ރޯދައިގެ ވަޞިއްޔަތް - ހެޔޮކަންކަމަށް އަވަސްވެގަންނާށެވެ.

އައްޝައިޚް ޙަސަން މޫސާ ފިކުރީ - 05 އޯގަސްޓް 2011 - 00:00

މިއީ ހެޔޮކަންކަމުގައި އިސްނަގައި ކުރިއަރާދިޔުމުގެ ވަގުތެވެ. ތިބާގެ ޢާއްމު ދިރިއުޅުމުގައި ކުރާ ހެޔޮ ޢަމަލުތަކުގެ އިތުރުންވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ލޯތްބާއި އެކަލާނގެ ފުއްސެވުމާއި ސުވަރުގޭގެ މަތީ ދަރަޖަތަކަށް ވާޞިލުކޮށްދޭ އަޅުކަން ވަރަށްވެސް ގިނައެވެ.

ޞަދަޤާތްކުރުން: ފެނުން އަލިފާން ނިވޭފަދައިން ޞަދަޤާތުން ފާފަތައް ފުހެވިގެންދާ ކަމުގައި ރިވާވެގެންވެއެވެ. އަދި ކޮންމެ ހެޔޮކަމަކީ ޞަދަޤާތެއް ކަމުގައި އެބަހީ ދަރުމަޔާއި ޘަވާބު ލިބޭ ކަމެއްކަމުގައިވެސް ރިވާވެގެންވެއެވެ. އެއީ ހެޔޮކަމަކަށް އަމުރުކޮށް މުންކަރާތެއް ނަހީކުރުން ނުވަތަ މައްސަލައެއް ޖެހިފައިވާ ދެމީހެއްގެ ދެމެދުގައި އިޞްލާޙު ކުރުވުންފަދަ ކޮންމެކަމެކެވެ.

ވީމާ ވަޒީފާއަށް ދާ ދިޔުމުގައި ނުވަތަ ތަޢްލީމު ޙާޞިލުކުރުމަށްދާ މަގުމަތީގައި ނުވަތަ ނަމާދަށްދާ މަގުމަތީގައިވެސް ހެޔޮ ޢަމަލެއް ކުރެވިދާނޭކަން ހަނދާންކުރާށެވެ.

ޒިކުރު ކުރުން ގިނަކުރުން: ހުރިހާ ވަގުތެއްގައިވެސް ޒިކުރު ކުރުންމަތީ ދެމިހުންނާށެވެ. ދުލުން ހެޔޮ ބަހެއް ނުނީ ނުބުނާށެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވިވެސް އަދި މަގުމަތީގައި ހިނގާބިނގާވެ އުޅޭ ޙާލުގައިވެސް ޒިކުރުކުރުމުގެ މަތީގައި ހުރުމަށް އާދަކުރާށެވެ.

އެގޮތުން އިސްތިޣްފާރު ކުރުން ގިނަކުރާށެވެ. އިސްތިޣްފާރުކުރުމަކީ ފާފަފުއްސެވުން އެދި ދުޢާކުރުމެވެ. ހަމައެފަދައިން އެންމެހާ މުއުމިނު އަންހެންތަކުންނާއި އެންމެހައި މުއުމިނު ފިރިހެންތަކުންނަސް ފާފަ ފުއްސެވުންއެދި ދުޢާ ކުރުން ހަނދުމަނެތިކޮށް ނުލާށެވެ.
ކީރިތި ނަބިއްޔާ މުޙަމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތްކިޔެވުން ގިނަކުރާށެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތް ކިޔަވައިފި މީހަކަށް މާތް ﷲ ދިހަފަހަރު ޞަލަވާތް ލައްވައެވެ.

އަބަދުވެސް އަނެކުންނާ ރިވެތިގޮތުގައި މުޢާމަލާތް ކުރާށެވެ. ގިނަގިނައިން ސަލާމް ކުރުމާއި ރިވެތިބަހުން ވާހަކަ ދެއްކުމަކީ ފާފަފުއްސެވުމުގެ މަގެކެވެ. ހަމައެފަދައިން މީސްތަކުންގެ ކަންކަމުގައި ލުއިފަސޭހަކޮށްދޭ މަޑުމައިތިރި ހިތްތިރި މީހާއަކީ ނަރަކައިން މުއްތިކުރެއްވިގެންވާ މީހެއްކަމުގައި ވާރިދުވެގެންވެއެވެ.

ކުޑަކުޑަ ދެތިންކަމަކުން ދިރިއުޅުން ބަދަލުވެގެން ހިނގައިދާނެއެވެ. ވީމާ، ހެޔޮކަމެއް ކުރުމުގައި ފަސްނުޖެހުމަށް ވަޞިއްޔަތް ކުރަމެވެ.

އައްޝައިޚް ޙަސަން މޫސާ ފިކުރީގެ ބައެއް އެހެނިހެން ޕޯސްޓުތައް