އުންމަތުގެ އާދޭސްގެ ނަމުގައި ޖަމްޢިއްޔަތުލް ބަޔާންއިން ކެމްޕެއިނެއް ފަށައިފި.

ރާއްޖެއިސްލާމް ނިއުސް ޓީމް - 10 މެއި 2013 - 16:00

އުންމަތުގެ އާދޭސްގެ ނަމުގައި ޖަމްޢިއްޔަތުލް ބަޔާންއިން ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިންއާގުޅޭގޮތުން ޖަމްޢިއްޔަތުލް ބަޔާންއިން ރާއްޖެއިސްލާމަށް މަޢުލޫމާތު ދިންގޮތުގައި މި ކެމްޕެއިން މެއި 10 ވަނަ ދުވަހުން ފެށިގެން ޖޫން 7 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާނެކަމަށާއި މި ކެމްޕެއިންގައި ތަފާތު އެތަކެއް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ރާވާފައިވާކަމަށެވެ. މިގޮތުން މެއި 10، މެއި 17 އަދި މެއި 24 ވަނަ ދުވަހު އުންމަތާއި ބެހޭގޮތުން ތައްޔާރު ކުރެވިފައި ލީފްލެޓް ތަކެއް ބެހުމަށް ނިންމާފައިވާކަމަށް އެޖަމްޢިއްޔާއިން މަޢުލޫމާތު ދީފައިވެއެވެ.

"މެއި 31 ވަނަ ދުވަހު މާލޭގެ އެކިސަރަޙައްދުތަކުގައި، އުންމަތުގެ ޙާލަތާއި ބެހޭގޮތުން ތައްޔާރު ކުރެވިފައިވާ ޙާއްޞަ ސީޑީއެއް ބަހާގޮތަށްވަނީ ހަމަޖެހިފަ. އަދި މި ކެންޕެއިންގެ ފަހު ހަރަކާތެއްގެ ގޮތުގައި ޖޫން 7 ވަނަ ދުވަހު ވަރަށް ޚާއްޞަ ޕަބްލިކް އިވެންޓްއެއް ބޭއްވުމަށްވަނީ ހަމަޖެހިފަ. މި ކެންޕެއިންގެ އެންމެބޮޑު މަޤްޞަދަކީ އިސްލާމީ އުންމަތަށް ދިމާވަމުންދާ އެކިއެކި މުސީބާތްތަކާއި، އެކި އެކި ގައުމުތަކުގައި އަހަރެމެންގެ މުސްލިމް އަޚުންނާއި އުޚުތުން ތަޙައްމަލު ކުރަމުންދާ ވޭނާ ރުއިމުގެ އާދޭހުގެ އަޑު މި ގައުމުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ހަނދާންކޮށްދީ ސަމާލުކަމަށް ގެނައުން. އަދި އަހަރެމެން މުސްލިމުންނަކީ، ކިތަންމެ ދުރުގައިތިބި ކަމުގައިވިޔަސް އަޚުވަންތަ، އެއް ހަށިގަނޑެއްފަދަ ބައެއްކަން ހަނދާންކޮށްދިނުން" ޖަމްޢިއްޔަތުލް ބަޔާންގެ އިސް އޮފިޝަލަކު މަޢުލޫމާތު ދެއްވާފައިވެއެވެ.

ޖަމްޢިއްޔަތުލް ބަޔާންގެ ފަރާތުން މިއަދު ހުކުރު ނަމާދަށްފަހު މާލޭގެ މިސްކިތްތަކުގައި މިކަމާގުޅޭ ލީފްލެޓެއްވަނީ ބަހާފައެވެ. މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައިވެސް މި ލީފްލެޓްތައް ބަހާފައިވެއެވެ.

ރާއްޖެއިސްލާމް ނިއުސް ޓީމްގެ ބައެއް އެހެނިހެން ޕޯސްޓުތައް