ރޯދައިގެ ވަޞިއްޔަތް - މިސާލަކަށް ބަލަންވީ ފަރާތް

އައްޝައިޚް ޙަސަން މޫސާ ފިކުރީ - 23 އޯގަސްޓް 2011 - 00:00

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް މިސާލެއްގެ ގޮތުގައި ބަލަންވީ ސަލާމާއި ޞަލަވާތްލެއްވި މާތްނަބިއްޔާ މުޙައްމަދުގެފާނުގެ ދިރިއުޅުއްވުމަށެވެ. އެކަލޭގެފާނު ކުރެއްވި ކޮންމެ ކަމެއްކުރުމަކީ އަދި އެކަލޭގެފާނު އުޅުވި ގޮތަށް އުޅުމަކީ އިތުރު އެކަލޭގެފާނަށް ލޯބި ކުރުމުގެ ތެރޭގައި ހިމެނޭކަމެކެވެ.

އެކަލޭގެފާނުގެ ނަމޫނާއެއްކަމުގައި ބެލުމަށް މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި އަންގަވާފައެވެ. "لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيراً"(الأحزاب : 21) މާނައީ: "ހަމަކަށަވަރުން، اللَّه ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށްއެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ."

އަދި މުޙައްމަދުގެފާނުގެ އަޚްލާޤުފުޅާއިމެދު ސުވާލު ކުރެއްވުނު ހިނދު ޢާއިޝާ ރަޟިޔަ ﷲ ޢަންހާ ވިދާޅުފައިވަނީ އެކަލޭގެފާނުގެ އަޚްލާޤުފުޅަކީ ކީރިތި ޤުރްއާން ކަމުގައެވެ. މާތް ﷲ ވަނީ އެކަލޭގެފާނުގެ އަޚްލާޤުފުޅުގެ މަތިވެރިކަމަށްޓަކައި މަދަހަ ވަޙީކުރައްވާފައެވެ. "وَإِنَّكَ لَعَلى خُلُقٍ عَظِيمٍ" (القلم : 4 ) މާނައީ: "އަދި ހަމަކަށަވަރުން، ކަލޭގެފާނުވަނީ މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ."

މިހުރިހާކަމެއް މިހެންހުރުމާއެކު އިތުރު އެކަލޭގެފާނު ގެންނެވި ކޮންމެ ކަމެއްގައި ހިފެހެއްޓުމަށާއި އެކަލޭގެފާނު ނަހީކުރެއްވި ކޮންމެކަމަކުން ދުރުހެލިވުމަށް މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި އަމުރު ކުރައްވާފައެވެ. އަދި ކީރިތި ޤުރްއާނާއި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ހިފަހައްޓައިފި މީހާ މަގުފުރެދިގެން ނުދާނޭކަމުގައި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްކުރައްވާފައެވެ.

ވީމާ، ޙައްޤުގެ މަގަކީ ކޮބައިކަން އޮޅިގެން އުޅުމުގެ ޖާގައެއް އެއްވެސް މުސްލިމަކަށްނުވެއެވެ. އަދި ހެޔޮ ގޮތާއި ރަނގަޅުގޮތް އޮޅި އުޅެންވީ ގޮތާއި ނޫޅޭންވީގޮތް ވަކިކުރަން ބޭނުންވާމީހާ، ހަދާނޭގޮތް ނުވަތަ ކުރަންވީ ކަންތައްތައް ނޭނގިގެން އުޅޭނޭ ޖާއެއްވެސްނެތެވެ. މީސްތަކުންނަށް ހިދާޔަތް ދައްކަވަނީ މާތް ﷲ އެވެ. އެކަލާނގެ ފޮތާއި މާތްނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ތަބާވެއްޖެ މީހާއަކީ ކާމިޔާބު ވެއްޖެ މީހެއްކަން ކަށަވަރެވެ.

ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް އެނގުމަށްފަހު އޭގައި ގަދައަށް ހިފެހެއްޓުމަށް ވަޞިއްޔަތް ކުރަމެވެ.

އައްޝައިޚް ޙަސަން މޫސާ ފިކުރީގެ ބައެއް އެހެނިހެން ޕޯސްޓުތައް