ރޯދައިގެ ވަޞިއްޔަތް - ތައުބާވުން

އައްޝައިޚް ޙަސަން މޫސާ ފިކުރީ - 07 އޯގަސްޓް 2011 - 00:00

ރަމަޟާންމަހަކީ ފާފަތަކުން ތައުބާވެ ޢަމަލުތަކުގެ ފަތްފުއް ސާފުކޮށްލުމަށް ލިބޭ ފުރުޞަތެކެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެވެ. "مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" متفق عليه މާނައީ: "ރަމަޟާންމަހުގެ ރޯދައިގެ ދަރުމަ ލިބުންއެދި އީމާންކަންމަތީގައި ހުރެ އެމަހުގައި ރޯދަ ހިފައިފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވާނެއެވެ." އެމަހުގެ ރޭއަޅުކަން އެފަދައިން ކޮށްފިމީހާއަށްވެސް އިސްވެދިޔަހާ ފާފައެއް ފުއްސަވައިދެއްވާނެއެވެ.

މިފުރުޞަތުގެ ބޭނުން ހިފައި ތައުބާ އާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއީ ތައުބާ ޤަބޫލުކުރައްވާ، ތައުބާވާ އަޅުންދެކެ ލޯބިވެވޮޑިގެންވާ ކަލާނގެއެވެ. އަދި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ރެޔަކާއިދުވާލު ސަތޭކަފަހަރު ތައުބާވެލައްވާކަމުގައި ރިވާވެގެންވެއެވެ.

ތައުބާވާން އެދޭމީހާ އަންނަނިވި ކަންތައްތަކަށް ރައްކާތެރިވުން ހުއްޓެވެ.

އެކެއް: ފާފަކުރުން ހުއްޓާލައި ފާފަތަކުން އެއްކިބާވުން. އެގޮތުން ތިމާއަށް ކުރެވޭ އެންމެހައި ފާފަތަކުން ދުރުހެލިވާންޖެހޭނެއެވެ. ހަމައެޔާއެކު ފާފަކުރެވޭފަދަ ހުރިހާ ދޮރުތަކެއް ބަންދުކޮށް އެކަންކަމުންވެސް ރައްކާތެރިވާން ޖެހޭނެއެވެ. އެހެނީ ފާފަކުރުން ހުއްޓާލުމުގެ ތެރޭގައި ފާފައަށް މަގުފައިވާ ހުރިހާ ދޮރުތަކެއް ބަންދުކުރުން ހިމެނެއެވެ.

ދޭއް: ފާފަކުރެވުނު ކަމުގެ މައްޗަށް ހިތާމަކުރުން. ކުރެވިފައިވާ ފާފަތަކީ ކީރިތިވަންތަ ﷲ ގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުން ކަމުގައި ހަނދާންކުރާށެވެ. އެކަލާނގެ ދެއްވި ގިނަގުނަ ނިޢްމަތްތަކެއްގެ ބަދަލުގައި އަދާކުރަންޖެހޭ ޝުކުރުވެސް ހަނދާންނައްތައިލުމަށްފަހު އެކަލާނގެ ނަހީކުރެއްވި ކަންކަމަށް އަރައިގަނެވިފައިވާނަމަ އެކަމުގެ މައްޗަށް ހިތާމަކުރުން ލާޒިމުވެގެންވެއެވެ. އަދި ފާއިތުވެގެންދިޔަ ވަގުތުތައް އެފަދަ ގޮތެއްގައި ހޭދަކުރެވުނުކަމައްޓަކައި ދެރަވެ ތިމާގެ ދިރިއުޅުމާއިމެދު ވިސްނާލަން ޖެހެއެވެ.

ތިނެއް: ދެވަނަ ފަހަރަށް ފާފަތަކަށް އަރައިނުގަތުމަށް އަޒުމު ކަނޑައެޅުން. ތިންކަމެއް މީހެއްގެ ކިބައިގައި ހުރެއްޖެނަމަ އޭނާއަށް އީމާންކަމުގެ ފޮނިކަން އިޙްސާސްކުރެއްވޭނެކަމުގައި ޞައްޙަ ޙަދީޘްފުޅުތަކުން ރިވާވެގެންވެއެވެ. އެއީ ﷲ އާއި އެކަލާނގެ ރަސޫލާ އަށްވުރެ ވަކީންބޮޑަށް ލޯބިވާ ފަރާތްތަކެއް އޭނާއަށް ނެތް މީހާއެވެ. އަދި ﷲ ގެ އަޅެއްދެކެ ލޯބިވާ މީހަކު، އެކަލާނގެއަށްޓަކައި މެނުވީ އޭނާދެކެ ލޯބިނުވާ މީހާއެވެ. އަދި އަލިފާނަށް އެއްލާލެވުމަށް ނޭދޭފަދައިން ކުފުރުން މާތް ﷲ ސަލާމަތްކޮށްދެވުމުން އެ ކުފުރަށް އެނބުރި ރުޖޫޢަވާން ނޭދޭ މީހާއެވެ.

ހަތަރެއް: މީހަކަށް އަނިޔާވެރިވެވިފައިވާނަމަ އެކަމުން ބަރީއަވުން. އެއަނިޔާވެރިކަމުގެ ދެބައެއްވެއެވެ. އެއީ މާއްދީ ބަޔަކާއި މަޢްނަވީ ބައެކެވެ. މާއްދީގޮތުންނަމަ މީހެއްގެ މުދަލެއް ނުޙައްޤުން ހޯދައިފައިވާނަމަ އަނބުރާ ދިނުން ނުވަތަ ބަދަލު އަދާކުރުމެވެ. އަދި މަޢްނަވީގޮތުންނަމަ މީހަކާ ގުޅުން ކަނޑައި މީހަކަށް ހިތާމައެއް ދިނުންފަދަ ކަމެއް ހިނގާފައިވާނަމަ އެކަމުން މަޢާފުއެދި ޞުލްޙަވުމެވެ.

ތައުބާވުމުގެ މިޝަރުޠުތައް ފުރިހަމަ ކުރަންޖެހޭނީ ތިމާގެ ފުރާނަ ނޭވާހޮޅިއަށް އެޅުމުގެ ކުރިންނެވެ. އަދި ހުޅަގުފަރާތުން އިރުއެރުމުގެ ކުރިންނެވެ.

މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް ޖެހިއްޖެނަމަ، އެހިނދު ތިމަން މިހާރު ތައުބާވެއްޖައީމޭ ބުނާ މީހުންނާއި، ކާފަރުން ކަމުގައި ތިބެ މަރުވާ މީހުންނަކަށް ތައުބާލެއްވުމެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި ޢަޛާބު ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ." (އަންނިސާ 18)

ވީމާ، ތައުބާގެ ދޮރު ބަންދުވުމުގެ ކުރީގައި ތައުބާވުމަށް ވަޞިއްޔަތްކުރަމެވެ.

އައްޝައިޚް ޙަސަން މޫސާ ފިކުރީގެ ބައެއް އެހެނިހެން ޕޯސްޓުތައް