ލޮބުވެތި ބެލެނިވެރިންނޭވެ! ސަމާލުވާށެވެ.

އައްޝައިޚް ޙަސަން މޫސާ ފިކުރީ - 11 މެއި 2013 - 07:59

ހަފްތާ ބަންދުތަކުގައާއި ތަފާތު އެކިއެކި މުނާސަބަތުތަކުގައި ކުޑަކުދިން ގޮވައިގެން އެކުދިންގެ މައިންބަފައިންނާ އާޢިލާ އެކުގައި ހަވީރު ފިންޏަށް ނުކުތުމަކީ ޒަމާނުންސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އާދައެކެވެ. ވަކިން ޚާއްޞަކޮށް މިއަދުގެ ޙާލަތަށް ބަލާއިރު، ތަފާތު އެކި ދުވަސްތައް ފާހަގަ ކުރުމުގެ ނަމުގައި މާތްވެގެންވާ އިސްލާމް ދީނުގެ ތަރަޙައިން ބޭރު، ދީނާ ބީރައްޓެހި އެތައްކަމެއް އެ ތުއްތުކުދިން އުފާކޮށްދިނުމުގެ ނަމުގައި އެކުދިން ލައްވާ ކުރުވައެވެ. އޭގެ ތެރެއިން ގިނަ ކަންކަމަކީ "އައުޓްޑޯ" ނުވަތަ ބޭރުގައި ކުޅޭ ކުޅިވަރުތަކެވެ. ކުޑަކުދިންގެ ބަގީޗާގައި ނުވަތަ ސަލްޓަންޕާކުގައި ނުވަތަ ހެދިގޮޑުދޮށުގައި ބާއްވާ ކުޅިވަރުތަކުގެ ސިފައިގައި މިފަދަ ކަންކަން ވަރަށް ގިނައިން ފެނެއެވެ.

ކުޑަކުދިންގެ ޙައްޤުތަކުގެ ނަމުގައި ދަޢުވާ ކުރާ މިފަދަ ދުވަސްވަރެއްގައި ފާހަގަކޮށްލުން މުހިންމު އެއްކަމަކީ، މާތްވެގެންވާ އިސްލާމް ދީނުގައި ކުޑަކުދިންގެ ރައްކާތެރިކަމަށް ސަމާލުކަން ދީފައިވާ މިންވަރު ގިނަ މުސްލިމުންނަށް ނޭނގޭ ކަމެވެ. ކުޅިވަރުތަކުގެ ތެރޭގައި މަޣްރިބުނަމާދާއި ޢިޝާނަމާދުވަގުތު ފާއިތުވެގެންދާއިރު، އެކުދިން ގެއަށް ވެއްދުމަށް ފަރުވާކުޑަކުރުމުގެ އިތުރުން ބެލެނިވެރިންގެ ތެރެއިން އެތައް ބަޔަކުވަނީ އެ ނަމާދުތަކަށް ޣާފިލުވެފައެވެ. ނަމާދު އެޅުމަކީ ކިހާ ނުރައްކާތެރިކަން ބޮޑުކަމެއްކަން ހަނދާންވަނީ ދެތިން މީހަކަށޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.

ލޮބުވެތި ބެލެނިވެރިންނޭވެ! އިރުއޮއްސޭ ގަނޑިއަށް ތުއްތު ކުދިން ގޭތެރެއަށް ވެއްދުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އަމުރުކުރައްވައި އިރުޝާދު ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.

قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « إِذَا كَانَ جُنْحُ اللَّيْلِ - أَوْ أَمْسَيْتُمْ - فَكُفُّوا صِبْيَانَكُمْ فَإِنَّ الشَّيْطَانَ يَنْتَشِرُ حِينَئِذٍ فَإِذَا ذَهَبَ سَاعَةٌ مِنَ اللَّيْلِ فَخَلُّوهُمْ » رواه البخاري ومسلم
މާނައީ: "އިރު އޮއްސި އަނދިރިކަން ވެރިވެގަންނަ ވަގުތު – ނުވަތަ ތިޔަބައިމީހުން ރޭގަނޑުގެ ވަގުތާ ބައްދަލުކުރާހިނދު – ތިޔަބައިމީހުންގެ ތުއްތު ކުދިން ހިފަހައްޓާށެވެ. (އެބަހީ: ގޭތެރެއަށް ވައްދާށެވެ.) އެހެނީ އެވަގުތަކީ ޝައިޠާނާ ބިންމަތީގައި ފެތުރިގަންނަ ވަގުތެވެ. އަދި ރޭގަނޑުން ސާޢަތެއް ދިޔުމުން އެކުދިން ދޫކޮށްލާށެވެ."

މި ޙަދީޘްފުޅުގައި މިވަނީ އިރުއޮއްސި އަނދިރިކަން ވެރިވެގަންނަހިނދު، ތުއްތު ކުދިން ގޭތެރެއަށް ވެއްދުމުގެ ވާހަކައެވެ. އިރުއޮއްސި އަނދިރިކަން ހަމަޖެހުމުން އެކުދިން ގެއިން ނިކުތުމުގެ ހުއްދަވެސް އެވަނީ ދެއްވާފައެވެ. "ސާޢަތެއް" ދިޔުމުންނޭ އޮތް ބަސްފުޅުގެ މުރާދަކީ އެއީއެވެ. މި ޙަދީޘްފުޅުގައިވާ ތުއްތުކުދިންގެ ޢުމުރު ކަމުގައި އެވަނީ އެންމެ ތުއްތު ޢުމުރުންފެށިގެން ބޮޑެތިކުދިން ނުވަތަ ބާލިޣުވާ ޢުމުރާ ހަމައަށް ދާކުދިންނަށެވެ. މިއީ އަޅުގަނޑުމެން ބެލެނިވެރިން ވަރަށް ފުންކޮށް މިއަދު ވިސްނާލަން ޖެހިފައިވާ ކަމެކެވެ.

އަޅުގަނޑުމެންނަކީ ހެޔޮބަސް އަޑުއަހާ އަދި ހެޔޮގޮތަށް ޢަމަލުކުރާ ބައެއްކަމުގައި ﷲ ލައްވާށި..

އައްޝައިޚް ޙަސަން މޫސާ ފިކުރީގެ ބައެއް އެހެނިހެން ޕޯސްޓުތައް