ރޯދައިގެ ވަޞިއްޔަތް - ހެޔޮ ބަދަލެއް ގެނައުމަށް ރަނުގެ ފުރުޞަތެއް

އައްޝައިޚް ޙަސަން މޫސާ ފިކުރީ - 04 އޯގަސްޓް 2011 - 00:00

ހެޔޮކަމުގެ މޫސުންތައް ލައްވާފައިވުމީ ކީރިތި ވަންތަ ﷲ ގެ ފަޟުލަވަންތަވެރިކަމެވެ. އެދުވަސްތަކުގައި ނަފްސުތައް ޞާލިޙު ޢަމަލުކުރުމަށް ތައްޔާރުވަމުންދެއެވެ. އަދި ހިތްތައްވަނީ މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމަށް އެދިއެދިއެވެ. މިފަދަ މޫސުންތަކުގެ ތެރެއިން އެންމެ މަތިވެރި އެއް މޫސުމަކީ ބަރަކާތްތެރިވެގެންވާ ރަމަޟާންމަހެވެ.

ތިމާގެ ދިރިއުޅުމަށް އިޞްލާޙުގެ ހެޔޮ ބަދަލުގެންނަން އެދޭމީހަކަށް ރަމަޟާންމަހަކީ ރަނުގެ ފުރުޞަތެކެވެ. ނަމާދަށް ފަރުވާކުޑަކޮށް ނަމާދު އަޅާ މީހުންނަށެވެ. ނޫނީ ކަންނެއްކަމާއެކު ނަމާދުގެ އެންމެފަހުވަގުތާއި ހަމައަށް ލަސްކޮށްލާ މީހުންނަށެވެ. ނޫނީ މިސްކިތުގެ ޖަމާޢަތަށް ދާން ކަންނެއްވާތީ ޖަމާޢަތަށް ނަމާދަށް ނުދެވޭ މީހުންނަށެވެ. ދަންނާށެވެ! ޤިޔާމަތްދުވަހު އަޅުތަކުންގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވެނީ ނަމާދެވެ. ނަމާދުތައް ޤަބޫލު ކުރެވިއްޖެނަމަ އޭނާގެ އެހެން ހުރިހާ ޢަމަލެއް ޤަބޫލުވެވިގެންވެއެވެ.

ބަސްބުނެ އުޅުމުގައި ބެލުމެއްނެތި ތިމާގެދުލުން ތާއަބަދުމެ ވިޔާނުދާ ވާހަކަތައް ދައްކައިހެދި މީހުންނަށް ރަމަޟާންމަހަކީ ރަނުގެ ފުރުޞަޠެކެވެ. ދުލުން ހެޔޮބަހެއް ނޫނީ ނުބުނުމަށް ނުވަތަ ހަނުހުރުމަށް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ކިއެއްތޯއެވެ! ހެޔޮވެގެންވާ ބަހަކީވެސް ޞަދަޤާތެކެވެ. ދަރުމަޔާއި ޘަވާބު ލިބޭކަމެވެ. ހަމައެފަދައިން ދޫރައްކާތެރި ކުރުމަކީ ސުވަރުގެ ވަނުމަށް މަގުފަހިކޮށްދޭކަމެވެ.

ދަންނާށެވެ! ރޯދައިގެ އަޅުކަމުގައި ހޭދަކުރާ ވަގުތުތަކުގައި ފާސިޤު ޢަމަލުތަކާއި އެފަދަ ބަސްތައް ދުލުން ބޭރުކުރުމުން އެއްކިބާވާށެވެ. ނޫނީ ތިމާގެ ރޯދައިން ބަނޑުހައި ހޫނުކަމާއި ކަރުހިއްކުން ނޫންކަމެއް ޙާޞީލެއް ނުވާނެއެވެ.

ރޯދަމަކީ މީހަކާ މައްސަލައެއް ޖެހިފައިވާ ދެމީހުން އެކަކު އަނެކަކަށް މާފުކޮށް އިޞްލާޙުވުމަށް އޮތް ރަނުގެ ފުރުޞަތެކެވެ.

ދޮގުހެދުމާއި މަކުރުހެދުމާއި ޣީބަބުނުން ކަށީގައި ހިފާފައިވާ މީހަކަށް ރަމަޟާންމަހަކީ ރަނުގެ ފުރުޞަތެކެވެ. ދަންނާށެވެ! ދޮގުހެދުމަކީ ނުބައިކަމަށް މަގުދައްކާ ކަމެކެވެ. ނުބައިކަންތައް މަގުފަހިކުރަނީ ނަރަކައަށެވެ. އަދި ދޮގުހެދުމުގައި ދެމިހުރެއްޖެމީހާ މާތް ﷲ ގެ ޙަޟުރަތުގައި ކައްޛާބަކު ކަމުގައި ލިޔުއްވޭނެތެވެ. އަޅަކު ތެދުބުނުމުގައި ދެމިހުރެއްޖެނަމަ މާތް ﷲ ގެ ޙަޟުރަތުގައި ޞިއްދީޤަކު ކަމުގައި ލިއްޔުވޭނެތެވެ. އަދި އޭނާގެ ތެދުވެރިކަމުން ސުވަރުގެއަށް މަގުދައްކާނޭކަމުގައިވެސް ރިވާވެގެންވެއެވެ.

ރަމަޟާންމަހަކީ ފާފައިގެ ކަނޑުތަކުގައި ޣަރަޤުވަމުންދާ މީހުންނަށް ތައުބާވުމަށް އޮތް ތަނަވަސް ފުރުޞަތެކެވެ. އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައްވަނީ ހުޅުވިފައެވެ. އެއިން އެއްވެސް ދޮރުކޮޅެއް ބަންދު ނުކުރެއްވޭނޭކަމުގައި ރިވާވެގެވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވި އެމައްސަރުގައި އެއިން އެއްވެސް ދޮރެއް ނުހުޅުވޭނޭކަމުގައިވެސް ރިވާވެގެންވެއެވެ.

އެމައްސަރުގެ ކޮންމެ ރެއެއްގައިމެ ކީރިތިވަންތަ ﷲ އެކަލާނގެ އަޅުތަކުންކުރެ ބަޔަކު، ނަރަކައިން މުއްތިކުރަވާނޭކަމުގައިވެސް ރިވާވެގެންވެއެވެ. ތިބާވެސް އޭގެ ތެރެއިން ހިމެނޭތޯ މަސައްކަތް ކުރުމަށް ވަޟިޔަތް ކުރަމެވެ.

އައްޝައިޚް ޙަސަން މޫސާ ފިކުރީގެ ބައެއް އެހެނިހެން ޕޯސްޓުތައް