ރޯދައިގެ ވަޞިއްޔަތް - ރޯދައިގެ މަޤާމު

އައްޝައިޚް ޙަސަން މޫސާ ފިކުރީ - 06 އޯގަސްޓް 2011 - 00:00

ރޯދައިގެ އަޅުކަމަށާއި ރޯދަވެރިޔާއަށް ދީނުގައިވަނީ ޚާއްޞަ މަޤާމެއް ދެއްވާފައެވެ. އަލްއިމާމުލް ބުޚާރީ އާއި އަލްއިމު މުސްލިމު، އަބޫހުރައިރާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާކުރައްވާފައިވެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "كُلُّ عَمَلِ ابْنِ آدَمَ لَهُ إِلاَّ الصِّيَامَ فَإِنَّهُ لِى وَأَنَا أَجْزِى بِهِ" "މާތް ﷲ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ހުރިހާ ޢަމަލެއްވަނީ އޭނާއަށެވެ. ރޯދަފިޔަވައެވެ. އެރޯދަވަނީ ތިމަންރަސްކަލާނގެއަށެވެ. އަދި ތިމަންރަސްކަލާނގެ އެރޯދައަށް ޖަޒާ ދެއްވަމެވެ."

އިންސާނާ ކުރާ ހުރިހާ ހެޔޮ ޢަމަލެއް އޭނާ ކުރަނީ މާތް ﷲ ގެ ޙަޟުރަތަށެވެ. އަދި އެ ޢަމަލުތަކުގެ ޖަޒާދެއްވަވަނީވެސް އެކަލާނގެއެވެ. ނަމަވެސް މި ޙަދީޘްފުޅުގައި އެވަނީ ރޯދައަށް ވަކިން ޚާއްޞަކޮށް އިޝާރާތްކުރައްވާފައެވެ. މިކަމުން ދޭހަވަނީ ރޯދައިގެ މަޤާމު މާތް ﷲ ގެ ޙަޟުރަތުގައި އެހެން ހުރިހާ އަޅުކަމަކަށްވުރެ މަތިވެރިވެގެންވާކަމެވެ.

މި ޙަދީޘްފުޅުގެ ފަހުބައިގައިވެއެވެ. "ރޯދައަކީ އައްޑަނައެކެވެ." އެއްވެސް ޝައްކެއްނެތެވެ. ރޯދައަކީ ތިމާގެ ޝަހުވާނީ އެދުންތަކާއި ތިމާގެ ޖިސްމާނީ އިޙްސާސްތައް ކޮންޓުރޯލުކޮށް ހަމަޔަށް އަޅުވަން ދަސްކޮށްދޭ އަޅުކަމެވެ. ފާފަތަކުންނާއި ނުބައި ބަސްތަކުން އެއްކިބާވެގެން މެނުވީ މިއަޅުކަން ފުރިހަމަ ނުކުރެވޭނެއެވެ. އެހެންކަމުން ރޯދައިގެ އަޅުކަމަކީ ރޯދަވެރިޔާ ފާފައިން ސަލާމަތްކޮށްދޭ އައްޑަނައެކެވެ.

އެޙަދީޘްފުޅުގައި ދެން ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުރެއްޖެ ކަމުގައިވަނީނަމަ ޖިންސީ އެދުންތަކާއި ޒުވާބުކުރުންފަދަ (ދުލުގެ ފާފަތަކުން) އެއްކިބާވެގެން ހުންނާށެވެ. މީހަކު ޒުވާބެއްދީ އަރާރުމެއް ފަށައިފިނަމަ ބުނާށެވެ. ތިމަންނާ މިހުރީ ރޯދައަށެވެ." އެބަހީ ރޯދައަށް ހުރި މީހެއްކަން އަނެކާއަށް ހަނދާންކޮށްދޭށެވެ. އަދި ހަމައެވަގުތު ތިމާގެ ނަފްސުވެސް އެކަން ހަނދާންކޮށް އެފަދަ އަރާރުންތަކާއި ހުތުރުކަން ބޮޑުވެގެންވާ ބަސްތަކުން އެއްކިބާވާށެވެ.

މިފަދައިން ރޯދަވެރިޔާގެ ރޯދައިގެ އަޅުކަން މާތް ﷲ ރުއްސަވާފަދަ ޙާލެއްގައި ހުރެ ފުރިހަމަކޮށްފިނަމަ އޭނާގެއަށް އޮތީ ބޮޑުވެގެންވާ ދަރުމައާއި ޘަވާބެވެ. އަދި މާތް ﷲ ގެ ރުއްސެވުން ލިބިއްޖެ މީހާއަކީ ދެދުނިޔޭގެ ބާއްޖަވެރިއްކަން ކަށަވަރެވެ.

އެފަދައިން ރޯދަ ފިރުހަމަކުރާ މީހާއަށް މާތް ﷲ ގެ ޙަޟުރަތުގައިހުރި މަޤާމުވެސް އެޙަދީޘްފުޅުގައިވަނީ ބަޔާންކޮށްދެއްވާފައެވެ. "މުޙައްމަދުގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ އިލާހު ގަންދީ ވިދާޅުވަމެވެ. ރޯދަވެރިޔާގެ އަނގައިގެވަސް މާތް ﷲ ގެ ޙަޟުރަތުގައި މިސްކުގެ ވަހަށްވުރެ ހެޔޮވެގެންވެއެވެ. އަދި ރޯދަވެރިޔާއަށް ދެ އުފާވެރިކަމެއްވެއެވެ. ރޯދަވީއްލާހިނދު އެކަމުގެ ސަބަބުން ލިބޭ އުފާވެރިކަމާއި އޭނާގެ ވެރިރަސްކަލާނގެއާއި ބައްދަލުވާހިނދު އެ ރޯދައިގެ ސަބަބުން އޭނާއަށް ލިބޭ އުފާވެރިކަމެވެ."

މާތް ﷲ ރުއްސަވާފަދަ، އެކަލާނގެ ޙަޟުރަތުގައި ޤަބޫލުވެވިގެވާ ރޯދައެއްކަމުގައި ތިބާގެ ރޯދަ ހެދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ވަޞިޔަތް ކުރަމެވެ.

އައްޝައިޚް ޙަސަން މޫސާ ފިކުރީގެ ބައެއް އެހެނިހެން ޕޯސްޓުތައް