މިސްކިތަށް ހިނގާފައި ދިއުމުގެ މުހިންމުކަން

އަލްއަޚް ރާމިޒު އަބޫބަކުރު - 08 މާރިޗު 2015 - 21:26

އަލްއިމާމް ނަވަވީ ލިޔުއްވާފައިވާ ރިޔާޟުއްޞާލިޙީންގެ ޙަދީޘް ނަމްބަރު 136 އަދި 137

ޙަދީޘް 136، މާނައީ: "ހަމަ އެކަލޭގެފާނު ކިބައިން (އެބަހީ: މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި ޖާބިރުގެފާނުގެ ކިބައިން) ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ބަނޫސަލިމާ ޤަބީލާގެ މީހުން، އެބައިމީހުންގެ ގެދޮރު މިސްކިތާ ކައިރިއަށް ބަދަލުކުރުމަށް ގަސްދުކުރޫއެވެ. ފަހެ، ރަސޫލާ صلى الله عليه وسلم އަށް މިޚަބަރު ލިބިވަޑައިގެން ޙަދީޘްކުރެއްވިއެވެ. {ހަމަކަށަވަރުން، ތިޔަބައިމީހުން މިސްކިތާ ކައިރިއަށް ބަދަލުވުމަށް ގަސްދުކުރާކަމަށް ތިމަންކަލޭގެފާނު އައްސަވައިފިއެވެ.} އެބައިމީހުން ދެންނެވޫއެވެ. އާދޭހެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުމެން އެކަމަށް ގަސްތުކުރީމުއެވެ. ޙަދީޘްކުރެއްވިއެވެ. {ބަނީސަލިމާ ޤަބީލާގެ ގެތައް (މިސްކިތާ ދުރުގައިވުން ދަންނާށެވެ!) ތިޔަބައިމީހުންގެ ގެތައް ތިޔަބައިމީހުންގެ ފިޔަވަޅުތައް ތިޔަބައިމީހުންނަށްޓަކައި ލިޔުއްވައެވެ.} (އެބަހީ: ތިޔަބައިމީހުންގެ ގެތައް މިސްކިތާއި ދުރުގައިވުމަކީ، މިސްކިތަށް ނަމާދަށް އައުމަށްޓަކައި ތިޔަބައިމީހުން އަޅާ ފިޔަވަޅުތައް ގިނަވެ، އެކަމުގެ ދަރުމަ ތިޔަބައިމީހުންނަށްޓަކައި އިތުރުވެގެން ދިޔުމުގެ ސަބަބެއްކަމުގައި ވާކަމެކެވެ.)" (މުސްލިމު)

އަދި (މުސްލިމުގެ) އެހެން ރިވާޔަތެއްގައިވެއެވެ. (ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.) "{ހަމަކަށަވަރުން، (މިސްކިތަށް އައުމަށްޓަކައި އަޅާ) ކޮންމެ ފިޔަވަޅަކަށް ދަރަޖައެއް (އުފުއްލެ) ވެއެވެ.}"

ޙަދީޘް 137، މާނައީ: މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަލްމުންޛިރު، އުބައްޔު ބްނު ކަޢުބުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. އެ ކަލޭގެފާނުގެ ގެއަށްވުރެ މިސްކިތާއި ދުރުގައި އެހެން މީހެއްގެ ގެ ހުންނަކަން ތިމަންނާއަށް އެނގިފައިނުވާ ބޭކަލަކު އުޅުއްވިއެވެ. އެ ކަލޭގެފާނު، އެއްވެސް ނަމާދަކަށް މިސްކިތަށް ވަޑައިނުގެން ނުދެއެވެ. ފަހެ، އެ ކަލޭގެފާނަށް ދެންނެވުނެވެ. ނުވަތަ އެ ކަލޭގެފާނު ވިދާޅުވީ، އެކަލޭގެފާނަށް ތިމަންކަލޭގެފާނު ވިދާޅުވީމެވެ. އަނދިރީގައްޔާއި، ހޫނުގަދަ ވަގުތުގައި އެއަށް ސަވާރުވެލެއްވުމަށްޓަކައި، ތިބާ ޙިމާރެއް ބައްލަވައިގަތުން ކިހިނެއް ވާނެތޯއެވެ؟  ފަހެ، (މިވާހަކަ އިވިވަޑައިގެން) ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. {ހަމަކަށަވަރުން، ތިބާއަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ މި ހުރިހާ ކަމެއް (އެބަހީ: މިސްކިތަށް ހިންގަވައިފައި ވަޑައިގަތުމާއި، މިސްކިތުން ނިމިވަޑައިގެން ހިންގަވައިފައި ގެއަށް ވަޑައިގަތުމު) ގެ ޘަވާބު ލިޔުއްވާ ހުއްޓެވެ.

އަދި (މުސްލިމުގެ) އެހެން ރިވާޔަތެއްގައިވެއެވެ. (ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.) {ތިބާއަށްޓަކައި ތިބާ އެދިލެއްވި ކަންތައް ވެއެވެ.}

އަލްއަޚް ރާމިޒު އަބޫބަކުރުގެ ބައެއް އެހެނިހެން ޕޯސްޓުތައް