އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ ހުޅަނގު ދުނިޔޭގެ ތާއީދު އެމީހަކަށް ލިބޭކަމެއް

އަލްއަޚް އިބްރާހީމް ނާޒިމް - 23 ޑިސެމްބަރު 2009 - 00:00

ބަންގްލަދޭޝްގެ ލިޔުންތެރިޔާ ތަސްލީމާ ނަސްރީން އާއި ދެކޮޅަށް އެޤައުމުގައި ހިންގޭ ޙަރަކާތްތައް އިތުރުވެގަތުމުން އޭނާ ބުނެފައި ވަނީ، އޭނާ ކަލްކަތާގެ 'ސްޓޭޓްސްމަން' ނަމަކަށްކިޔާ ނޫހަށް (1994 ޖޫންގައި) ދިން އިންޓަވިޔުގައި ބުނި އެއްޗެއް އޮޅުވާލައިގެން އެނޫހުގައި ޝާއިޢުކޮށްފައި ވަނީކަމަށެވެ. ކީރިތި ޤުރުއާން ޒަމާނާއި އެއްގޮތަށް ބަދަލުކުރަންޖެހިފައި ވާކަމަށް އޭނާ ނުބުނާކަމަށް ބުންޏެވެ. މިއާއި ޚިލާފަށް އޭނާ ގޮވާލާފައި ވާނީ އިސްލާމީ ޝަރީޢަތަށް ބައެއް ބަދަލުތައް ގެނައުމަށްކަމަށް ވެސް އޭނާ ބުންޏެވެ.

 

މާތްވެގެންވާ އިސްލާމް ދީނަށާއި ކީރިތި ޤުރުއާނަށް މަލާމާތްކޮށް ތަސްލީމާ ނަސްރީން ލިޔުންތަކެއް ޝާއިޢުކުރުމުގެ ކުށުގައި ބަންގްލަދޭޝްގެ އިސްލާމީ ޖަމާޢަތްތަކުން ވަނީ އޭނާ މުރުތައްދުވެއްޖެކަމަށް ބުނެ މެރުމަށް ގޮވާލާފަ އެވެ. މިހެންކަމުން މިހާރު މީނާ ވަނީ ފިލައިގެން ސްވީޑްން އަށް ގޮސް ސިޔާސީ ހިމާޔަތް ހޯދާފަ އެވެ. އޭނާ ފިލައިގެން ދިޔައީ ބަންގްލަދޭޝްގެ އެންމެ މަތީ ކޯޓުގައި މައްސަލައިގެ ޤަޟިއްޔާ ހިނގަމުން ދަނިކޮށެވެ.

 

ތަސްލީމާ ނަސްރީންގެ މުޑުދާރު ލިޔުންތަކަށް ތާއީދުކުރަނީ އިންޑިޔާގެ ހިންދީންނާއި، ހުޅަނގުގެ ޤައުމުތަކުންނެވެ. ދުނިޔޭގެ ކަންކޮޅުތަކުން މުސްލިމުން އޭނާ އަށާއި އޭނާގެ ލިޔުންތަކަށް ކުރަނީ ނަފްރަތެވެ. ތަސްލީމާ ނަސްރީން އަކީ ކުރިން ބޭސްވެރިކަމުގެ ރޮނގުގައި މަސައްކަތްކުރަމުން އައި އަންހެނެކެވެ. ލިޔުންތެރިއަކަށް ވެގަތް ސަބަބަކީ ބޭސްވެރިކަމުގެ ރޮނގުގައި ނާކާމިޔާބުވާން ފެށުމުންނެވެ. ސަލްމާން ރުޝްދީ އާއި ތަސްލީމާ ނަސްރީން އަކީ އެއްކަހަލަ ދެ ޚާއިނުންނެވެ. އެހެނީ މިދެމީހުންގެ ވެސް މަސައްކަތަކީ އިސްލާމް ދީނަށާއި މުސްލިމުންނަށް މަލާމާތްކޮށްގެން ހުޅަނގުގައި މަޝްހޫރުކަން ހޯދުމެވެ.

 

ކޮންމެގޮތެއްގައި ނަމަވެސް ކީރިތި ޤުރުއާން އާއި ދެކޮޅަށް ތަސްލީމާ ދައްކާ ވާހަކަތަކަށް ރަނގަޅަށް ބަލައިލާންޖެހެ އެވެ. ޕެރިސްގައި ނުކުންނަ ދުވަހުނޫހެއް ކަމަށްވާ ލެމޮންޑް (Le Monde) އަށް މީނާ ދީފައިވާ ބަސްދީގަތުމެއް (30 އޮކްޓޯބަރ 1994 ގައި ނުކުތް) ގާޑިޔަން ވީކްލީ (Guardian Weekly) މަޖައްލާގައި ވެސް ޝާއިޢުކޮށްފައި ވެއެވެ. އެއިންޓަވިޔުގައި ތަސްލީމާ އާއި ސުވާލުކޮށްފައި ވަނީ އަންނަނިވި އިބާރާތުންނެވެ.

 

"ކަލޭ ފާޑުކިޔަނީ ހަމައެކަނި އިސްލާމީ ޝަރީޢަތަށް ހެއްޔެވެ؟ ނުވަތަ ޤުރުއާނަށާއި މުޅި އިސްލާމް ދީނަށް ހެއްޔެވެ؟" މީގެ ޖަވާބުގައި މި ލަދުހަޔާތް ނެތް އަންހެނާ ބުނީ:

 

"އަހުރެން ބާރުލާފައި ބުނަން ބޭނުންވަނީ އިންސާނީ އުސޫލުތައް ޤާއިމްކުރަން އަހުރެމެން ބޭނުން ކަމަށެވެ. އެންމެންވެގެން ހަނގުރާމަކުރަންވީ އޮޅުންބޮޅުންތައް ނައްތާލެވޭތޯ އެވެ. ދީން މަސައްކަތްކުރަނީ ޒާތެއްގެ ކަނު، އަނދިރިކަމަކާއި، އަތްފައި ހަލުވާނުލެވުމެއްގެ ތެރޭގައި މީސްތަކުން ބައިތިއްބާށެވެ. އެއީ ދީނުގައި ކަންކަމާއިމެދު ސުވާލުކުރުން މަނާކުރާތީ އެވެ. އެކަމަކު އަހުރެން ސުވާލުކުރާހިތްވެ އެވެ. އެއީ އަހުރެންގެ ހުންނަ ގޮތެކެވެ. އިސްލާމް ދީން ވުޖޫދަށް އައީ މީގެ 1400 އަހަރު ކުރިންނެވެ. އެއަށްފަހު މިހާރު އަހުރެމެންގެ މުޖްތަމަޢުތައް މިވަނީ މާބޮޑަށް ތަރައްޤީވެފަ އެވެ. އެހެންވީމައި 'އެފޮތުގައި' (ޤުރުއާނުގައި) އޮންނަގޮތް ބަލައިގެން އެއަށް އަމަލުކުރެވޭކަށް ނޯންނާނެ އެވެ. ވީމައި އަހުރެން އެފޮތަށް (ޤުރުއާނަށް) ފާޑުކިޔަމެވެ. އަދި އެފޮތުގެ (ޤުރުއާނުގެ) މައްޗަށް ބިނާކޮށްގެން ހެދޭ ހުރިހައި ޤާނޫނުތަކަށް ވެސް ފާޑުކިޔަމެވެ. ބަންގްލަދޭޝްގެ ޤާނޫނީ ނިޒާމް ބިނާވެފައި ވަނީ އިނގިރޭސި ޤާނޫނާއި އެއްގޮތަށެވެ. އެހެންކަމުން އަހުރެމެން އުޅެމުން މިގެންދަނީ އިސްލާމީ ޤައުމެއްގައެއް ނޫނެވެ. އެކަމަކު ކައިވެންޏާއި، ވަރި އަދި ވާރުތަ ފަދަ އާއިލީ މައްސަލަތައް އަދިވެސް ބަލާއުޅެނީ ދީނީ ހަމަތަކާއި އެއްގޮތަށެވެ. (އިސްލާމީ ޝަރީޢަތުގެ އުސޫލުންނެވެ.) މިހެންކަމުން އަންހެނުންނަށް އޮތީ ބޭއިންސާފާއި ގެއްލުމެވެ. މިގޮތް ޖެހޭނީ ބަދަލުކުރާށެވެ."

 

އަދިވެސް އިތުރަށް ތަސްލީމާ ނަސްރީން ބުނެފައި ވަނީ، "ތަހުޒީބުވެފައިވާ އެއްވެސް ޤައުމެއްގައި އިސްލާމީ ޝަރީޢަތް ރަސްމީ ސިފައެއްގައި އޮވެގެން ވާނެކަމަކަށް އަހުރެން ޤަބޫލެއް ނުކުރަމެވެ. އަހުރެމެން ގެންގުޅެންޖެހޭނީ އެންމެ މިޒަމާނުގެ ޢަލްމާނީ (ދީނާއި ދައުލަތް ވަކިކުރާ)، ވަކި މީހެއް ތަފާތުކުރުމެއް ނުވާ ޤާނޫނެވެ. އެންމެންނަށް މުޅިން ހަމަހަމަ ވަޟުޢީ ޤާނޫނެވެ.

 

މީނާގެ އިޝާރާތްތަކުން ސާފުކޮށް އެނގޭ އެތައް ޕޮއިންޓްތަކެއް އެބަހުއްޓެވެ. ފުރަތަމައިނުން ތަސްލީމާ އެއްބަސްވެފައި އެވަނީ އޭނާ ޤުރުއާނުގެ އުޞޫލުތަކާއި މުޅިން އިދިކޮޅު ކަމަށެވެ. ޤުރުއާނުގެ ޤާނޫނުތަކާއި ވެސް މުޅިން ދެކޮޅެވެ. މީގެ މާނަ އަކީ ޤުރުއާނަކީ ﷲ ބާވައިލެއްވި ފޮތެއް ނޫނޭ ބުނުމެވެ. އަދި މިހައި ފާޅުކަން ބޮޑު ގޮތެއްގައި ކުފުރުގެ ބަސްތައް ބުނެފައި، ފަހުން އަނެއްކާ އެހެން ނުބުނާކަމަށް ބަންގްލަދޭޝްގައި ވާހަކަދެއްކުމުން ދޭހަވަނީ މީނާ އަކީ ދޮގުހެދުމުން ވެސް ހައްދުފަހަނާއަޅާފައިވާ އަންހެނެއްކަމެވެ. އެހެނީ މިފަދަ މީހުން ދެކޭގޮތުގައި ދޮގެއްހަދާލުމަކީ ގޯހެއް ނޫނެވެ. އެއްވެސް މީހަކު އިސްލާމް ދީނަށް ހުތުރު ބަސްތައް ބުނެ ފުރައްސާރަކުރާ ކަމުގައި ވާނަމަ ހުޅަނގުގެ ޤައުމުތަކުން އެކަމަށް މަރުޙަބާކިޔައި، އެމީހަކީ ހިތްވަރުގަދަ ބަޠަލެއް ކަމުގައި އިޢުލާންކޮށް ހަދައެވެ.

 

ދެވަނައަށް އޭނާ ބުނެފައި އެވަނީ ބަންގްލަދޭޝްގައި އޮންނަނީ އިނގިރޭސި ޤާނޫނު ކަމަށެވެ. ޙަޤީޤަތުގައި ވެސް ބަންގްލަދޭޝްގެ ރައްޔިތުން އިނގިރޭސި ޤާނޫނު އެތަނުގައި ހިންގަން ބޭނުންބާވަ އެވެ؟ މިފަދަ ކަމަކަށް އެޤައުމުގައި ވާހަކަދެކެވޭ ހެއްޔެވެ؟ އިނގިރޭސި ޤާނޫނަކީ މާޒީވެދިޔަ އިސްތިޢުމާރީ ޤާނޫނެވެ. އެ ދެން ހިންގަން ބޭނުންވަނީ ތަސްލީމާ ނަސްރީން ކަހަލަ ދެތިން މީހެކެވެ. އެތަނެއްގެ ރައްޔިތުން ބޭނުންނޫން ކަމެއް މަޖުބޫރުން ކުރުވަން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ މިކަހަލަ ލަދުހަޔާތެއް ނެތް އަންހެނެއްގެ ހަވާނަފްސުގެ އެދުން އެއީ ޤުދުރަތީ ޤާނޫނުކަމުގައި ބަލަންވީ ހެއްޔެވެ؟ ފިރިހެނެއްހެން ބޯކޮށާލައިގެން، ފިރިހެން ހެދުން އަޅައިގެން، ފިރިހެންދުޅާވެގެން އަންހެނުންނަށް ނަމޫނާ ދައްކަމުންދާ މީހަކަށް އޭނާ އެބުނާ އެބައިމީހުންގެ 'ގެއްލިފައިވާ ޙައްޤުތައް' ހޯދައިދެވިދާނެބާ އެވެ؟

 

'ތަހުޒީބްވެފައިވާ' ޤައުމެއް ބިނާނުކުރެވިގެން މީނާ ހީވަނީ ތެޅިފޮޅޭހެންނެވެ. އަނެއްކާ ތަހުޒީބަކީ ކޮބައިބާވަ އެވެ؟ މީހުނާ ނުއިނދެތިބެ ޖިންސީގުޅުން ހިންގުން ނުވަތަ އެއްޖިންސުން ޖިންސީގުޅުން ހިންގުން ހުއްދަކޮށްފައި އޮންނަ ޤައުމުތައް އެއީ ހަމައެކަނި 'ތަހުޒީބް' ޤައުމުތައްތޯ އެވެ؟ މިއާއި ޚިލާފަށް ވަކި އުޞޫލެއްގެ ދަށުން ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސަމުން ގެންދާ ޤައުމުތައް އެއީ 'ނާތަހުޒީބް' ޤައުމުތައްތޯ އެވެ؟ މި ދެބާވަތުން ތަހުޒީބްވެފައި ވަނީ ކޮންބައެއްތޯ އެވެ؟ ހުރިހާގޮތަކުން ބެލިޔަސް އިންސާނުންނަކީ ޖަނަވާރުންނަށްވުރެ މާތް ބައެކެވެ. ޙަޤީޤަތަށް ބުނާކަމުގައި ވާނަމަ ޖަނަވާރުތައް ވެސް ނޫޅޭފަދަ ނުބައި، ފާހިޝް ގޮތްގޮތަށް ހުޅަނގުގެ މީހުން މިހާރު އަންނަނީ އުޅެމުންނެވެ.

 

މިނިވަންކަމުގެ މާނަ ވެސް އޮޅުވާލައިގެން ފާޑުފާޑުގެ ވާހަކަދައްކަ އެވެ. ހުޅަނގުގެ ގިނަ މުޖުތަމަޢުތަކުގައި، ޚާއްޞަކޮށް އުތުރާއި ދެކުނު އެމެރިކާގައި ކަންތައް އޮންނަ ގޮތަކީ އިރުއޮއްސި އަނދިރިވުމަށްފަހު މީހުންނަށް ގެއިން ބޭރުގައި ހިނގާއުޅޭކަށް ނުކެރެ އެވެ. ރޭގަނޑު ބޭރަށް ދާންޖެހިއްޖެނަމަ ކާރެއް ނުވަތަ ޓެކްސީއެއް ފަދަ ދުއްވާއެއްޗެއްގައި މެނުވީ ދެވޭކަށްނޯވެ އެވެ. ސަބަބަކީ މަގުފޭރުމާއި، މާރާމާރީ އާއި، ޢިއްފަތްތެރިކަމަށް އަރައިގަތުމާއި، މީހުން މެރުން ޢާއްމުވެފައި ވާތީ އެވެ. އިރުއޮއްސި އަނދިރިވުމުން މީސްތަކުން ތިބެނީ ގޭގެ ދޮރުތައް ވީހާވެސް ބޮޑަށް ތަޅުލައިގެން ބިރުންނެވެ. ހަތިޔާރާއި އެކު މަގުތައް މަތީގައި ބާރުހިންގަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ. މިއީ މިނިވަންކަންތޯ އެވެ؟ ފަސާދަވެފައި އޮތްކަމުގައި ވިޔަސް އިސްލާމުންގެ މުޖުތަމައެއްގައި ވިއްޔާ ޖާނަށް ނުރައްކަލެއް ނެތި ހިނގާބިނގާވެ އުޅެވެ އެވެ. މިނިވަންކަން މާނަކުރެވޭ ހަމައެކަނި ގޮތަކީ އިސްލާމް ދީނަށާއި، މުސްލިމުންނަށް މަލާމާތްކުރުމުގެ ހުއްދައޮތުން ކަމަށްތޯ އެވެ؟ އަދި ވަކި އަދަދެއްނެތި ޖިންސީ ބައިވެރިން ގެންގުޅުމުގެ ހުއްދަ ވެސް އޮތުން ކަމަށްތޯ އެވެ؟ ވެދާނެ ގޮތަކަށް ބަލައިލުމެއް ވެސް ނެތި އެވެ. ތަސްލީމާ ބޭނުންވާ މިނިވަންކަމަކީ މިއީކަން އޭނާގެ ލިޔުންތަކުން ފެންނަން އެބަހުއްޓެވެ.                                         

 

ސަލްމާން ރުޝްދީ 'ސެޓަނިކް ވާރސަސް' ލިޔުނުކަމަށްޓަކައި އޭނާ އަށް ތަސްލީމާ ނަސްރީން ތަޢުރީފްކުރެ އެވެ. އެފޮތުގައި މާތް ރަސޫލާގެ ސަޚްސިއްޔަތާއި މެދު ބުހުތާން ދޮގުހަދައި ވަރަށް ހުތުރު ބަހުން ފުރައްސާރަކޮށްފައި ވެއެވެ. އަދިވެސް ތަސްލީމާ އިސްލާމް ދީން ކުއްވެރިކުރަން ހުރި ޝައުޤުވެރިކަން ބޮޑުކަމުން ގޮސް ބުނެފައި ވަނީ، ބޮސްނިޔާ އާއި އަލްޖީރިޔާގައި ހިނގާދިޔަ ހަމަނުޖެހުމުގެ ކުށް ބޮލުގައި އަޅަންޖެހޭނީ ވެސް އިސްލާމް ދީން ކަމުގަ އެވެ. ކަންކަމުގެ މަޢުލޫމާތު ނޭނގިހުރެ ތިމާ އާއި ނުބެހޭ ވާހަކަތައް ދެއްކުމަށްވުރެ ތަސްލީމާ އަށް ރަނގަޅު ވާނީ އޭނާގެ އަސްލު މަސައްކަތައިގެން އުޅުނީމަ އެވެ. އެ މަސައްކަތަކީ އޮރިޔާންކާޑު އުފެއްދުމުގެ ފަންނުގައި ކުރިޔަށް ދިޔުމެވެ.

 

މީނާ އަކީ ޖިންސީ ކަންތައްތަކުގައި ވެސް ޙައްދުފަހަނާއަޅާފައިވާ އަންހެނެކެވެ. ތަސްލީމާގެ އަމިއްލަ ހަޔާތާއި ބެހޭގޮތުން އޭނާ ލިޔުނު ފޮތުގައި އެތައް ބަޔަކަށް ޤަޛުފްކޮށްފައި (ޒިނޭގެ ތުހުމަތުކޮށްފައި) ވެއެވެ. މީނާ އާއި ކައިވެނިކުރި ހަތަރު ފިރިހެނުންނާއި އެކު ހިންގި ޖިންސީގުޅުންތަކުގެ ވާހަކަ ވެސް ހާމަކޮށްފައި ވެއެވެ. އަދި އެފޮތުގައި އޭނާ ހިންގާފައިވާ ނަހަމަ ޖިންސީގުޅުންތަކުގެ ވާހަކަ ގެނެސްފައި ވެއެވެ. މިފޮތް ނެރުނުތަނާހެން ބަންގްލަދޭޝްގައި އެފޮތް ގެންގުޅުމާއި، އިތުރަށް ޗާޕްކުރުން މަނާކުރެވުނެވެ. އަދިވެސް މީނާ ބުނެފައި ވަނީ، "ކައިވެނިކުރުމަކީ އެއީ އަންހެނާ ޖިންސީގޮތުންނާއި އެހެނިހެން ގޮތްގޮތުން އަޅުވެތިވެގެންދާ ކަމެއް ކަމުގަ އެވެ." އޭނާ އެތަކެއް ފިރިހެނުންނާއި އެކު ނަހަމަގޮތުގައި ޖިންސީގުޅުން ހިންގާފައި ވާތީ އެކަމަށް ފަޚުރުވެރި ވެސް ވެއެވެ. އަދި ތަސްލީމާ އަކީ އޮރިޔާންކާޑު އުފެއްދުމުގެ ވެސް ފަންނާނެކެވެ. މީނާ ލިޔުނު ފޮތެއްކަމުގައިވާ 'ލައްޖާ' އަކީ ވަރަށް މައްސަލަ ބޮޑުވެގެން ދިޔަ ފޮތެކެވެ. އޭގައި ވަނީ މުޅިންހެން ފާހިޝް ވާހަކަތަކެވެ. ބަންގްލަދޭޝްގެ މުސްލިމް ފިރިހެނަކު ހިންދީ ދީނުގެ ޒުވާން އަންހެން ކުއްޖަކު ރޭޕްކޮށްލި ކަމަށް ބުނެ އެކަން ހިންގިގޮތުގެ ވާހަކަ އެފޮތް ކިޔާ މީހެއްގެ ސިކުނޑިއަށް ސޫރަވާނެހެން ސިފަކޮށްދީފައި ވެއެވެ. ބަންގާޅީ ބަހުގައި ލައްޖާގެ މާނައަކީ ލަދުވެތިކަމެވެ. ނަމަވެސް ތަސްލީމާ އެފޮތުގައި ވަނީ ލަދުވެތިކަން މުޅިން އެއްފަރާތްކޮށްފަ އެވެ.

 

މީގެ 14 އަހަރު ކުރިން، އޯގަސްޓް 1994 ގައި ތަސްލީމާ ބަންގްލަދޭޝް އިން ފިލައިގެން ދިޔަ ފަހުން ދިރިއުޅުމުގެ ގިނަ ދުވަސްތައް ހޭދަކޮށްފައި ވަނީ ސްވީޑްންގަ އެވެ. މީގެ އިތުރުން ފަރަންސޭސިވިލާތާއި އެމެރިކާގައި ވެސް ދިރިއުޅެފައި ވެއެވެ. މިއަދު މީނާ ވަނީ ސްވީޑްންގެ ރައްޔިތެއް ކަމުގައި އެޤައުމުގެ ސަރުކާރުން ޤަބޫލުކޮށް ޕާސްޕޯޓް ވެސް ހަދާދީފަ އެވެ. ދިރިއުޅޭނެ ގެއެއް ދިނުމުގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ މަހުންމަހަށް އޭނާ އަށް ފޮނުވަ އެވެ. ސްވީޑްން އަކީ ޖިންސީ ކަންތައްތައް އެއްވެސް ހިފެހެއްޓުމެއް ނެތި ދޫކޮށްލާފައި އޮންނަކަމަށް މަޝްހޫރު ޤައުމެކެވެ. ސްކެންޑިނޭވިޔާގެ ކޮންމެ ޤައުމެއް ވެސް ހަމައެފަދަ އެވެ. ދުނިޔޭގައި އުފައްދާހައި އޮރިޔާންކާޑެއްގެ އެންމެ ބޮޑުބައި އުފައްދަނީ ސްކެންޑިނޭވިޔާގެ ޤައުމުތައްކަމަށްވާ ސްވީޑްން، ނޯވޭ، ފިންލަންޑް އަދި ޑެންމާކް އިންނެވެ. މީލާދީ އަހަރުތަކުން 20 ވަނަ ޤަރުނު ނިމިގެން އައިއިރު މިތަކެތީގެ އަގު އަހަރެއްގެ މައްޗަށް 22 ބިލިޔަން ޔޫ.އެސް. ޑޮލަރަށް އަރަ އެވެ. އޭރު މިއީ މަސްތުވާތަކެތި ވިއްކައިގެން އަހަރެއްގެ މައްޗަށް ލިބޭ ފައިސާ 'މަނީ ލޯންޑަރިންގެ' ގޮތުގައި ހަމައެކަނި އެމެރިކާގެ ބޭންކްތަކަށް ވަންނަ މިންވަރަށްވުރެ ދެ ބިލިޔަން ޑޮލަރު އިތުރު އަދަދެކެވެ. މިއަދު (މިހިނގާ 2009 ވަނަ އަހަރު) މިއަދަދުތައް މިއަށްވުރެ މާ މަތިވާނެ ކަމުގައި ބެލެވެ އެވެ.

 

ތާރީޚަށް ބަލައިލާއިރު ވެސް ސްކެންޑިނޭވިޔާގެ މީހުންނަކީ މައިންބަފައިންނެއް، ދަރީންނެއް، އެއްބަނޑު އެއްބަފައެއް ބަލައިލުމެއްނެތި ޖިންސީގުޅުން ހިންގައި އުޅޭކަމަށް މަޝްހޫރު ބައެކެވެ. މިހާރުވެސް ސްކެންޑިނޭވިޔާ އަށް އުފަންވާ ކުދީންގެ 49 އިންސައްތަ އުފަންވަނީ ޒިނޭގެ ދަރީންގެ ގޮތުގައި ނަހަލާލަށެވެ. މިޤައުމުތަކުގައި ނަހަލާލަށް ވިހެއުމަކީ ހުތުރުކަމެއް ނޫނެވެ. އަދި އެއީ މުޖުތަމައުގައި ޤަބޫލުވެވޭކަމެކެވެ. މީހުންގެ އަނބީން ޒިނޭކުރަމުން ދިޔުމުގެ ސަބަބުން ވަރަށް ގިނަ ކުދީން އުފަންވަނީ އެކުދީންގެ އަސްލު ބައްޕައަކަށް ނޫނެވެ. ސްކެންޑިނޭވިޔާގެ 'ޒަމާނީކުރިއެރުމުގެ' އެންމެވިދާ އެއްކަމަކީ ހުރިހައި ގޮތަކުން ވެސް ޖިންސީ މިނިވަންކަން ދެވުނުކަމެވެ. ރުހުމުގައި ނަމަ ކޮންމެ އަންހެނަކާއި ފިރިހެނަކަށް ވެސް ބޭނުން ވަގުތަކު، ބޭނުން ތަނެއްގައި އެކަހެރިގޮތެއްގައި ތިބެ ޖިންސީގުޅުން ހިންގިދާނެ އެވެ. ހަށިވިއްކާނެ ނާސިގެތައް އެޤައުމުތަކުގެ އެތަންމިތަނުގައި ހުޅުވިފައި ހުރެ އެވެ. ވަޒީފާތަކަށް މީހުން ގެނައުމުގެ ނަމުގައި ބޭރު ޤައުމުތަކުން ރީތި ޒުވާން އަންހެން ކުދީން ގެނެވެ އެވެ. ނަމަވެސް މީގެ ބޭނުމަކީ ހަށިވިއްކުމުގެ ފިޔަފާރި ހިންގުމެވެ. މިކަން އޮންނަނީ އެންމެން ދަންނަ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ. އަންހެނަކަށް އަންހެނަކާއި އިނދެވިދާނެ އެވެ. ފިރިހެނަކަށް ފިރިހެނަކާއި ވެސް އިނދެވިދާނެ އެވެ. ސަރުކާރުންނާއި ފައްޅިތަކުން މިހުރިހައި ބާވަތެއްގެ 'ކައިވެނިތައް' ޤަބޫލުކުރެ އެވެ. އަންހެނުންނާއި ފިރިހެނުން އެއްޖިންސުން ޖިންސީގުޅުން ހިންގުން ވަނީ ޢާއްމުވެފަ އެވެ.

 

މާޒީވެދިޔަ ތާރީޚްގައި ސްކެންޑިނޭވިޔާގެ ހަނގުރާމަވެރި ލަޝްކަރުތަކެއް ކަމަށްވާ ވައިކިންގްސް (Vikings) ނަމަކަށް ކިޔުނު ބަޔަކު ޖަނަވާރު ދަޅު ބޮލުގައިޖަހައިގެން ޖަނަވާރުތަކެއް ފަދައިން ގޮސް އިނގިރޭސިވިލާތައް އެތަކެއްފަހަރު އަރައި އަނިޔާވެރި އަމަލުތައް ހިންގާފައި ވެއެވެ. އެތަނުގެ ފިރިހެނުންތައް ޤަތުލުކޮށް އަންހެނުންގެ ޢިއްފަތްތެރިކަމަށް އަރައިގަތެވެ. އެތަކެއް ބޯޓުތައް ފުރެންދެން އިނގިރޭސި އަންހެން ކުދީންތައް ނޯޑިކް އައްސޭރިއަށް ގެންގޮސް ގަދަކަމުން ޖިންސީގުޅުން ހިންގާފައި ވެއެވެ. ވައިކިންގްސް މީހުންގެ ތެރެއިން ބަފައިންނާއި ފިރިހެން ދަރީން ބަހައިގެން އެތަނުން އެއް އަންހެނަކު ބޭނުންކުރި އެވެ. ނަމަވެސް މިހާރު މި ވައިކިންގްސް ދަރިކޮޅުން އައި ދަރީންތައް މި ދައުވާކުރަނީ މުސްލިމުންގެ އަންހެނުންތައް 'މިނިވަންކޮށް' އެކަނބަލުންގެ 'ޙައްޤުތައް' ހޯދައިދިނުމުގެ ނަމުގަ އެވެ. މިއީ އަންތަރީސްވާވަރުގެ ބޮޑު އަރަތެއް ނޫން ހެއްޔެވެ؟

 

ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި މިއަދު ސްކެންޑިނޭވިޔާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނަކީ އެއްވެސް ދީނެއް ޤަބޫލުނުކުރާ މުޅިން އިލްޙާދީ ކުލަވަރު ލިބިފައި ތިބި މީހުންނެވެ. ދާދި ފަހަކުން ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ނޯވޭ އާއި ޑެންމާކުގެ ނޫސްތަކުން މާތް ރަސޫލާ އަށް މަލާމާތްކުރުމުގެ ގޮތުން ކާޓޫނު ކުރަހާފައި ވެއެވެ. ލިޔުންތެރިކަމުގެ މިނިވަންކަމުގެ ނަމުގައި ސްކެންޑިނޭވިޔާއިން ސަލްމާން ރުޝްދީ އަށާއި ތަސްލީމާ ނަސްރީން އަށް ތާއީދުކޮށް، ޙިމާޔަތްދީ، މަތީފެންވަރުގެ އެވާރޑްތައްދީ ހަދަނީ މުސްލިމުން ރުޅިއެރުވުމުގެ ބޭނުމުގަ އެވެ. އޭރުން އެޤައުމުތަކުގައި ދިރިއުޅޭ ބައިމަދު މުސްލިމުން ނުކުމެ އިހްތިޖާޖުކުރުމުގެ ގޮތުން މުޒާހަރާތައް ކުރާނެ އެވެ. ދެން އެޤައުމުތަކުގެ ސިއްރުފުލުހުން އަޑީގައި ތިބެގެން ބައެއް ތަންތަނުގައި ހުޅުޖަހައި ނުވަތަ ބޮންގޮއްވާހަދަންވީ އެވެ. އެއަށްފަހު އެޖަރީމާ ހިންގިކަމުގެ ތުހުމަތު ކޮންމެވެސް އިސްލާމީ މުވައްސަސާއެއް ހިންގަން ތިބި މުސްލިމް ބަޔެއްގެ ބޮލުގައި އަޅުވާފައި ހައްޔަރުކުރަންވީ އެވެ. ދެން އަވަހަށް ޓެރަރިޒަމް މަނާކުރުމާ ބެހޭ ހަރުކަށި ޤާނޫނެއް ޕާލިމެންޓުން ފާސްކޮށް މުސްލިމް ކުދީންނަށް ތަޢުލީމާއި ތަރުބިއްޔަތުދޭ ތަންތަން ބަންދުކޮށް އުވާލަންވީ އެވެ.         

 

ސްވީޑްންގައި ތަސްލީމާ ދިރިއުޅެމުންދާތަން ވަނީ ސިއްރުކުރެވިފަ އެވެ. ސަބަބަކީ ޔޫރަޕްގެ މުސްލިމުން ވެސް އެނާ ދެކެ ރުޅިއައިސްފައި ވުމުން ސަލާމަތާއިމެދު ކަންބޮޑުވާންޖެހޭތީ އެވެ. 2007 ވަނަ އަހަރުގެ ނޮވެމްބަރ މަހު އިންޑިޔާގެ ކަލްލަތާގައި ހިނގާދިޔަ ހަމަނުޖެހުންތައް ފެށެންދިމާވި ސަބަބަކީ ސިއްރުގޮތެއްގައި ތަސްލީމާ އެރަށުގައި ދިރިއުޅެމުންދާކަން މުސްލިމުންނަށް އެނގުމާއި ގުޅިގެންނެވެ. މަގުތަކަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ދުއްވާއެއްޗެތީގައި ރޯކޮށް ހިންގަމުންދިޔަ ތަޅާފޮޅުންތައް ކޮންޓްރޯލް ނުވެގެން އެންމެފަހުން ކުއްލިހާލަތު އިޢުލާންކޮށް ހަތިޔާރާއި އެކު ސިފައިން މަގުތަކަށް ނެރެންޖެހުނެވެ. ހަމަނުޖެހުންތައް މައިތިރިކުރުމަށްޓަކައި އިންޑިޔާ ސަރުކާރަށް މަޖުބޫރުވީ އޭނާ އިންޑިޔާއިން ފޮނުވާލާށެވެ. ތަސްލީމާ އިންޑިޔާގެ ރައްޔިތަކަށް ހަދައިދިނުމަށް އެދި އޭނާ ކުރަމުން ދިޔަ އިލްތިމާސްތަކަށް އިންޑިޔާ ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. މީނާ އިންޑިޔާގެ ރައްޔިތަކަށް ވާން މިހައި ބޭނުންވަނީ ކީއްވެތޯ ބަލައިލުން ބޭނުމެވެ. ކަލްކަތާ ހިމެނޭ ހުޅަނގު ބަނގާޅު ސްޓޭޓްގައި އޮންނަނީ ބަންގާޅީ ބަހެވެ. ތަސްލީމާ އަށް ބަންގާޅީ ބަސް ފިޔަވައި އެހެންބަހަކުން ފޮތް ލިޔާކަށް ނޭނގެ އެވެ. އޭނާ ބުނާގޮތުން ކަލްކަތާ އޭނާ އަށް ސިފަކުރެވެނީ އަމިއްލަ ރަށް ފަދައިންނެވެ. އިންޑިޔާގެ ހުޅަނގު ބަންގާޅުގައި ބަންގާޅީ ބަހުން ވާހަކަދައްކާ 80 މިލިޔަން މީހުންގެ ބޮޑު އާބާދީއެއް އެބަ އޮތެވެ. މިހެންކަމުން މިނާ އިސްލާމް ދީނާ ދެކޮޅަށް ލިޔާ ވާހަކަތައް ފަތުރައި ޖެހިގެން އޮތް ބަންގްލަދޭޝް އަށް ވެސް މީނާގެ ފިތުނަވެރި މެސެޖްތައް ބަންޑުންކުރަން ފަސޭހަވާނީ ކަލްކަތާގައި ހުރެގެންކަމަށް ފެންނާތީ އެވެ. ތަސްލީމާ އިސްލާމް ދީނަށް ފާޑުކިޔައި ލިޔުނު ކިތަންމެ ފޮތެއް އިނގިރޭސި އަށާއި ޔޫރަޕްގެ އެހެނިހެން ބަސްތަކަށް ތަރުޖަމާކުރެވުނު ކަމުގައި ވިޔަސް ޔޫރަޕްގެ ސަގާފަތުގެ ތެރޭގައި އެވާހަކަތަކުގެ މާބޮޑު ބުރަދަނެއް ނުހުރެ އެވެ. މީގެ އިތުރުން ޔޫރަޕްގެ އެބުނާ ހަމަހަމަ 'މިނިވަން' މުޖުތަމައުތަކުގައި އޮންނަ ނަސްލީ ތަފާތުކުރުންތަކުގެ ހިތިރަހަ ތަސްލީމާގެ ކަރުބުޑުގައި ވެސް މިހާރު ލައިފި އެވެ.

 

ތަސްލީމާ އޭނާގެ އަމިއްލަ ހަޔާތާއި ބެހޭގޮތުން ލިޔުނު ފޮތުގެ އެއްވަނަބައިން ފެށިގެން ހަތަރުވަނަބައި ވަނީ ބަންގްލަދޭޝްގައި މަނާކުރެވިފަ އެވެ. މީގެ ތެރެއިން 'އުޓަލް ހަވާ' (ބާރު ވައިރޯޅި) އަކީ އިސްލާމް ދީނާއި އިދިކޮޅު އެތަކެއް ޚިޔާލުތަކާއި ބަޔާންތައް ލިޔެފައިވާ ފޮތެކެވެ. މިކަމާއި ގުޅިގެން ފުލުހުންނަށް އަމުރުކުރެވިފައި އޮތީ އެފޮތުގެ ހުރިހައި ކޮޕީތަކެއް ހޯދައި ނައްތާލުމަށެވެ. ބަންގްލަދޭޝްގެ ހޯމް މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ވާގޮތުން އެފޮތުގައިވާ ވާހަކަތަކުގެ ސަބަބުން އެޤައުމުގެ ދީނީ ހަމަޖެހުމަށް ބޫރޫއަރާފާނެ އެވެ. މިކަމާއި ގުޅިގެން ތަސްލީމާ ބީ.ބީ.ސީ އިން އަންނަ  ބަންގާޅީ ބަހުން ފޮނުވާ ޕްރޮގްރާމެއްގައި ބުނެފައި ވަނީ ބަންގްލަދޭޝްގައި ހިޔާލުފާޅުކުރުމެގެ މިނިވަންކަން ނޯންނަ ކަމަށެވެ. ބަންގްލަދޭޝް އަކީ ޑިމޮކްރަޓިކް ޤައުމެއް ނަމަވެސް އެޤައުމުގައި ހަޤީޤީ މާނާގައި ޑިމޮކްރަސީ ނެތް ކަމަށެވެ. ހުޅަނގުގެ ޤައުމުތަކުން މިފަދަ މީހުންނަށް ތާއީދުކޮށް، ހިމާޔަތްދީ ހަދަނީ ޚިޔާލުފާޅުކުރުމުގެ 'މިނިވަންކަން' މުސްލިމުންގެ ތެރޭގައި ނެތީމައި އެ މިނިވަންކަން ހޯދައިދިނުމުގެ ނަމުގަ އެވެ. އެމީހުން ދެކޭގޮތުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ހިތަށްއަރާހައި ދޮގެއް ހުތުރުބަހުން ފާޅުކުރަމުން ދިޔުމެވެ.

 

މުސްލިމެއްކަމަށް ދައުވާކުރާ މީހަކު އިސްލާމް ދީނާއި ދެކޮޅަށް ދައްކާ ވާހަކަތަކަށް ހުޅަނގުގެ މީޑީޔާ އޮންނަނީ ވަރަށް ބޮޑު ސަމާލުކަމެއް ދީގެންނެވެ. އެފަދަ މީހުންގެ ދިފާއުގައި ޔޫރަޕްގެ ޓީވީ ޗެނަލްތަކުން ވެސް ބޮޑު ރޯލެއްކުޅެމުން ދެއެވެ. މިބުނާބަހުގެ ހެއްކެއްގެ ގޮތުން ސަލްމާން ރުޝްދީ މުރުތައްދުވެއްޖެކަމަށް ބުނެ އޭނާ މަރާލުމަށް އީރާނުގެ ވެރިކަމުގައި އޭރު ހުރި އާޔަތުﷲ ޚުމެއިނީ ފަތުވާ ދިނުމުން ޔޫރަޕްގެ މީޑިޔާ އޭނާ އަށް ހަމްދަރުދީ ހޯދުމަށް ފުންމައިގެން ތެދުވި އެވެ. މިކަންތައްގަނޑުގެ ތެރެއަށް އިސްކޮށް ނުކުމެ އޮތީ ބީ.ބީ.ސީ އެވެ. އޭރު ސަލްމާން ރުޝްދީ ފިލުވައިގެން އޭނާގެ ދިފާއުގައި ހަށިފާރަވެރިންތައް ފޮނުވައިގެން އުޅެނީ އިނގިރޭސި ސިއްރު ފުލުހުންނެވެ. އިނގިރޭސިވިލާތާއި އީރާނާއި ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ވެސް ކަނޑާލެވުނެވެ. އިނގިރޭސި ސަރުކާރު އޮތީ ސަލްމާން ރުޝްދީގެ ދިފާއުގައި އަޅަންޖެހުނު ކޮންމެ ފިޔަފަޅެއް އަޅަން ތައްޔާރަށެވެ. ރުޝްދީ އަކީ އިނގިރޭސި ރައްޔިތެއް ނަމަވެސް އޭނާ އަކީ އިންޑިޔާ ދަރިކޮޅުގެ މީހެކެވެ. މިބުނާ ކަހަލަ 'ދޮން' އިނގިރޭސިއެއް ނޫނެވެ. ސިއްރާއި ފާޅުގައި ނަސްލީ އިމްތިޔާޒު ދުނިޔޭގައި ހިންގުމަށް އޭރު ޤާއިމްވެއޮތް މިސިޒް މާގަރެޓް ތެޗަރގެ އިނގިރޭސި ސަރުކާރުން އިންޑިޔާ ދަރިކޮޅުގެ އެންމެ މީހަކަށްޓަކައި މިވަރުގެ ބުރައެއް އުފުލާނީ އެކަމުގެ އަޑީގައި ވަރަށް ބޮޑެތި ބޭނުންތަކެއް އޮވެގެންނެވެ. ކީއްވެކަމަށްތޯ އެވެ؟ ސަލްމާން ރުޝްދީ އަކީ މާތް ރަސޫލާ އަށާއި އިސްލާމް ދީނަށް މަލާމާތްކުރަން ނުކުމެހުރި 'މުސްލިމެއް' ކަމަށް ބުނާތީ އެވެ. މީގެ އިތުރުން ވެސް އެތައް ސިއްރުތަކެއް މިކަމުގެ އަޑީގައި ވާކަމަށް ބެލެވެ އެވެ. އެހެންޏާފަހެ އޭނާ އަކީ އެއްވެސް މޮޅުކަމެއް ހުރި މީހެއް ނޫނެވެ. 'ސެޓަނިކް ވާރސަސް' ލިޔުމުގެ ކުރިޔަކުން މީހުން ދަންނަ ލިޔުންތެރިއެއް ވެސް ނޫނެވެ.

 

ތަސްލީމާ ނަސްރީން މިއަދުވެސް ތަންތަނަށް ދަތުރުކޮށް އުޅެނީ ސިއްރިޔާތުގަ އެވެ. އެއްވެސް ގޮތަކަށް އާދައިގެ ދިރިއުޅުމެއް އުޅެވޭނެކަމުގެ އުންމީދެއް ދެން މީނާއަކަށް ނެތެވެ. ތަސްލީމާ  ތިމާގެ މީހަކާއި ބައްދަލުކުރަން ބޭނުންވިޔަސް ތަންތަނަށް ދާންޖެހެނީ އަނދިރި ބިއްލޫރި ލެއްވި ކާރެއްގައި ހަށިފާރަވެރިންނާއި އެކުގަ އެވެ. ދިރިއުޅޭތަން ތިމާގެ މީހުންނަށް ވެސް ވަންހަނާކުރަން ޖެހެ އެވެ. މީހަކާއި ބައްދަލުކުރަން ޖެހިއްޖެ ނަމަ ސަލާމަތީ ކަންތައްތައް ބަލަހައްޓާ މީހުންނަށް ކުރިން އަންގައިގެން ސިއްރުތަނެއް ހަމަޖައްސަން ޖެހެ އެވެ. ވާހަކަދައްކާލެވެނީ ކުޑަ ވަގުތުކޮޅަކު އެވެ. ދިރިއުޅެންޖެހިފައި ވަނީ ހަތަރުފަރާތުން ޙިޞާރުކުރެވިފައިވާ އަސީރެއް ފަދައިން ސިހުމެއްގެތެރޭގަ އެވެ. ތަސްލީމާގެ އަމިއްލަ އިބާރާތުން ބުނާކަމުގައި ވަނީނަމަ، "ހީވަނީ ވޭންއަޅަމުން ގޮސް މަޑުމަޑުން މަރު ގާތްވަމުން އަންނަހެންނެވެ. އިހުސާސްކުރެވެނީ ޖޯޑެއްގައި ހުރި ވިހައެއް މަދުމަދުން ބޮމުންދާއިރު އެއިގެ އަސަރު މަޑުމަޑުން ހަށިގަނޑަށް ފެތުރެމުން ގޮސް ހިއްސުތައް ނެތިކޮށްލާހެންނެވެ." އާނއެކެވެ. ދުނިޔޭގައި ދިރިހުއްޓަސް އެއްވެސް އުފަލެއް، ހިތްހަމަޖެހުމެއް ނެތެވެ. މިފަދަ މީހުން ގިނަފަހަރަށް މަރުގަންނަވާނީ ދުނިޔެމަތީގައި ވެސް ވޭނާއި ކެކުޅުން މެދުވެރިކުރެއްވުމަށްފަހު ވަރަށް ނިކަމެތި ގޮތެއްގަ އެވެ.

އަލްއަޚް އިބްރާހީމް ނާޒިމްގެ ބައެއް އެހެނިހެން ޕޯސްޓުތައް