މާތް ސުންނަތުގެ ނޫރާނީ ހިޔަލުގައި... (2)

މުޙައްމަދު ނަޝީދު އާދަމް (އަބޫ ޢަބްދި ﷲ) - 17 މެއި 2013 - 20:10

ދެވަނަ ޙަދީޘް

عن أبي هريرة - رضي الله عنه - قال:  قال رسول الله - صلى الله عليه وسلم:
كَلِمـَـتـَانِ خَفِيفـَتـَانِ عَلـَى اللِّسَانِ ثَقِيلَتـَانِ فِي الْمِـيزَانِ حَبِيبَتـَانِ إِلَى الرّحْمَانِ سُبْحَانَ اللَّهِ وَ بِحَمْــدِهِ سُبْحَانَ اللَّهِ الْعَظِــيمِ
رواه البخاري (6682) و مسلم (2694).

أبو هريرة رضى الله عنه ގެ ފަރާތްޕުޅުން ޙަދީޘް ޢިލްމުވެރީންގެ ދެ އިމާމުން ކަމުގައި ހިމެނި ވަޑައިގަންނަވާ އަދި އެ ޢިލްމުގައި މުއުމިނުންގެ ދެ އަމީރުން ކަމުގައި ވާ الإمام البخارى އާއި الإمام مسلم ދެ ޞަޙީޙު ގައި ރިވާ ކުރައްވާ މި މާތް ނަބަވީ ބަސްފުޅު ގެ ތަރުޖަމާ ގެ މާނައަކީ:
سُبْحَانَ اللَّهِ وَ بِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ އަކީ ދޫ މައްޗަށް ލުއި، (އެހެނަސް، ޤިޔާމަތް ދުވަހު ހެޔޮ ޢަމަލުތައް އޭގެ މަތީ ގައި ކިރެވި ވަޒަން ކުރެވޭ) މީޒާން ގައި ބަރު އަދި (ހަމަ އެއާއެކު) ރަޙްމާން ވަންތަ ﷲ ގެ ޙަޟްރަތު ގައި ލޮބުވެތި ވެގެންވާ ދެ ކަލިމައެވެ.

މި މާތް ނަބަވީ ބަސްފުޅުގައި "ދެ ކަލިމަ" މިހެން އައިސްފައި މިވަނީ "ދެ ޖުމްލަ" މި މާނާގައެވެ. سُبْحَانَ اللَّهِ وَ بِحَمْدِهِ އަކީ އެއް ކަލިމައެވެ؛ އެބަހީ އެއްް ޖުމްލައެވެ. سُبْحَانَ اللَّهِ الْعَظِيمِ އަކީ އަނެއް ކަލިމަ އެވެ؛ ނުވަތަ ދެވަނަ ޖުމްލައެވެ. ފުރިހަމަ މާނައެއް ދޭހަވާ ގޮތަށް އޮންނަ މުސްތަޤިއްލު ޖުމަލައަކަށް ނިސްބަތް ކޮށް "كـَـلـِـمَـة" މި ލަފްޒު ބޭނުން ކުރުމަކީ ޢަރަބި ބަހުގައި ޒަމާނުއްސުރެ އިސްތިޢްމާލު ކުރެވެމުން އަންނަ އުސްލޫބެކެވެ. މި ގޮތުން "ޝަހާދަތު ގެ ދެ ކަލިމަ" މިހެން ބުނެވިއްޖެ ނަމަ އޭގެ މުރާދަކީ أشهد أن لا إله إلاّ الله އާއި و أشهد أنّ محمّدا رسول الله މި ދެ ޖުމްލައެވެ. كلمة الإخلاص ނުވަތަ އިޚްލާޞްތެރިކަމުގެ ކަލިމަ އޭ ބުނެވިއްޖެނަމަ އޭގެ މުރާދަކީ لا إله إلاّ الله މި ޖުމްލައެވެ.  

سُبْحَانَ اللَّهِ وَ بِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ ގެ މާނައާ މެދު...

سُبْحَانَ اللَّهِ وَ بِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ، އިޚްލާޞްތެރި ހިތެއްގެ ވެރިއަކު ތެދުވެރި ދުލަކުން މި ދެ ކަލިމަ ކިޔުމަކީ ކީރިތި މާތް ﷲ އަށް ޙަމްދު ކުރުމާ އެކު އެކަލާނގެ عظمة ވަންތަ ކަމަށް އިޢްތިރާފު ވަމުން އެންމެހާ އުނި ކަމަކާއި އަދި އުނި ސިފަތަކުން އެކަލާނގެ ދުރުވެވޮޑިގެން އަދި ހުސް طاهر ވެ ވޮޑިގެންވާ ކަމަށް ހެކިވެ އެކަން އިޢުލާން ކުރުމެކެވެ. ތަސްބީޙަކީ މާތް الله عزّ و جلّ ގެ މަތިވެރިކަމާއި ކުޅަދުން ވަންތަކަން އަދި އެކަލާނގެ جلال ވަންތަކަމާއި كمال ވަންތަކަމާއި އަދި عظمة ވަންތަކަން ހަނދުމަ ކުރުމާއިއެކު އެންމެހާ ޢައިބު ތަކުންނާއި އުނިކަމަކާއި ނަޤްޞަކުން އެކަލާނގެ ހުސް طاهر ވެ ދުރުހެލިވެ ވޮޑިގެން ވާކަމަށް ހިތުގެ އަޑީން އިޤްރާރުވެ އެ ކަމުގެ ޛިކްރުން ތިމާގެ ނަފްސު އަލިކޮށް އުޖާލާ ކުރަމުން އެ ޝުޢޫރު ތަރުޖަމާކޮށް ދޭ ލަފްޒަކުން ތިމާގެ ދޫ ތެންމާލުމެވެ. سبحان الله ގެ މުރާދަކީ އެއީ އެވެ. سُبْحَانَ اللَّهِ وَبِحَمْدِهِ ގެ މާނައަކީ: ކީރިތި މާތް ﷲ އަށް މިއަޅާ ޙަމްދު ކުރާ ޙާލު އެކަލާނގެ ހުސް طاهر ވަންތަކަން ޛިކްރުކުރަމުން، ހުރިހާ އުނި ކަމަކާއި ދެރަ ކަމަކާއި ޢައިބަކާއި އަދި ނަޤްޞަކުން އެކަލާނގެ ދުރުހެލިވެވޮޑިގެން ވާކަން ހަނދުމަކޮށް އެކަމަށް ހެކިވަމެވެ. الأسماء الحسنى ގެ ތެރޭގައި ހިމެނޭ العظيم މި އިސްމުފުޅުން ދޭހަވަނީ ގަދަކަމާއި މަތިވެރިކަން އޭގެ އެންމެ ފުރިހަމަ އަދި އެންމެ ރިވެތި ގޮތުގައި މިލްކު ވެގެން ވަނީ عـَـظـَـمـَـة އާއި ޢިއްޒަތު ގެ ވެރި ސާހިބާ އަރަހުށި ހުސް طاهر ވަންތަ އަދި ގަދަ ކީރިތި ވަންތަ މާތް ﷲ އަށް ކަމެވެ.

ހެޔޮ މާނަތަކަކުން ބަރާކުރެވި އަދި ބަރަކާތުން ފުރިފައިވާ މި މޫރިތި ޢިބާރާތް އަމުނާ އަތުރާލުމުގައި ބޭނުންކުރެވިފައިވާ واو ޞައްޙަކަމާ އެކީގައި ދެގޮތަކަށް މާނަ ކުރެވިދާނެއެވެ. އެއްގޮތަކީ އެއީ واو الحال ކަމުގައި ބެލުމެވެ؛ އަނެއްގޮތަކީ އެއީ واو العطف ކަމުގައި ބެލުމެވެ. سُبْحَانَ اللَّهِ وَ بِحَمْدِهِ ގައި މިވާ واو އަކީ ޙާލުގެ ޥާޥު (واو الحال) ނަމަ މާނައަކީ: މި އަޅާ ކީރިތި މާތް ﷲ އަށް ޙަމްދު ކުރާ ޙާލު އެކަލާނގެއަށް ތަސްބީޙަ ދަންނަވަމެވެ. ނުވަތަ އެ واو އަކީ ޖުމްލައެއްގެ ދެބައި ގުޅުވުމަށް ބޭނުން ކުރެވޭ "އަދި" މި ލަފްޒުގެ މާނާގައި އޮންނަ ޥާޥު (واو العطف) ކަމުގައިވާނަމަ މާނައަކީ: މި އަޅާ ކީރިތި މާތް ﷲ އަށް ޙަމްދު ކުރަމެވެ؛ އަދި އެކަލާނގެއަށް ތަސްބީޙަ ދަންނަވަމެވެ؛ މިއެވެ.

تَسـْـبـِيـْح ގެ ސަނާ އާއި ޙަމްދުން މުޚާޠަބު ކުރެވޭހުށީ ހަމައެކަނި ކީރިތި މާތް ﷲ އަށެވެ.
ތަސްބީޙަ ގެ މަދަޙަ އާއި ޘަނާ ޚާއްޞަ ކުރެވޭ ހުށީ ހަމައެކަނި ކީރިތި މާތް ﷲ އަށެވެ. އެނޫން އެއްވެސް ފަރާތަކަށް ތަސްބީޙައިން ނުވަތަ ތަސްބީޙަ ގެ މާނަ ހިމެނޭ ޘަނާއަކުން ނުވަތަ ތަޢްރީފަކުން މުޚާޠަބު ނުކުރެވޭނެއެވެ. އެފަދައިން ތަސްބީޙަ ގެ މާނަ ދޭހަވާފަދަ ގޮތަކަށް ކީރިތި ﷲ ފިޔަވައި އެހެން ފަރާތަކަށް މަދަޙައެއް ނުވަތަ ޘަނާ އާއި ތަޢުރީފެއް ކިއިއްޖެނަމަ އެވާނީ ޙަރާމް ދާއިރާގެ ތެރެއަށް ވަންނަ ފާފަވެރި އަދި ހުތުރު ޚުޝާމަދަކަށެވެ. އެއީ އިސްލާމް ދީން މަނާކުރާ ކަމެކެވެ. ވީމާ މަލާއިކަތުންނާއި، ނަބިއްޔުންނާއި، ރަސޫލުންނާއި އަދި ވަލީ ވެރިންގެ ދަރަޖަ ލިބިވަޑައިގެންވާ ޞާލިޙުންނަށް ވެސް ތަސްބީޙަގެ މާނަ ހިމެނޭ ތާރީފާއި ސަނާއިން މަދަޙަ ނުކިޔޭނެއެވެ.

މުޅި ކައުނު ކީރިތި މާތް ﷲ އަށް ތަސްބީޙަ ދަންނަވައެވެ.

އުޑުތަކާއި ބިމާއި އަދި މުޅި ކައުނާއި އެތަންތާގައި ވާހާ ބަޔަކާއި ތަކެއްޗެއް ކީރިތި މާތް ﷲ އަށް ކިޔަމަންވެ ބޯލަނބައި އެކަލާނގެއަށް ޙަމްދު ސަނާ އާއި ތަސްބީޙަ އިން ذِكــْـرُ ކުރެއެވެ. ކީރިތި މާތް ﷲ އަށް ތަސްބީޙައިން ޙަމްދާއި ސަނާ ނުދަންނަވާ ހަމަ އެއްވެސް ފަރާތެއް ނުވެއެވެ. (އެއީ ޖިންނީންނާއި އިންސީންގެ ފާފަވެރި އުރެދުންތެރީން ފިޔަވައެވެ.) ކީރިތި ޤުރްއާނު ގެ އެތައް އާޔަތެއްގައި މި ޙަޤީޤަތް ބަޔާން ކޮށްދެއްވާފައި ވެއެވެ. އެގޮތުން ގުގުރި އާއި އަދި މަލާއިކަތުންގެ ތަސްބީޙަ އާ ބެހޭ ޚަބަރު ދެއްވަމުން سورة الرّعد ގައި ވަޙީ ކުރައްވައެވެ.  
 
وَ يُسَـبّـِـحُ الرّعـْـدُ بِحَمْدِهِ وَ المـَلاَئِكَةُ مِنْ خِيْـفَـتـِهِ ... (١٣)    
މާނައީ: އަދި ގުގުރިވެސް އެކަލާނގެ އަށް ޙަމްދާ އެކު ތަސްބީޙަ ދަންނަވަތެވެ. އަދި މަލާއިކަތުންވެސް އެކަލާނގެއަށް ބިރުވެތިވެ ވަޑައިގެން ތިއްބަވާ ޙާލު އެކަލާނގެއަށް ތަސްބީޙަ ދަންނަވަތެވެ.

އުޑުތަކާއި ބިމާއި އަދި އެތަންތާގައި ވާހާ ތަކެއްޗަކާއި ބަޔަކު މަތިވެރި މާތް ޙައްޤު އިލާހަށް ޙަމްދުކޮށް ތަސްބީޙަ ދަންނަވާކަން ކަށަވަރުކޮށް ދެއްވަމުން އަދި އެކަލާނގެއަށް ޙަމްދު ސަނާގެ ތަސްބީޙަ ނުދަންނަވާ އެއްވެސް އެއްޗެއް ނުވާކަމުގެ ޔަޤީންކަން ދެއްވަމުން سورة الإسراء ގައި ކީރިތި މާތް الله سبحانه و تعالى ވަޙީ ކުރައްވައެވެ.

تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالأَرْضُ وَمَن فِيهِنَّ وَإِن مِّن شَيْءٍ إِلاَّ يُسَبِّحُ بِحَمْدَهِ وَلَـكِن لاَّ تَفْقَهُونَ تَسْبِيحَهُمْ إِنَّهُ كَانَ حَلِيماً غَفُوراً (٤٤)  سورة الإسراء
މާނައީ: ހަތް އުޑާއި، ބިން، އަދި އެ ތަންތަނުގައި ވާހާ ބަޔަކު، އެކަލާނގެއަށް ތަސްބީޙަ ދަންނަވަތެވެ. އަދި އެކަލާނގެއަށް ޙަމްދު ކުރުމާއިއެކު ތަސްބީޙަ ނުދަންނަވާ އެއްވެސް އެއްޗެއް ނުވެއެވެ. އެހެނެއްކަމަކު ތިޔަބައި މީހުންނަކަށް އެތަކެތީގެ ތަސްބީޙައެއް ނުވިސްނެއެވެ. ހަމަކަށަވަރުން އެކަލާނގެ ވޮޑިގެން ވަނީ حـَـلِيم ވަންތަ (ކޯފާ މަޑު)، ގިނަގިނައިން ފާފަ ފުއްސަވާ ކަލާނގެ ކަމުގައެވެ.

سورة النور ގައި ވެސް މި ޚަބަރު ވާރިދު ވެފައި ވެއެވެ.

ألم تـَرَ أنّ اللّـهَ يُسَبـّـِـحُ لَهُ مَنْ فِي السّـَمَاوَاتِ وَ الأرْضِ وَ الطَّـيْرِ صَافـََّاتٍ كُلٌّ قَدْ عَلِمَ صَلاَتـَهُ وَ تَسْبـِيـْـحَهُ وَ اللّـهُ عَلِيْمٌ بِمَا يَـفـْـعـَـلـُوْنَ (٤١)  މާނައީ: އުޑުތަކާއި ބިމުގައި ވާހާ ބަޔަކު، އަދި ދޫނިސޫފާސޫފިތައް އެ ތަކެތީގެ ފިޔަތައް ދަމާލައިގެން ތިބޭ ޙާލު، ﷲ އަށް ހަމަކަށަވަރުން ތަސްބީޙަ ކިޔަކިޔާ ތިބޭކަން ކަލޭގެފާނަށް އެގިވަޑައި ނުގަންނަވަނީތޯއެވެ؟ ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއް ގެ ތަސްބީޙަ އެނގިފައިވެއެވެ. ﷲ އީ އެއުރެން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.  


ގިނަގިނައިން ތަސްބީޙަ ކިޔަންވީ ކީއްވެތޯއެވެ؟

ތަސްބީޙަ ކިޔުމަކީ ނުވަތ ތަސްބީޙައިން ކީރިތި މާތް ﷲ - عزّ و جلّ - އަށް ثــَــنـــَـاء ދަންނަވާ އެކަލާނގެ ހަނދުމަކޮށް ذِكــْـرُ ކުރުމަކީ އެކަމަށްޓާކައި އިލާހީ އަމުރުފުޅު ވާރިދުވެފައިވާ މަތިވެރި މާތް އަޅުކަމެކެވެ. އީމާންކަމުގެ ނިޢްމަތް ލިބި ހިދާޔަތުގެ ނަޞީބު ރޯދި ވެފައިވާ އެންމެހާ މުސްލިމުންނަށް މުޚާޠަބު ކުރައްވާ ކީރިތި ޤުރްއާން ގައި (سورة الأحزاب ގައި) الله سبحانه و تعالى ވަޙީ ކުރައްވައެވެ.

يَاأَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا (٤١) وَسَبـِّحُوهُ بُكْرَةً وَأَصِيلاً (٤٢) هُوَ الَّذِي يُصَلِّي عَلَيْكُمْ وَمَلاَئِكَتُهُ لِيُخْرِجَكُمْ مِنْ الظُّلُمَاتِ إِلَى النُّورِ وَكَانَ بِالْمُؤْمِنِينَ رَحِيمًا (٤٣)
މާނައީ: އޭ އީމާން ވެއްޖެ މީސްތަކުންނޭޥެ! ގިނަ ވެގެންވާ ހަނދުމަ ކުޅައުމަކުން ތިޔަބައި މީހުން ﷲ ހަނދުމަކޮށް ذِكـْـرُ ކުރާށެވެ! އަދި ދުވާލުގެ ކުރީކޮޅު ކަމުގައިވާ ފަތިހާއި ހެނދުނު އަދި ދުވާލުގެ ފަހުކޮޅު ކަމުގައިވާ ހަވީރާއި އިރުއޮއްސޭ ވަގުތު އެކަލާނގެ އަށް ތަސްބީޙަ ދަންނަވާށެވެ! އަނދިރިތަކުގެ ތެރެއިން އަލި ނޫރަށް ތިޔަބައިމީހުން ނެރުއްވުމަށްޓަކައި ތިޔަބައި މީހުންނަށް ރަޙްމަތް ލައްވަނީ އެކަލާނގެއެވެ؛ އަދި އެފަދައިން ރަޙްމަތް ލައްވާ އަނދިރިތަކުގެ ތެރެއިން އަލި ނޫރަށް ތިޔަބައިމީހުން ނެރުއްވާތޯ އެކަލާނގެ ޙަޟްރަތުގައި އެކަލާނގެ މަލާއިކަތުން ދުޢާ ދަންނަވަތެވެ. މުއުމިނުންނަށް އޯގާތެރި ރަޙީމު ވަންތަ އިލާހު ކަމުގައި އެކަލާނގެ ވޮޑިގެން ވެއެވެ.

އެއްވެސް ޝައްކެއް ނެތެވެ؛ މުސްލިމުންގެ ދިރިތިބުމާއި މަރުވުން ތަޚްޞީޞުކޮށް، ވަޤްފުކޮށް އަދި ހޭދަކުރަނީ އެމީހުންގެ ޚާލިޤު ވަންތަ ރާޒިޤުވަންތަ ޙައްޤު އިލާހަށްޓަކައެވެ. ޢާލަމްތަކުގެ ރައްބު އަދި يَومُ الدّين ގެ مَالِك ކަމުގައިވާ رحمان ވަންތަ رحيم ވަންތަ ذو الجلال و الإكرام އަށްޓަކައެވެ. އެހެނީ މުސްލިމުންގެ ޔަޤީނީ އިޢްތިޤާދަކީ ކީރިތި މާތް الله عزّ و جلّ ގެ ރުހިވޮޑިގަތުން ލިބިއްޖެ މީހަކަށް ހުރިހާ ހެވަކާއި މޮޅަކާއި އަދި ހެޔޮ ނަޞީބެއް ލިބޭނޭކަމެވެ. އަދި އެކަލާނގެ ރުހިވޮޑިގަތުމުން މަޙްރޫމުވެއްޖެ މީހަކު ހުރިހާ ހެވަކާއި މޮޅަކުން އަދި އެންމެހާ ހެޔޮ ނަޞީބަކުން މަޙްރޫމުވާނޭ ކަމެވެ. ވީމާ ކީރިތި މާތް ﷲ ގެ ރުހިވޮޑިގަތުން ޙާޞިލު ކުރުމަށް އަދި އެކަލާނގެ ކޯފާއިން ސަލާމަތް ވުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމުގައި ޢުމުރުގެ ވަގުތުތައް ހޭދަކުރުމަކީ ކޮންމެ އާދަމުގެ ދަރިއެއްގެވެސް އެންމެ އިސް ވާޖިބެވެ. މި ޙަޤީޤަތް ހެޔޮގޮތުގައި ޤަބޫލުކުރާ ހަމައެކަނި ބަޔަކީ ކީރިތި މާތް ﷲ އަށް ބޯލަނބާ ކިޔަމަން ވެގެން ތިބި މުސްލިމުންނެވެ. މިހެންވެ ހެޔޮ ޢަމަލުކުރުމުގައި ހީވާގިވަމުން ދާއިރު ޞައްޙަ އީމާންގެ ޙަޤީޤީ އަހްލުވެރީން ޞާލިޙު ޢަމަލުތަކަކީ ކޮބައިކަން ހޯދާ އެ ޢަމަލުތަކުގައި ތިމާމެންގެ ނަފްސުތައް މަޝްޣޫލު ކުރުވާނެއެވެ. މި ގޮތުން މުއުމިނުންނަށްޓަކައި ހުޅުވާލެވިފައިވާ ހެޔޮކަމުގެ އެއް ދޮރަކީ ކީރިތި މާތް الله تبارك و تعالى އަށް ތަސްބީޙައިން ސަނާ އާއި މަދަޙަ އަދި ޙަމްދާއި ތަޢްރީފު ދެންނެވުމެވެ. މި ކަމުގެ ދަލީލަކަށް އަންނަނިވި މާތް ނަބަވީ ބަސްފުޅުތައް ފުދެއެވެ.
(1)  عَنْ أَبِي هُرَيْرَةَ رضى الله عنه قَالَ  قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:  لأَنْ أَقُولَ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلا إِلَهَ إِلا اللَّهُ وَاللَّهُ أَكْبَرُ أَحَبُّ إِلَيَّ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ
މާނައީ: އިރު އޭގެ މައްޗަށް އެރި ހުރިހާ އެއްޗަކަށް ވުރެ سُبْحَانَ اللَّهِ، އާއި الْحَمْدُ لِلَّهِ،އާއި لا إِلَهَ إِلاّ اللَّهُ، އާއި އަދި اللَّهُ أَكْبَرُ މި ކަލިމަތައް ކިޔަވާ ވިދާޅުވުން ތިމަން ކަލޭގެފާނު އަރިހުގައި ލޮބުވެތިކަން ބޮޑެވެ. (މި ޙަދީޘް ރިވާ ކުރައްވަނީ الإمام مسلم އާއި الإمام النسائى އާއި الإمام الترمذى އާއި ابن أبى شيبة އާއި އަދި أبوعوانة އެވެ.)

(2) عن سمرة بن جندب رضي الله عنه قال: قال رسول الله صلى الله عليه وسلم: أحبُّ الكلام إلى الله أربع، لا يَضرُّك بأيِّهنَّ بدأتَ: سبحان الله ، والحمد لله، ولا إله إلا الله، والله أكبر
މާނައީ: سمرة بن جندب رضي الله عنه ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: (ދެކެވޭ ވާހަކައިގައި ބޭނުން ކުރެވޭ) ލަފްޒުތަކުން ކީރިތި ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން  ބޮޑުވެގެން ވަނީ ހަތަރު ކަލިމައެކެވެ. އެ ހަތަރު ކަލިމައިން ކޮންމެ ކަލިމައަކުން ތިބާ (ذِكـْـرُ ކުރުން) ފެށިކަމުގައި ވިޔަސް ތިބާއަކަށް ގެއްލުމެއް ނެތެވެ. (އެބަހީ: ފަރުވާލެއް ނެތެވެ.) އެ ހަތަރު ކަލިމައަކީ: سبحان الله އާއި الحمد لله އާއި لا إله إلا الله އާއި އަދި الله أكبر މި އެވެ. (މިއީ الإمام مسلم ރިވާ ކުރައްވާފައިވާ ޞައްޙަ ޙަދީޘެކެވެ.)
 
(3) عن سعد بن أبي وقاص رضي الله عنه قال : كنا عند رسول الله صلى الله عليه وسلم فقال:  أَيَعْجِزُ أَحَدُكُمْ أنْ يَكْسِبَ كُلَّ يَوْمٍ أَلْفَ حَسَنَةً ؟ فَسَأَلَهُ سَائِلٌ مِنْ جُلَسَائِهِ : كَيْفَ يَكْسِبُ أَحَدُنَا أَلْفَ حَسَنَةً ؟ قَالَ:  يُسَبِّحُ مِائَةَ تَسْبِـيْحَةً فَيُكْتَبُ لَهُ أَلْفُ حَسَنَةً أَوْ يُحَطُّ عَنْهُ أَلْفُ خَطِيْئَةً.
މާނައީ: سعد بن أبي وقاص رضي الله عنه ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ގެ އަރިހުގައި ތިމަންބޭފުޅުން ވަޑައިގެން ވަނިކޮށް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ކޮންމެ ދުވަހަކު އެއްހާސް ހެޔޮކަން ލިބިގަތުމަށް ނުކުޅެދިދާނެ ހެއްޔެވެ؟ އެހިނދު رسول الله صلى الله عليه وسلم ގެ އަރިހުގައި ތިއްބެވި އަޞްޙާބު ބޭކަލުންގެ ތެރެއިން ބޭފުޅަކު ސުވާލު ދެންނެވިއެވެ. އަޅުގަޑުމެންގެ ތެރެއިން މީހަކު އެއްހާސް ހެޔޮކަން ޙާޞިލު ކުރާނީ ކޮން ގޮތަކަށްތޯއެވެ؟ رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ސަތޭކަ ފަހަރު (ކީރިތި ﷲ އަށް) ތަސްބީޙަ ކިޔަވާނީއެވެ. އެ ތަސްބީޙަ ކިޔުމުން އޭނާއަށްޓަކައި (އޭނާގެ ހެޔޮ ޢަމަލުގެ ފަތްފުށުގައި) އެއްހާސް ހެޔޮކަން ލިޔެވިގެން ދާހުއްޓެވެ. ނުވަތަ އޭނާގެ އެއްހާސް ކުށް ފޮހެވިގެން ދާހުށްޓެވެ. (މިއީ ވެސް الإمام مسلم ރިވާ ކުރައްވާފައިވާ ޞައްޙަ ޙަދީޘެކެވެ.)  

(4) عن ابن مسعود – رضي الله عنه – قال: قال رسول الله – صلى الله عليه وسلم – لقيتُ إبراهيمَ ليلةَ أُسْرِيَ بِي . فقال : يا محمد ، أقرئ أمَّتك مني السلام ، وأخبرهم أن الجنة طيّبة التربة ، عذبة الماء ، وأنها قيعان ، وأن غراسها سبحان الله ، والحمد لله ، ولا إله إلا الله ، والله أكبر
މާނައީ: عبد الله بن مسعود ގެ ކިބައިން ރިވާ ވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّى الله عليه و سلم ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނާއިގެން إسـْــــرَاء ކުރެވުނު ރޭ ގައި إبراهيم (عليه السلام) އާ ބައްދަލު ވެ ވަޑައިގަތެވެ. ދެން ފަހެ އެކަލޭގެފާނު (ތިމަންކަލޭގެފާނަށް) ވިދާޅުވިއެވެ. އޭ محمّـد އެވެ! ތިމަންކަލޭގެފާނު ގެ ފަރާތްޕުޅުން ކަލޭގެފާނުގެ އުއްމަތަށް ސަލާމް ވިދާޅުވެދެއްވާށެވެ! އަދި އެއުރެންނަށް ޚަބަރު ދެއްވާށެވެ! ސުވަރުގެއަކީ (ގަސް އިންދާ ހެއްދުމަށް އެންމެ އެކަށޭނަ) ބިން ރަނގަޅު އަދި ފެން މީރު ތަނެކެވެ. އަދި އެތަނަކީ (ގަސް އިންދުމަށް ތައެްޔާރު ކުރެވިފައި ވާ) ސަރާސަރު ހުސް ހަމަހަމަ ބިމެކެވެ. އެ ތަނުގައި އިންދޭ މުޑުވަކަކީ سبحان الله އާއި الحمد لله އާއި لا إله إلاّ الله އާއި الله أكبر މިއެވެ.

މިއީ الإمام الترمذى ރިވާ ކުރައްވައި އަދި އޭގެ އިސްނާދަށް حَـسَـنٌ غريبٌ  ގެ ދަރަޖަ ދެއްވާފައިވާ ޙަދީޘެކެވެ. الإمام ابن حَجَر ލިޔުއްވާފައިވާ هداية الرواة ގެ މުޤައްދިމާ ގައި ابن حجر އިޝާރާތް ކުރައްވަނީ ވެސް މިއީ حـَسـَن ދަރަޖައިގެ ޙަދީޘެއް ކަމަށެވެ.  އަދި صحيح الكلم الطيّب ގައި الشيخ ناصر الدين الألبانى ވެސް ވަނީ މިއީ حَسَن ދަރަޖާގެ حديث އެއް ކަމަށް ކަނޑައަޅުއްވާފައެވެ.

(الكلم الطيّب އަކީ الإمام ابن تيمية އެކުލަވާލައްވާފައި ވާ حديث ފޮތެކެވެ. އަދި އެ ފޮތުގައިވާ ހުރިހާ صَحِيحُ ދަރަޖާ ގެ حديث ތަކާއި އަދި حَـســَنُ ދަރަޖާ ގެ حديث ތައް ޖަމާ ކުރައްވާ الشيخ ناصر الدين الألبانى ތަޞްނީފު ކުރައްވާފައި ވާ ފޮތަކީ صحيح الكلم الطيّب އެވެ.)

(5)   عن جابر رضي الله عنه أن النبي صلى الله عليه وسلم قال : مَنْ قَالَ سُبْحَانَ اللهِ العَظِيمِ وَبِحَمْدِهِ ، غُرِسَتْ لَهُ نَخْلَةٌ فِي الجَنَّةِ
މާނައީ: جابر بن عبد الله – رضى الله عنه – ގެ ފަރާތްޕުޅުން ރިވާ ވެގެން ވެއެވެ. މާތް نبِىّ الله محمّد – صلى الله عليه و سلم – حديث ކުރެއްވިއެވެ. سُبْـحان اللهِ العَظِيم و بِحمده މި ފަދައިން (މުސްލިމު) މީހަކު ކިޔަވައިފި ނަމަ ސުވަރުގޭގައި އޭނާ އަށްޓަކައި ކަދުރު ރުކެއް އިންދެވޭހުށްޓެވެ.

މިއީ الإمام الترمذى ރިވާ ކުރައްވާ އެއަށް حَسَنٌ صَحِيحٌ غَريبٌ ގެ ދަރަޖަ ދެއްވާފައި ވާ ޙަދީޘެކެވެ. نتائج الأفكار އޭ ކިޔުނު ފޮތުގައި الإمام الحافظ ابن حجر ނިންމަވަނީ މިއީ حسن ދަރަޖައިގެ ޙަދީޘެއް ކަމުގައެވެ. الإمام الحافظ المنذرى ވިދާޅުވަނީ މި ޙަދީޘު ގެ އިސްނާދު جَـيــّـِـد (ރަނގަޅު) ކަމުގައެވެ. ޙަދީޘު ޢިލްމު ގެ ފަންނުތަކުގައި އަރާ ހުންނެވި މި ޒަމާނުގެ ޢިލްމު ވެރިޔާ الشيخ ناصر الدين الألبانى އޭނާގެ سلسلة الأحاديث الصحيحة ގައި މިއީ صحيح ދަރަޖައިގެ ޙަދީޘެއް ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

سُبْـحَـان اللهِ وَ بـِحَمْدِهِ މި ޞީޣާ އިން ތަސްބީޙަ ކިޔެވުން

ތަސްބީޙަ ކިޔުމަށްޓަކައި ބޭނުން ކުރުން އެންމެ އެދެވިގެންވާ އެއް ޞީޣާ (ނުވަތަ ޢިބާރާތް) އަކީ އަޅުގަޑުމެންގެ ކުރިމަތީގައި ވާ މި ނަބަވީ ބަސްފުޅުގައި ވާރިދު ވެފައިވާ سُبْحَانَ اللَّهِ وَ بِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ މި އެވެ. سُبْـحَـان اللهِ وَ بـِحَمْدِهِ މި ރިވެތި ޘަނާއިން ކީރިތި މާތް ﷲ އަށް ތަސްބީޙަ ކިޔުމާ ބެހޭގޮތުން އެތައް ނަބަވީ އިރްޝާދެއްވަނީ ވާރިދު ވެފައެވެ. އޭގެތެރެއިން صحيح مسلم ގައި ރިވާ ކުރެވިފައިވާ މި ޞައްޙަ ޙަދީޘް ހިމެނެއެވެ. (صحيح مسلم ގައި މި ޙަދީޘްގެ ނަމްބަރަކީ 4918 އެވެ.) الإمام مسلم (رحمه الله) އެކަލޭގެފާނުގެ ޞަޙީޙުގައި ވިދާޅުވެއެވެ:

حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا يَحْيَى بْنُ أَبِي بُكَيْرٍ، عَنْ شُعْبَةَ، عَنْ الْجُرَيْرِيِّ، عَنْ أَبِي عَبْدِ اللَّهِ الْجِسْرِيِّ مِنْ عَنَزَةَ، عَنْ عَبْدِ اللَّهِ بْنِ الصَّامِتِ، عَنْ أَبِي ذَرٍّ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ألاَ أُخْبِرُكَ بِأحَبِّ الْكَلامِ إِلَى اللَّهِ؟ قُلْتُ: يَا رَسُولَ اللَّهِ، أخْبِرْنِي بِأَحَبِّ الْكَلامِ إِلَى اللَّهِ، فَقَالَ: إِنَّ أَحَبَّ الْكَلامِ إِلَى اللَّهِ سُبْحَانَ اللَّهِ وَبِحَمْدِهِ.
الإمام مسلم މި ޙަދީޘް ރިވާ ކުރައްވަމުން ވިދާޅުވާ ބަސްފުޅު ގެ މާނައަކީ: أَبُو بَكْرِ بْنُ أَبِي شَيْبَةَ ތިމަން ކަލޭގެފާނަށް ވިދާޅުވެދެއްވިއެވެ؛ ތިމަންކަލޭގެފާނަށް (އެބަހީ أَبُو بَكْرِ بْنُ أَبِي شَيْبَةَ އަށް) يَحْيَى بْنُ أَبِي بُكَيْرٍ ވިދާޅުވެ ދެއްވިއެވެ؛ شُعْبَةَ ގެ ކިބައިން އައިސްފައި ވެއެވެ؛ (އެބަހީ شُعْبَةَ بن حجّـاج ގެ ފަރާތްޕުޅުން ރިވާ ކުރެވިގެން ވެއެވެ؛) الْجُرَيْرِيِّ ގެ ކިބައިން އައިސްފައި ވެއެވެ؛ (އެބަހީ سَعِيد الجُرَيرى  ގެ ފަރާތްޕުޅުން ރިވާ ކުރެވިގެން ވެއެވެ؛) عنزة ގެ أبو عبد الله الجسرى ގެ ފަރާތްޕުޅުން ރިވާކުރެވިގެން ވެއެވެ؛ عَبْدُ اللَّهِ بْنُ الصَّامِتِ ގެ ފަރާތްޕުޅުން ރިވާކުރެވިގެން ވެއެވެ؛ أبو ذرّ – رضى الله عنه – ގެ ފަރާތްޕުޅުން ރިވާކުރެވިގެން ވެއެވެ؛ އެކަލޭގެފާނު ވިދާޅުވިއެވެ: رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ: ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބަހަކީ (ނުވަތަ ކަލިމަ އަކީ) ކޮބައި ކަން ވިދާޅުވެ ދެއްވާ އެ ކަމުގެ ޚަބަރު ތިބާ އަށް ތިމަންކަލޭގެފާނު ދެއްވަމުހެއްޔެވެ؟ (މި ސުވާލުގެ ޖަވާބުގައި) أبو ذرّ – رضى الله عنه – ކީރިތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ! ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ކަލިމަ އަޅުގަޑަށް ވިދާޅުވެ ދެއްވާ އެކަމުގެ ޚަބަރު ދެއްވާށެވެ! މާތް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ: ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ކަލިމަ އަކީ سُبْحَانَ اللَّهِ وَبِحَمْدِهِ މިއެވެ.

سُبْـحَـان اللهِ وَ بـِحَمْدِهِ މި މޫރިތި ذِكـْـرُ އިން ކީރިތި މާތް ﷲ އަށް ތަސްބީޙަ ކިޔުމަށް ބާރު އަޅުއްވާ އެހެން ނަބަވީ އިރްޝާދެއް الإمام البخارى (رحمه الله) ގެނެސްދެއްވަމުން ވިދާޅުވެއެވެ:

حدثنا عبد الله بن مسلمة عن مالك عن سمي عن أبي صالح عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: مَنْ قَالَ سُبـْحـَانَ اللهِ وَ بِحَمْدِهِ فِي يَوْمٍ مِائَةَ مَرَّة حُطَّتْ خَطَايَاهُ وَإنْ كَانـَتْ مِثـْلَ زَبَدِ البَحـْرِ.
الإمام البخارى އެކަލޭގެފާނުގެ ޞަޙީޙު ގައި މި ޙަދީޘް ރިވާ ކުރައްވަމުން ވިދާޅުވާ ބަސްފުޅުގެ މާނާގައި ވަނީ:  أبو هريرة رضي الله عنه ގެ ފަރާތްޕުޅުން أبو صالح (ރިވާކުރެއްވިއެވެ؛) ދެން أبو صالح ގެ ފަރާތްޕުޅުން (ســمــىّ ރިވާ ކުރެއްވިއެވެ؛ ދެން) ســمـىّ ގެ ފަރާތްޕުޅުން (الإمام مالك بن أنس ރިވާ ކުރެއްވިއެވެ؛ ދެން) مالك ގެ ފަރާތްޕުޅުން (عبد الله بن مسلمة القعنبى ރިވާކުރެއްވިއެވެ؛ ދެން) عبد الله بن مسلمة އަލްއިމާމް އަލްބުޚާރީ (رحمهم الله جميعا) އަށް މި ޙަދީޘް ވިދާޅުވެ ދެއްވިއެވެ:
رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: (އެއް) ދުވަހެއްގައި މީހަކު ސަތޭކަ ފަހަރު سبحان اللهِ و بحمده ކިޔައިފި ނަމަ އޭނާގެ ކުށްތައް ގިނަކަމުގައި ކަނޑު ގެ ރާޅުތަކުގެ ފޮނާ އެއް ވަރު ވިޔަސް އެ ކުށްތައް ފޮހެވި ދާހުށްޓެވެ.
ނުވަތަ މި ޙަދީޘްގެ ނައްޞު އަންނަނިވި ގޮތަށް ވެސް ތަރުޖަމާ ކުރެވި ދާނެއެވެ.

މީހެއްގެ ކުށްތައް (އޭގެ ގިނަކަމުގައި) ކަނޑުގެ ރާޅުތަކުގެ ފޮނާއެއް ވަރުވިޔަސް، (އެއް) ދުވަހެއްގައި އޭނާ ސަތޭކަ ފަހަރު سبحان اللهِ و بحمده (މި ތަސްބީޙަ) ކިޔަވައިފިނަމަ އެ (ހުރިހާ) ކުށްތައް (އޭނާގެ ނުބައި ޢަމަލުތަކުގެ ފަތްފުށުން) ފޮހެވި ދާހުށްޓެވެ.

އިސްވެދިޔަ ޙަދީޘްއަކީ الإمام البخارى ގެ އިތުރުން الإمام مسلم ވެސް ރިވާ ކުރައްވާފައިވާ، އޭގެ ޞައްޙަކަމާމެދު ސުވާލެއްވެސް ނުއުފެދޭ ދަރަޖާގެ ޞައްޙަ ޙަދީޘެކެވެ. މި ޙަދީޘް الإمام مسلم ރިވާ ކުރައްވަނީ އަންނަނިވި لفظ އިންނެވެ.

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَنْ قَالَ حِينَ يُصْبِحُ وَحِينَ يُمْسِي سُبْحَانَ اللَّهِ وَبِحَمْدِهِ مِائَةَ مَرَّةٍ لَمْ يَأْتِ أحَدٌ يَوْمَ الْقِيَامَةِ بِأفـْضَلَ مِمَّا جَاءَ بِهِ إلاّ أَحَدٌ قَالَ مِثـْلَ مَا قَالَ أوْ زَادَ عَلَيْهِ.
މާނައީ: رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ: މީހަކު ހެނދުނު ގެ ވަގުތު ގައްޔާއި އަދި ހަވީރުގެ ވަގުތުގައި سبحان اللهِ و بحمده ސަތޭކަ ފަހަރު ކިޔަވައިފި ނަމަ އޭނާގެ އެ ޢަމަލަށް ވުރެ ހެޔޮކަން ބޮޑު ރަނގަޅު ޢަމަލަކާއިގެން އެއްވެސް މީހަކަށް ޤިޔާމަތް ދުވަހުގައި ނާދެވޭ ހުއްޓެވެ؛ އެއީ އެފަދައިން އެ މިންވަރަށް ކިޔާ އަދި އެއަށް ވުރެ އިތުރަށް (ގިނައިން) ކިޔެވި މީހަކު ފިޔަވައެވެ.

(ނޯޓް: މި މާތް ނަބަވީ އިރްޝާދުގެ ފަހު ޖުމްލައިގައި އައިސްފައިވާ "أو" މިތާގައި މާނަ ކުރެވިފައި މިވަނީ "އަދި" މި މާނައިގައެވެ. "أو" ގިނައިން ބޭނުން ކުރެވެނީ "ނުވަތަ" މި މާނާގައި ކަމަށްވީ ނަމަވެސް މި حديث ފުޅުގައި މިވާ "أو" ގެ މާނައަކީ "އަދި" ކަމުގައި ބެލެވިދާނެއެވެ. މީގެ ތަފްޞީލު الإمام البغوى ގެ مِشْكاة المصابيح ޝަރަޙަ ކުރެއްވި على بن سلطان محمد القارى ގެ مرقاة المفاتيح شرح مشكاة المصابيح އިން ފެނިވަޑައިގަންނަވާނެއެވެ.)

ކީރިތި މާތް ﷲ އަށް ގިނަގިނައިން ތަސްބީޙަ ދަންނަވަމުން ޙަމްދު ކުރުމުގެ ތައުފީޤު އަޅުގަޑުމެންނަށް މިންވަރު ކޮށްދެއްވާށިއެވެ! އާމީން!

سبحانك اللهمّ ربّنا و بحمدك، اللهمّ اغفر لى،  لا إله إلاّ أنت سبحانك إنـّى كنتُ من الظالمين
و صلّى اللهُ و سلّم و بارك على عبدِه و نبيّه سيّدنا محمّد و على آله و أصحابه، و الحمد لله ربّ العالمين.
                                                                                                                                                           


މުޙައްމަދު ނަޝީދު އާދަމް (އަބޫ ޢަބްދި ﷲ)ގެ ބައެއް އެހެނިހެން ޕޯސްޓުތައް