ފަސާދަ އަބަދުވެސް އޮންނާނެ......

އަލްއަޚް ރާމިޒު އަބޫބަކުރު - 10 ޖަނަވަރީ 2015 - 09:00

ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅަށް، އިބިލީސް، އާދަމްގެފާނަށް ސަޖިދަ ޖެހުމަށް ދެކޮޅުހެދި ދުވަހުން ފެށިގެން އަބަދުވެސް އިންސާނިއްޔަތަށް ފިތުނަ ފަސާދަ އޮންނާނެއެވެ. އެދުވަހުން ފެށިގެން އިބިލީސް މާތް ﷲ ގެ ރަޙުމަތުން ބޭރުކުރެވުނެވެ. އަދި އެކަލޭގެ ވެގެންދިޔައީ މުޅި އިންސާނިއްޔަތަށް ހުރި މުޞީބާތަކަށެވެ. އަދި ޤިޔާމަތާއި ހަމައަށް ލެއްވުމަށް އެދި ދުޢާ ކުރެއްވުމުން، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އެދުޢާ އިޖާބަކުރައްވާފައެވެ. މާތް ﷲ އިރާދަކުރެއްވި އަޅަކު މެނުވީ އިބިލީސްގެ ކިބައިން ސަލާމަތެއް ނުވާނެއެވެ. އެ ނަޞީބުލިބިގަތުމަށްޓަކައި އިންސާނުންނަށް ވާޖިބުވެގެންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙުކުމްފުޅުތަކަށް ބޯލަނބައި ކިޔަމަންގަތުމެވެ. އެބައިމީހުންގެ ޝިޢާރަކަށް ވާންވާނީ، އަންނަނިވި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަލިމަފުޅެވެ.

وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ (285 :02)
މާނައީ: " އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ."

ދަންނާށެވެ. ތިމަންމެން އީމާން ވެއްޖައީމޭ ބުނެލައިގެން ފުއްދައެއްނުލެވޭނެއެވެ. ތިބާގެ ދުލުންކުރިން ބުނެލާ ކޮންމެ ކަލިމައަކާއިމެދު އިމްތިޙާނުކުރެވޭނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ ހެޔޮކަންކަންމުގައި އެކަކު އަނެކަކާއި ވާދަކުރުމަށެވެ.

"ފަހެ، ހެޔޮކަންތައްކޮށް އުޅުމުގައި ތިޔަބައިމީހުން އެކަކު އަނެކަކާ ވާދަކޮށް، (އެކަކު އަނެކަކަށްވުރެ) ކުރިއަރައިދާށެވެ! ތިޔަބައިމީހުން ކޮންމެ ތަނެއްގައި ތިބިކަމުގައިވިޔަސް (قيامة ދުވަހުން) ﷲ ތިޔަބައިމީހުން އެންމެން އެއްތާކަށް ގެންނަވާނެތެވެ. ހަމަކަށަވަރުން، ﷲ އީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (އަލް-ބަޤަރާ ސޫރަތުގެ 148)

ނަމަވެސް، ހިތާމައާއިއެކު ދަންނަވަންޖެހެނީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުއިން ފެންނަނީ ފަސާދައާއި ބާޠީލް ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވެ، ވާދަކުރައްމުންދާ މަންޒަރެވެ. ފަސާދަ އާންމުކުރުމުގައި  ސިޔަސީ ހަތުރުން މިތުރުންނަށްވާން ހިނދުކޮޅެއްވެސް ނުނަގައެވެ. އިއްޔެ ވަޅި "ޖަހަމުން" ދުވި "ގޭންގް" ތައް ފާޙިޝް ކަންތައްތައް ފެތުރުމުގައި، މިއަދު ވަނީ އެއްގަލަކަށް އަރާފައެވެ. މިއީ ހައިރާންވާންވީ ކަމެއް ނޫނެވެ. އެހެނީ އިންސީންނާއި ޖިންނީންގެ ތެރޭގައިވެސް ޝައިޠާނުންވާކަމީ ޙަޤީގަތެކެވެ.

"ފިލައިހުރެ ވަސްވާސްދޭ شيطان އާގެ ނުބައިކަމުންނެވެ. (އެބަހީ: شيطان އާގެ ނުބައިކަމުން އެކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ.) އެ (شيطان އާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ شيطان އާއެވެ. ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ شيطان ންނެވެ." (އަންނާސް ސޫރަތުގެ 4–6)

މިބިންމަތީގައި ފިތުނަފަސާދަ އާއި ބާޠިލު އޮތުމަކީ އިލާހީ ސުންނަތެކެވެ. ޤިޔާމަތް ކައިރިވާވަރަކަށް މިބިންމަތީގައި ފަސާދަ އިތުރުވެގެންދާނެއެވެ. އަދި މުއުމިނުންނަށް އެބައިމީހުންގެ ދީނުގައި ހިފަހައްޓައިގެން ތިބެން އުނދަގޫވާނެއެވެ. މިދުނިޔޭގައި ހިނގާ ކޮންމެކަމަކީ މުއުމިނުން އެކަމުން ޢިބްރަތްލިބިގަނެ، ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދިގެން މަސައްކަތްކުރުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހުޅުވާލާ ދޮރެކެވެ. ނިޢުމަތެއް ނުވަތަ ފަސާދައެއް ކުރިމަތިވާ ކޮންމެ ފަހަރަކު އަޅުތަކުން އެކަންކަމާއިމެދު ބުނާ ބަސްތަކާއި ކުރާ ޢަމަލުތަކަކީ އެކަމާއިމެދު އިމްތިޙާނުކުރެވޭނެކަންކަމެވެ.

މުންކަރާތެއް ފެންނައިރަށް، ކޮބާ އެވެނި މީހެއް، ކޮބާ މިވެނި މީހެއް ކިޔާ ހަޅޭއްލެވުމަށް ވުރެ، މުއުމިނަކަށް ޖާއިޒުވެގެންވަނީ އެމިހާކު އަދާކުރަންޖެހޭ ފަރުދީ ޒިންމާ އަދާކުރުމެވެ. ޣީބަބުނުމާއި ޙަސަދަވެރިކަމަކީ މުއުމިނެއްގެގައި ހުރުން އެކަށީގެންވާ ސިފަތަކެއްނޫނެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން ޙަސަދަވެރިކަމުން ދުރުހެލިވާށެވެ. އެހެނީ، ހަމަކަށަވަރުން، އަލިފާނުން ދަރު އަންދާފަދައިން ޙަސަދަވެރިކަން ހެޔޮކަންތައް ނެތިކޮށްލައެވެ." (ރިޔާޟުއްޞާލިޙީން 1569)

މުއުމިނުން އަބަދުވެސް އަންނަނިވި ޙަދީޘް ހަނދާނުގައި ބަހައްޓައްވާނެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ނަރަކަ ވަށައިލެވިގެންވަނީ ޝަހުވަތްތަކެވެ. (އެބަހީ: އެކަންކަމަށް އިންސާނާ ހިތްއެދޭހައި ނުބައި އެދުންތަކާއި، ނުރަނގަޅު ޢަމަލުތަކެވެ.) އަދި ސުވަރުގެ ވަށައިލެވިގެންވަނީ، ހިތްނޭދޭހައި ކަންތައްތަކެވެ. (އެބަހީ: އެކަންކަން ކުރުމަށް އިންސާނާގެ ނަފުސަށް އުނދަގޫ ކަންތައްތަކެވެ.)" (ރިޔާޟުއްޞާލިޙީން 101)

އަޅުގަނޑު އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ ސިޔާސީ ހަތުރުންނާއި ގޭންގްތައް އެއްގަލަކަށް އަރައި ފަޔާއި ފައި އަދި ކޮނޑާއި ކޮނޑު ޖައްސައި ނަމާދު ޤާއިމްކުރަންފަށާނެ ދުވަހެކެވެ!

އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި އެންމެހައި މުސްލިމުން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތަޤްވާވެރިވުމަށް ވަޞިއްޔަކުރަމެވެ. އެއީ އަޅުގަނޑުމެންނަށް އެންމެ ފައިދާހުރި މަގެވެ. އެއީ އަޅުގަނޑުމެން ހޯދުމަށް މަސައްކަތްކުރާ، ހިތްހަމަޖެހުން ހޯދުމަށް އޮތް ތަޅުދަނޑިއެވެ.

وَسَارِ‌عُوا إِلَىٰ مَغْفِرَ‌ةٍ مِّن رَّ‌بِّكُمْ وَجَنَّةٍ عَرْ‌ضُهَا السَّمَاوَاتُ وَالْأَرْ‌ضُ أُعِدَّتْ لِلْمُتَّقِينَ
"އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ." (އާލް-ޢިމްރާން ސޫރަތުގެ 133)

އަލްއަޚް ރާމިޒު އަބޫބަކުރުގެ ބައެއް އެހެނިހެން ޕޯސްޓުތައް