ދެނުބައިކަންތައް ކުރިމަތިވެއްޖެނަމަ އެތަނުން ކުޑަނުބައިކަންކޮށް ބޮޑުނުބައިިކަމުން ރައްކާތެރިވުން

އައްޝައިޚް ޙަސަން މޫސާ ފިކުރީ - 02 މެއި 2015 - 22:19

إذا تعارض ضرران دفع أخفهما – ދެނުބައިކަންތައް ކުރިމަތިވެއްޖެނަމަ އެތަނުން ކުޑަނުބައިކަންކޮށް ބޮޑުނުބައިިކަމުން ރައްކާތެރިވުން

وَادْفَع خَفِيفَ الضَرَرَيْنِ بِالأَخَف  **** وَخُذْ بِعَالي الفَاضِلَين لاَ تَخَف

ގެއްލުންދެނިވިކަމަކުން ރައްކާތެރިވުމަށް އެއަށްވުރެ ކުޑަގެއްލުމެއްގެ ބޭނުން ހިފާށެވެ. **** އަދި ހެޔޮވެގެންވާ ދެކަމުގެ ތެރެއިން އެންމެ ބޮޑުކަމެއްގައި ޖެހިލުންވުމެއްނެތި ހިފާށެވެ.

ފިޤުހީ ޤަވާޢިދުތަކުގެ ތެރެއިން މިޤާޢިދާ ބައެއް ބޭކަލުންގެ ޢިބާރާތްތަކުގައި މިފަދައިން ބޭނުންކުރައްވައެވެ. "ބޮޑެތި ގެއްލުން ކުދި ގެއްލުމުގެ ޛަރީޢާއިން ދުރުކުރެވޭހުއްޓެވެ." ނުވަތަ "ދެނުބައިގެ ތެރެއިން ކުޑަނުބައި އިޚްތިޔާރުކުރެވޭ ހުއްޓެވެ." އަދި މިނޫނަސް މިޤާޢިދާއަށް އެހެން ޢިބާރާތްތައް ފިޤުހުފޮތްތަކުގައި ބޭނުންކުރެވިފައި ހުރެއެވެ.

ގެއްލުން އެކުލެވިގެންވާ ދެކަމެއް އެއްވެއްޖެ ހިނދުގައި އޭގެ ތެރެއިން އެންމެ ލުއިވެގެންވާ ކަމެއް އިޚްތިޔާރު ކުރެވޭ ހުއްޓެވެ. މީގެ މިސާލެއްގެ ގޮތުގައި ފޮތުގެ މުއައްލިފު، އައްޝައިޚް އިބްނު ޢުޘައިމީން رحمه الله ބަޔާންކުރައްވާފައިވަނީ އަންނަވި ހާދިސާއެވެ.

މުސާ عليه السلام އާއި ޚިޟްރުގެފާނާއި ބައްދަލުވިހިނދު ކަންހިނގާފައިވާ ގޮތް ކަހަފު ސޫރަތުގައި މާތް ﷲ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެވާހަކައިގައި ވާގޮތުން އެ ދެބޭކަލުން ވަޑައިގެން ކަނޑުގެ އައްސޭރިފަށުގައި އޮތް ދޯންޏަކަށް އަރާވަޑައިގަތެވެ. ދެން ޚިޟުރުގެފާނު އެދޯނީގެ ވަތުން ފިލައެއް ނައްޓައިލެއްވިއެވެ.

މިވާހަކަ އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "فَانطَلَقَا حَتَّى إِذَا رَكِبَا فِي السَّفِينَةِ خَرَقَهَا قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْئاً إِمْراً" (الكهف 71) މާނައީ: "ދެން އެ ދެބޭކަލުން ކުރިޔަށް ހިންގަވައި ވަޑައިގެން، ނަވަށް އަރައިވަޑައިގެންނެވިހިނދު، އެބޭކަލަކު އެ ނައު ފޫދުއްވައިލައްވައިފިއެވެ. އެކަލޭގެފާނު (އެބަހީ މޫސާގެފާނު) ވިދާޅުވިއެވެ. އެ ނައު ތިޔަ ފޫދުއްވައިލެއްވީ އޭގެ އަހުލުވެރިން ޣަރަޤުކޮށްލެއްވުމަށްތޯއެވެ؟ ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކެވެ."

ނަމަވެސް އެފަދައިން ޢަމަލުކުރެއްވީ ދޯނީގެ އަހުލުވެރިންނާއި އެދޯނިވެސް ސަލާމަތް ކޮށްދެއްވުމުގެ ގޮތުން ކަމުގައި ޚިޟުރުގެފާނު ވިދާޅުވިއެވެ.

"أَمَّا السَّفِينَةُ فَكَانَتْ لِمَسَاكِينَ يَعْمَلُونَ فِي الْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَاءهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْباً" (الكهف 79) މާނައީ: "ނަވާމެދު ދަންނާށެވެ! ފަހެ، އެ ނައުވީ ކަނޑުގައި މަސައްކަތްކޮށްއުޅޭ މިސްކީނު ބަޔެއްގެ ނަވަކަށެވެ. ފަހެ، ތިމަންކަލޭގެފާނު އެ ނައު ހަލާކުކޮށްލެއްވުމަށް ގަސްދުކުރެއްވީ (ސަލާމަތުންވާ) ކޮންމެ ނަވެއް ޣަޞްބުން އަތުލާ ރަސްކަލަކު އެމީހުންގެ ކުރިމަތީން (އެދަތުރަށް ފެއްޓިނަމަ) ބައްދަލުކުރާނެތީއެވެ."

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން މިފަދަ މިސާލެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އަޢުރާބީއަކު (ރައްފުށު ހިސާބުގެ) މީހަކު އައިސް މަސްޖިދުއްނަބަވީގެ ތެރެއަށް ކުޑަކަމުދިޔަ ހާދިސާއެވެ.

عَنْ يَحْيَى بْنِ سَعِيدٍ أَنَّهُ سَمِعَ أَنَسَ بْنَ مَالِكٍ يَذْكُرُ أَنَّ أَعْرَابِيًّا قَامَ إِلَى نَاحِيَةٍ فِى الْمَسْجِدِ فَبَالَ فِيهَا فَصَاحَ بِهِ النَّاسُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم « دَعُوهُ ». فَلَمَّا فَرَغَ أَمَرَ رَسُولُ اللَّهِ -صلى الله عليه وسلم- بِذَنُوبٍ فَصُبَّ عَلَى بَوْلِهِ. – رواه مسلم

މާނައީ: ޔަޙުޔާ ބުނު ސަޢީދުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު އަނަސް ބުނު މާލިކު ވިދާޅުވަނިކޮށް އަޑުއެއްސެވިއެވެ. ރަށްފުށުގެ މީހަކު މިސްކިތަށްވަދެ މިސްކިތުގެ ކަނަކަށް ކުޑަކަމުދާން ފެށުމުން މީސްތަކުން ހަޅޭއްލަވަން ފެއްޓިއެވެ. އެހިނދު ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "އޭނާ އެކަންކުރިއަދޭށެވެ!" ދެން އޭނާ ކުޑަކަމުގޮސް ނިމުމުން އެތަނަށް ފެންބާލިދީއެއް އެޅުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. ދެން ފެންބާލިދީއެއް އެތަނަށް އެޅުއްވުނެވެ."

މިސްކިތަށް ކުޑަކަމު ދިޔުމަކީ ނުބައިކަމެކެވެ. ނަމަވެސް އެކަމުގެ ޙުކުމް އެނގިފައިނުވާ މީހަކު އެކަން ކުރަން ހުއްޓައި ހުއްޓުވައިލުމަކީ، އޭނާއަށް ޖިސްމާނީގޮތުން ނުވަތަ ޞިއްޙީގޮތުން އެތައް ގެއްލުން ލިބިދޭކަމެއް ކަމުގައިވުން ވަރަށްވެސް ގާތެވެ. ވީމާ، މިހާދިސާގައި ކީރިތި ރަސޫލާ صلى الله عليه وسلم ޢަމަލު ކުރައްވާފައިވަނީ އިސްވެދެންނެވުނު ޤާޢިދާގައިވާ އުޞޫލުގެ މަތިންނެވެ.

އައްޝައިޚް ޙަސަން މޫސާ ފިކުރީގެ ބައެއް އެހެނިހެން ޕޯސްޓުތައް