އެމެރިކާ ސިފައިން ދާއިމީކޮށް ތިބިޔަކަ ނުދޭނަން: ޠާލިބާނުން

ރާއްޖެއިސްލާމް ނިއުސް ޓީމް - 11 މެއި 2013 - 11:00

އަފްޣާނިސްތާނުގައި އެމެރިކާސިފައިން ދާއިމީކޮށް ތިބިޔަކަ ނުދޭނެކަމަށް ޠާލިބާން ޖަމާޢަތުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގައި ދާއިމީކޮށް އެމެރިކާސިފައިން ބޭތިއްބުމަށާއި އެމެރިކާ ސިފައިންގެ އަސްކަރީ 9 މަރުކަޒެއް އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ހެދުމަށް ވޮޝިންޓަންއިން ޕްލޭން ކުރާކަމަށް ހާމިދު ކަރުޒާއީ ބުނެފައިވާތީ އެކަމަށް ރައްދު ދެއްވަމުން ޒަބީހުﷲ މުޖާހިދު ވިދާޅުވެފައިވަނީ އެކަމަކީ ޠާލިބާނުން ހުއްދަ ދޭނެކަމެއް ނޫންކަމަށާއި އެކަމުގެ ސަބަބުން ޤައުމުގައި ލޭއޮހޮރުވުންތައް އިތުރު ވެގެންދާނެކަމަށެވެ. އީމެއިލްގެ ޒަރީޢާއިން ނެރިފައިވާ ބަޔާނުގައި ޒަބީހުﷲ މުޖާހިދު އިތުރަށް ވިދާޅުވެފައިވަނީ ހާމިދު ކަރުޒާއީގެ ބަޔާނުން އަފްޣާން ސަރުކާރާއި އެމެރިކާއިންވެސް އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ދާއިމީކޮށް ތިބުމުގެ ޕްލޭން އޮތްގޮތް ވަރަށް ސާފު ކަމަށާއި ނަމަވެސް އެކަމަށް ފުރުޞަތު ނުދޭނެކަމަށް ވިދާޅުވެފައިވެއެވެ. އަދި އަފްޣާނިސްތާނުގެ ރައްޔިތުން ބޭނުންވަނީ މިނިވަން އަފްޣާނިސްތާނެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޒަބީހުﷲ މުޖާހިދު ގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ އަފްޣާނިސްތާނުގައި ކުރިއަށްދާ ހަނގުރާމައިގެ އަސްލަކީ އެމެރިކާސިފައިންކަމަށާއި އެމެރިކާސިފައިން އަފްޣާނިސްތާމުގައި ތިބިހާދުވަހަކު އަފްޣާނިސްތާނަށް ހަމަޖެހުން ނާންނާނެކަމަށެވެ.

ރާއްޖެއިސްލާމް ނިއުސް ޓީމްގެ ބައެއް އެހެނިހެން ޕޯސްޓުތައް