ރޯދައިގެ ވަޞިއްޔަތް - ޙައިޟުވެރިޔާ ލައިލަތުލް ޤަދުރި ވިލޭރޭ ކުރަންވީ ޢަމަލުތައް!

އައްޝައިޚް ޙަސަން މޫސާ ފިކުރީ - 26 އޯގަސްޓް 2011 - 00:00

ރޯދަމަހު ކުރިމަތިވާ ސުވާލުތަކުގެ ތެރެއިން އެއް ސުވާލަކީ، ފަހު ދިހެއްގައި ޙައިޟުވެރިޔާއަށް ކުރެވޭނެ އަޅުކަމަކީ ކޮބައިތޯއެވެ. މިސުވާލުގެ ޖަވާބުގައި އަޅުގަނޑު ތިރީގައި ލިޔެލާފައި މިވަނީ އައްޝައިޚު ޞާލިޙުލް މުނައްޖިދު ދެއްވާފައިވާ ޖަވާބުގެ ތަރުޖަމާއެވެ.

މަދު އަޅުކަމެއް ފިޔަވައި އެހެން ހުރިހާ ކަމެއްވެސް ކުރުން ޙައިޟުވެރިޔާއަށް ހުއްދަވެގެންވެއެވެ. ޙައިޟުވެރިޔާ ކުރުން މަނާ ކަންތައްތަކަކީ ނަމާދު ކުރުމާއި، ރޯދަހިފުމާއި، ޠަވާފުކުރުމާއި، އިޢްތިކާފަށް މިސްކުތުގައި އިނުމެވެ.

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ރަމަޟާންމަހުގެ ފަހުދިހައެއްގެ ރޭތައް އިޙްޔާ ކުރައްވާކަމުގައި ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމުގައި ރިވާވެގެންވެއެވެ. ޢާއިޝާ ރަޟިޔަ ﷲ ޢަންހާ ވިދާޅުވިއެވެ. "ފަހު ދިހައެއް އަތުވެއްޖެނަމަ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ކަމަރުފުޅު ބަންނަވައެވެ. (އެބަހީ: އަޅުކަން ކުރުމަށްޓަކައި އަނބިއަނބިކަބަލުންނާ އެއްދާންކުރުމުން އެއްކިބާވެލައްވައެވެ.) އަދި އެރޭތައް އިޙްޔާ ކުރައްވައެވެ. އަދި އަހުލުވެރިން ހޭލައްވަވައެވެ."

އެރޭތައް އިޙްޔާ ކުރުމަކީ ހަމައެކަނި ތަރާވީޙު ނަމާދު ނުވަތަ ދަމުނަމާދު ކުރުމަށް އެރޭތައް ޚާއްޞަކުރުމެއް ނޫނެވެ. އިޙްޔާކުރުމުގެ މާނައިގެ ތެރޭގައި ހުރިހާ އަޅުކަމެއް ހިމެނެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ( وأحيا ليله ) ގެ މާނައަކީ އަޅުކަން ކުރެއްވުމަށް ހޭލާ ހުންނެވުމެވެ. މިއީ އަލްޙާފިޡު އިބްނު ޙަޖަރު ރަޙިމަހު ﷲ ގެ ބަސްފުޅެވެ. އައްނަވަވީ ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. އޭގެ މުރާދަކީ އިސްތިޣްފާރު ކުރެއްވުމާއި ނަމާދު ކުރެއްވުމައި އަދިވެސް އެނޫން ހެޔޮ ޢަމަލުތައް ކުރެއްވުމެވެ. އަދިވެސް ބައެއް ބޭކަލުން ވިދާޅުވެއެވެ. އެއީ ނަމާދު ކުރެއްވުމާއި ޛިކުރު ކުރެއްވުމާއި ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުމެވެ.

ލައިލަތުލް ޤަދްރިވިލޭރޭގައި ކުރެވޭ އެންމެ ހެޔޮ ޢަމަލަކީ އެރޭގެ ޤިޔާމުއްލައިލު (ރޭއަޅުކަން) ކުރުމެވެ. އެހެނީ އީމާންވެހުރެ ދަރުމަޔާއި ޘަވާބުއެދިގެން ލައިލަތުލް ޤަދުރި ވިލޭރޭގެ ރޭއަޅުކަން ކޮށްފި މީހާއަށް އޭނާގެ އިސްވެދިޔަހާ ފާފަތަކެއް ފުއްސަވައިދެއްވާނޭކަމުގައި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްކުރައްވާފައެވެ.

ޙައިޟުވެރިޔާއަށް ރޭގަނޑުގެ ދަމުނަމާދު ނުވަތަ ތަރާވީޙު ނަމާދުކުރުން މަނާވެގެން ވިއެއްކަމަކު އެނޫން ހެޔޮ ޢަމަލުތައް ކުރުން މަނާވެގެންނެއް ނުވެއެވެ. އެފަދަ ޙާލަތެއްގައިވާ އަންހެން ބޭކަނބަލަކަށް ކުރެއްވިދާނެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި:

އެކެއް: ކީރިތި ޤުރްއާން ކިޔެވުން. (ޙައިޟުވެރިޔާ މުޞްޙަފުގައި ބީހުން ޙަރާމްވެގެންވޭ، ނަމަވެސް ހިތުދަސްވެފައިހުރި ސޫރަތްތައް ކިޔެވުމާއި، ކޮންޕިއުޓަރު ނުވަތަ ފޯނުން ބަލައިގެން ކީރިތި ޤުރްއާން ކިޔެވުމަކީ ހުއްދަ ކަމެކެވެ.)

ދޭއް: ޛިކުރު ކުރުން. ޛިކުރު ކުރުމަކީ ގިނަގުނަވެގެންވާ ދަރުމަޔާއި ޘަވާބުލިބުމުގެ މަގެކެވެ. އެގޮތުން سبحان الله ، والحمد لله ، ولا إله إلا الله ، والله أكبر ، سبحان الله وبحمده ، سبحان الله العظيم ފަދަ ޛިކުރު ކުރުން ގިނަކުރާށެވެ. އަދި މިނޫނަސް ވާރިދުވެގެންވާ އެތައް ޛިކުރުތަކެއްވެއެވެ. އެޛިކުރަތައްވެސް ދަސްކޮށްގެން ކިޔުމަށް ފަރުވާތެރިވާށެވެ.

ތިނެއް: އިސްތިޣްފާރު ކުރުން. އެބަހީ ފާފަފުއްސެވުންއެދި މާތް ﷲ ގެ ޙަޟުރަތަށް ދުޢާކުރުން. އިސްތިޣްފާރު ކުރުމަށް އެތައް ޢިބާރާތްތަކެއް ވާރިދުވެފައިވެއެވެ. އޭގެތެރެއިން އެންމެ ކުރު މިންވަރަކީ استغفر الله ކިޔުމެވެ.

ހަތަރެއް: ދުޢާކުރުން. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެދިގެން ގިނަގިނައިން ދުޢާކުރުމަކީ ލައިލަތުލް ޤަދުރިވިލޭރޭގައި ކުރެވޭނެ އެންމެ މަތިވެރި އެއް އަޅުކަމެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާވެގެންވެއެވެ. الدعاء هو العبادة "ދުޢާއަކީ، އެއީ އަޅުކަމެވެ." رواه الترمذي وصححه الألباني

އިސްވެބަޔާންކުރެވުނު ކަންކަމާއި އަދިވެސް އެހެނިހެން ކަންކަން ހެޔޮ ޢަމަލުތައް ކުރުމުގައި ފަހުދިހައެއްގެ އޮނަހިރި ރޭތައް ހޭދަކުރުމަށް ވަޞިއްޔަތް ކުރަމެވެ.

އައްޝައިޚް ޙަސަން މޫސާ ފިކުރީގެ ބައެއް އެހެނިހެން ޕޯސްޓުތައް