ﷲ ގެ ރުއްސެވުން އެދި ގަދައަޅައި މަސައްކަތް ކުރާށެވެ.

އަލްއަޚް ރާމިޒު އަބޫބަކުރު - 01 ފެބްރުއަރީ 2015 - 13:31

އަލްއިމާމް ނަވަވީ ލިޔުއްވާފައިވާ ރިޔާޟުއްޞާލިޙީންގެ ޙަދީޘް ނަމްބަރު 109

މާނައީ: "މާތް ﷲ، އެ ކަލޭގެފާނަށް ރުއްސުންލެއްވި އަނަސްގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ތިމަންގެ ބޮޑުބޭބެ، މާތް ﷲ، އެ ކަލޭގެފާނަށް ރުއްސުންލެއްވި އަނަސް ބްނު އައްނަޟްރަށް ބަދުރު ހަނގުރާމައިގައި ބައިވެރިވެ ނުލެއްވިގެން (އެކަމާއި ދެރަފުޅުވެގެން) ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު މުޝްރިކުންނާއި ކުރެއްވި ފުރަތަމަ ހަނގުރާމައިގައި އަޅުގަނޑަށް ބައިވެރިއެއް ނުވެވުނެވެ. މުޝްރިކުންނާ ކުރެވޭ ހަނގުރާމައެއްގައި މާތް ﷲ، އަޅުގަނޑު ބައިވެރިކޮށްދެއްވައިފިނަމަ (އެބަހީ: އެކަލާނގެ އެގޮތަށް އިރާދަކުރައްވައިފި ނަމަ) އެބައިމީހުންނާ މެދުގައި އަޅުގަނޑު ކަންކުރާނީ ކިހިނަކުންކަން މީސްތަކުންނަށް އެކަލާނގެ ދައްކަވާހުށްޓެވެ!! (އެބަހީ ރަސޫލާ صلى الله عليه وسلم ގެ ހިތްޕުޅަށް އުފާވެރިކަން ލިބޭނެފަދައަކުން މުޝްރިކުންނާ މުޢާމަލާ ކުރައްވާހުށީމެވެ.)

ފަހެ އުޙުދު ހަނގުރާމައިގެ ދުވަހު، (މުސްލިމުންނަށް ނަޞްރުލިބުމަށްފަހު، މުޝްރިކުންގެ ކުރިމަތީގައި) މުސްލިމުން ބައިބައިވެ ވިއްސިވިހާލިވެގެން ދިޔައެވެ. ފަހެ އެ ކަލޭގެފާނު (އެބަހީ: އަނަސް ބްނު އައްނަޟްރު) ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިބައިމީހުން، އެބަހީ އަޞްޙާބު ބޭކަލުންނަށް ކަންކުރެވުނު ގޮތާމެދު އިބަރަސްކަލާނގެ ޙަޟްރަތުން ޢަފޫކޮއްދެއްވުމަށް މިއަޅާ އެދެމެވެ. އަދި މިބައިމީހުން، އެބަހީ: މުޝްރިކުން ކަންކުރި ގޮތާމެދު އިބަރަސްކަލާނގެ ޙަޟްރަތުގައި މިއަޅާ ބަރީއަވަމެވެ. (އެބަހީ: ރަސޫލާ صلى الله عليه وسلم އާއި، މުސްލިމުންނަށް އެބައިމީހުންގެ ކިބައިން ލިބިވަޑައިގަތް އަނިޔާ އާއި ގެއްލުމަށް ތިމަންއަޅާ އެބައިމީހުންގެ މައްޗަށް ނަފުރަތްކޮށް، ރުޅި އަންނަމެވެ.) އެއަށްފަހު، އެކަލޭގެފާނު ކުރިއަށް ނުކުމެވެޑައިގަތެވެ. ފަހެ، އެ ކަލޭގެފާނާ ސަޢުދު ބްނު މުޢާޛްގެފާނު ބައްދަލުވިއެވެ. ފަހެ، އެ ކަލޭގެފާނު ވިދާޅުވިއެވެ. އޭ ސަޢުދު ބްނު މުޢާޛެވެ! ކަޢުބަތު ﷲ ގެފުޅުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ތިމަންނާއަށް ސުވަރުގެ އެބަފެނެއެވެ! ނުވަތަ ތިމަންނާ ސުވަރުގެ ބޭނުމެވެ. އުޙުދުފަރުބަދައިގެ އަނެއް ފަރާތުން ތިމަންނާއަށް ސުވަރުގޭގެ މީރު ވަސް އެބަދުވައެވެ!"

ސަޢުދުގެފާނު، (އެވާހަކަ މާތްނަބިއްޔާގެ އަރިހުގައި ދަންނަވަމުން) ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެ ކަލޭގެފާނު އެކުރެއްވިފަދަ ހިތްވަރެއް (ހަމަގައިމުވެސް) އަޅުގަނޑަކަށް ނުކުރެވޭނެއެވެ. އަނަސްގެފާނު ވިދާޅުވިއެވެ. ފަހެ، (އެ ކަލޭގެފާނު ޝަހީދުވެފައިވަނިކޮށް) ތިމަންމެންނަށް އެ ކަލޭގެފާނު ފެނުނުއިރު، އެ ކަލޭގެފާނު ހަށިކޮޅުގައި އައްޑިހަ އެތަކެއް ޒަޚަމު ހުއްޓެވެ. އެއީ، ކަނޑިން ޖެހުމުން ވެފައިވާ ޒަޚަމާއި، ލޮންސީގެ ޒަޚަމާއި، ތީރުގެ ޒަޚަމެވެ. ތިމަންމެންނަށް އެކަލޭގެފާނު ފެނުނުއިރު، މުޝްރިކުންވަނީ، އެ ކަލޭގެފާނުގެ ޝަހީދުވެފައިވާ ހަށިކޮޅުގެ ގުނަވަންތައް ކަނޑައި ހަލާކުކޮށްފައެވެ. (ހަށިކޮޅަށް ގެއްލުންދީފައިވާލެއް ބޮޑުކަމުން) ތިމަންމެންގެ ތެރެއިން އެ ކަލޭގެފާނުގެ އުޚުތަކަށްނޫން އެހެން އެކަކަށްވެސް އެކަލޭގެފާނު ވަކިކުރާކަށް ނޭނގުނެވެ. އެ ކަމަނާއަށް، އެ ކަލޭގެފާނު އެނގިވަޑައިގަތީ، އެ ކަލޭގެފާނުގެ އަތްޕުޅުގެ އިނގިލިފުޅުންނެވެ. އަނަސުގެފާނު ވިދާޅުވިއެވެ. ތިމަންމެން ދެކޭގޮތުގައި، ނުވަތަ އެކަލޭގެފާނު ވިދާޅުވީ، ތިމަންމެން ހީކުރާގޮތުގައި، ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތް ބާއްވައިލެއްވުނީ، އެކަލޭގެފާނާ މެދުގައެވެ. އަދި އެނޫން އެފަދަ މީހުންނާ މެދުގައެވެ. (އެއީ) އަލްއަޙުޒާބު ސޫރަތުގެ 23 ވަނަ އާޔަތެވެ.

مِّنَ الْمُؤْمِنِينَ رِ‌جَالٌ صَدَقُوا مَا عَاهَدُوا اللَّـهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُ وَمِنْهُم مَّن يَنتَظِرُ‌ ۖ وَمَا بَدَّلُوا تَبْدِيلًا ﴿٢٣﴾

މާނައީ: "ﷲ އަށް އެއުރެން ޢަހުދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މުއުމިނުންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (ޝަހީދުވެ) މަރުވެގެންދިޔަ ބަޔަކުވެއެވެ. އަދި (ޝަހީދުވުމަށް) އިންތިޒާރުކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިންވެއެވެ. އަދި އެއުރެން (އެ ޢަހުދަށް) އެއްވެސް ކަހަލަ ބަދަލެއް ނުގެނެއެވެ."

އަލްއަޚް ރާމިޒު އަބޫބަކުރުގެ ބައެއް އެހެނިހެން ޕޯސްޓުތައް