އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފްގެ ބައެއް އެހެނިހެން ޕޯސްޓުތައް