ނަމާދު ކުރުން ނަހީކުރެއްވިގެންވާ ގަނޑިތަކުގައި ފަރުޟު ނަމާދު ކުރުން

އައްޝައިޚް ޙަސަން މޫސާ ފިކުރީ - 05 އޭޕްރީލް 2015 - 14:24

ނަމާދު ކުރުން ނަހީކުރެއްވިގެންވާ ތިން ވަގުތެއް ވާކަމުގައި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން ޘާބިތުވެއެވެ. އެތިން ވަގުތު ތަފްޞީލުކޮށް އެއީ ފަސްވަގުތެއްކަމު ބައެއް ފިޤުހު ޢިލްމުވެރިން ކަނޑައަޅުއްވައެވެ. އޭގެ ތެރޭގައި ހިމެނެނީ:
1. ފަތިސްނަމާދަށް ފަހުގައި އިރު އެރުމުގެ ކުރިން އޮންނަ ވަގުތާއި
2. އިރު އަރާ ވަގުތާއި
3. އިރު މެދުޖެހޭ ވަގުތާއި
4. ޢަޞުރު ނަމާދަށްފަހުގައި އިރު އޮއްސުމާއި ދެމެދުގެ ވަގުތާއި
5. އިރު އޮއްސޭ ވަގުތެއެވެ.
ތިންވަގުތު ކަމުގައި ދެކެލައްވާ ބޭކަލުން ވިދާޅުވަނީ ފަތިސްނަމާދަށްފަހު އިރު އެރުމާއި ދެމެދުގެ ވަގުތާއި، މެންދުރުން އިރު މެދުޖެހޭ ވަގުތާއި، އަސުރުނަމާދަށް ފަހު އިރު އޮށްސުމާއި ހަމައަށް އޮންނަ ވަގުތު ކަމުގައެވެ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.  « لاَ صَلاَةَ بَعْدَ صَلاَةِ الْعَصْرِ حَتَّى تَغْرُبَ الشَّمْسُ وَلاَ صَلاَةَ بَعْدَ صَلاَةِ الْفَجْرِ حَتَّى تَطْلُعَ الشَّمْسُ » رواه البخاري ومسلم
މާނައި: "ޢަޟުރު ނަމާދަށްފަހު އިރު އޮއްސުމަށް ދާންދެން ނަމާދު ކުރުމެއް ނުވެއެވެ. އަދި ފަތިސް ނަމާދަށް ފަހުގައި އިރު އެރުމަށް ދާންދެން ނަމާދު ކުރުމެއް ނުވެއެވެ."
އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. « صَلِّ صَلاَةَ الصُّبْحِ ثُمَّ أَقْصِرْ عَنِ الصَّلاَةِ حَتَّى تَطْلُعَ الشَّمْسُ حَتَّى تَرْتَفِعَ فَإِنَّهَا تَطْلُعُ حِينَ تَطْلُعُ بَيْنَ قَرْنَىْ شَيْطَانٍ وَحِينَئِذٍ يَسْجُدُ لَهَا الْكُفَّارُ ثُمَّ صَلِّ فَإِنَّ الصَّلاَةَ مَشْهُودَةٌ مَحْضُورَةٌ حَتَّى يَسْتَقِلَّ الظِّلُّ بِالرُّمْحِ ثُمَّ أَقْصِرْ عَنِ الصَّلاَةِ فَإِنَّ حِينَئِذٍ تُسْجَرُ جَهَنَّمُ فَإِذَا أَقْبَلَ الْفَىْءُ فَصَلِّ فَإِنَّ الصَّلاَةَ مَشْهُودَةٌ مَحْضُورَةٌ حَتَّى تُصَلِّىَ الْعَصْرَ ثُمَّ أَقْصِرْ عَنِ الصَّلاَةِ حَتَّى تَغْرُبَ الشَّمْسُ فَإِنَّهَا تَغْرُبُ بَيْنَ قَرْنَىْ شَيْطَانٍ وَحِينَئِذٍ يَسْجُدُ لَهَا الْكُفَّارُ » رواه مسلم
މާނައި: "ފަތިސް ނަމާދު ކުރާށެވެ! އެއަށްފަހު އިރު ފުރިހަމައަށް އެރުމަށް ދާންދެން ނަމާދު ނުކޮށް މަޑުކޮށްލާށެވެ. އެހެނީ އިރު އަރާހިނދު، އަރަނީ ޝައިޠާނާގެ ދެ ދަޅުގެ މެދުންނެވެ. އަދި އެވަގުތަކީ އެއަށް ކާފަރުން ސަޖިދަޖަހާ ވަގުތެވެ. އެއަށްފަހުގައި އަނެއްކާވެސް ނަމާދު ކުރާށެވެ! އެހެނީ އެނަމާދަށް މަލާއިކަތުން ޙާޟިރުވެ ހެކިވެވަޑައިގަންނަވާނެއެވެ. އެހެންގޮސް އިރު މެދުޖެހުމުން ނަމާދު ނުކޮށް މަޑުޖެހިލާށެވެ. އެވަގުތަކީ ނަރަކަ ކައްކުވައިލެވޭ ވަގުތެވެ. އެއަށްފަހު ހިޔަނި އެޅިއްޖެނަމަ (އެބަހީ އިރު މެދުންފިލުމުގެ ސަބަބުން ހިޔަނިއެޅުމުން) ނަމާދު ކުރާށެވެ! އެނަމާދަށް މަލާއިކަތުން ޙާޟިރުވެ ހެކިވެވަޑައިގަންނަވާނެއެވެ. އެގޮތަށް ގޮސް ޢަޞުރު ނަމާދު ކުރުމަށް ދާންދެންނެވެ. ޢަޞްރު ނަމާދަށްފަހު އިރު އޮށްސެންދެން ނަމާދުނުކޮށް މަޑުކޮށްލާށެވެ. އެހެނީ އިރު އޮއްސޭހިނދު އޮއްސެނީ ޝައިޠާނާގެ ދެދަޅުގެ ދެމެދުންނެވެ. އަދި އެވަގުތަކީ އެއަށް ކާފަރުން ސަޖިދަ ޖަހާ ވަގުތެވެ."
މިދެންނެވުނު ވަގުތުތަކުގައި ނަމާދު ކުރުން ނަހީކުރެއްވިގެންވިއެއްކަމަކު، ޝަރުޢީ ޢުޛުރަކާއިހުރެ ނަމާދު ނުކޮށް ހުރި މީހަކު ވީ އެންމެ އަވަހަކަށް ނަމާދު ކުރަންޖެހޭނެއެވެ. ފަރުޟު ނަމާދު ނުކޮށް ހުރި މީހަކަށް އެނަމާދު ވީ އެންމެ އަވަހަކަށް ކުރުން ނޫން ގޮތެއް ނެތެވެ. ނަމާދުކުރުން ނަހީވެގެންވާ ވަގުތެއްގައިވިޔަސް ފަރުޟު ނަމާދު ނުކުރެވި ހުރި މީހަކަށް އެނަމާދު ލަސްކޮށްލުމަކަށް ޢުޛުރެއް ނެތެވެ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. « مَنْ نَسِىَ صَلاَةً أَوْ نَامَ عَنْهَا فَكَفَّارَتُهَا أَنْ يُصَلِّيَهَا إِذَا ذَكَرَهَا ». رواه البخاري ومسلم وللفظ لمسلم
މާނައީ: "މީހަކު ނަމާދު ކުރަން ހަނދާން ނެތިއްޖެނަމަ، ނުވަތަ ނަމާދުގެ ވަގުތުގައި ނިދާފައި އޮވެއްޖެނަމަ، އޭގެ ކައްފާރާއަކީ ހަނދާންވުމުން އެނަމާދު ކުރުމެވެ." އަދި ބައެއް ރިވާޔަތްތަކުގައި «لاَ كَفَّارَةَ لَهَا إِلاَّ ذَلِكَ » "އެނޫން ކައްފާރާއެއް އެކަމަކަށް ނުވެއެވެ." މިފަދައިންވެސް ރިވާވެގެންވެއެވެ.
ވީމާ ފަރުޟު ނަމާދު ކުރުން މަނާވެގެންވާ އެއްވެސް ވަގުތެއް ނުވެއެވެ. والله أعلم

އައްޝައިޚް ޙަސަން މޫސާ ފިކުރީގެ ބައެއް އެހެނިހެން ޕޯސްޓުތައް