ތަޢުޒިޔާ ކިޔުން.

ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް - 02 އޮކްޓޯބަރ 2012 - 23:53

ރާއްޖެއިސްލާމް ސުވާލާއި ޖަވާބު ސެކްޝަނުން

ސުވާލު:

މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން، މީހަކު ނިޔާވި ޚަބަރު ލިބުމުން ތަޢުޒިޔާ ކިޔުމުގެ ގޮތުން "ރެސްޓް އިން ޕީސް" މިހެން ސޯޝަލް ނެޓްވަރކްތައް އަދި އެސްއެމްއެސް ފަދަ ވަސީލަތްތަކުގައި ލިޔެއުޅެއެވެ. އަދި ހަމައެހެންމެ، ހިތާމައިގެ ދަނޑިވަޅުގައި، ޚާއްޞަކޮށް މީހަކު ނުވަތަ ބަޔަކުމީހުން ނިޔާވުމާއި ގުޅިގެން ކަޅުކުލައިގެ ބޭންޑު އެޅުމާއި ފޭސްބުކް ފަދަ ސައިޓްތަކުގައި ކަޅުކުލައިގެ ފޮޓޯ ބޭނުން ކުރުންފަދަ ކަންތައް އަޅުގަނޑުމެންގެ މި މުސްލިމް މުޖުތަމައުގައި ބޭނުންކުރާ ތަންފެނެއެވެ. ވީމާ، މިކަންތައްތައް އިސްލާމްދީނުގައި އޮންނަ ގޮތް ސާފުކޮށްދެއްވުން އެދެމެވެ.

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

ތަޢުޒިޔާ ކިޔުމަކީ: ހިތާމައެއް މުޞީބާތެއް ކުރިމަތިވެފައިވާ މީހާ އަށް ހިތްވަރުދީ އޭނާގެ ހިތާމާގައި ބައިވެރިވުމެވެ. މިގޮތުން މުޞީބާތް ޖެހިފައިވާ މީހާގެ ހިތްހަމަ ޖައްސައިދެވޭނެ ގޮތަކަށް އެކަން ކުރިޔަށް ގެންދެވިދާނެއެވެ. މިގޮތުން އެންމެ މޮޅުއިތުރުވެގެންވާ ގޮތަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވި ގޮތަށް އެކަން ކުރުމެވެ. އެކަލޭގެފާނުގެ އަންހެން ދަރިކަނބަލެއްގެ ފިރިހެން ދަރިޔަކު މަރުވެއްޖެ ޚަބަރު ދިނުމަށް މީހަކު އައުމުން އެމީހާ އަށް ދެންނެވިއެވެ.

( ارجع فأخبرها أن لله ما أخذ ، وله ما أعطى ، وكل شيء عنده بأجل مسمى ، فمرها فلتصبر ولتحتسب )

މާނައަކީ: "އެކަމަނާގެ އަރިހަށް އެނބުރިގޮސް ދަންނަވާށެވެ. ހަމަކަށަވަރުން ﷲ ގެންދެވި އެއްޗެއް މިލްކުވޮޑިގެންވަނީ ކަލާންގެއަށެވެ. އަދި ދެއްވި އެއްޗެއްވެސް މިލްކުވެވޮޑިގެންވަނީ އެކަލާންގެއަށެވެ. ކޮންމެ އެއްޗަކަށްވެސް ﷲ ގެ ޙަޟްރަތުގައި ކަނޑައެޅިފައިވާ އަޖަލެއްވެއެވެ. ކެތްތެރިވުމަށާއި ދަރުމައާއި ޘަވާބު ﷲގެ ޙަޟްރަތުން އެދުމަށް އެކަމަނާ އަށް އަމުރު ކުރައްވާށެވެ".

އަޅުގަޑުމެން މުސްލިމުންކަމަށްވީތީވެ، ކޮންމެ ޢަމަލެއްގައިވެސް ބަލަން ޖެހޭނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމެއް ކުރެއްވި ގޮތަށެވެ. އަދި އެއަށްފަހު ސަލަފުއްޞާލިޙުންގެ ކިބައިން އެކަމެއް ކުރައްވާފައިވާ ގޮތެވެ. ފަހަރެއްގައިވެސް ބަޔަކު މީހުންކަންތައް ކުރާގޮތް ކޮޕީކޮށްގެން އެގޮތް ޕްރޮމޯޓްކޮށް ހަދައިގެން ނުވާނެއެވެ. އެހެންކަމުން، ހިތާމަ ފާޅުކުރުމުގެ ނަމުގައި ކަޅުކުލައިގެ ހެދުންލާ، ފައިގާ ރިބަންފަށް އައްސާ، މަރުވިމީހުންގެ ހަނދާނުގައި ސުކޫތު ގެނެސް ހެދުމަކީ ރަގަޅު ކަންތައްތަކެއް ނޫނެވެ. އަދިކިއެއްތަ، އެއީ އަޅުގަޑުމެން އެބަޔަކާ ޚިލާފުވުމަށް އަމުރުކުރައްވާފައިވާ ޔަހޫދީންނާއި ނަޞާރާއިންގެ ޘަގާފަތްތަކެވެ. މީގެ އިތުރުން މީހަކު މަރުވުމުން ނުވަތަ މުޞީބާތެއް ޖެހުމުން ކަޅުކުލައިގެ ހެދުމެއް ލުމުން ދޭހަވަނީ ﷲ މިންވަރު ކުރެއްވިގޮތާއި މެދު ހިތްހަމަ ނުޖެހި ރުޅި އައިސްގެން އުޅޭކަމެވެ. ގަޟާގަދަރުގެ ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާން ނުވެވޭ ކަމެވެ. ވީމާ، މިފަދަ ކަންތައްތަކުން ދުރުހެލިވާން ޖެހޭނެއެވެ. މިއީ ރަގަޅުކަންތައްތަކެއްނަމަ ސަލަފުންގެ ކިބައިން އެކަން ޘާބިތުވީހެވެ. ނަމަވެސް އެފަދަ އެއްވެސް އިޝާރާތެއް ނެތުމުގެ މާނައަކީ މިއީ އަޅުގަޑުމެން 100% މުސްލިމުން ގަބޫލުކުރަން ޖެހޭ ޢަގީދާ އެއް ނުވަތަ ކޮޕީ ކުރަން ޖެހޭ ޘަގާފަތެއް ނޫންކަމެވެ. ހިތާމަ ފާޅުކުރުމުގެ ގޮތުން މުޞީބާތް ޖެހިފައިވާ މީހުންނަށް އެހީތެރިވެދީ، އެމީހުން ކޮޅަށް ޖެހޭތޯ މަސައްކަތް ކުރުން މާރަގަޅެވެ. ކަޅުކުލައިގެ ރިބަންފަށެއް އައްސާފައިވުމަކުން، ނުވަތަ މަރުވިމީހުންގެ ހަނދާނުގައި ސުކޫތެއް ގެނައުމަކުން ހިތާމަ ލިބުނު ޢާއިލާ ތަކަށް ލިބޭނީ ކޮން ހިތްހަމަ ޖެހުމެއްތޯއެވެ؟! والله أعلم

ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފްގެ ބައެއް އެހެނިހެން ޕޯސްޓުތައް