ކާށިން ރުއްފެޅުމުގައި އެކުލެވޭ ބައެއް ޢަޖާއިބުތައް

އަލްއަޚް އިބްރާހީމް ނާޒިމް - 13 އޭޕްރީލް 2013 - 20:30

ގަސްފެޅުމުގައި އެގަހެއްގެ މޭވާގެ އޮށަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ރުކުގެ މޭވާ ތަފާތު މަރުޙަލާތަކެއް ކަޑައްތުކުރުމަށްފަހު އެންމެފަހުން ބަދަލުވަނީ ކާއްޓަށެވެ. ރުކަކީ އިންޑިޔާ ކަނޑުގެ ޤައުމުތަކުގެ ގޮނޑުދޮށްތަކުގެ ފެހިކަމާއި ދިރުމެވެ. މިނޫނަސް ދުނިޔޭގެ އެތަކެއް ސަރަހައްދުތަކެއްގެ ފެހިކަމާއި ތާޒާކަމަކީ ރުކެވެ. ދިވެހިރާއްޖޭގެ ގަސްގަހާގެހީގެ ތެރޭގައި ވެސް އެންމެ އާންމު ދިރުމަކީ ރުކެވެ. މި ދިރުން މިގޮތަށް ދެމިގެން ދިޔުމަށްޓަކައި ވަރަށް ފުރިހަމަ ޤުދުރަތީ ނިޒާމެއް އެކަށައެޅިފައި ވެއެވެ. ޙަޤީޤަތުގައި ކާއްޓަކީ އޮށެކެވެ. މި އޮށަށް ލިބިގެންވާ އެންމެ ޚާއްޞަ އެއް ސިފައަކީ ފެނުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ހަލާކުނުވެ އޮންނަ އޮތުމެވެ. ކާއްޓަށް 80 ދުވަސް ވަންދެން ނުބައިނުވެ ކަނޑުގައި އޮޔާ ގޮސްގޮސް އޮތުމުގެ ކުޅަދާނަކަން ލިބިފައި ވެއެވެ. މިކަމުގައި އެކުލެވޭ އަނެއް ޢަޖާއިބަކީ އޮޔާ ދެމެމުންދާ ދުވަސްތަކުގައި ރުއްފަޅަން ނުފަށާކަމެވެ. ކާށި ސަލާމަތުން ދުރު ހިސާބުތަކަށް އޮޔާ ގެންދިޔުމަށްޓަކައި އޭގައި ވަރަށް ހަރު ތޮށިގަނޑެއް ނުވަތަ ނާށިގަނޑެއް އެކުލެވިފައި ވެއެވެ. ބޭރުގައިވާ ބޮނބިގަނޑު ކޮށްދޭ ކަމަކީ ފެންގަނޑުގެ މަތީގައި ކާށި އޮވެގެން އޮޔާދެމޭނެ ގޮތަށް އެ ލުއިކޮށްދިނުމެވެ. އެތެރޭގައި ބައި ޕައިންޓްގެ ފެނާއި، ރުއްފެޅުމަށް ބޭނުންވާ ކާނާ ރައްކާކުރެވިފައި ވެއެވެ. މިގޮތުން ކާށި ވަނީ ދުރު ދަތުރެއް ކުރުމަށް ތައްޔާރުކުރެވިފަ އެވެ. މިހުރިހައި ސިފައެއް ކާށީގައި އެކުލެވިފައި މިވަނީ ހަމަ އިއްތިފާޤަކުން ހެއްޔެވެ؟

މަތީގައި ބަޔާންވެދިޔަ ވާހަކަތަކުން އެނގިގެންދިޔައީ ދުނިޔޭގެ ކަންކޮޅުތަކަށް ރުކުގެ ނަސްލު ފެތުރިގެން ދިޔުމަށްޓަކައި އެއްތަނުން އަނެއްތަނަށް ކާށި ގެންގޮސްދޭ ވަސީލަތަކީ ފެންކަމެވެ. ފެނުގެ ތެރޭގައި ކާށި އޮތަސް އޭގެން ރުއްފަޅަން ފަށަނީ ހިކިފަސްތަނަކަށް އޭތި ވާސިލުވުމުންކަމެވެ. ޙަޤީޤަތުގައި ހާލަތަށް ބަލައިލާނަމަ މިއީ ސައިންސް ޢިލްމުވެރިން އެންމެ ޝައުޤުވެރިކުރުވާ އެއް ކަންތަކެވެ. ޢިލްމީ ހޯދުންތަކުން އެނގިފައިވަނީ ގަސްގަހާގެހީގެ އޮށަކީ ފެނުގައި ޖެހުމުން އަވަސްގޮތަކަށް އޭގެން ގަސްފަޅަންފަށާ އެއްޗެއްކަމެވެ. އެހެން އިބާރާތަކުން ބަޔާންކުރާނަމަ ޖަރމިނޭޓްވާން ފަށާ އެއްޗަކަށް ވާކަމެވެ. ނަމަވެސް ކާށި މޫދުގައި އޮންނައިރު އޭގެން ރުއްފަޅަން ނުފެށުން ވަނީ ވަރަށް އާދަޔާ ޚިލާފު ކަމަކަށެވެ. ފެނުގެ ތެރެއިން އޮށްތައް ދުރުތަންތަނަށް ފޮނުވާ އެހެން ބާވަތުގެ ގަސްގަހާގެއްސަކަށް މި ޤާނޫނެއް ނުހިގަ އެވެ. އެއީ އެ އޮށްތައް އުފެދިފައިވާ ގޮތުންނެވެ. އާންމު ގަސްގަހާގެހީގެ އޮށްތައް ފަދައިން ކާށި ވެސް ފެނުގައި ޖެހުމާއި އެކު ގަސްފަޅަން ފަށާނަމަ އެދާންވީ ހިސާބަށް ނުދެވެނީސް މަރުވެދާނެ އެވެ. މިހެންކަމުން ރުއްތަކަށް އެތަކެތި ލެއްވި މާހައުލާއި ގުޅޭނެގޮތުން ދިރިތިބެވޭނެ ހަމަތަކާއި ބާރުތައް އޭގައި ހަމަޖެއްސެވީ އެވެ. މިއީ ވެސް އިއްތިފާޤެއް ނޫނެވެ.      
                
ދުނިޔޭގައިވާ ހުރިހާ ބާވަތެއްގެ ގަސްގަހާގެއްސަކީ ވެސް އެއަށް އެންމެ ބޭނުންވާނެ ގޮތަށް އޭގެ އުފެދުން ލައްވާފައިވާ ދިރުންތަކެކެވެ. މި އާދަޔާ ޚިލާފު ސިފަތަކުގެ ސަބަބުން ސިކުނޑި އަށް ވެރިކުރުވާ ސުވާލެއް އެބަ އޮތެވެ. އާންމު ހާލަތުގައި ކަންހިނގާގޮތް އަމިއްލައަށް ބަދަލުކޮށްގެން ތިބުމުގެ ބާރު އެކަމަށް ބޭނުންވާ ގަސްގަހާގެއްސަށް ދެއްވީ ކޮންފަރާތަކުން ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ދެވޭނެ މިސާލެއްގެ ގޮތުން ކާށި ނަގަމާ ހިނގާށެވެ.  
                 
ގިނަދުވަސްތަކަކަށް ފެނުގެ ތެރޭގައި އޮންނައިރު ގަސްފެޅުމުން އެއްކިބާވެފައި އޮތުމަށްޓަކައި ވަކި ގޮތަކަށް ކާށި އުފެދިފައިވާން ޖެހެ އެވެ. މިސަބަބަށްޓަކައި އޭގެ ނާށިގަނޑު ލައްވާފައިވަނީ ވަރަށް ހަރު އެއްޗެއްގެ ގޮތުގަ އެވެ. މި ނާށިގަނޑުގައި ފެންނުހިފާނެ ސިފަތަކެއް ލައްވާފައި ވެއެވެ. މިއީ އަކީ އިއްތިފާޤެއް ނޫނެވެ.   
                  
ކާށި ކަނޑުގައި ކުރަންޖެހޭ ދިގު ދަތުރުގައި އެއަށް އާންމު މިންވަރަށްވުރެ އިތުރަށް ކާނާ ބޭނުންވާނެ އެވެ. ކާށްޓަކީ އޮށެއް ކަމުގައި ވާތީ އެއަށް ބޭނުންވާ ބަރާބަރު މިންވަރަށް އޭގައި ކާނާ ވަނީ ރައްކާކުރެވިފަ އެވެ. މިއީ ވެސް އިއްތިފާޤަކުން މެދުވެރިވެފައިވާ ގޮތެއް ނޫނެވެ.
                 
ހިކިފަސްތަނަކަށް ކާށި ލައްވުމާއެކު ގަސްފަޅަންވީކަން އެއަށް އެނގިގެންދެ އެވެ. މިއީ ވެސް އިއްތިފާޤެއް ކަމުގައި ނުބެލެވޭނެ އެވެ. އެއްވެސް ފޫނުބެދުމެއް ދިމާނުވާނެ ގޮތަށް މި ހުރިހައި ކަމެއް މިގޮތަށް މިންވަރުކުރެއްވި ފަރާތަކީ ﷲ އެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ، ...وَكُلُّ شَيْءٍ عِندَهُ بِمِقْدَارٍ (الرّعد 8) " އަދި ކޮންމެ އެއްޗެއް އެކަލާނގެ ޙަޟްރަތުގައި ވަނީ މިންވަރުކުރައްވާފަ އެވެ."    

އެންމެހައި ގަސްގަހާގެހީގެ އޮށްތައް ވެސް އުފެއްދެވީ އެކަލާނގެ އެވެ. އެތަކެތީގެ އެންމެހައި ބޭނުންތަކާއި، އޭގައި ހިމެނިފައި ވާންޖެހޭނެ ސިފަތައް އެކަލާނގެ މޮޅަށް ދެނެވޮޑިގެން ވެއެވެ. އެންމެހައި ކަމެއް ވަނީ އެކަލާނގެ ޤުދުރަތްތެރިކަމުގެ ދަށުގަ އެވެ. އެކަލާނގެ ޢިލްމުފުޅަށް ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވެ އެވެ.  

އަލްއަޚް އިބްރާހީމް ނާޒިމްގެ ބައެއް އެހެނިހެން ޕޯސްޓުތައް