ނޫސްވެރިންނާއި މިޔުޒިކްޝޯ

އަލްއަޚް އަޙްމަދު ޢަލީ - 06 ޖަނަވަރީ 2015 - 14:34

މިއުޒިކްޝޯގެ މައްސަލާގައި ޢިލްމުވެރިން އެއްޗެއް ބުނުމުން އެއްބަޔަކު ހީވީ ފަޔަށް ހިނިއަރައިގެން އުޅުނު ހެންނެވެ. ނަމަވެސް ހަމައެމީހުން، މީގެ ދުވަސް ކޮޅެއް ކުރިން އުޅުނީ ބަޔަކު މިކަމާ އެއްޗެއް ނުބުނެގެން ކަންބޮޑުވެގެންނެވެ. މިއީ މިއަދު ގެ ޙާލަތެވެ. 

މިފަދަ ޙާލަތެއްގައި އޮތް މިރާއްޖޭގައި، އެއްބަޔަކު މަރުދަންދެމުންދަނީ އެކި ގޮތްގޮތަށް މިކަމުގައި ހުރި މޮޅުކަން ދިވެހި ރައްޔިތުންނަށް ކިޔައިދޭށެވެ. މިކަމުގައި އަތުކުރި އޮޅައިގެން އެންމެ ކުރީ ސަފުގައި ތިބީ ދިވެހި މީޑިއާއި ނޫސްތަކާއި އެނޫސްތަކަށް ލިޔާ ނޫސްވެރިންނެވެ. 

މީހުންގެ ހިތްތަކަށް ޝުބުހައާއި ޝައްކާއި ވަހުމު ވެއްދުމަށް ކޮށްފައިވާ މަސައްކަތް، ބައެއް އޮންލައިން ނޫސްތަކަށް ޒިޔާރަތް ކޮށްލުމުން ފެނިގެން ދެއެވެ. އަދި ޢިލްމުވެރިނާއި އިޞްލާޙަށް މަސައްކަތް ކުރާމީހުންނާއި މިޔުޒިކް ޝޯއާއި އިދިކޮޅު ސިޔާސީ ޕާޓީތަށް ނޫސްވެރިންގެ ގަލަންތަކުން ދެންމެ ދެންމެ ކޮށައިގެން ކާލަފާނެހެންވެސް ހީވެއެވެ. 

އެގޮތުން މި ނޫސް ވެރިން އަރުވާހައި ފޯރިއަށް ކޮންމެވެސް ވަރަކަށް ނަޒަރު ހިނގާލާނަމެވެ. 

މިއުޒިކޭ އާދަމްގެ ފާނޭ ފަޅޮލޭ ނުކިޔަމާހެވެ."  މިއީ މަޝްހޫރު އޮންލައިން ނޫހަކުން ނެގިތަންކޮޅެކެވެ. މިފަދަ ލިޔުންތަށް ކިޔާލުމުން ހިތަށް އަރައެވެ. މި ނޫސްވެރިންނަކީވެސް ޖާހިލީ ޒަމާނުގައި ޝާޢިރުން އުޅޭހެން އުޅޭ ބައެކެވެ. ލިޔަމުން ލިޔަމުން ގޮސް ދީނީ ފަތުވާވެސް ދޭނެއެވެ.  އަދި ލިޔުން ނިންމާލާނީ މީހުން ވާވައްދާފައެވެ.  މިބައިމީހުން ލިޔާ ބައެއް ލިޔުންތަށް ކިތަންމެ ސާދާ ވެފައި އޮފްދާރުވިޔަސް އެލިޔުންތަށް ލިޔަނީ ފަސާދައަށް ހިއްވަރު ލިބި އަދި ފަސާދައިގެ ހުޅު އިތުރަށް ރޯކުރުމުގެ މަޤްޞަދުގައެވެ. 

އަނެއްކާވެސް ނޫސްވެރިއެއްގެ ހިތުގައި އުފެދުނު ސުވާކަލަށް އެނބުރިލާނަމެވެ. "ރާއްޖޭގައި ޓީވީ އާއި ރޭޑިއޯ އިން މިފެންނަ އަދި މިއިވޭ މިއުޒިކް ތަކާއި އެކި ރަށްރަށުގައި ބާއްވަމުންދާ ޝޯތަކާއި ބެހޭ ގޮތުން ޑރ.ޝަހީމް ހަނުހުންނަވާފައި ބޭރުން ފަންނާނަކު ގެންނަ އިރު އެކަން ނުކުރުމަށް ގޮވާލުމުން އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެއެވެ. " 

ބައެއް ފަހަރު އަޅުގަނޑުގެ ހިތަށް އަރާ މިޔުޒިކްޝޯގެ މައްސަލާގައި އެންމެ ފުން އަސަރެއް މިކުރަނީ ނޫސްވެރިންނަށް ނޫން ބާވައެވެ.  

ނޫސް ވެރިންނޭވެ. މީހުން ޝޯއަކަށް ގޮސް ޤުރުއާން ކިޔަވާކަށް ނުތިބޭނެއެވެ. ނަވާރަސަތޭކަ ހަތްދިހައިގައި ދަރިފުޅު ކިހިލީގައި ޖަހައިގެން އޮލިމްޕަހަށް ދާގޮތަށް އަދުގެ ޒުވާނުން އެތަނަކަށް ނުދާނެއެވެ.  އެޒުވާނުން ބޭނުންވާނީ ތިމާ އަތުގައި  އޮތް އެންމެ ކުރުހެދުމެއް ބަލާފައި އެޔަށް ފެތިގެންތިބެ ދާށެވެ. އެއީ ދެޖިންސުގެ ޒުވާނުންނެވެ. ޝޯބަލަން ތިބޭނީ ރައްޓެހިވެގެން އުޅޭ ކުއްޖާއާއި ބައްދާލައިގެން މަސްހުނިކޮށެވެ. 

އެއްބަޔަކު ބޭނުންވާނީ ޕީސް ކޮޅެއް ނަގައިގެން ވާނުވާނޭގޭ ޙާލު އެކުލަ މަންޒަރުތަށް ދެކިލުމަށެވެ. ހަޅޭކާއިި މިޔުޒިކާއި ބެރު ދުއްމާރީގެ ބުން އަޑުގަދަވެ އެބުނާ ހިމަ ނާރަށް އަސަރު ކުރުމުން އެމީހަކަށް ދެންވާނެ ގޮތުގެ ދިރާސާއެއް ހަދާފައި ނޫސްތަކުގައި ޖެހިއްޔާ ހަމަ ގައިމުންވެސް ކޮންމެވެސް ޒުވާނަކަށް ފައިދާއެއް ކޮށްފާނެހެން އަޅުގަނޑަށް ހީވެއެވެ. 

މުޅި ޤައުމުގައި މިޔުޒިކޭ ރޭޑިއޯ އާއި ޓީވީން މިޔުޒިކޭ ދޫނިވެސް ލަވަ ކިޔައޭ ކިޔާފައި މީހުން ވާވެއްދުމުގެ ބަދަލުގައި ތިޔަބޭފުޅުން ތަންކޮޅެއް ޒިންމާދާރުވާން ވެއްޖެ ނޫންހެއްޔެވެ!

ބޭރުން ރޯމަރު ކާފަރުން ގެނެސް، މުޅި ޤައުމުގެ ކުދި ބޮޑު އެއްމެންނަށް ހިލޭ ވަދެވޭ ގޮތަށް ، އެމީހުނަކީ ޗާބީދީފައި ތިބި ބުދުތަކެއްހެން ނަށަނަށާފައި ފަނޑު ބޮކިތަކުގެ އަނދިރީގައި ތިބެފައި ގެޔަށް އައުމުން ގޭގައި އިބިލީސް ވެލްކަމް ކިޔަން ހުރިތަނާއި އަތުގައި އޮންނަ ފުޅި ފޮޓޯނަގަން ވެސް ތިބޭނީ ހަމަ ތިޔަ ނޫސްވެރިންނެވެ.   

މީގެ އަހަރުތަކެއް ކުރިން ހަފްތާ ނިއްމާ ޝޯތަކާއި ރޭގަނޑުގެ ރާނީ މަޝްހޫރު ނެށުންތެރިޔާގެ ފޯރި ބަލަން ތިބި ޒުވާނުންގެ ބޮޑު ބައެއް ބިއްޖެހި މުޅި ޤައުމުގެ ބޮޑު ބައެއް ބަދު އަޚްލާޤީ ޢަމަލާއި މަސްތުވާތެކެތީގެ އަވާގައިޖެހި އެޖީލުގެ އަނެއް ބަޔަކު ކޮރަޕްޝަނާއި ފަސާދައިގެ ތެރޭގައިވަނީ ޣަރަޤުވެގެން ގޮސްފައެވެ. 

މިފަދަ ނާޒުކު ވަޤުތެއްގައި ސަރުކާރުގެ އިދާރާއަކުން އިސްނަގައިގެން އެއިދާރާގެ މަސްއޫލުވެރިޔާ ފޯރިއަރުވާފައި ޓޫއަރިޒަމުގެ ނަމުގައި ނާޗަރަންގީއާއި ފަސާދައަށް އިތުރު ދޮރުތަށް ހުޅަވައި ދެޖިންސުގެ ޒުވާނުން ފަސާދައިގެ އަނދަވަޅަކަށް ވައްޓަމުން ދާއިރު، ޓީވީއާއި ރޭޑިއޯއިން ވެސް އަންނަނީ މިޔުޒިކޭ ކިޔާފައި ދެއަތް އުރާލައިގެން، ހަމަ ގައިމުވެސް ތިމާގެ ދީނަށާއި ޤައުމަށާއި ޘަޤާފަތަށް ތެދުވެރި އިޚްލާޞްތެރި އެކަކުވެސް ނުހުންނާނެ ކަން ކަށަވަރެވެ. 

 

 

އަލްއަޚް އަޙްމަދު ޢަލީގެ ބައެއް އެހެނިހެން ޕޯސްޓުތައް