އުފާވެރިކަމަކީ...

އަލްއަޚް ރާމިޒު އަބޫބަކުރު - 16 އޮކްޓޯބަރ 2014 - 16:54

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

ހިތްތަކުގެ ވެރިއިލާހު، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދުކުރަމެވެ. އަޅުގަނޑުމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެއްވި މާތް ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމް ލެއްވުންއެދި ދުޢާކުރަމެވެ.

އުފާވެރިކަމަކީ، ކަމެއް ކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ ހިތަށް ލިބޭ ރާޙަތެވެ. މިއަށް ހިތްހަމަޖެހުމޭވެސް ބުނެވިދާނެއެވެ. މީގެ އިދިކޮޅު ސިފައަކީ ހިތާމަވެރިކަމެވެ. ހިތްދަތިކަމާއި ހިތްނުތަނަވަސްކަމެވެ. ފަހަރުގައި ތިއިން ބޭފުޅަކު، "އުފާވެރިކަން" އަޅުގަނޑު މާނަކުރިކުރުމަށް އެއްބަސް ނުވެދާނެއެވެ. އެހެނީ އެކި މީހުން އުފާވެރިކަން މާނަކުރަނީ އެކި ގޮތްގޮތަކަށެވެ.

ކޮންމެއަކަސް، ޙަޤީޤަތަކީ ކޮންމެ މީހެއްގެ ދިރިއުޅުމުގެ މައިގަނޑު އަޒުމަކަށްވެފައި އޮންނަނީ ހިތްހަމަޖެހުން ހޯދުންކަމެވެ. އުފާވެރިކަން ނުވަތަ ހިތްހަމަޖެހުން އެކިގޮތްގޮތަށް މާނަކުރުމުގެ ސަބަބުން، އެރާޙަތް ހޯދުމަށްޓަކައި ބައެއްފަހަރު ކޮށްފަނުކުރާނެ ކަމެއްނޯވެއެވެ.

އެހެންކަމުން ގިނަފަހަރަށް އެކަންވެފައި އޮންނަނީ ވަގުތީ ހިތްހަމަޖެހުމަކަށެވެ. ވަގުތީ އަރާމަކަށެވެ. ދެން އުފެދޭ ސުވާލަކީ، ދާއިމީ ހިތްހަމަޖެހުން ލިބިގަނެވޭނީ ކިހިނަކުންތޯއެވެ؟ މުއްސަނދި މަހުޖަނުންނަށް އެބައިމީހުން ބޭނުންވާ ހިތްހަމަޖެހުން ނުލިބެނީ ކީއްވެތޯއެވެ؟ އެއްއިރު ކައިގެން، ނިކަމެތި ޙާލުގައި އުޅުނު ޞަޙާބީންނާއި ސަލަފުއްޞާލިޙުންނަށް ހިތްހަމަޖެހުން ގެނެސްދެއްވީ ކޮންކަމަކުންތޯއެވެ؟
ޙަޤީޤީ އުފާވެރިއަކީ އެމީހެއްގެ ހިތަށް ހަމަޖެހުން ލިބިފައިވާ މީހާކަމާއިމެދު ޝައްކެތްނެތެވެ. ދުނިޔެމަތީގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އީމާންކަމުގެ ނިޢުމަތެވެ. އީމާނުގެ އަޙުލުވެރިންނަށް އިޝާރާތް ކުރައްވާ މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّـهِ ۗ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾ سورة الرعد
މާނައީ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟"

މީގެ އިތުރުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރައްވާފައިވެއެވެ. "‏طوبى لمن هدي إلى الإسلام‏"‏ ‏‏‏(‏رواه الترمذي وقال ‏:‏حديث حسن صحيح‏‏‏)‏‏ މާނައީ: "އިސްލާމްދިނުގެ ހިދާޔަތް ލިބިއްޖެ މީހަކަށް އުފާވެރިކަން ހުއްޓެވެ."

އިންސާނާގެ ދިރިއުޅުމުގެ އެންމެހާ ކަންތައްތައް ބިނާވެފައި އޮންނަނީ އެމީހެއްގެ ދިރިއުޅުމުގެ މަޤުޞަދުގެ މައްޗަށެވެ. ދޭދޭ ފަރުދުންގެ ދިރިއުޅުމުގެ މަޤުޞަދު ތަފާތުވެދާނެއެވެ. ނަތީޖާއެއްގެ ގޮތުން އެއްބަޔަކު ޙަރާމް ކަންތައްތަކަށް އަރައިގަންނަން ޖެހިލުންވާއިރު އަނެއްބަޔަކަށް އެއީ މާބޮޑުކަމަކަށް ނުވެ ހިނގައިދާނެއެވެ. ދިރިއުޅުމުގައި ދިމާވާ  ހިތާމަވެރި ޙާދިސާތަކަށް އެއްބަޔަކު ކެތްތެރިވާއިރު އަނެއްބަޔަކު އަމިއްލައަށް މަރުވަނީ އެބައިމީހުންގެ ދިރިއުޅުމުގެ މަޤުޞަދުގެ މައްޗަށެވެ.

އީމާނުގެ އަހުލުވެރިންގެ ހަމައެކަނި މަޤްޞަދަކަށް ވާންޖެހޭނީ އެބައިމިހުންގެ ވެރިއިލާހުގެ ރުހިވޮޑިގަތުން ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. އެހެންކަމުން ދިރިއުޅުމުގައި ދިމާވާ އެންމެހާއި ކަންތައްތަކަކީ އެބައިމީހުންނަށް ކުރިމަތިވާ އިމްތިޙާނުތަކެއްކަން ދަނެ، ކެތްތެރިކަމާއިއެކު އެބައިމިހުންގެ ދިރިއުޅުން އާރާސްތުކުރެއެވެ. ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމަކީ މިއީއެވެ.

قال رسول الله صلى الله عليه وسلم ‏(( عَجَباً لأمْرِ المُؤمنِ إنَّ أمْرَهُ كُلَّهُ لَهُ خيرٌ ولَيسَ ذلِكَ لأَحَدٍ إلاَّ للمُؤْمِن : إنْ أَصَابَتْهُ سَرَّاءُ شَكَرَ فَكانَ خَيراً لَهُ ، وإنْ أصَابَتْهُ ضرَاءُ صَبَرَ فَكانَ خَيْراً لَهُ )) رواه مسلم
"މުއުމިނެއްގެ ކަންތައްތަކަކީ ޙައިރާންވުން ޙައްޤު ކަންތައްތަކެކެވެ. ހަމަކަށަވަރުން، އޭނާގެ ކޮންމެ ކަމަކީ، އޭނާއަށްޓަކައިވާ ހެޔޮކަމެކެވެ. އަދި މިކަމަކީ، މުއުމިނަކަށްފިޔަވައި އެހެން އެއްވެސް މީހަކަށް ލިބިގެންވާ (މަތިވެރި) ކަމެއް ނޫނެވެ. އޭނާއަށް އުފާވެރިކަމެއް ކުރިމަތިވެއްޖެނަމަ، އެކަމަށްޓަކައި އޭނާ ﷲއަށް ޝުކުރު ކުރެއެވެ. ފަހެ، އެއީ، އޭނާއަށްޓަކައިވާ ހެޔޮކަމެކެވެ. އަދި އޭނާއަށް ހިތްދަތިކަމެއް، ހިތާމައެއް ކުރިމަތިވެއްޖެނަމަ، އެކަމަށްޓަކައި އޭނާ ކެތްތެރިވެއެވެ. ފަހެ، އެއީ އޭނާއަށްޓަކައިވާ ހެޔޮކަމެކެވެ."

މި މަތިވެރި ނިޢުމަތަށް ފުރަގަސްދީފި މީހަކީ އޭނަގެ އަމިއްލަ ނަފުސަށް އަނިޔާވެރިވެއްޖެ މީހެއްކަން ކަށަވަރެވެ. މިބައިމީހުންގެ ދިރިއުޅުމުގެ ހަމައެކަނި މަޤްޞަދަކީ އުފަލާއި މަޖާކުރުން ކަމުގައިވާއިރުވެސް، މިބައިމީހުންނަށް ހިތްހަމަޖެހުމެއް ނުލިބެނީ މިސަބަބަށްޓަކައެވެ. ހަށިގަނޑުގެ ބިޔަކަމާއި މަޤާމުގެ މަތިކަމާއި ޖާހާއި ޢިއްޒަތްތެރިކަމަކުން ހިތްހަމަޖެހުން ލިބިއެއްނުގަނެވޭނެއެވެ.

އެމީހެއްގެ ހިތުގައި އީމާންކަމާއި އިސްލާމްކަމުގެ ނޫރުން އަލިކޮށްފައިވާ ހިތަކަށް މެނުވީ ހަމަޖެހުމެއްނެތެވެ. ފަޤީރު ޙާލުގައި އުޅެމުންވެސް އެބައިމިހުންގެ ވެރިއިލާހުގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެކަލާނގެ އެބައިމީހުންގެ ހިތްތަކަށް ހަމަޖެހުންލައްވައެވެ. އެކަލާނގެއީ ހިތްތަކުގެ ވެރިއިލާހެވެ. އުފާވެރިކަމަކީ އިސްލާމްކަމުގެ ނިޢުމަތެވެ. އަޅަމެންނީ އިސްލާމްކަންމަތީގައި އިބައިލާހާއި ބައްދަލުކުރާ އަޅުންތަކެއްކަމުގައި ލައްވާންދޭވެ! އާމީން

އަލްއަޚް ރާމިޒު އަބޫބަކުރުގެ ބައެއް އެހެނިހެން ޕޯސްޓުތައް