ދެމަފިރިން....

އަލްއަޚް ރާމިޒު އަބޫބަކުރު - 11 ޖަނަވަރީ 2015 - 11:17

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

ނަސްލު ޙިމާޔަތްކޮށްދިނުމަކީ އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރެއިންވާ އެއް ބާބެވެ. އެގޮތުގެ މަތިން އިސްލާމްދީނުގައި ކައިވެނި ޝަރުޢުކުރެވުނެވެ. އައްރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ﴿٢١﴾
މާނައީ: "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."

ކައިވެންޏަކީ ދީނުގައި ކުރުމަށް ވަރަށްބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. އަދި އެއީ ރަސޫލުބޭކަލުންގެ ސުންނަތުގެ ތެރޭގައި ވެސް ހިމެނޭކަމެކެވެ. އިޚްލާޞްތެރި ނިޔަތަކާއިއެކު ކުރާ ކޮންމެކަމަކީ އިސްލާމްދީނުގައި އަޅުކަމެކެވެ. އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުމަށް އެދި ކައިވެނިކުރުމަކީ އަޅުކަމެކެވެ.

ކައިވެނި ބާއްޖަވެރިވަނީ ބޭއްވޭ "ވެޑިން ޕާޓީ" ގެ ބޮޑުކަމަކުން ނޫނެވެ. ނުވަތަ "ގްރޫމް އެންޑް ބްރައިޑް" ތުރުކުރައްވާ "ވެޑިން ޑްރެސް" ގެ އަގު ބޮޑުކަމަކުން ނޫނެވެ. ހަމައެއާއިއެކު ހޭދަކޮށްލާ އަގުބޮޑު "ހަނީ މޫން" އަކުންނެއް ނޫނެވެ.

ކާމިޔާބީގެ އައްސޭރިއަށް ވާޞިލުވުމަށްޓަކައި އެކަމެއް ކުރުމުގެ މަޤްޞަދު އެނގުމަކީ ނުހަނު މުހިންމުކަމެކެވެ. އެހެންކަމުން ކައިވެނި ކުރެވޭ ދެފަރާތަށްވެސް ކައިވެނީގެ މަޤްޞަދު އެނގެންވާނެއެވެ. އަދި ދެބައިވެރިންގެވެސް މަޤްޞަދަކަށް ވާންވާނީ އެއްލަނޑުދަނޑިއަކަށް ވާޞިލުވުމެވެ. އެހެންނޫނީ ދެމަފިރިންގެ މެދުގައި މައްސަލަޖެހެން ފަށާފާނެއެވެ. އެއްލަނޑުދަނޑިއާއި ދިމާލަށް ދިއުމަށްޓަކައި ގޮތްދޫކުރުމުގެ ސިފަ އިސްކުރަންވާނެއެވެ. ގޮތްދޫކުރުމަކީ (ފިރިމީހާނަމަ) އަނބިދަށުވުމެއް ނޫނެވެ. އަދި (އަނބިމީހާނަމަ) ފިރިމީހާ ކުރިމަތީގައި ތިބާގެ ދަރަޖަ ދަށްވުމެއްވެސް ނޫނެވެ.

ދެމަފިރިންގެ ދެމެދުގައި އަރައިރުން އުފެދުމަކީ ޠަބީޢީކަމެކެވެ. އަޅުގަނޑުގެ ނަޒަރުގައި "ކުދިކުދި" އަރައިރުންތައް ދެމަފިރިންގެ މެދުގައި ޖެހެންވާނެއެވެ. ނަމަވެސް މިފަދަ ޙާލަތްތަކުގައިވެސް ބައިވެރިން އެކަކު އަނެކަކަށް އިޙްތިރާމް ކުރަންވާނެއެވެ. އިޙްތިރާމުކޮށްފިނަމަ މިފަދަ "ކުދިކުދި" މައްސަލަތައް ބޮޑު އަރައިރުންވުމަކަށް ވެގެންނުދާނެއެވެ. މިފަދަ އާދައިގެ މައްސަލަތައް ޙައްލުކުރުމުގައި ދެމަފިރިން އެއްބާރުލުމުގެ ނަތީޖާއެއްގެ ގޮތުން ބޮޑު މައްސަލައެއް ދިމާވުމުން، އެކަން ޙައްލުކުރުމަށް ފަސޭހަވެގެންދެއެވެ.

ފިރިމީހާއެވެ! ތިބާގެ އަނބިމީހާއަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކާއިމެދު މާތް ﷲ އަށް ބިރުވެތިވާށެވެ. އެކަނބުލޭގެ ކުޑައިރު ބަލައިބޮޑުކުރި މަންމައާއި ބައްޕަ ދޫކޮށް ތިބާއާއި ކައިވެނިކުރީ ފޮނިއުއްމީދުތަކަކާއި އެކުގައެވެ. އެކަނބުލޭގެއަށް ބޭނުންވާ ރައްކައުތެރިކަންދޭށެވެ. ދިރިއުޅުން "ބިޒީ" ވުމަކީ އަނބިމީހާއަށް ވަގުތުނުދެވޭނެކަމުގެ ޢުޒުރެއްނޫނެވެ. ރަޙްމަތްތެރިންނަށް ވަގުތު ދެވޭއިރު ތިބާގެ އަނބިމީހާއަށް ވަގުތު ނުދެވެނީ ކީއްވެތޯއެވެ؟ މާތް ﷲ ގެ ވަޖުހުފުޅަށް އެދި އަނބިމީހާގެ ޙައްޤުތައް އަދާކުރުމުގައި ދެމިހުންނާށެވެ. ކީރިތި ރަސޫލާ ޙަދީޡްކުރައްވާފައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އަނބިންނަށް ހެޔޮކޮށް ހިތާ މީހާއެވެ."

އަނބިމީހާއެވެ! ތިބާގެ ފިރިމީހާއަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކާއިމެދު މާތް ﷲ އަށް ބިރުވެތިވާށެވެ. ފިރިމީހާ ނުރުހޭ ކަންތައްތަކުން ދުރުވެހުންނާށެވެ. ފިރިމީހާގެ ބޭނުންތައް ފުއްދައިދިނުމުގައި ފަސްނުޖެހޭށެވެ. ދީނުގައި ޙަރާމްކަމެއް ކުރުމަށް ފިރިމީހާ އަމުރުނުކުރާހާ ހިނދަކު ފިރިމީހާއަށް ކިޔަމަންވުމަކީ އިސްލާމްދީނުގައި ވާޖިބުކަމެކެވެ. ފިރިމީހާ ގެއަށް އަންނާނެ އިރަކަށް އިންތިޒާރުގައި ޒީނަތްތެރިވެގެން ހުންނާށެވެ. އަދި ފިރިމީހާގެ އިންތިޒާރުގައި ތިބާ ހުންނަކަން އޭނާއަށް އިޙްސާސްކޮށްދޭށެވެ. އަވަދިނެތި އުޅުމަށްފަހު ގެއަށް ވަންނަތަނުން ޝަކުވާކުރަން ފަށައިފިނަމަ އޭގެ ނަތީޖާ ވަރަށް ހިތިވެދާނެއެވެ. އެހެންކަމުން ފިރިމީހާއަށް ކަމެއް ނުވަތަ މައްސަލައެއް ޙިއްސާކޮށްލަން ބޭނުންނަމަ ރަނގަޅު ދަނޑިވަޅެއް ބެލުމަށްފަހު އެކަމެއް ޙިއްސާކުރާށެވެ. ކީރިތި ރަސޫލާ ޙަދީޡްކުރައްވާފައިވެއެވެ.

"‏ أيما امرأة ماتت، وزوجها عنها راضٍ دخلت الجنة‏"‏ ‏(‏‏(‏رواه الترمذي وقال حديث حسن‏)‏‏)‏‏.
"އެއްވެސް އަންހެނަކު މަރުވާހިނދު، އޭނާގެ ފިރިމީހާ އެނާގެ މައްޗަށް ރުހިގެންވާނަމަ، އެއަންހެނަކު ސުވަރުގެ ވަންނަހުއްޓެވެ."
ދެމަފިރިންނެވެ! ދީނީގޮތުން އެކަކަށް އިނގޭ ޢިލްމު އަނެކަކަށްވެސް ޙިއްސާކުރާށެވެ. ތިދެކަނބަލުންގެ މެދުގައިވާ ގުޅުމަކީ މުޤައްދަސްވެގެންވާ ގުޅުމުކެވެ. ތިގުޅުމާއިމެދު ޝައިޠާނާ ޙަސަދަވެރިވާކަން އަބަދުވެސް ދަންނަންވާނެއެވެ. އެކަލޭގެ އެންމެ ދެކެން ބޭނުންވާނީ ތިދެމަފިރިން ވަކިވެގެންދާނެ ދުވަހަކެވެ. އެހެންކަމުން މައްސަލައެއް ޖެހޭއިރަށް "ވަރި" މިލަފްޒު ބެނުން ނުކުރާށެވެ.

އެހިސާބަށް ދާންވާނީ ދީނުގައި ކަނޑައަޅުއްވާފައިވާ އެންމެހާ ޙަރުފަތްތައް ކަޑައްތުކުރުމަށްފަހުގައެވެ. ދަރިންގެ ކުރިމަތީގައި އެކަކުއަނެކަކު ދެކެ ލޯބިވާކަން ދައްކާށެވެ. ދުޅަހެޔޮ ސިއްޙަތަކަށް ބޭނުންވަނީ އަގުބޮޑެތި ކާނާއެއްނޫނެވެ. މައިންބަފައިންގެ ލޯބާއި އަޅާލުން އެކުދިން ބޭނުންވާނެއެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި ދެމަފިރިން އެކަކު އަނެކަކަށް އެހީތެރިވާށެވެ. "ހަނީ މޫން" އަކީ ވަގުތީ އެއްޗެއްކަމުގައި ނުހަދާށެވެ.

ޔާ ﷲ، އަޅުގަނޑުމެންގެ ޢާއިލާތަކަކީ އިބަ އިލާހުގެ ރުހިވޮޑިގަތުން ލިބިފައިވާ ޢާއިލާތަކެއްކަމުގައި ލައްވާށިއެވެ. އާމީން

އަލްއަޚް ރާމިޒު އަބޫބަކުރުގެ ބައެއް އެހެނިހެން ޕޯސްޓުތައް