މުންކަރާތަށް ތާއީދު ކުރާމީހުން ރުޅިއަންނަން ޖެހޭނީ ޢިލްމުވެރިން ދެކެއެވެ.

އަލްއަޚް އަޙްމަދު ޢަލީ - 09 ޖަނަވަރީ 2015 - 16:06

ވަރަށް ގިނަ ޒަމާންތަކަށްފަހު އަޅުގަނޑުގެ ގަލަން މިއަދު މި ނެގީ ބައެއް ކަންކަން ފާލުން ނެއްޓެން އުޅޭތީ ބަޔަކު އަޑު އެހިޔަސް ނޭހިޔަސް އެބަޔަކު ހުޝިޔާރު ކުރުމުގެ ގޮތުންނެވެ. އަދި އަޅުގަނޑުގެ ވާޖިބު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމުގެ ގޮތުންނެވެ. އަޅުގަނޑަކީ ކުރިން މި ސައިޓަށް ވަރަށް ގިނައިން ލިޔަމުންދިޔަ އަޙްމަދު ޢަލީ އެވެ. އަޅުގަނޑުގެ ލިޔުންތައް އަނެއްކާވެސް މި ސައިޓުން އިންޝާﷲ އާއްމުކޮށް ފެނިގެން ދާނެއެވެ.

އެއްވެސް ޝައްކެއްނެތެވެ. ހެވާއި ހެޔޮކަންތަކަށް ލޯބި ކުރާނީ ހެޔޮ މީހުންނެވެ. ޢަދުލުވެރިންނެވެ. އިންސާފަށް ލޯބި ކުރާ މީހުންނެވެ. އެހެނީ މއީ އިސްލާމުންގެ ސިފަތަކެވެ. އަދި ހުރިހާ ރަނގަޅު ސިފައެއްވަނީ މާތް ﷲ އިސްލާމްދީން ފުރިހަމަކުރުމަށް ބާވައިލައްވާފައެވެ.

މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މުޖްތަމަޢުގައި އިންސާފު ޤާއިމް ކުރުމާއި އިސްލާމްދީން ބާރުވެރި ކުރުމަށް ވަޢުދުވެގެން ވެރިކަމަށް އައިސް ، ތިމާމެންގެ ވަޢުދުތަކާއި ޚިލާފުވެ އިސްލާމްދީނާއި ޢަދާވަތްތެރިވެ، ޔަހޫދީންނާއި އަދިވެސް ހުޅަނގުގެ އިސްލާމުންދެކެ ނަފްރަތު ކުރާ މީހުން ރުއްސުމަށް ވެރިކަން ކުރަމުން ގެންދަނިކޮށް ތިމާމެން ހީނުކުރާފަދަ ގޮތަކަށް ވެރިކަން ގެއްލުނު ބަޔަކު އެމީހުން ހިތް ނުރުހޭ ބަޔަކު އަލުން ވެރިކަމަށް އައިސް އެމީހުން ކުރިފަދަ ބައެއް ކަންކަން ވަކި ދާއިރާއަކުން ކުރަމުންދާތީ، އެކަމާއި އިންކާރު ނުކޮށްތިބެ އަދިވެސް ދީނީ ޢިލްމުވެރިންނާއި އަދިވެސް ހެޔޮލަފާ ސޯލިޙުންނަށް ބަދުބަސް ބުނެ އެއްޗެހި ގޮވާ ފުރައްސާރަ ކުރާ މަންޒަރެވެ. ލާދީނީ މީހުންގެ މިއަމަލުތަކުން ދީނަށްލޯބި ކުރާ މީހުންނަށް ވިސްނިގެންދަނީ މިބައި މީހުންނާއި އެބައިމީހުންވެސް އެހެން ހުރިހާ ކަމަކާއި އޮޅުލުމަށްފަހުވެސް، އެންމެހާ ފާޙިޝް ކަންކަމާއި ނުބައި އަމަލުތަކަށް އެއްބަސް ކަމާއި ދީނީ ޢިލްމުވެރިންނަށް ފުރައްސާރަ ކުރަނީ ހަމައެކަނި އެމީހުންގެ ވެރިކަން ގެއްލުމުންކަން އެކަންޏެވެ. މިއީ އިސްލާމަކު ފަހަރެއްގައިވެސް ހައިރާންވާން ޖެހޭނެ ކަމެއްނޫނެވެ. ސަބަބަކީ މިއީ މިކަން ވާނެގޮތެވެ.

ވެރިކަން ކުރާހާ ބަޔަކު ކުރާހާ ނުބައިކަމެއްގެ ޒިންމާ ދީނީ ޢިލްމުވެރިން އަޅަންޖެހޭނީ އެމީހުން އެމީހުންގެ ބަސް ނުބުނެ ތިބިނަމައެވެ. ނަމަވެސް މިތަނުގައި މިވަނީ އެހެންނެއްވެސް ނޫނެވެ. އަދި އަނެއްކޮޅުން ކުރީގެ ވެރިކަމުގައި ދީނީ ޢިލްމުވެރިން ބުނިބަސްތަކާއިހެދި، ވެރިކަން ވެއްޓިގެން ތިމާމެންގެ ހިތުގައި ޖެހިފައިވާތީ ތިމާމެންނާ ދެކޮޅުވެރި ބަޔަކު ވެރިކަން ކުރާތީ ތިމާމެން ހިތުގައި ޖެހުނުގޮތަށް ތިމާމެން ބޭނުންވާހާގޮތަށް ޢިލްމުވެރިން ކަންކަން ކުރަން ނުޖެހޭނެކަންވެސް ތިމާމެން ޤަބޫލު ކުރަން ބޭނުންނުވެއެވެ. އެހެންކަމުން އިސްލާމްދީނަށް އޮތް ޙަސަދަ އާއި ވެރިކަން ބޭނުންވުމުގެ ދަހިވެތިކަން ބޮޑުކަމުން ތިމާމެން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން އުޅެވެނީއެވެ.

ސުވާލަކީ މިބައިމީހުންގެ އެންމެ ދުޝްމަނުންކަމުގައި ދީނީ ޢިލްމުވެރިން މިވީ ކޮންފަދަ އަކުން ހެއްޔެވެ؟ ސިޔާސީގޮތުން ތިމާމެން އެންމެ ރުޅިއަރާ މީހަކީ ވަކި މީހެކޭ ކިޔާ އަޑުގަދަކޮށްގެން އޭނާގެ ނުބައިކަން ވިއްކައިގެން ވެރިކަމަށް އައި ބަޔަކު ވެރިކަން ވެއްޓުނީމާ ރުޅިއަންނަން ޖެހޭނީ ޢިލްމުވެރިން ދެކެ ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. ހަޤީޤަތުގައި މިބަޔަކު ވެރިކަމަށްވެސް އައީ ވަކިމީހަކު ދެކެ ރުޅިއަކުން ނޫނެވެ. ނަމަވެސް އިސްލާމްދީން ފޮހެލާ އިސްލާމުން ޚަރާބު ކުރާށެވެ. އެހެން ނޫންނަމަ މިއަދު ފާޙިޝް ކަންކަމާއި ދެކޮޅުވީހެވެ. ތިމާމެންގައި ބައި ގިނަކަމާއި މީހުންގެ ގިނަކަމުގެ މައްޗަށް ފަޚުރުވެރި ތިމާމެން ބޭނުން ކޮންމެ ކަމަކު މުޒާހަރާކުރަމުން ގަނޑު އަޅަމުން އިޝްތިހާރު ހަދާބަޔަކު މިއަދާއި ހަމައަށްވެސް އިސްލާމްދީނަށް މަސްލަޙަތު ހުރި އެއްވެސް ކަމެއްގައި ނިކުމެ އަޑުއުފުލާފައި ނެތްކަމީ އެމީހުންނަށް ސަޕޯރޓް ކުރާމީހުން ދީންވެރިން ދެކެ އަންނަންޖެހޭ ރުޅިއެއް ހެއްޔެވެ؟

އެހެންކަމަށްވާނަމަ ތިޔަ ދައްކާ ހުރިހާ ބަހަނާއަކީ އަދިވެސް ތިމާމެންގެ ލާދީނީކަން ފޮރުވައި އަނެއްކާވެސް ދީނީ ޢިލްމުވެރިން ބޭނުންކޮށްގެން ވެރިކަމަށް އަރައި އެމީހުންނަށް ލަނޑުދިނުމުގެ މަކަރުވެރި ކުޅިގަނޑު ނޫން އެހެން ކަމެއް ނޫނެވެ. އަހަރެމެންވާ ސަލާމެވެ.

އަލްއަޚް އަޙްމަދު ޢަލީގެ ބައެއް އެހެނިހެން ޕޯސްޓުތައް