އިސްލާމްވެ ވަޑައިގަތިމަށްފަހު ޢުމައިރު ރަޟިޔަﷲ ޢަންހު އިސްލާމީ ޢިލްމުތައް ޙާޞިލްކުރައްވައިިގެން އެކަލޭގެފާނުގެ ހިތްޕުޅު އީމާންކަމުގެ ނޫރުން އަލިކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅަށް އައި މިއުފާވެރި ދުވަސްތަކުގެ ސަބަބުން މައްކާ އާއި މައްކާގެ މީހުންގެ މަތިން އެކަލޭގެފާނު ހަނދުމަނެތިގެން ދިޔައެވެ.
އަނެއްކޮޅުން ޞަފްވާނު ބިން އުމައްޔަތު އެއްވެސް ކެތްތެރިކަމެއްނެތި ޢުމައިރު ބިން ވަހްބުގެ ޚަބަރަކަށް އިންތިޒާރު ކުރަމުން ގެންދިޔައެވެ. އޭނާ ހުރީ [އުފާވެރި] ޚަބަރެއް ލިބޭނޭކަމަށް ވަރަށް އުއްމީދު ކޮށްގެންނެވެ. އެދުވަސްވަރު އޭނާ ޤުރައިޝުންގެ މަޖުލިސްތަކުގެ ކައިރިން ދާންޖެހޭ ކޮންމެ ފަހަރަކު އެއްވެސް ޖެހިލުމެއްނެތި ބުނަމުން ގެންދިޔައެވެ. [ޤުރައިޝުންނޭވެ! އުފާކުރާށެވެ! ދާދި އަވަހަށް ބަދުރުގެ ހުރިހާ ހިތާމައެއް ފިލައިގެންދާފަދަ ޚަބަރެއް ކަލޭމެންނަށް އަޑުއިވޭނެއެވެ.] 

ނަމަވެސް އެންމެފަހުން ޞަފުވާނަށްޓަކައި އިންތިޒާރުގެ ގަޑިތައް ދިގުވާންފަށައިފިއެވެ. އޭނާގެހިތަށް މަޑުމަޑުން ނާއުއްމީދު ވެރިވާންފަށައިފިއެވެ. ކަންބޮޑުވެ ހާސްވާންފަށައިފިއެވެ. އޭނާ މަދީނާއިން އަންނަ ކޮންމެ ދަތުރުވެރިއަކާ ސުވާލުކުރަމުން ގެންދިޔައެވެ. [ޢުމައިރު ކޮބައިހެއްޔެވެ؟ އޭނާގެ އެއްވެސް ޚަބަރެއް ކަލެއަށް ލިބިފައިވޭ ހެއްޔެވެ؟….]  ނަމަވެސް އެއްވެސް މީހެއްގެ ފަރާތުން އޭނާ ހިތްހަމަޖެހޭފަދަ ޖަވާބެއް ނުލިބެއެވެ. މިފަދަ ޙާލެއްގައި އުޅެނިކޮށް އެއްދުވަހަކު ދިމާވި ދަތުރުވެރިއެއް ޢުމައިރު އިސްލާމްވެއްޖެ ކަމަށް ބުނެފިއެވެ. ޞަފްވާނަށް ހީވީ އޭނާގެ ގަޔަށް ހޮނު އެޅިހެންނެވެ. އެހެނީ މުޅި ދުނިޔޭގެ އެންމެން އިސްލާމްވިޔަސް ޢުމައިރު ބިން ޥަހްބު އިސްލާމްނުވާނެ ކަމަށް އޭނާ ހުރީ ވަރަށް ބޮޑަށް ކަށަވަރު ކޮށްގެންނެވެ.
ޢުމައިރު ރަޟިޔަﷲ ޢަންހު މަދީނާގައި ހުންނަވައިގެން ވަރަށް ހިތްމަތާއެކު ދީނީތަޢުލީމް ޙާޞިލްކުރައްވަމުން ގެންދެވިއެވެ. އަދި ކީރިތިޤުރުއާނުގެ ބައެއް ސޫރަތްތައް ވެސް ހިތްޕުޅުން ދަސްކުރެއްވިއެވެ. އެއްދުވަހަކު އެކަލޭގެފާނު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ޙާޟިރުވެ ދެންނެވިއެވެ. [އޭ ﷲ ތަޢާލާގެ ރަސޫލާއެވެ. އަޅުގަނޑަކީ އަޅުގަނޑުގެ ޙަޔާތުގެ އެންމެ އަގުހުރި ދުވަސްތައް އިސްލާމްދީން ބިންމަތީން ފުހެލުމަށް މަސައްކަތްކުރުމުގައި ބޭކާރުކޮށްލާފައިވާ މީހަކީމެވެ. އެދުވަސްވަރު މީހަކު އިސްލާމްވެއްޖެކަން އެނގިއްޖެނަމަ އެމީހަކަށް ވައްތަރު ވައްތަރުގެ އުނދަގޫތައް އަޅުގަނޑު ކުރީމެވެ. މިހާރު އަޅުގަނޑުގެ އުއްމީދަކީ ކަލޭގެފާނު އަޅުގަނޑަށް މައްކާއަށް އެނބުރި ދިއުމުގެ ހުއްދަ ދެއްވުމެވެ. އެެއީ އަޅުގަނޑު ގޮސް ޤުރައިޝުންނަށް އިސްލާމްދީނަށް ދަޢުވަތު ދިނުމަށެވެ. އެމީހުން އަޅުގަނޑުގެ ބަސް ޤަބޫލުކޮށްފިނަމަ  ރަގަޅެވެ. އެހެންނޫނީ މީގެ ކުރިން ކަލޭގެފާނުގެ އަޞްޙާބުންނަށް އުނދަގޫކުރިހެން އަޅުގަނޑު އެބައިމީހުންނަށް އުނދަގޫ ކުރާނަމެވެ.]  މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް، ޢުމައިރު ރަޟިޔަﷲ ޢަންހަށް މައްކާއަށް އެނބުރި ދިއުމުގެ ހުއްދަ ދެއްވިއެވެ.
ނަބަވީ ދަރުބާރުގެ ހުއްދަ ލިބުމާއެކު އެކަލޭގެފާނު މައްކާއަށް އެނބުރި ވަޑައިގެން ސީދާ ޞަފްވާން ބިން އުމައްޔާ އާ ބައްދަލުކުރައްވައި ވިދާޅުވިއެވެ. [އޭ ޞަފްޥާނެވެ! ތިބާ އަކީ މިރަށުގެ ބުއްދިވެރި ސަރުދާރެކެވެ. ނިކަން ބުނެބަލާށެވެ! ތިޔަބައިމީހުން އެތަކެއްޗަކަށް އަޅުކަންކޮށް އެތަކެތީގެ ނަންމަތީގައި ޤުރުބާންކޮށް ތިޔަ ހަދާ ހިލައިގެ ބުދުތަކަކީ ތިޔަބައިމީހުންނަށް ފައިދާއެއް ނުވަތަ ގެއްލުމެއްވެސް ދެވިދާނެ އެއްޗެހިތަކެއް ކަމަށް ތިބާގެ  ބުއްދި ޤަބޫލުކުރޭ ހެއްޔެވެ؟ އަޑު އަހާށެވެ!! ﷲ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށާއި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ އެކަލާނގެ ރަސޫލާކަމަށް އަހުރެން ހެކިވަމެވެ.]
ޢުމައިރު ބުނު ވަހްބު ރަޟިޔަﷲ ޢަންހު، ނުހަނު ހިތްވަރާއި ޢަޒުމާއެކު މައްކާގެ އަހުލުވެރީންނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވުމަށްޓަކައި ދުވާލާއި ރޭގަނޑު މަސައްކަތްކުރައްވަން ފެއްޓެވިއެވެ. އަދި އެތައްބަޔަކު އެކަލޭގެފާނުގެ މަސައްކަތްޕުޅުގެ ސަބަބުން އިސްލާމްވިއެވެ.
ސުބުޙާނަހޫވަތަޢާލާ، ޢުމައިރު ބިން ވަހްބު ރަޟިޔަﷲ ޢަންހު އަށް ހެޔޮ ޖަޒާ ދެއްވާށިއެވެ! އަދި އެކަލޭގެފާނުގެ ޤަބުރުފުޅަށް އަބަދަށްޓަކައި ރަޙުމަތް ބާވައިލައްވާށިއެވެ! – ނިމުނީ –
 ( مراجع: حياة الصّحابة  لمحمد يوسف كاندهلوى  ، سيرت ابن هشام ، الإصابة في تميز الصّحابة  لإبن حجر العسقلاني ، طبقات ابن سعد)
______________________________________________-
 
މަޞްދަރު: ޙަޔާތެ ޞަޙާބާ ކޭ ދަރަޚްޝާން ޕެހްލޫ / ޝައިޚް މަޙްމޫދު އަޙުމަދު ޣަޟަންފަރު، ރަޙިމަހުﷲ
ތަރުޖަމާ: އިނާޒް ޢަދުނާން

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު