ކުރިން ޙަރާމް، މިހާރު ޙަލާލް ؟

އަލްއަޚް އަޙްމަދު ޢަލީ - 12 ޖަނަވަރީ 2015 - 21:31

ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ދީނީ ޢިލްމުވެރިން އެ މައުޟޫއަކާއި ގުޅޭގޮތުން އެންމެގިނައިން ފަތުވާ ދެއްވާފައިވާ މައުޟޫއަކީ "އިސްލާމް ދީނުގެ ނަޒަރުގައި މިއުޒިކު" ކުޅުމާއި ލަވަ އަޑުއެހުމާއި ބެހޭގޮތުން ދެއްވާފައިވާ ފަތުވާ އެވެ. 15 މާޗް 2008 ވަނަ އަހަރު ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއުޒިކާއި ބެހޭގޮތުން ނެރުނު ސީޑީގައި މިއުޒިކަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް އެއްޗެއްކަމަށް ކީރިތި ޤުރްއާނާއި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ގެ އަލީގައި މަދުވެގެން 24 ޝައިޚުން ފަތުވާ ދެއްވާފައި ވެއެވެ. އެއީ އޭރުގައި ތިއްބެވި އެކަމަށް އެއްބަސްވާ ހުރިހާ ޝައިޚުންނެއް ނޫނެވެ. ނަމަވެސް އެސީޑީ ނެރުމުގެ ވަގުތު ޖެހުނު އިރު ވީޑިއޯ އިންޓަވިއު ނެގުނު ޝައިޚުންކަމަށް އަޅުގަނޑަށްވަނީ މަޢުލޫމާތު ލިބިފައެވެ. އިސްލާމް ދީނުގެ ނަޒަރުގައި މިއުޒިކު ކުޅުމާއި މިއުޒިކު އަޑު އެހުމަކީ ޙަރާމް އެއްޗެއްކަމަށް މުޅި އުއްމަތްވަނީ އިއްތިފާޤު ވެފައެވެ. ނަމަވެސް މިހާރު......

މިހާރު އަޑުތައް އިވެމުންދަނީ ކުރިން މިއުޒިކު ޙަރާމް ކަމަށްބުނެ ފަތުވާ ދިން ބައެއް ޝައިޚުން މިހާރު އެކަން ޙަލާލް ކުރި ވާހަކައެވެ. އަދި މިއަދު އެކަން މާބޮޑު ކަމަކަށް ހަދައިގެން ނޫޅޭ ވާހަކައެވެ. ކަމުގެ ހަގީގަތަށް ޖެހިލަމާހެވެ.

ދުނިޔޭގެ ބޮޑެތި މުޖުރިމުން ކަމުގައި ބައެއް ޤައުމުތަކުގައި ލޭބަލް ކޮށްފައިވާ ގޮތްކުޑަ ލަވަކިޔުންތެރިން ގެނެސްގެން މި މުސްލިމް ފަސްގަނޑު ޚަރާބު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ މިއުޒިކު ޝޯތަކުގެ އަޑު އަނެއްކާވެސް މިވަނީ ގަދަކުރަން މަސައްކަތްފަށާފައެވެ. އަމިއްލަ އެދުމުން ފޯވެފައިތިބި ބައެއް ދިވެހި ޚާއިނުން އަޑީގަ ތިބެގެން ހިންގަމުންދާ މި ޖަރީމާގެ ނަތީޖާއާއިމެދު މިބައިމީހުންގެ އެއްވެސް ވިސްނުމެއް ނެތެވެ. މިބައިމީހުންގެ ބަހުރުވައިންނަމަ މިއީ ދިވެހި ރާއްޖެ ދުނިޔެއަށް އިޝްތިހާރު ކުރުމަށާއި ދިވެހިންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ކުޅިވަރު ޕްރޮގްރާމުތަކެއް ކަމަށެވެ.

މީގެތެރެއިން އެއް ޕްރޮގްރާމެވެ.

ތިމާ ކިޔަމުންދާ ހަޑި މުޑުދާރު ޅެންތަކާއި ދީންތަކަށް ކުރަމުންދާ މަލާމާތާއި ފުރައްސާރައިގެ ސަބަބުން ދުނިޔޭގެ ބައެއް ޤައުމުތަކަށް އެރުން މަނާކޮށްފައިވާ ޝައިޠާނަކު ދާދިފަހުން ރާއްޖެ ގެނައެވެ. އޭނާއަކީ ކެނެރީގޭ ނަޝީދުގެ ވެރިކަމުގައިވެސް ގެންނަން މަސައްކަތްކޮށްފައިވާ މީހެކެވެ. ނަމަވެސް ދީނީ ޢިލްމުވެރިން އެކަމާ ދެކޮޅުހެދުމުން އޭނާގެ ޝޯ، ފަހުގެ ތާރީޚެއްގައި ބާއްވާނެކަމަށް ބުނެ އެ ޝޯ އިންތިޒާމުކުރިފަރާތުން އެވަގުތަށް ޝޯ ކެންސަލް ކުރި އެވެ. އޭރުގަ ވެރިކަން ކުރަމުންދިޔައީ ކެނެރީގޭ ނަޝީދު އެވެ. އޭނާއާ އިދިކޮޅު ފަރާތްތަކުންވެސް އެޝޯ ކެންސަލް ކުރުމަށް އޭރުގަ އަޑު އުފުލި އެވެ. މިއަދު ވެރިކަމުގާ ހުރީ ޔާމީން ޢަބްދުލް ޤައްޔޫމް އެވެ. އޭރުގެ އިދިކޮޅު ފަރާތެކެވެ. މިއަދު ހަމަ އެއްކަލަ ޝައިޠާނު ގެނެސްގެން ގަލޮޅު ދަނޑުގައި ޝޯ ބޭއްވީ އެވެ.

މިއަދުގެ އިދިކޮޅު އެމްޑީޕީގެ ހާލަތު:

ފަހުގެ ކާރިސާއަކަށް ބަލާލަމާހެވެ. މާލެއަށް ދިމާވި ފެނުގެ ކާރިސާއަކީ ރާއްޖޭގެ ތާރީޚުގައިވެސް ވެރިރަށް މާލެއަށް ދިމާވި އެންމެ ހިތްދަތި އަދި މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އެންމެ ވޭން ލިބުނު އެއް ކާރިސާ އެވެ. އެމްޑަބްލިޔުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ތަނުގެ ކަރަންޓު ޕެނަލް ބޯޑު އަނދައިގެން ދިއުމުގެ ސަބަބުން މުޅި މާލެ ފެނަށް ޖެހުނެވެ. މިކަމުގެ ސަބަބުން މާލޭގަ ދިރިއުޅޭ މީހުންތައް ހުސްފުޅިގަނޑު ހިފައިގެން ފެންފޮދެއް ލިބޭތޯ މަގުތަކުގައި އެކި މީހުން ކައިރީ އާދޭސް ކުރަމުން ހިނގިއިރު، ސޯޝަލް މީޑިއާގައި އެކަމަށް އެންމެ ބޮޑަށް ހަޖޫޖަހައި ފުރައްސާރަ ކުރަމުންދިޔައީ އެމްޑީޕީ ގެ ބައިގަނޑެވެ. ސަރުކާރުން ކުރާ އެއްވެސް ކަމަކަށް އެއްގަލަކަށް ނޭރޭ އެމްޑީޕީއަށް މި މިއުޒިކު ޝޯގެ ކަންތަކުގައި އެއްގަލަކަށް އެރިއްޖެ އެވެ. ޤައުމަށް ކިތަންމެ ފައިދާއެއް ވާ ކަމެއްކަމުގައިވިޔަސް މި ދެބައިމީހުންނަކަށް އެއްގަލަކަށް ނޭރެއެވެ. އެމްޑީޕީ އިން ކިތަންމެ ހެޔޮ ވާހަކައެއް ބުނިކަމުގައިވިޔަސް އެކަމަށް ޕީޕީއެމް އިން ފާޑު ކިޔާ ދެކޮޅު ހަދާނެއެވެ. ޕީޕީއެމް އިން ކިތަންމެ ހެޔޮ ވާހަކައެއް ބުނިކަމުގައި ވިޔަސް އެމްޑީޕީ އިން އެކަމަށް އިންކާރު ކުރާނެއެވެ. މުޒާހަރާވެސް ކުރާނެއެވެ. މުޅި ޤައުމުގައި ހުޅުވެސް ޖަހާނެއެވެ. ނަމަވެސް މިއުޒިކާއި ފާޙިޝް ކަންތަކުގައި އަދާލަތު ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކަކުން އެއްގަލަކަށް އަރައި ޝޯ ބޭއްވި މަންޒަރު ފެނިގެން ހިނގައްޖެއެވެ. ޝޯއާއިމެދު ޕާޓީތަކުން ބުނެފައިވަނީ "އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން އެމްޑީއޭގެ ޒުވާނުންގެ ގޮފީގެ ލީޑަރުން ގުޅިގެން "ޓީމް ޒުވާނުން"ގެ ނަމުގައި މިހާރު ވަނީ އޭކަންގެ ޝޯ ޕްރޮމޯޓްކުރުމުގެ މަސައްކަތް ފަށައިފަ" މިހެންނެވެ. އެންމެ އަދާވާތްތެރި މީހުން
ފާޙިޝް ކަންތައްތަކުގައި އެންމެ ގާތް އެކުވެރި ދޯސްތުންނަށް ވެގެން ދިޔަ މަންޒަރު ދިވެހި މުސްލިމް ރައްޔިތުންނަށް މިވަނީ ފެނިގެން ގޮސްފައެވެ.

ފަހުގެ ތާރީޚެއްގައި ދިވެހިން ދެކެފައިވާ އެންމެ ނާޒުކު، އަދި އެންމެ ހިތްދަތިކަން ގެނުވި ހާދިސާއާ ގުޅިގެން، ރައްޔިތުންނަށް ކުރިމަތިވި އެންމެ ނުތަނަވަސް ދަނޑިވަޅުގައި، ސަރުކާރަށް މަލާމާތް ކުރަމުން ދިޔަ އެއްކަލަ ބައިގަނޑު މިއުޒިކު ޝޯގައި އެއްގަލަކަށް އަރައި އެންމެން ގުޅިގެން މީޑިއާއަށް އިންޓަވިއު ދިން އިރު މިބައިމީހުންގެ ލަދު ހަޔާތް ހުރި ހިސާބާއި ދޭތެރޭ ސުވާލު ނުއުފެދޭ ހެއްޔެވެ؟ ހަގީގަތް ވާނީ ހަގީގަތަށެވެ. މިއީ މިބައިމީހުންގެ އަސްލު ސޫރަ އެވެ.

ފެން ކުންފުންޏަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށް 20 މިލިޔަން ޑޮލަރު ހޯދުމަށް ފަންޑެއް ހުޅުވާލައި، އެފައިސާ ޖަމާކުރުމަށް ބޮޑެތި ކުންފުނިތަކުގެ ކައިރިޔަށް ގޮސް، ދިވެހިރައްޔިތުންގެ ނަމުގައި ނާށިގަނޑު ހިފައިގެން މުޅި ދުނިޔޭގައި ސަލާން ޖަހަމުން ސަރުކާރުން ގެންދިޔައިރު ސަރުކާރުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ކޮރަޕްޝަންގެ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދިޔައީ ދުވާލު ދެދަޅައަށް ގޮވާ ނަގަމުންނެވެ. އެފައިސާހަމަވެ، ފެންކުންފުނީގެ މައްސަލަތައް ހައްލުވީކަމެއް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. ނަމަވެސް އޭގެ އެއް ހަފްތާފަހުން މީލާދީ އާއަހަރުގެ ނަމުގައި، ޝޯން ޕޯލްކިޔާ ޝައިޠާނަކު ގެނައުމަށް މިލިޔަނެއްހާ ޑޮލަރު ޚަރަދުކުރާނޭ ކަމުގެ އަޑުތައް އިވެމުން ދިޔައެވެ. އަދި ޝޯން ޕޯލް އަށް މަރުގެ އިންޒާރު ދިނުމުން އޭނާ ނައިކަމުގައިވިޔަސް މިޔުޒިކު ޝޯއެއް ބޭއްވިއެވެ. އެވަރުން ނުވެގެން އޭގެ ހަފްތާއެއްފަހުން، އެއަށްވުރެ ބޮޑެތި ޚަރަދުތައް ކޮށްގެން، ބޮޑެތި ފާހިޝް ޢަމަލުތައް ހިންގުމުގައި މަޝްހޫރު މުޖުރިމުންވެސް ވަނީ ގެނެސްފައެވެ. އިންޑިއާގެ ރަންޑި އަންހެނަކު ސްޓޭޖު މައްޗަށް އަރުވައިގެން ސަރުކާރުގެ ވަޒީރެއްގެ ލަދު ހަޔާތްވަނީ ކަނޑާލާފައެވެ. ނުވިތާކަށް ފާޑެއްގެ ސޯޓެއް ލައިގެން އަތުގައި ފައިސާ ގިނަވެގެން އުޅޭ މީހަކު އަރައި މުރުތައްދު ވާ ޒާތުގެ ޅެންތައް އެ ރަންޑި އަންހެނާއަށް ވަނީ ހުށައަޅައިދީފައެވެ. އަދި ކޮރަޕްޓުވެފައިވާ ސަރުކާރުގެ އެންމެ އިސްވެރިންނާ ގުޅިގެން އިދިކޮޅު ފަރާތްތައްވެސް އަތުގުޅުވާލައިގެން ނުކުތްއިރު، ކޮރަޕްޝަންގެ މައްސަލަތައް އިދިކޮޅު ފަރާތްތަކުގެ ސިކުނޑިން ވަނީ ފިލައި ގޮސްފަ އެވެ. ސަރުކާރު ހިންގާ އިސްވެރިން ޝޯ ބާއްވަން ކުރި ޚަރަދުތައް ހުއްދަވީބާއެވެ؟ ޙަރާމްކަންތައްތައް ޕުރޮމޯޓް ކުރުމުގައި މިވެރިން މީހަމަ އެއް ބަރަންޏެކެވެ.

ކުރިން ޙަރާމް، މިހާރު ޙަލާލް ވާހަކަ!

ޝޯ ބާއްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވަނީ އަބަދުވެސް މިފަދަ ލާދީނީ ކަންތައްތަކަށް ކަންބޮޑުވުން ފާޅު ކުރަމުންގެންދާ ދީނީ ޢިލްމުވެރިންނެވެ. ޝޯ އާއިމެދު އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ 07 ޖެނުއަރީ 2015 ގައި މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ކޮންމެ ސަރުކާރަކުން، ކޮންމެ މީހަކު ރާވައިގެން ވިއަސް އޭކަން ފަދަ މީހަކު ގެނެސްގެން ޝޯ ބޭއްވުމަކީ ސައްތަ އިން ސައްތަ މުސްލިމް ގައުމެއްގައި، އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށާއި އެ ޝޯ އަށް ވަރަށް ފާޅުގައި ދެކޮޅު ހައްދަވާ ކަމަށެވެ. މީގެ އިތުރުން ޢާއްމުކޮށް ދީނީ ދަރުސްތައް ދެއްވަމުން ގެންދަވާ ވަރަށް ގިނަ ޢިލްމުވެރިންވަނީ އެ ޝޯ އާއި ދެކޮޅަށް  ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް، އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، އައްޝައިޚް ޙަސަން މޫސާ ފިކުރީ، ޑރ.އިޔާޒް ޢަބްދުއްލަޠީފް، އައްޝައިޚް އާދަމް ޝަމީމް، އަލް އުސްތާޛާ އަނާރާ ނަޢީމް އާއި އަދިވެސް ވަރަށްގިނަ ޢިލްމުވެރިން ޝޯ އާއިމެދު ވަރަށްބޮޑަށް ދެކޮޅު ހައްދަވާފައި ވެއެވެ.

ސުވާލަކީ "ކުރިން ޙަރާމް، މިހާރު ޙަލާލް" ވާހަކައަކީ ކޮން ވާހަކައެއްތޯއެވެ. ޙަރާމް ޙަލާލް އަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ކަނޑައަޅުއްވާފައިވާ ޙުކުމް ތަކެވެ. އެއީ އެއްވެސް މީހަކަށް އެއަށް ބަދަލު ގެނެވޭނެ ކަމެއް ނޫނެވެ. ކިތަންމެ ބޮޑު ޢިލްމުވެރިއަކަށްވިޔަސް ކަންކަމުގެ ޙަރާމް ޙަލާލް ބަދަލެއް ނުކުރެވޭނެއެވެ. މުސްލިމުންގެ ތެރޭގައި އުޅޭ އިސްލާމް ދީނާއި ދެކޮޅު ވިސްނުމުގެ މީހުން ނުވަތަ މުނާފިގުން އެމީހުންގެ ހިތުގައި އިސްލާމް ދީނަށް އޮންނަ ނަފްރަތްތެރިކަން ހާމަކުރަމުންދަނީ އެކި ދުވަސްވަރު އެކި ގޮތަށެވެ. ތިމާމެން ނުބައިކަންތައްތަކަށް ހިތްވަރު ދެމުން އެކަން ކުރަމުން އަދި އެކަމުގެ އިލްޒާމު މުސްލިމުންގެ ބޮލުގައި އަޅުވަން މަސައްކަތް ކުރަމުން ދިއުމަކީ މިއަދު އަލަށް ކުރަމުންދާ ކަމެއް ނޫނެވެ. މިއީ ޒަމާނުއްސުރެ މުނާފިގުންގެ އާދަ އެވެ.

އޭކަން އޭ ކިޔާ ޝައިޠާނުގެ ޝޯ އާއިމެދު އިންކާރުކޮށް އެކަމާއި ދެކޮޅަށް ބަސް ވިދާޅުވެފައިވަނީ މިފަހަރުވެސް ދީނީ ޢިލްމުވެރިންނެވެ. އަދި ދީނަށް ލޯބި ކުރާ ފަރާތްތަކުންނެވެ. ކުރިންވެސް އަދި އަބަދުވެސް މިފަދަ ކަންކަމުގައި ބަސް ވިދާޅުވެފައިވަނީ ދީނީ ޢިލްމުވެރިންނެވެ. ކުރިން ހަރާމްވި ކަމެއް މިހާރު ހަލާލް އެއް ނުވެއެވެ. ޙަރާމް އޮތީ ޙަރާމްގެ ގޮތުގައެވެ. މިއުޒިކާއި ފާޙިޝް ނުބައި ޝޯތައް ހުއްދަ ކޮށްގެން އެކަން ކުރަމުންދާ މީހުން އެންމެނަށްވެސް އެނގެއެވެ. ދާދިފަހުން ގަލޮޅުދަނޑުގައި ބޭއްވި ޝޯއިންވެސް އެކަން އެނގިގެން ހިނގައްޖެއެވެ. އަދި އެކަން ކުރުމަށް އެއްގަލަކަށް އަރައި އިޤުރާރުވީ މީހުންވެސް އެނގިގެން ހިނގައްޖެއެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ޝޯ ގެ ހުރިހާ ޚަރަދެއް ކޮށްފައިވަނީ ޔާމީންގެ ސަރުކާރުންނެވެ. އެކަން ކުރުމަށް ހިތްވަރު ދީ "އެއްގަލަކަށް" އަރާފައިވަނީ ޔާމީން ސަރުކާރުގެ ދުޝްމަން އެމްޑީޕީ އިންނެވެ. ނަމަވެސް ކުށްވެރިވީ ޢިލްމުވެރިންނެވެ. މިއީ އަޅެފަހެ އަރަތެއް ތޯއެވެ.

ލޮބުވެތި މުސްލިމުންނޭވެ. ﷲ ޙަރާމް ކުރައްވާފައިވާ ކަމެއް ދުނިޔޭގެ ހުރިހާ އިންސާނުން އެއްވެގެން ކުރިކަމުގައިވިޔަސް އެކަން ހުއްދައެއް ނުވާނެ އެވެ. ތިމާ ކުރަންވީމައި ކޮންމެވެސް ޝައިޚެއްގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވާފައި އެކަން ކުރުމުން އެއީ ތިމާމެންގެ އަމިއްލަ ނަފްސަށް ވެވޭ ބޮޑު ޚިޔާނަތެއްކަން ހަނދާން ކުރާށެވެ. އަދި ﷲ ގެ ދަރުބާރުގައި ތިމާ ޖަވާބުދާރީ ވާން ޖެހޭނެކަން ކުޑަކޮށްނަމަވެސް ވިސްނާލާށެވެ.

އަލްއަޚް އަޙްމަދު ޢަލީގެ ބައެއް އެހެނިހެން ޕޯސްޓުތައް