ނުބައިކަން އެނގިހުރެ ޙިމާޔަތް ހޯދައިދޭން ވަކާލާތު ކުރުމަކީ ޙަރާމް ކަމެެއް: އައްޝައިޚް މުޙައްމަދު ޢިޔާޟް

ރާއްޖެއިސްލާމް ނިއުސް ޓީމް - 04 އޮކްޓޯބަރ 2012 - 11:00

ޙައްގަށް ނަޞްރު ހޯދައި ދިނުމުގައި ވަކާލާތު ކުރުމަކީ އެދެވިގެންވާ ހެޔޮ ޢަމަލެެއްކަމަށާއި ނަމަވެސް ކަނޑައެޅިގެން ނުބައިކަން އެނގިހުރެ އެފަދަ މީހުންނަށް ޙިމާޔަތް ހޯދައިދޭން ވަކާލާތު ކުރުމަކީ ޙަރާމް ކަމެެއްކަމަށް އައްޝައިޚް މުޙައްމަދު ޢިޔާޟް ބިން ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއިސްލާމް ސުވާލާއި ޖަވާބު ސެކްޝަނަށް ކިޔުންތެރިއަކު ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިޚް އިތުރަށް ވިދާޅުވީ މައްސަލައެއްގައި ވަކާލާތު ކުރުމަށް ޙަވާލުވުމުގެ ކުރިން މައްސަލަ ރަގަޅަށް ދިރާސާކޮށް ބަލަން ޖެހޭނެކަމަށާއި ތިމާ ވަކާލާތުކޮށްދޭ ފަރާތަކީ ޙައްގު ލިބެންޖެހޭ ފަރާތްކަމަށް ވަނީނަމަ އެފަދަ މީހުންގެ ޙައްގު ހޯދައިދިނުމަށް ވަކާލާތު ކުރަން ޖެހޭނެކަމަށެވެ.

"ނަމަވެސް، ތިމާ ވަކާލާތު ކޮށްދޭ ފަރާތަކީ އަނިޔާވެރިއެއް ކަމާއި ޙައްގުވަނީ އަނެއް މީހާގެ ކިބައިގާކަން ކަނޑައެޅިގެން އެނގިހުރެ އަނިޔާވެރިޔާގެ ޙައްގުގައި ވަކާލާތު ކުރުމަކީ ބޮޑުވެގެންވާ ފާފަ އެއް. އަދި އަނިޔާވެރިޔަކު އޭނާގެ ވަކީލަކަށް ވުމަށް އެދިއްޖެ ހިނދެއްގައި އޭނާއަށް ނަޞޭޙަތްދީ ޙައްގު ބަޔާން ކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. މަދު ފައިސާ ކޮޅަކަށްޓަކައި މުޖްރިމުންގެ ދިފާޢުގައި ތެދުވެ ވަކާލާތުކޮށްގެން ނުވާނެ. އަދި އޭނާ ހުރީ ބާޠިލް ގޮތުގައިކަމާއި، އޭނާގެ ދިފާޢުގައި ވަކާލާތުކުރުމަކީ ޙައްގުވެރިޔާއަށް ދެވޭ އަނިޔާ އެއްކަން ބުނެދޭން ޖެހޭނެ. އެއީ މުންކަރާތް މަނާ ކުރުމުގެތެރޭގައި ހިމެނޭ ކަމެއް" ޝައިޚް ވިދާޅުވިއެވެ.

ޝައިޚްގެ ފަތުވާ ތިރީގައި އެވަނީއެވެ.

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:  
ޙައްގަށް ނަޞްރު ހޯދައި ދިނުމުގައި ވަކާލާތު ކުރުމަކީ އެދެވިގެންވާ ހެޔޮ ޢަމަލެކެވެ. ސޫރަތުލް މާއިދާގެ 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (وَتَعَاوَنُوا عَلَى الْبِرِّ‌ وَالتَّقْوَىٰ) މާނައަކީ: " އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ!" ނަމަވެސް ކަނޑައެޅިގެން ނުބައިކަން އެނގިހުރެ އެފަދަ މީހުންނަށް ޙިމާޔަތް ހޯދައިދޭން ވަކާލާތު ކުރުމަކީ ޙަރާމް ކަމެކެވެ. އެފަދަ ކަންތައް ހިމެނިގެންދާނީ ނުބައިކަންކަމުގައި މީސްތަކުންނަށް އެހީތެރިވެދިނުން ކަމުގައެވެ. ސޫރަތުލް މާއިދާގެ 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ) މާނައަކީ: " އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!"

އެހެންކަމުން، މައްސަލަ އެއްގައި ވަކާލާތު ކުރުމަށް ޙަވާލުވުމުގެ ކުރިން މައްސަލަ ރަގަޅަށް ދިރާސާކޮށް ބަލަން ޖެހޭނެއެވެ. އަދި ތިމާ ވަކާލާތުކޮށްދޭ ފަރާތަކީ ޙައްގު ލިބެން ޖެހޭ ފަރާތް ކަމަށް ވަނީނަމަ އެފަދަ މީހުންގެ ޙައްގު ހޯދައިދިނުމަށް ވަކާލާތު ކުރަން ޖެހޭނެއެވެ. ނަމަވެސް، ތިމާ ވަކާލާތު ކޮށްދޭ ފަރާތަކީ އަނިޔާވެރި އެއް ކަމާއި ޙައްގުވަނީ އަނެއް މީހާގެ ކިބައިގާކަން ކަނޑައެޅިގެން އެނގި ހުރެ އަނިޔާވެރިޔާގެ ޙައްގުގައި ވަކާލާތު ކުރުމަކީ ބޮޑުވެގެންވާ ފާފަ އެކެވެ. އަދި އަނިޔާވެރިޔަކު އޭނާގެ ވަކީލަކަށް ވުމަށް އެދިއްޖެ ހިނދެއްގައި އޭނާ އަށް ނަޞޭޙަތްދީ ޙައްގު ބަޔާން ކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. މަދު ފައިސާ ކޮޅަކަށް ޓަކައި މުޖްރިމުންގެ ދިފާޢުގައި ތެދުވެ ވަކާލާތުކޮށްގެން ނުވާނެއެވެ. އަދި އޭނާ ހުރީ ބާޠިލް ގޮތުގައި ކަމާއި، އޭނާގެ ދިފާޢުގައި ވަކާލާތު ކުރުމަކީ ޙައްގުވެރިޔާ އަށް ދެވޭ އަނިޔާ އެއްކަން ބުނެދޭން ޖެހޭނެއެވެ. އެއީ މުންކަރާތް މަނާ ކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ رَأَى مِنْكُمْ مُنْكَرًا ، فَإِنِ اسْتَطَاعَ أَنْ يُغَيِّرَهُ بِيَدِهِ ، فَلْيُغَيِّرْهُ بِيَدِهِ ، فَإِنْ لَمْ يَسْتَطِعْ ، فَبِلِسَانِهِ ، فَإِنْ لَمْ يَسْتَطِعْ ، فَبِقَلْبِهِ ، وَذَلِكَ أَضْعَفُ الإِيمَانِ) ރަވާހު މުސްލިމް. މާނައަކީ: "ތިޔަބައިމީހުން ކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ އެކަމެއް އަތުން މަނާ ކުރުމުގެ ކުޅަދާނަކަން ލިބިގެންވާނަމަ އެގޮތަށް ކަންތައް ކުރާށެވެ. އެކަމުގެ ކުޅަދާނަކަން ނެތްނަމަ ދުލުން މަނާ ކުރާށެވެ. އެކަމުގެވެސް ކުޅަދާނަކަން ނެތްނަމަ އެމީހެއްގެ ހިތުން އެކަން މަނާ ކުރާށެވެ. އެއީ އީމާންކަމުގެ އެންމެ ދަށުދަރަޖަ އެވެ."

މުޖްރިމުންގެ ދިފާޢުގައި ތެދުވުމަކީ މުޅި އުއްމަތުގެ ޙައްގުގައި ކުރެވޭ ބޮޑު ޖަރީމާ އެކެވެ. އެފަދަ މީހުން ކުށުން ބަރީއަވެގެން މުޖްތަމަޢު ފަސާދަ ކުރަމުން ދުވާނެތީވެއެވެ. މީގެ އިތުރުން ޖިނާޢީ ކުށަކަށް އަރައިގެންފައިވާ މުޖްރިމެއްގެ ދިފާޢުގައި ތެދުވުމަކީ އަނިޔާ ލިބުނު މީހާގެ ޙައްގަކަށް އަރައިގަތުމެވެ. އަނިޔާވެރި ކަމަށް އެހީތެރިވެދޭ ކޮންމެ ޢަމަލަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ޢަމަލެކެވެ. އެހެންކަމުން، އެފަދަ ޢަމަލުތައް ކުރާ ފަރާތްތަކުން ތައުބާވެ ހެޔޮ ޢަމަލު ގިނަ ކުރުމަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ. والله أعلم.
 

ރާއްޖެއިސްލާމް ނިއުސް ޓީމްގެ ބައެއް އެހެނިހެން ޕޯސްޓުތައް