ޢުމައިރު ބުނު ވަހްބު ބަދުރުގެ މައިދާނުން ނަފްސު ސަލާމްކޮށްގެން އެނބުރި މައްކާ އަށް އައުމުގައި ކާމިޔާބު ހޯދިއެވެ. ނަމަވެސް އޭނާގެ ދަރިފުޅު މުސްލިމުންގެ އަތްދަށުގައި ހައްޔަރުވިއެވެ. ޢުމައިރު ބިން ވަހްބު އެންމެ ކަންބޮޑުވީ މުސްލިމުން އޭނާގެ ކުށްތަކުގެ ބަދަލު އޭނާގެ ޒުވާން ދަރިފުޅުގެ ކިބައިން ހިފައިފާނެތީއެވެ. އެހެނީ އެދަރިފުޅުގެ ބައްޕަ އަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ އަޞްޙާބުންނަށް މެދުކެނޑުމެއް ނެތި ދުއްތުރާތައް ކުރަމުން ގެންދިޔަ މީހެކެވެ.
އެއްދުވަހެއްގެ ހެނދުނުގެ ވަގުތު ކަޢުބާގެ ވަށައިގެން ޠަވާފުކުރުމަށާއި މާތްވެގެންވާ ޙަރަމުން ބަރަކާތް ލިބިގަތުމުގެ ބޭނުމުގައި، ޢުމައިރު މަސްޖިދުލް ޙަރާމަށް ދިޔައެވެ. އެތަނުން އޭނާ އަށް ފެނުނީ ޙަޠީމްގެ އެއްފަރާތެއްގައި ޞަފްވާން ބިން އުމައްޔާ އިށީނދެގެން އިންދައެވެ. ޢުމައިރު، ޞަފްވާނުގެ ކައިރިއަށް ގޮސް ބުނަން ފެށިއެވެ. [ޤުރައިޝުންގެ ސާހިބާއަށް ބާއްޖަވެރި ހެނދުނަކަށް އެދެމެވެ.]

ޞަފްވާނު ވެސް ޖަވާބު ދިނެވެ. [ބާއްޖަވެރި ހެނދުނެކެވެ. އޭ އަބޫ ވަހުބެވެ! ކުޑަކޮށް ވާހަކަ ދައްކައިލާން މިތާނގައި އިށީންނާށެވެ. އޭރުން ވަގުތުތައް ފާއިތުވެގެން ހިނގައިދާނެއެވެ.]
ޞަފްވާނު މިހެން ބުނުމުން ޢުމައިރު، އޭނާގެ ކުރިމަތީގައި އިށީނދެއްޖެއެވެ. ދެމީހުން އެކުގައި ބަދުރު ހަނގުރާމަ އާއި އެހަނގުރާމައިގައި މައްކާގެ މުޝްރިކުންނަށް ލިބުނު ބޮޑެތި ގެއްލުންތައް މަތީން ހަނދާންކޮށް ހިތާމަކުރިއެވެ. އަދި މުސްލިމު މުޖާހިދުން ހައްޔަރުކޮށްގެން މަދީނާއަށް ގެންދިޔަ އަސީރުންގެ ނަންތައް ޢަދަދުކުރިއެވެ. އަދި އިސްލާމީ މުޖާހިދުންގެ ކަނޑިތަކުން އެބައެއްގެ ބޯތައް ބުރިކޮށްލުމަށްފަހު ބަދުރުގެ ވަޅުގަނޑަށް އެއްލައިލެވުނު ޤުރައިޝީ ސަރުދާރުންތަކުގެ މަތީން ހަނދާންކޮށް ކަރުނައެޅިއެވެ. ޞަފްވާނު، ފުން ނޭވާއެއް ލުމަށްފަހު ބުނަންފެށިއެވެ. [ﷲ ގަންދެމެވެ! އެބައިމީހުންނަށް ފަހު ދިރިހުރުމުގައި އެއްވެސް މީރުކަމެއް ނުވެއެވެ.]
ޢުމައިރު ޖަވާބުދިނެވެ. [ﷲ ގަންދީ ބުނަމެވެ! ތިބާ ތިޔަ ބުނީ ރަގަޅަށެވެ.]  ދެން ކުޑައިރުކޮޅަކު ހަމަހިމޭނުން އިނދެފައި ބުނަންފެށިއެވެ. [ކަޢުބާގެ ވެރި އިލާހު ގަންދީ ބުނަމެވެ! އަހަރެންގެ މައްޗަށް އަދާކުރަންޖެހިފައިވާ ދަރަންޏަކާއި، ބަލަހައްޓަން ޖެހިފައިވާ ދަރީންތަކެއް ނުވާނަމަ ހަމަ މިހާރު މަދީނާ އަށް ގޮސް މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ޤަތުލުކޮށްލައިފީމުހެވެ.]  ދެން މަޑުމަޑުން ބުންޏެވެ. [އަހަރެންގެ ދަރިފުޅު އެހުރީ އެކަލޭގެފާނުގެ އަރިހުގައި ހައްޔަރުވެފައެވެ. އެހެންކަމުން އަހަރެން އެތަނަށް ދިޔުމަކުން އެއްވެސް މީހަކު ޝައްކެވެސް ނުކުރާނެއެވެ. އެހެނީ އަސީރުންގެ ވާރިޘުން މަދީނާއަށް ދަތުރުކުރަމުން އެބަގެންދެއެވެ.]
ޢުމައިރުގެ މިވާހަކައަކީ ޣަނީމަތެއް ކަމުގައި ޞަފްވާނު ބިން އުމައްޔާ އަށް ވިސްނުނެވެ. އަދި މިފުރުޞަތު އަތުން ބީވެގެންނުދަނީސް އޭގެ ބޭނުން ހިފުމަށް ގަސްތުކޮށް އަވަސްއަވަހަށް ބުނަން ފެށިއެވެ. [ޢުމައިރެވެ! ތިބާގެ ދަރަންޏާމެދު ކަންބޮޑުވާނެ ކަމެއްނެތެވެ. ކަލޭގެ މައްޗަށް އޮތް ހުރިހާ ދަރަންޏެއް އަހަރެން އަދާކުރާނަމެވެ. އަދި ކަލޭގެ އަނބި ދަރީންނާ މެދުވެސް ކަންބޮޑުވާނެ ކަމެއްނެތެވެ. އަހަރެން އެމީހުންގެ ހުރިހާ ކަމަކާ ޙަވާލުވަމެވެ. އެމީހުން ތަނަވަސްކަމުގައި ގެންގުޅެވޭހައި މުދާ އަހުރެންގެ އަތުގައި އެބަހުއްޓެވެ.]
މިހުށައެޅުން އަޑުއިވުމުން ޢުމައިރު ބުންޏެވެ. [މިވާހަކަ އެއްވެސް މީހެއްގެ ކައިރީ ނުބުނެ ސިއްރުކުރާށެވެ!]
ޞަފްވާނު ބުންޏެވެ. [ތިބާވެސް މިވާހަކަ ސިއްރުކުރާށެވެ!]
މި ސައްލާއަށް ފަހު މަސްޖިދުލް ޙަރާމުން ބޭރަށް ނުކުތްއިރު ޢުމައިރުގެ ހިތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ދެކޮޅަށް ނަފުރަތާއި ޙަސަދަވެރިކަމުގެ އަލިފާން އުތުރި އަރަމުން ދިޔައެވެ. ހަމަ ވަގުތުން އޭނާގެ ނުބައި މަޤުސަދު ޙާޞިލްކުރުމުގެ ތައްޔާރީތަކަށް އޭނާ ފަށައިގަތެވެ. މިދަތުރުގައި އެއްވެސް މީހަކު އޭނާގެ މައްޗަށް ޝައްކުކޮށްފާނެ ކަމަކަށް އޭނާ ހީއެއްނުކުރެއެވެ. އެހެނީ އެދުވަސްވަރަކީ ފިދުޔަ ދިނުމަށްޓަކައި އަސީރުންގެ ވާރިޘުންތައް މަދީނާ އަށް ދަތުރުކުރަމުން ގެންދިޔަ ދުވަސްވަރުކަށް ވާތީއެވެ.
ޢުމައިރު ގެއަށް އައިސް އޭނާގެ ކަނޑި ތޫނުކޮށް އެއަށް ޒަހަރުލިއެވެ. އަދި އޭނާގެ ސަވާރީ ތައްޔާރުކުރުމަށް ގޭ މީހުންނަށް އަމުރުކުރިއެވެ. ލަސްތަކެއްނުވެ  އޭނާގެ މަސައްކަތް ކާމިޔާބުކުރުމަށްޓަކއި މަދީނާ އަށް ދަތުރު ފެއްޓިއެވެ.] – ނުނިމޭ –
_______________________
 
މަޞްދަރު: ޙަޔާތެ ޞަޙާބާ / ޝެއިޚް މަޙްމޫދު އަޙުމަދް ޣަޟަންފަރު (ރަޙިމަހުﷲ)
ތަރުޖަމާ : އިނާޒް ޢަދުނާން

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު