ޒިނޭގެ ހިތިރަހަ.....!

ތަރުޖަމާ : ޢައުފު ޢަބްދުއް ސައްތާރު - 25 އޯގަސްޓް 2014 - 19:57

މިއީ އައްޝައިޚް މިޝާރިލް ޚައްރާޒް ކިޔައިދެއްވާފައިވާ ޙަޤީޤީ ވާހަކައެކެވެ. މިވާހަކަ ޝައިޚަށް ކިޔައިދީފައިވަނީ މިކަންތައް ދިމާވި ފަރާތުންނެވެ. އޭނާގެ ނަން ހާމަނުކުރުމަށް އޭނާ އެދެއެވެ. އޭނާ އެދެނީ މިވާހަކައިން މީސްތަކުން ޢިބުރަތް ލިބި ގަތުމެވެ.

އޭނާ ކިޔައިދިނެވެ. އަހަރެންނަކީ ޔުނިވަރސިޓީއެއްގައި ކިޔަވަން އުޅުނު ޒުވާނަކީމެވެ. އަހަރެން އެތަނުގައި އުޅުނު އިރުގައި އަންހެން ކުދިންނާ ލޯބީގެ ގުޅުންތައް ބާއްވާ އުޅުނީމެވެ. އެއްފަހަރެއްގައި އަހަރެންނަށް އަންހެން ކުއްޖަކާއި ދިމާވިއެވެ. އަދި އޭނާއާއި ލޯބީގެ ގޮތުން މުޅިން ގުޅެވިއްޖެއެވެ. ދެމީހުން ދުރުނުވޭ ވަރަށް ގާތްވެއްޖެއެވެ. މިގޮތައް ދުވަސްތަކެއް މިކަމުގެ ތެރޭގައި ގެއްލެނިވެފައި އަހަރެން ވީމެވެ. އެންމެފަހުން އޭނާ އަހަރެންގެ ދަރިއަކަށް ބަލިވެ އިނދެއްޖެއެވެ.

އޭނާގެ އާއިލާއަށް މިކަންތައް އެނގިއްޖެއެވެ. އަދި އެ އަންހެންކުއްޖާ އެ ދަރިފުޅަކީ އަހަރެންގެ ދަރިއެއްކަމަށް ބުނެ ޢާއިލާގެ މީހުންނަށް އަހަރެންގެ ވާހަކަތައް ކިޔައިދިނެވެ. އަހަރެންގެ ވާހަކަ އޭނާ ކިޔައިދިނުމުން އޭނާގެ ބޭބެ ރުޅިއަރައިގަނެގެން އަހަރެންގެ ގާތައް އައެވެ. އަދި އަހަރެންގެ ކިބައިން އެވާހަކައަކީ ތެދެއްތޯ އެހިއެވެ. އަހަރެން ބުނީމެވެ." ތިޔައީ އަހަރެން ދަންނަވެސް ކުއްޖެއް ނޫނެވެ. އޭނާ ބަނޑުބޮޑުވީ ކާކުގެ ކިބައިންތޯ ބަލަން ދާށެވެ." އޭނާއަށް އަހަރެންނާއި ދެކޮޅަށް ކަމެއް ކުރެވެން ނެތުމުން ހިތާމައިން ފުރިވާޙާލު އަހަރެން ދޫކޮށްލާފައި ހިނގައްޖެއެވެ.

އަހަރުތައް ފާއިތުވަމުންގޮސް އަހަރެން އެކަންތައް މަތިން ހަނދާންވެސް ނެތިއްޖެއެވެ. އެއްދުވަހެއްގައި އަހަރެން ގެއަށް އައި އިރު އަހަރެންގެ މަންމަ ހޭހުސްވެފައި ތަޅުންގަނޑު މައްޗަށް ވެއްޓިފައި އޮތެވެ. އަހަރެން އަވަސް އަވަހަށް ގޮސް މަންމަ ހޭއެރުވޭތޯ އުޅުނީމެވެ.މަންމަ ހޭއަރާއިރަށް ހަޅޭއްލަވައިގެންފައި އަނެއްކާވެސް ހޭނެތެނީއެވެ. އެންމެ ފަހުން މަންމަ ހަމައަކަށް އެޅުމުން ކިހިނެއްތޯވީ ސުވާލުކުރީމެވެ. މަންމަ ބުންޏެވެ. ކަލޭގެ ކޮއްކޮއެވެ. އަހަރެން ހައިރާންވެފައި ހުރެ ބުނީމެވެ. ކޮއްކޮއަށް ކިހިނެެއްވީހެއްޔެވެ؟. މަންމަ ބުންޏެވެ. އޭނާ އަހަރެމެންގެ އަވައްޓެރި ގެއެއް ކުއްޖެއްގެ ދަރިއަކަށް އެއިނީ ބަލިވެއެވެ. އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަހަރެން އެބުނާ ކުއްޖެއްގެ ގާތައް އަވަސް އަރުވާލައިފައި ދިޔައީމެވެ. އަދި އޭނާގެ ގައިގައި ހިފައިގަނެ އޭނާ އެކަންތައް ކުރީ ކީއްވެގެންތޯ ސުވާލުކުރީމެވެ. އޭނާ ރައްދުގައި ބުނި ބަސް ވީ އަހަރެންގެ ހިތައް ހަރާލި ތޫނު ތީރަކަށެެވެ. އޭޭނާ ބުނީ ކީކޭތޯއެވެ. "ކަލޭގެ ކޮއްކޮއެއް އަހަރެން ނުދަންނަމެވެ. އޭނާ ބަނޑުބޮޑުވެ އެއިނީ ކާކުގެ ކިބައިންތޯ ބަލަން ދާށެވެ." ސުބްޙާނަﷲ.. އެއީ ހަމަ އަހަރެން ޔުނިވަރސިޓީގައި ރައްޓެހިވި ކުއްޖާގެ އާއިލާއަށް އަހަރެން ދިން ޖަވާބެވެ. އެކަމުގެ ޖަޒާ އަހަރެންނަށް މިލިބުނީ ހަމަ އެފަދައިންނެވެ. މިހާ ހިސާބުން އަދި ނިމުނީއެއް ނޫނެވެ. އެތައް ދުވަހެއްވަންދެން މިކަމުގެ ވޭނުގައި އަހަރެން އުޅުނީމެވެ.

ދުވަސްތަކެއްފަހުން އަހަރެން ކައިވެންޏެއް ކުރުމަށް ނިންމީމެވެ. އިންނަން އުޅޭ ކުއްޖާއާއި ޚިތުބާކޮށް ކައިވެނީގެ ޢަގުދުކޮށް ކައިވެނިވެ ކައިވެނީގެ ފުރަތަމަރެއަށް އަހަރެން ތައްޔާރުވީމެވެ. އެރޭގެ އުފާވެރިކަމުގެ ބަދަލުގައި އަނެއްކާ އަހަރެންގެ ހިތް ދިޔައީ ކުދިކުދިވެގެންނެވެ. އަހަރެން ކައިވެނި ކުރި ކުއްޖާއަކީ ކުރިން ޒިނޭގެ ފާޙިޝް ޢަމަލު ކޮށްފައި ހުރި ކުއްޖެކެވެ. އެކުއްޖާ އަހަރެންގެ ކިބައިން އެކަންތައް ސިއްރުކޮށްދިނުމަށް އެދުނެވެ. އަހަރެން އެކަން ފޮރުވައި ދީފިނަމަ ﷲތަޢާލާ އަހަރެންގެ އައިބުތައްވެސް ފޮރުވައިދޭނެކަން އޭނާ ހަނދާންކޮށްދިނެވެ. އަހަރެންނަށް ހިތާހިތުން ބުނެވުނެވެ. އޭ ﷲއެވެ. މިއަޅާއަށް ފުދިިއްޖެއެވެ. މިއަޅާއަށް ފުދިއްޖެއެވެ. ޢުޤޫބާތް މިވަރުން ފުދިއްޖެއެވެ. ކޮންމެއަކަސް ކުރާނެ ކަމެއް ނެތެވެ. މިހިތާމަތަކާއި އެކު އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދިޔައީމެވެ. އަހަރެންގެ އަނބިމީހާ އާއި އެކުގައި އަހަރެންގެ ދުވަސްތައް ވޭތުކުރަމުން ދިޔައީމެވެ. ދުވަސްތަކެއް ފަހުން ލޯބިލޯބި އަންހެން ކުއްޖަކު އަހަރެންނަށް ލިބިއްޖެއެވެ.

އަހަރެންގެ ދަރިފުޅަށް ހައަހަރު ފުރިއްޖެއެވެ. އެއްދުވަހަކު ރޮމުން ރޮމުން އައިސް އަހަރެންގެ ދަރިފުޅު ގެއަށް ވަނެވެ. އަހަރެން ބުނީމެވެ. ދަރިފުޅަށް ކިހިނެއްވީހެއްޔެވެ؟. ދަރިފުޅު ބުނީ އޭނާ ގެއަށް ވަންނަނިކޮށް އިމާރާތުގެ ވޮޗަރު މީހާ އޭނާ އަށް ޖިންސީ ގޯނާ ކުރީކަމަށެވެ.

لاحول ولاقوة إلاَّ بالله ...

ލޮބުވެތި އަޚުން އަދި އުޚްތުންނޭވެ! ވިސްނާލައްވާށެވެ. އޭނާ ޔުނިވަރސިޓީގައި އުޅުނު އިރު އެދިމާވި ކުއްޖާއާއި އެކުގައި އޭނާ ފާޙިޝް ޢަމަލުކުރުމުގެ ސަބަބުން އެކުއްޖާގެ ބޭބެގެ ހިތްކުދިކުދިވިއެވެ. ހަމަ އެފަދައިން އޭނާގެ ކޮއްކޮއަށް އެފަދައިން ދިމާވެ އޭނާގެ ހިތްވެސް ކުދިކުދިވީއެވެ. އަދި އެއަންހެން ކުއްޖާ މީހަކާއި ކައިވެނި ކުރާދުވަހު އެކަންތައް އެނގުމުން ދެރަވާނެ ފިރިއަކުވާނެތާއެވެ. ހަމައެފަދައިން އޭނާ އިން އަންހެންކުއްޖާވެސް ފާޙިޝް ޢަމަލު ކޮށްފައިވާއަންހެނެއް ކަމުގައި ލެއްވީއެވެ. އެއީ އޭނާ އެއިޙްސާސް ތައް ދެނެގަތުމަށް ޓަކައެވެ. އަދި އެކަމުގެ ސަބަބުން އެއަންހެން ކުއްޖާގެ ބައްޕަ ކިހާ ހިތާމައެއް ކުރާނެ ހެއްޔެވެ؟ އެއިޙްސާސްތައް އޭނާއަށް އޭނާގެ ދަރިފުޅު މެދުވެރިކުރައްވާ ދެއްކެވީއެވެ.އޭނާ އެކުރިކަންތަކަށް އޭނާއަށް އަޒާބު އައީ ހަމަ އެފަދަކަންތައްތަކުންނެވެ. ފަހަރުގައި ކޮންމެ ފަހަރަކު މިފަދައިން ކަންތައް ދިމާނުވެދާނެއެވެ. މީސްތަކުން އެބައިމީހުން ހިތުހުރި ގޮތަކަށް މޮޅަށް ރާވާ ކަންކަމުން ސަލާމަތްވެގަނެއެވެ. ނަމަވެސް ﷲ އީ މޮޅަށް ދެނެވޮޑިގެންވާ މޮޅަށް ކަންތައްތައް ރާއްވަވާ ފަރާތެވެ. މިކަންތައް ދިމާވިފަރާތުން އެދެނީ މިވާހަކައިން ޢިބުރަތް ލިބިގަތުމެވެ. ފަހެ ތިބާއަށް މިވާހަކައިން ޢިބުރަތެއް ޙާޞިލްވެއްޖެ ހެއްޔެވެ؟؟

- ނިމުނީ -

މަސްދަރު: ދީނީ-ނިއުސް.ކޮމް

ތަރުޖަމާ : ޢައުފު ޢަބްދުއް ސައްތާރުގެ ބައެއް އެހެނިހެން ޕޯސްޓުތައް