ކަށުނަމާދުގައި ބައިވެރިވުމަކީ އަޅުގަނޑުމެންގެ އާދައެކެވެ. އެއީ މައްޔިތާއަށްޓަކައި އޭނާގެ ޢާއިލާގެ މީހުންނާއި ރަޙުމަތްތެރިން އަދާކޮށްދޭންޖެހޭ ޙައްޤެކެވެ. މި އަޅުކަމުގެ ސަބަބެއްކަމުގައި ބެލެވެނީ ދުނިޔެއާ ވަކިވެގެންދިޔަ އަޚާއަށް ޢިއްޒަތާއި އިޙުތިރާމާއެކު އެންމެފަހުގެ އަލްވަދާޢުކިޔުމެވެ. އަދި އޭނާގެ ވެރި ރައްބާއި ބައްދަލުކުރާ ވަގުތު ދިރިތިބީންގެ ހެޔޮދުޢާ އޭނާ އާއި އެކުގައިވުމެވެ.  
ކަށުނަމާދަށްފަހު ޤަބުރުސްތާނަށް ޢާންމުކޮށް ގޮސްއުޅެނީ މައްޔިތާ އާއި އޭނާގެ ޢާއިލާއާ ގާތްގުޅުމެއް އޮންނަ މީސްމީހުންނެވެ. އެމީހުން ސަންދޯކުގައި ކޮނޑުއަޅައެވެ. ތިމާމެންގެ އަޚާ ކަށްވަޅަށް ތިރިކުރެއެވެ. އޭނާގެ ޤަބުރަށް ފަސްއަޅައެވެ. އަދި އެނބުރި އައުމުގެކުރިން އަދި އެއްފަހަރު އޭނާގެ ފާފަތައް ފުއްސަވައިދެއްވުމަށް ގެ ޙަޟުރަތުގައި ދަންނަވައެވެ.

މިހުރިހާ ޢަމަލެއްގެ ވަރަށްބޮޑު ފައިދާއެއް ޖަނާޒާގައި ބައިވެރިވާ މީހުންނަށް ލިބެއެވެ. ދުނިޔޭގެ ކާރޫބާރޫގަނޑުގެ ތެރޭގައި މަޝްޣޫލުވުމުގެ ސަބަބުން ގިނަ ބަޔަކުވަނީ މަރުގެ ހިތި ޙަޤީޤަތް މަތީން ހަނދާންނެތިފައެވެ. ނަމަވެސް ޖަނާޒާގައި ބައިވެރިވުމުގެ ސަބަބުން ކޮންމެ އިންސާނަކާވެސް ޔަޤީނުންވެސް ބައްދަލުކުރާނެ މަރުގެ މަތީން ހަނދާން އާވެއެވެ. އަހުރެންނާ މިއަދު ވަކިވެދިޔަ އެ އަޚާއަކީވެސް އުފަންވުމާއި ކައިވެނިކުރުމާއި ފައިސާހޯދުމާއި ދިރިއުޅުމުގެ އެހެނިހެން މަރުޙަލާތައްވެސް ހަމަ އަހުރެން ފަދައިން ކަޑައްތުކުރަމުން ގެންދިޔަ އިންސާނެއްކަން ހަނދާނަށް އާދެއެވެ. އޭނާއަށް މަރުގެ ހިތިބޭސް ބޯން ޖެހުނު ފަދައިން އަހުރެންނަށްވެސް ޖެހޭނެކަން ވިސްނުމަށް ފުރުޞަތުލިބެއެވެ.
ނަމަވެސް ގިނަ މީހުންގެ ޙާލަކީ ކަށުނާމާދުގެ ވަގުތުގައްޔާއި މައްޔިތާ ވަޅުލާ ވަގުތުގައިވެސް އެމީހުންގެ ވިސްނުމާއި ފިކުރު ހުންނަނީ ކޮންމެވެސް ދުނިޔަވީކަމެއްގެ ތެރޭގައެވެ. އެކަކު މައްޔިތާގެ ޙާލަތާމެދު ވާހަކަދައްކާނެއެވެ. އަނެކަކު ސިޔާސީ މައުޟޫއަކަށް ބަހުސްކުރާނެއެވެ. އަނެކަކަށް ޤަބުރުސްތާނުން އެމެރިކާގެ ރޭވުމެއް ހަނދާނަށް އަތުވެދާނެއެވެ. އަނެކަކު ޤަބުރުސްތާނުގެ ނިކަމެތި ޙާލާމެދު ޝަކުވާކުރާނެއެވެ. ވަރަށް ގިނަ މީހުންނަށް އެއީ ތިމާގެ މީހުންނާއި ރައްޓެހިންނާ ބައްދަލުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. އެމީހުން އެކަކު އަނެކެއްގެ ވިޔަފާރީގެ މުޢާމަލާތްތަކާއި މެދު ނުވަތަ ޢާއިލީ ކޮންމެވެސް މައްސަލައަކާއި މެދު މަޝްވަރާކުރާނެއެވެ. 
ގިނައިން އަނގަތަޅާ މީހުންނަކީ އަޑުއެހުން މަދުބައެކެވެ. އެހެންނޫންނަމަ އަޑުއިވޭ ކަންފަތްތަކެއް އެބައިމީހުންނަށް ލިބިގެންވީނަމަ ޤަބުރުގެ ނިދާއަށް ހަމަ ޔަޤީނުންވެސް އެމީހުން ކަންފަތްދޭނެއެވެ. އެޤަބުރު ޙާލުގެދުލުން މީސްތަކުންނަށް ގޮވަމުން އެދަނީއެވެ. ”އޭ ޣާފިލުންނޭވެ! އަހަރެންގެ ކައިރިއަށް އާދެވުނުއިރު އެންމެ ސިކުންތަކަށް ނަމަވެސް މިދުނިޔެ ދޫކޮށްލުމަށްފަހު އެދުނިޔޭގެ މަތިން ހަނދާންކޮށްބަލާށެވެ! އަހަރެންނަކީ އާޚިރާތުގެ ދޮރޯށްޓެވެ. މިއަދު ތިބާގެ އަޚާއަށްޓަކައި މިދޮރު ހުޅުވުނީއެވެ. ދާދިއަވަހަށް ތިބާއަށްޓަކައިވެސް މިދޮރު ހުޅުވޭނެއެވެ“
________________________________

މަޞްދަރު: ބަސް ޔެހީ ދިލް / އަބޫ ޔަޙްޔާ
ތަރުޖަމާ: އިނާޒް ޢަދުނާން

 

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު